ދަރިވަރުން ބަރާބަރަށް ގަވާއިދުން ސްކޫލަށް ފޮނުއްވުމަށް އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު އިލްތިމާސް ކުރައްވައިފިއެވެ. އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސާނަވީ ކުލާސްތަކުގެ ދަރިވަރުންގެ ބެލެނިވެރިންނަށް ސިލްސިލާކޮށް ބޭއްވި އޮރިއެންޓޭޝަން ބައްދަލުވުންތަކުގެ ތެރެއިން ރޭ ގްރޭޑް 10ގެ ބެލެނިވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ، ބަރާބަރަށް ދަރިވަރުން ސްކޫލަށް ހާޒިރުނުވާ ކަމަށް ވަންޏާ އޯލެވެލް އިމްތިހާނުގައި ރަނގަޅު ނަތީޖާ ތަކެއް ހޯދުމުގައި ވަރަށް ގިނަ ދަތިތަކެއް ކުރިމަތިވާ ކަމުގައެވެ.

" އޯލެވެލް އިމްތިހާނުގައި ފޭލްވެގެން މިދަނީ ބަރާބަރަށް ސްކޫލަށް ހާޒިރު ނުވާކުދިން. އަޙްމަދިއްޔާއަކީ ވޭތުވެދިޔަ ތަނުގައި ވަރަށް ރަނގަޅު ނަތީޖާތަކެއް ހޯދާފައިވާ ސްކޫލެއް. އޯލެވެލް އިމްތިހާނުގައި މަދުވެގެން 5 މާއްދާއިން ފާސްނުވާ ކުދިންނަކީ ބަރާބަރަށް ސްކޫލަށް ހާޒިރުނުވާ ކުދިން ކަމުގައި ފާހަގަކުރެވިފައިވަނީ. އަޅުގަނޑުމެން ބޭނުމެއްނުވޭ ކުދިން ސްކޫލަށް ނައިސް ފޭލްވެގެންދާކަށް." ޕްރިންސިޕަލް ވިދާޅުވިއެވެ.

ޕްރިންސިޕަލް ވިދާޅުވީ، ހުރިހާ ބެލެނިވެރިންވެސް ވަރަށް ބޮޑަށް އުއްމީދުކުރާ ކަމަކަށްވާނީ އަޙްމަދިއްޔާއަކީ ވަރަށް ބޮޑަށް އަޚްލާގަށް އިސްކަންދީގެން ނަތީޖާ ހާޞިލްކުރާ ސްކޫލަކަށްވާތީ މިސްކޫލަށް ކުދިން ފޮނުއްވައިގެން އޯލެވެލް އިމްތިހާނުގައި ރަނގަޅު ނަތީޖާތަކެއް ހޯދުމަށް ކަމުގައެވެ.
"ތިޔަބޭފުޅުންގެ ވަރަށް ބޮޑު އުއްމީދެއް އަޙްމަދިއްޔާއަށް ކުދިން ފޮނުއްވައިގެން މިތަނުގައި ތަޢުލީމް ހާޞިލްކޮށްގެން އޯލެވެލް އިމްތިހާނުގައި ރަނގަޅު ނަތީޖާއެއް ހޯދުން. އެއީ އަޙްމަދިއްޔާއިން ކިޔަވައިގެން މި ނުކުންނަ ކުދިންނަކީ ވަރަށް ރަނގަޅު ތަރުބިއްޔަތެއްގެ ތެރޭގައި ނުކުންނަ ކުދިންނަށްވުން. އެކަން ހާޞިލް ކުރެވޭނީ، ބަރާބަރަށް ދަރިވަރުން ސްކޫލަށް ފޮނުއްވައިގެން އަޅުގަނޑުމެންގެ ޓީޗަރުންވެސް މިކުރައްވާ މަސައްކަތުގައި ދަރިވަރުންވެސް ބައިވެރިވެގެން ނަތީޖާ ތަކެއް ހޯދިގެން." ޕްރިންސިޕަލް ވިދާޅުވިއެވެ.

ޕްރިންސިޕަލް ވިދާޅުވީ، މި ކިޔަވާ ދުވަސްތަކުގެ ތެރޭގައި ކޮންމެ ދުވަހަކީވެސް ހަގީގަތުގައި ވަރަށް މުހިއްމު ދުވަހެއްކަމާއި އެންމެ ދުވަހެއް ގެއްލިގެންދިޔަ ކަމުގައިވިޔަސް މުޅިދުވަހުގެ ފިލާވަޅުތައް އެކުއްޖަކަށް ގެއްލިގެންދާނެ ކަމުގައެވެ. އެހެންވީމާ ކޮންމެ ދުވަހަކު ބަރާބަރަށް ދަރިވަރުން ސްކޫލަށް ފޮނުއްވައިދެއްވުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.
ރޭގެ ގްރޭޑް 10ގެ ބެލެނިވެރިންނާ ބައްދަލު ކުރެއްވުމާއެކު އަޙްމަދިއްޔާގެ ސާނަވީ ހުރިހާ ގްރޭޑް ތަކެއްގެ އޮރިއެންޓޭޝަން ޕްރޮގްރާމް ވަނީ ނިންމާލެވިފައެވެ. މިދިޔަ ހަފްތާއާއި މިހަފްތާވަނީ ގްރޭޑް 7، 8 އަދި 9 ގެ ބެލެނިވެރިންނަށް އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވާފައެވެ.

މިބައްދަލުވުން ތަކުގައި ސްކޫލްގެ ސީނިއަރ މެނޭޖްމެންޓާއި ކުލާސް ޓީޗަރުންނާއި ކުލާސްތަކަށް ކިޔަވައިދެއްވާ ޓީޗަރުން ތަޢާރަފް ކޮށްދެއްވީ ސްކޫލްގެ ހެޑް ލީޑިންގ ޓީޗަރ އަޙްމަދު ޢަރީފެވެ. އަދި ސްކޫލްގެ ގަވާޢިދާއި ދަރިވަރުންނާއި ބެލެނިވެރިން ޢަމަލު ކުރަންޖެހޭގޮތުގެ ތަފްސީލެއްވެސް ދެވުނެވެ. މިބައްދަލުވުންތަކަށް ބެލެނިވެރިންގެ ތަރުހީބު ވަރަށް މަތީ ދަރަޖައަކަށް ލިބިގެން ދިޔައެވެ.