އާރޓިކަލް 29 : ނަމާދުކުރުން މަނާގަޑިތަކެއް ވާކަން އެނގޭތަ؟ – (2)

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ފަރުޟު ނަމާދެއް ފިޔަވައި، އެހެނިހެން ނަމާދުތައް އަދާކުރުން ވަރަށް ގަދަޔަށް ނަހީކުރެއްވިފައިވާ ތިން ވަގުތެއްވެއެވެ. އެއީ އިރުއަރާ ވަގުތާއި، އިރު މެދުޖެހޭ ވަގުތާއި، އިރު އޮއްސޭ ވަގުތެވެ. މިތިންވަގުތުގައި ނަމާދު ކުރުން ނަހީކުރެވުނު މައިގަނޑު ޙިކްމަތް ކަމުގައި ޙަދީޘުން ސާބިތުވަނީ އިރު އަރަނީ ޝައިޠާނާގެ ދެދަޅުގެ ދެމެދުން ކަމުގައިވާތީއެވެ. ފަރުޟު ނަމާދެއް ނަމަ އެނަމާދު ލަހުން އަދާކުރަން މަޖްބޫރުވެގެން ދާ ޙާލަތެއް މެދުވެރިވެއްޖެ ހިނދު އެނަމާދު އެޙަރާމް ކުރައްވާފައިވާ ގަޑީގައިވެސް އަދާކުރަންޖެހޭނެއެވެ. އެކަން ބަޔާންވެގެން ދަނީ ބުޚާރީއާއި މުސްލިމް ރިވާކުރެއްވި ޙަދީޘުންނެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((مَن نسِي صلاةً أو نام عنها، فكفَّارتها أن يُصلِّيَها إذا ذكَرَها)) މާނައީ: [މީހަކު ނަމާދެއް ކުރަން ހަނދާން ނެތިއްޖެ ނަމަ ނުވަތަ އެގަޑީގައި ނިދާފައި އޮތުމުގެ ސަބަބުން ވަގުތު ގެއްލިއްޖެނަމަ، އެކަމުގެ ކައްފާރާއަކީ އެނަމާދެއް ހަނދާވުމާއެކު އެނަމާދު ކުރުމެވެ.] ވީމާ ފަރުޟު ނަމާދަކީ ހަނދާވުމާއި އެކު ދެން އިތުރަށް ލަސްކުރުން ހުއްދަ ކަމެއް ނޫނެވެ. މަނާގަޑީގައިވެސް އެކަން އިސްތިސްނާވެގެން ނުދާނެއެވެ. ފަރުޟު ނަމާދު ނަމަ އެއީ ކޮންވަގުތެއްތޯ ބަލާކަން ނުޖެހެއެވެ. ހަނދާންވުމާއެކު އަދި ނިދިން ހޭލެވުމާއެކު އަވަސްވެގަންނަން ޖެހެނީ އަވަހަށް އެނަމާދު އަދާކުރުމަށެވެ.

ނަމަވެސް އެއްވެސް ސަބަބަކާއި ނުލައި އެގަޑިއާ ހަމައަށް ލަސްކޮށްގެން ފަރުޟު ނަމާދު ކުރުންވެސް އެއީ ޙަރާމްވެގެންވާ ކަމެކެވެ. އަދި އެއީ މުނާފިޤުންގެ ސިފައެކެވެ. އެފަދަމީހުން ހުރިހައި ނަމާދެއްގައިވެސް ކަންކޮށް އުޅެނީ އެފަދައިން ނަމާދު ގަޑިތަކުގައި އެނަމާދެއް ކުރާން އޮންނަ އެންމެ ލަސްގަޑިއާ ހަމައަށް ގަސްދުގައި ލަސްކޮށް އެކަމުގައި ވަރަށް ފަރުވާކުޑަކޮށްގެންނެވެ. އެކަން ބަޔާންވާ ޙަދީޘްތަކުގެ ތެރޭގައި އަބޫދާވޫދު އަލްޢަލާއު ބުން ޢަބްދުއްރަޙްމާން ގެ އަރިހުން ރިވާކުރެއްވި ޙަދީޘް ހިމެނެއެވެ. އެޙަދީޘްގައި މިތާބިޢީ ވިދާޅުވިއެވެ: އަހަރެމެން އަނަސް ބުން މާލިކް  رَضِيَ اللهُ عنه ގެ އަރިއަހަށް މެންދުރުފަހުން ވަނީމެވެ. ދެން އެބޭފުޅާ ތެދުވެ ޢަޞްރު ނަމާދު ކުރެއްވިއެވެ. އެޞަޙާބީގެ ނަމާދު ނިންމެވުމުން އަހަރެމެން ނަމާދު ލަސްކުރުމާ މެދު ވާހަކަ ދެއްކީމެވެ. ދެން އެޞަޙާބީ ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ صلى الله عليه وسلم ވިދާޅުވަނިކޮށް ތިމަންނާ އަޑުއެހީމެވެ: ((تِلْكَ صَلَاةُ الْمُنَافِقِينَ، تِلْكَ صَلَاةُ الْمُنَافِقِينَ، تِلْكَ صَلَاةُ الْمُنَافِقِينَ، يَجْلِسُ أَحَدُهُمْ حَتَّى إِذَا اصْفَرَّتِ الشَّمْسُ فَكَانَتْ بَيْنَ قَرْنَيْ شَيْطَانٍ، أَوْ عَلَى قَرْنَيِ الشَّيْطَانِ قَامَ فَنَقَرَ أَرْبَعًا لَا يَذْكُرُ اللَّهَ فِيهَا إِلَّا قَلِيلًا)) މާނައީ: [ތިއީ މުނާފިޤުންގެ ނަމާދެވެ. ތިއީ މުނާފިޤުންގެ ނަމާދެވެ. ތިއީ މުނާފިޤުންގެ ނަމާދެވެ. އޭގެ މީހުން އިރުގެއަލިކަން ރީނދޫވަންދެން އިށީނދެ އިނދެއެވެ. އެހިނދު އިރު ވަނީ ޝައިޠާނެއްގެ ދެދަޅުގެ ދެމެދުގައެވެ. ނުވަތަ ޝައިޠާނެއްގެ ދެދަޅުގެ މަތީގައެވެ. ދެން އޭނާ ތެދުވެ ދޫންޏެއް ބިމުން ކާއެއްޗެތި ނަގަން ބިމުގައި ކޮށްޖަހާހެން ހަތަރު ރަކްޢަތް ކޮށްލައެވެ. އެނަމާދުގައި މަދުން ނޫނީ އޭނާ ﷲ ގެ މަތިން ހަނދުމަ ނުކުރެއެވެ.] މިޙަދީޘުން އެނގިގެން ދަނީ ގަސްދުގައި ޢަޞްރު ނަމާދު އިރުގެ އަލިކަން ރީނދޫ ވަންދެން ލަސްކޮށްގެން ނުވާނޭ ކަމެވެ. އަދި މިޙަދީޘްގައި އެނަމާދެއް ކުރުން ނުބައިކަން ބޮޑު ވަގުތުގެ ގޮތުގައި، ބަޔާންވެފައިވަނީ އިރުގެ އަލިކަން ރީނދޫވެފައިވާ ވަގުތުގައެވެ. ވީމާ އިރުއޮއްސުމަށްފަހު ޢަޞްރު ނަމާދުގެ އެއްބައި ކުރުން އެއީ ކޮންފަދަ ނުބައިކަމަކަށް ވެގެންދާނެ ހެއްޔެވެ؟ ކޮންމެއަކަސް މިތިން ވަގުތު ނަހީވެގެން ވާ ސަބަބު ވަނީ ޝައިޠާނާގެ ޢަމަލުތަކާއި ގުޅިފައެވެ. އެއީ އޭތީގެ ދެދަޅުގެ ދެމެދުން ނުވަތަ ދެދަޅުގެ މަތިން އިރުއަރާ އިރުއޮއްސޭތީއެވެ. އަދި އިރުމެދުޖެހޭ ވަގުތުވެސް އޭތީ އެއާ ގާތަށް ޖެހޭތީއެވެ. އަދި އެގަޑިއަކީ އިރަށް އަޅުކަން ކުރާމީހުން އިރަށް ސަޖިދަޖަހާ ގަޑިވެސް މެއެވެ. އެވާހަކަ ރަސޫލާ صلى الله عليه وسلم ގެ ބައެއް ޙަދީޘްތަކުގައި ރިވާވެގެންވެއެވެ. އިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ: ((صَلِّ صَلَاةَ الصُّبْحِ، ثُمَّ أَقْصِرْ عَنِ الصَّلَاةِ حَتَّى تَطْلُعَ الشَّمْسُ حَتَّى تَرْتَفِعَ، فَإِنَّهَا تَطْلُعُ حِينَ تَطْلُعُ بَيْنَ قَرْنَيْ شَيْطَانٍ، وَحِينَئِذٍ يَسْجُدُ لَهَا الْكُفَّارُ)) މާނައީ: [ތިބާ ފަތިސް ނަމާދު ކުރާށެވެ. ދެން އެއަށްފަހު އެއްވެސް ނަމާދެއް ކުރުމުން އެއްކިބާވާށެވެ. އެއީ އިރު އަރާ އެއިރު މައްޗަށް އަރަންދެންނެވެ. އެހެނީ އެއިރު އަރާއިރު އެއަރަނީ ޝައިޠާނެއްގެ ދެދަޅުގެ ދެމެދުންނެވެ. އެހިނދު ކާފިރުން އެއިރަށް ސަޖިދަކުރެއެވެ.] ވީމާ އެގަޑިއަކީ އިރަށް އަޅުކަން ކުރާމީހުން އިރަށް ސަޖިދަޖަހާ ގަޑިކަން މިޙަދީޘުން އެނގެއެވެ. ޝައިޠާނާގެ ޙަރަކާތްތައް ހުންނަ ގޮތްވެސް މިތަނުގައި އެނގިގެން ހިނގައްޖެއެވެ. އެއީ އެއިރަށް ސަޖިދަކުރާމީހުން ސަޖިދަ ކުރާ ގަޑީގައި އޭނާ އެއިރާ ދިމާއަށް ޖެހިލުމެވެ. އެއީ އެސަޖިދަ ކުރާމީހުން އޭނާއަށްވެސް ސަޖިދަ ކުރާ ފަދައަކުން އޭނާ ވުމަށްޓަކައެވެ. މިއީ ޝައިޠާނާގެ ދަޅުގެ ދެމެދުން އިރު އަރައޭ ޙަދީޘްގައި އެބުނެވޭ ބަހުގެ މުރާދެވެ. މިކަން ބަޔާންކުރައްވާ އިމާމް އައްނަވަވީ މުސްލިމްގެ ޝަރަޙައިގައި މިޙަދީޘްގެ ދަށުން ވިދާޅުވިއެވެ: "ބުނެވެއެވެ: އެދެދަޅު ހުންނަނީ ބޮލުގެ ދެފަރާތުގައެވެ. އަދި ޙަދީޘްގައި އެބުނެވުނު ބޭރުފުށުގެ މާނައިގައި ވާފަދައިން އޭގެ ދެދަޅުވެއެވެ. އަދި މިއީ މިމައްސަލައިގައި ބުނެވޭ އެންމެ ވަރުގަދަ ބުނުމެވެ. އެބައިމީހުން ވިދާޅުވިއެވެ: އަދި އެޙަދީޘްގައި އެބުނެވޭ ބަހުގެ މާނައަކީ: އޭތީގެ ބޯ މިވަގުތުތަކުގައި އިރާއި ދިމާއަށް ގާތް ކޮށްލައެވެ. އެއީ ކާފިރުންގެ ތެރެއިން އެއިރަށް ސަޖިދަ ޖަހާ މީހުން އޭނާއަށް ސަޖިދަ ޖަހާ ފަދައިން މަންޒަރުގައި ވުމަށެވެ. އެހިނދުގައި އޭނާއަށާއި އޭނާގެ ދަރީންނަށް އެބައިމީހުންގެ މައްޗަށް ފާޅުގައި ގަދަވެގަންފައިވާކަން ފެނިގެން ދިއުމަށެވެ. އަދި ނަމާދުކުރާމީހުންގެ ނަމާދުވެސް އެފަދައިން އޮޅުވާލުން ގެނުވުމަށްޓަކައެވެ. އެހިނދު އެނަމާދުގެ ރައްކާތެރިކަމަށްޓަކައި އެގަޑީގައި ނަމާދު ކުރުން ކަރާހަތްތެރި ވެގެން ދިޔައެވެ. އެއީ ޝައިޠާނާ ހިޔާވަހިކަން ހޯދައިގަންނަ ތަންތަނުގައި ނަމާދުކުރުން ކަރާހަތްތެރި ކުރެވުނު ފަދައިންނެވެ." – اهـ – ވީމާ އެގަޑީގައި ނަމާދު ކުރުން ނަހީކުރެވުނު އެއް ޙިކްމަތަކީ އެގަޑީގައި ނަމާދުކުރާމީހާއަށް އެވަނީ ޝައިޠާނަކަށް ސަޖިދަ ކުރުމުގެ މަންޒަރު ގެނުވާފައެވެ. އެމަންޒަރު އިންސާނާގެ ލޮލަށް ނުފެނުނު ކަމުގައިވީ ނަމަވެސް އެމަންޒަރު ޙަޤީޤަތުގައި ވުޖޫދުގައި ވާގޮތަށް އެޝައިޠާނާ ހަދަނީއެވެ. އަދި އެކަން މަނާވުމުގެ ދެވަނަ ޙިކްމަތަކީ މުޝްރިކުންނާ އެއްވައްތަރުވުމުން ދުރުހެލިވުމެވެ. އެހެނީ އެމީހުންނަކީ އެ އިރު އަރާއިރުއާއި އިރުއޮއްސޭ ވަގުތުގައި އިރަށް ސަޖިދަޖަހާ ބައެކެވެ. އެގަޑީގައި އެމީހުންނެކޭ އެއްފަދައިން މުސްލިމުންނަކީ ސަޖިދަ ޖަހާ ބަޔަކަށް ވެގެން ނުވާނެއެވެ. އަދި މީގެ ތެރެއިން އިރު މެދުޖެހޭ ވަގުތުގައި، މިހާ ވަރުގަދަކޮށް ނަމާދު ކުރުން މަނާކުރެވުނު އަނެއް ސަބަބަކީ އެއީ އިރުމެދު ޖެހުމުގެ ކުޑަހިނދުކޮޅެއް ކުރީން އެއީ ނަރަކައިގެ އަލިފާންގަނޑު އެނަރަކައިގެ އަލިފާންގަނޑު އަނދާ އުތުރި އަރައިގަންނަ ގަޑިކަމުގައި ވާތީއެވެ. މިކަން ބަޔާންވަނީ އަންނަނިވި ޙަދީޘުންނެވެ. އިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((صَلِّ صَلَاةَ الصُّبْحِ، ثُمَّ أَقْصِرْ عَنِ الصَّلَاةِ حَتَّى تَطْلُعَ الشَّمْسُ حَتَّى تَرْتَفِعَ، فَإِنَّهَا تَطْلُعُ حِينَ تَطْلُعُ بَيْنَ قَرْنَيْ شَيْطَانٍ، وَحِينَئِذٍ يَسْجُدُ لَهَا الْكُفَّارُ، ثُمَّ صَلِّ فَإِنَّ الصَّلَاةَ مَشْهُودَةٌ مَحْضُورَةٌ حَتَّى يَسْتَقِلَّ الظِّلُّ بِالرُّمْحِ، ثُمَّ أَقْصِرْ عَنِ الصَّلَاةِ، فَإِنَّ حِينَئِذٍ تُسْجَرُ جَهَنَّمُ، فَإِذَا أَقْبَلَ الْفَيْءُ فَصَلِّ، فَإِنَّ الصَّلَاةَ مَشْهُودَةٌ مَحْضُورَةٌ حَتَّى تُصَلِّيَ الْعَصْرَ، ثُمَّ أَقْصِرْ عَنِ الصَّلَاةِ حَتَّى تَغْرُبَ الشَّمْسُ، فَإِنَّهَا تَغْرُبُ بَيْنَ قَرْنَيْ شَيْطَانٍ، وَحِينَئِذٍ يَسْجُدُ لَهَا الْكُفَّارُ)) މާނައީ: [ފަތިސް ނަމާދު ކުރާށެވެ. އެއަށްފަހު އިރުއަރާ، އިރުމައްޗަށް އަރަންދެން ނަމާދު ކުރުމުން އެއްކިބާވެގެން ހުންނާށެވެ. އެހެނީ އެއިރު އެގަޑީގައި އެއަރަނީ ޝައިޠާނެއްގެ ދެދަޅުގެ ދެމެދުންނެވެ. އަދި އެހިނދު އެއިރަށް ކާފިރުން ސަޖިދަކުރެއެވެ. ދެން އެއަށްފަހު ނަމާދުކުރާށެވެ. އެހެނީ ނަމާދަށް މަލާއިކަތުން އެގަޑީގައި ޙާޒިރުވެ ތިބޭނެއެވެ. އެއީ ލޮންސީގެ ހިޔަނި އިރަށް ނުވަތަ ހުޅަނގަށް ލެބިގެން ނުގޮސް ހުއްޓޭ ވަގުތާ ޖެހެންދެނެވެ. ދެން އެހިނދު ނަމާދު ކުރުމުން އެއްކިބާވެގެން ހުންނާށެވެ. އެހެނީ އެހިނދުގައި ނަރަކައިގެ އަލިފާންގަނޑު ރޯވެ އުތުރި އަރާނެއެވެ. އަދި އިރު މެދުން ވީއްލުމުން ނަމާދު ކުރާށެވެ. އެހެނީ ނަމާދަށް މަލާއިކަތުން އެގަޑީގައި ޙާޒިރުވެ ތިބޭނެއެވެ. އެގޮތުގައި ތިބާ ޢަޞްރު ނަމާދު ކުރަންދެނެވެ. ދެން އެއަށްފަހު އިރުއޮއްސެންދެކަށް ނަމާދުކުރުމުން އެއްކިބާވާށެވެ. އެހެނީ އިރުއޮއްސޭނީ ޝައިޠާނެއްގެ ދެދަޅުގެ ދެމެދަށެވެ. އަދި އެހިނދުގައި އެއިރަށް ކާފިރުން ސަޖިދަ ކުރެއެވެ.]

މިވަގުތުތަކަކީ ކިހާވަގުތެއް ކަމާމެދު އުފެދޭ ސުވާލުގައި ބުނަމެވެ. އިރުއަރާ ގަޑިއޭ އެބުނެވެނީ އިރުގެ އަލިކަން ދުނިޔެމައްޗަށް އަންނަން ފަށާ ގަޑީގެ ވާހަކައެއް ނޫނެވެ. އެއީ އުދަރެހުން އިރު ފެންނަން ފަށާގަޑިއެވެ. އެއަށްފަހު އިރު އުދަރެހުން މައްޗަށް އަރަމުން ދެއެވެ. އިރުގެ ވައްބުރު އެއްކޮށް އުދަރެހުން މައްޗަށް އެރުމުން އެވަގުތު ނިމުނީއެވެ. ނަމަވެސް ޙަދީޘްތަކަށް ބަލާއިރު އިރު އަދިވެސް މައްޗަށް އަރަންދެން ނަމާދު ނުކުރުމަށްވެސް ރަސޫލާ صلى الله عليه وسلم ވަނީ އިރުޝާދު ދެއްވާފައެވެ. އެކަން އިސްވެދިޔަ ޙަދީޘެއްގައި ބަޔާންވެގެން ހިނގައްޖެއެވެ. އަދި އިރު އޮއްސޭ ވަގުތަކީ ހަމައެފަދައިން އިރު އުދަރެހުގެ އަޑިއަށް ގެއްލެން ފަށާ ގަޑިއެވެ. އަދި އިރު އުދަރެހުން އަޑިއަށް ތިރިއަށް ދަމުންގޮސް އުދަރެހުން އެއްކޮށް ގެއްލުމުން އެވަގުތު ނިމިގެން ދިޔައީއެވެ. އެހިނދު އެއީ މަޣްރިބު ނަމާދުގެ ވަގުތެވެ. މިވަގުތުގައި ވެސް އިރުގެ ތިރީ ކައިރި އުދަރެހުގައި ޖެހުމުގެ ކުރިއަށް މަނާވަގުތު ފެށޭކަން ހަދީޘްތަކުން ބަޔާންވެއެވެ. އެކަން އަދި ފަހުން ބަޔާންވެގެން ދާނެއެވެ. އިރު މެދުޖެހޭ ވަގުތު ފެށެނީ، އިރުގެ ސީދާ މެދު އުޑުގެ މެދުގައި ޖެހުމުގެ ކުރިން ފެށިގެންނެވެ. އެއީ މެދާ ދިމާއަށް ކައިރިއަށް އިރުގެ ބުރުގެ ހުޅަނގު ފަރާތް ޖެހިލުމުންނެވެ. ދެން އިރު ހުޅަނގަށް ދަތުރު ކުރަމުންގޮސް އިރު އުޑުގެ ސީދާ މެދަށް ޖެހެންދެން މިވަގުތު ދެމިގެން ދެއެވެ. މިޒަމާނުގެ ބައެއް ޢިލްމުވެރިން ޛިކުރު ކުރައްވާ ގޮތުގައި އެއީ ދިހަވަރަކަށް މިނެޓެވެ. އަދި އިރު އުޑުގެ ސީދާ މެދުގައި ޖެހި ހުޅަނގާ ދިމާއަށް އިރު ޖެހިލުމުން، ނުވަތަ އިރު އުޑުގެ މެދު ވީއްލުމުން، އެހިސާބުން އެވަގުތު އެނިމުނީއެވެ. އެފެށުނީ މެންދުރު ނަމާދުގެ ވަގުތެވެ. މިތަނުގައި މިބަޔާންވެދިޔަ ތިން ވަގުތުގެ ތެރެއިން އިރުއަރާ ގަޑިއާއި އިރުއޮއްސޭ ގަޑީގައި މީހަކު ސުންނަތް ނަމާދެއް ކުރަން ހުއްޓާ އެއްގޮތަކަށްވެސް ނުފެނެއެވެ. އަދި މިދެވަގުތަކީ ވަރަށްގިނަ މީހުން އެކަމާމެދު ހޭލުންތެރި ވެފައިވާ ދެގަޑިއެވެ. ނަމަވެސް މެންދުރު ވަގުތުގައި ވަގުތު ޖެހުމުގެ ކުރިން މިސްކިތަށް އަރާ ބައެއް މީހުން ވަނީ އިރުމެދުޖެހޭ ވަގުތުގެ މަނާކަމާއި މެދު ޣާފިލުވެފައެވެ. އަދި ނޭނގުމެއްގެ ތެރޭގައެވެ. އެހެނީ މެންދުރު ވަގުތު ވާން ވަރަށް ގާތްވެފައިވަނިކޮށްވެސް މިސްކިތަށް އަރާ އެނަހީކަން ބޮޑު ވަގުތުގައި މިސްކިތު ސުންނަތް ނުވަތަ އެހެންވެސް ސުންނަތެއް ކުރާތަން ފެނެއެވެ. އަދި ވަރަށް ގިނަފަހަރު މެންދުރު ވަގުތުވެގެން ބަންގިގޮވަން ފަށަނީ މިބައިމީހުން އެސުންނަތް ނަމާދުގައި ހުއްޓައެވެ. އެނަމާދު އެކުރެވެނީ ޙަރާމްކުރައްވާފައިވާ ގަޑިއެއްގައެވެ. މިކަމަށް މީސްތަކުން އިތުރަށް ސަމާލުވުން ހުއްޓެވެ. އެގޮތުން މެންދުރު ވަގުތު ޖެހެން ދިހަމިނެޓު ނުވަތަ ފަސްމިނެޓެށްހާއިރު ހުރެއްޖެނަމަ އެފަސްވަރަކަށް މިނެޓު ސުންނަތް ނަމާދެއް ނުކުރުން ހުއްޓެވެ. އެއީ މެންދުރު ވަގުތު ޖެހެންދެނެވެ. އަދި މިކަން ހުކުރު ދުވަހުގައި މާބޮޑަށް ދިމާވާތަން ފެނެއެވެ. އެއީ ހުކުރު ނަމާދަށް މީސްތަކުން ވަރަށް ގިނައިން އަރާ ވަގުތަކަށް ވުމުންނެވެ. ނަމަވެސް ހުކުރު ދުވަހުގެ މިވަގުތު ވަރަށްގިނަ ޢިލްމުވެރިން އޭގެ ތެރޭގައި އަލްއިމާމް ޝާފިޢީ، އެއީ އެޙަރާމްގެ ޙުކުމް އެވަގުތެއްގައި އަންނަ ވަގުތެއް ނޫންކަމުގައިވެސް ވިދާޅުވެއެވެ.

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

(ނުނިމޭ)

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *