ގްރޭޑް ދިހައެއް ނިންމާ ކޮންމެ ކުއްޖަކީ އެކުއްޖެއްގެ ނަތީޖާއާމެދު ފޮނި އުންމީދުތަކެއް ކުރާނެ ކުއްޖެކެވެ. އެކަމަށްޓަކައި ބުރަކޮށް މަސައްކަތްކުރާ ކުދިން ވެސް އަމުދުން ވަރަށް ގިނައެވެ. ކުދިން އެކަންޏެއް ނޫނެވެ. ބެލެނިވެރިން އަދި މާ ބޮޑަަށް އެދުވަހަށް އުއްމީދު ކުރެއެވެ. ނަތީޖާ އަންނަ ދުވަހު އެގޮތް މިގޮތަށް އެނަތީޖާ ހޯދުމަށް މަސައްކަތް ކުރާ ބެލެނިވެރިން އަދި މާގިނައެވެ. ތިމާގެ ދަރިފުޅު ހޯދި ނަތީޖާ އެނގުމުން އަދި ފުއްދާލެވޭކަށް ވެސް ނޯވެއެވެ. ގުރޭޑުގެ އެހެން ކުދިންގެ ނަތީޖާއަކީ ކޮބައިތޯވެސް ބަލާލަން ބޭނުން ވެއެވެ. ސްކޫލުގެ އެވްރެޖް ނަތީޖާއަކީ ކޮބައިތޯ ބަލާލަން ބޭނުންވާ ބެލެނިވެރިން ވެސް ވަކީން މަދެއް ނޫނެވެ.
އެގޮތުން މިއަހަރުގެ ނަތީޖާ ލިބުނުދުވަސް، އާދެ އޮގަސްޓް 12 ވަނަ ދުވަސް ވެސް ވީ ހަމަ އެކަހަލަ ދުވަހަކަށެވެ. ހެނދުނު ހެނދުނާ، ބެލެނިވެރިންގެ ފޯނު ކޯލުތައް އަންނަން ފަށައިފިއެވެ. ނަތީޖާ ދޫކުރާނެ ވަގުތަކާއި ސްކޫލުގެ ނަތީޖާ ކިހިނެއްތޯ އަހާލަން ކެތްމަދުވެފައިތިބި ބެލެނިވެރިންނެވެ. އެތައް ދުވަހެއްވަންދެން ކުރި އުއްމީދެއްގެ ނިމުން އައި ގޮތް ބަލާލަން ކެތްމަދުވެފައި ތިބި ދަރިވަރުންނާއި އެކުދިންގެ ބެލެނިވެރިންނެވެ. އެދުވަހުގެ މެންދުރުފަހު ސްކޫލުން ނަތީޖާ ދޫކުރަން ފެށުމާއެކު މުޅި ސްކޫލުގެ ގޯތިތެރެއަށް ހީވަނީ ޢީދެއް ލައްވާލައިގެން އުޅުނުހެންނެވެ. ނަތީޖާ ކަރުދާސްތައް ހިފައިގެން ފުންމަމުން ނަށަމުން ބައެއްކުދިން ދުވަނީއެވެ. އަނެއްބައިކުދިން އެކުދިންގެ އުއްމީދުތަކުގައި ކުލަޖެހި ދުށް ހުވަފެންތައް ހަގީގަތަކަށްވީތީ އެކަމަށްޓަކައި އަތް އުފުލާ ޝުކުރުކޮށް ހަމްދު ވެސް ކުރަނީއެވެ. ކިޔަވައިދެއްވި ޓީޗަރުންނަށް އެނަތީޖާ ދައްކާލަން ތަންތަންކޮޅުގައި ބައި ހަދާފައި ތިބި ބައެއް ކުދިން ވެސް ރޮނީއެވެ. އުފަލުންނެވެ.
މަންޒަރު ބަލަން ދުރުގައި އަޅުގަނޑަށް ހުރެވުނު އިރު ދަރިވަރުންގެ އިހުސާސްތައް ވަރަށް ރަނގަޅަށް އިހުސާސް ކުރެވުނެވެ. އެއީ އަޅުގަނޑު ވެސް ކިޔަވައިދިން ކުދިންނެވެ. އެކުދިންގެ ނަތީޖާއަށްޓަކައި އަޅުގަނޑުވެސް ނުހަނު އުއްމީދުތަކެއް ކުރި ކުދީންނެވެ. އޭރު ސްކޫލުގެ ގޯތި ތެެރޭގައި ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދާއި ސީނިއާރ އެސިސްޓެންޓް ޕްރިންސިޕަލް އަލީ އާސިމް ހަރަކާތްތެރި ވެލައްވަމުން ގެންދެވިއެވެ. އެސިސްޓެންޓް ޕްރިންސިޕަލް ޝިއުނާ މިސްއާއި ބައެއް ލީޑިން ޓީޗަރުންވެސް އޭރު އެކި އެކި ކުދިންގެ ނަތީޖާތައް ބައްލަވާލެއްވުމުގައި އަވަދި ނެތި އުޅުއްވިއެވެ. ބައެއް ކުދިން ލިބުނު ނަތީޖާ ފަޚުރާއެކު މޭގައި ޖައްސާލައިގެން ހުރެ ޕްރިންސިޕަލްއަށް ދައްކާލުމަށް ޕްރިންސިޕަލް ހުންނެވި ހިސާބަށް ދާތީ އަޅުގަނޑު ދުށީމެވެ. އަދި އެލިބުނު ކާމިޔާބީއަށްޓަކައި ސްކޫލް ފަޚުރުވެރިވާކަމަށް ބުނެ، އެދަރިވަރުން ހޯދި ކާމިޔާބީއަށް ޕްރިންސިޕަލް މަރުހަބާ ދަންނަވާތީ ވެސް ފެނެއެވެ. އެފަދަ މަތީ ކާމިޔާބީ ޙާޞިލްކުރި ކިތަންމެ ކުދިންނެއް ސްކޫލްގެ ހޯލް ތެރެއިން ޕްރިންސިޕަލް އާ ބައްދަލުކުރިއެވެ. އަދި ސްކޫލުން ކޮށްދިން ބުރަ މަސައްކަތަށް ޝުކުރުވެރިވާކަމަށާއި ތައުލީމީ ހަޔާތުގައި ދެން ކުރިއަށް އޮތް މަރުޙަލާ ވެސް އަޙްމަދިއްޔާގައި ކުރިއަށް ގެންދާނެކަމަށް ބުނަމުންދިޔައެވެ.

ހޯލުން ނިކުންނަން އައި ބައެއް ކުދިންގެ ނަތީޖާ އަޅުގަނޑު ވެސް ބަލާލީމެވެ. ބަލާލީކީ ނޫނެވެ. ދެއްކީއެވެ. އުފަލުން ފުންމަމުން، ނަށަމުން އައިސް "އަރީފްސާރ… މިއޮތީ އަޅުގަނޑުގެ ނަތީޖާ" އޭ ބުނެ ދައްކާލި ނަތީޖާ ފެނުމުން އަޅުގަނޑަށް ވެސް ހަމަ އުފަލުން ރޮވުނުކަހަލައެވެ. ހުރިހައި މާއްދާއަކުން
އޭ-ސްޓާރ ހޯދައިގެން ގައުމީ ގަދަ ދިހައިގެ އެއްވަނައަށް އެރޭނީ ހާދަ ހިތްވަރެއް ކޮށްގެންނެވެ. ދަރިވަރުންގެ ހިތްވަރެވެ. މައިންބަފައިންނާއި ބެލެނިވެރިންގެ ހިތްވަރެވެ. ކިޔަވައިދެއްވި ޓީޗަރުންނާއި ސްކޫލުގެ ވެސް ހިތްވަރެވެ.
2020ވަނަ އަހަރު ފެށުމާއެކު ކުރިމަތިވި ކޮވިޑްގެ އާލަމީ ވަބާއާއެކު ކިޔަވައިދިނުން އޮންލައިންކޮށް، ސްކޫލްގައި ކުރިއަށް ގެންދިޔަ އިތުރުގަޑީގެ ކުލާސްތައް ވެސް މުޅިން ހުއްޓާލަން ޖެހުނީއެވެ. ހަަމަ އެއާއެކު ގްރޭޑް 10ގެ ނަތީޖާ ނުކުމެދާނެ ގޮތަކާމެދު ފިކުރުކުރަން ފެށި ބެލެނިވެރިން ވެސް ވަރަށް ގިނަވިއެވެ. އަޙްމަދިއްޔާއަކީ ކުލާސްތަކަށް ކުދިންގެންގޮސް ކިޔަވައިދޭ ސްކޫލެއްކަމާއި އެނޫންގޮތަކަށް ނަތީޖާ ނެރެން އަޙްމަދިއްޔާއަށް ދަތިވާނެކަމަށް ބައެއް ފަރާތްތަކުން ބުނިބުނުން ހީއަކަށް ނަމަވެސް ގަބޫލުކުރެވުނު ބައެއް ބެލެނިވެރިން އިސާހިތަކު ހާސްވެ ތެޅެން ފެށިއެވެ. އަދި އެކަމުގެ ކަންބޮޑުވުން ސްކޫލާ ހިއްސާކުރިއެވެ. ހަގީގަތަކީ އޭރުވެސް ސްކޫލުން ދިޔައީ ޙާލަތަށް ރިޢާޔަތްކޮށް ކިޔަވައިދިނުން ފައްކާކުރަމުންނެވެ. އޮންލައިންކޮށް ކިޔަވައިދޭން ޖެހުނުކަމުގައިވިޔަސް އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނުޖެހި، ހަމަ އެއްމެ ކާމިޔާބު ސްކޫލުގެ ޝަރަފުގެ އައްޑަނަ ދިފާއުކުރަން ސްކޫލުން އޮތީ ތައްޔާރަށެވެ.

އޯލެވެލް އިމްތިހާނަށް ދަރިވަރުން ތައްޔާރުކުރުމަށް ސްކޫލުން ކުރަމުން ދިޔަ މަސައްކަތަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ވިއްޔާ ފޯރި ގަދަ ވީއެވެ. 2019ވަނަ އަހަރު އަހްމަދިއްޔާއިން ހޯދި މަތީ ކާމިޔާބަށްވުރެ އަރުތަވެރި ކާމިޔާބީއަކަށް އެދިގެން އިހުނަށްވުރެ ޖޯޝުގައި ސްކޫލުން ދިޔައީ މަސައްކަތް ކުރަމުންނެވެ. 2019ވަނަ އަހަރު އޯލެވެލްގެ ގަދަ ދިހައެއްގައި 50 ދަރިވަރަކު ހިމެނިގެންދިޔައީތީ މި ފަހަރުގެ އަޒުމަކަށްވީ އެއަދަދު އިތުރު ކުރުމެވެ. ހުރިހާ މާއްދާއަކުން އޭ-ސްޓަރ ހާސިލްކޮށް ގައުމީ ގަދަ ދިހައިގެ ފަޚުރުވެރި އެއްވަނަ އަޙްމަދިއްޔާގެ 03 ދަރިވަރަކު 2019ވަނަ އަހަރު ހާސިލްކޮށްފައިވިޔަތީ މިފަހަރުގެ އަޒުމަކަށްވީ މި އަދަދުވެސް އިތުރުކޮށްލުމެވެ.
އާދޭހެވެ. މި އޮގަސްޓު މަހުގެ 12ވަނަ ދުވަހު، އޯލެވެލް އާއި އެސް.އެސް.ސީ އިމްތިހާނުގެ ނަތީޖާތައް ސްކޫލުތަކަށް ލިބި އެނަތީޖާ ކުދިންނަށް ދޫކުރަމުންދިޔައިރު ސްކޫލަށް ލިބުނު ޖުމްލަ ނަތީޖާއަކީ ކޮބައިތޯ ބަލާލަން އަޅުގަނޑުވެސް ވަރަށް ބޭނުންވިއެވެ. ކޮވިޑްގެ ހާލަތުގައި ތާށިވެ، އަހަރުގެ ބޮޑުބައި އޮންލައިންކޮށް ކިޔަވައިދީ ނިންމާލިއިރު ނުކުން ނަތީޖާއަކި ކޮބައިތޯ ބަލަން ބޭނުންވީއެވެ. ވަކިވަކި ދަރިވަރުންގެ ނަތީޖާތައް ފެނުމުން ސްކޫލްގެ ޖުމްލަ ނަތީޖާ އަކީ ކޮބައިތޯ ބަލާލަން ކެތްމަދުވީއެވެ. ގައުމީ ގަދަ ދިހައެއްގައި ހިމެނުނީ ޖުމްލަ ކިތައް ކުދިންތޯ ހިތާހިތާ ސުވާލުކޮށްލެވުނެވެ. ގަދަ ދިހައިގެ އެއްވަނަ މަގާމް ކިތައް ދަރިވަރުންނަށް ލިބުނުތޯ ހިސާބު ޖަހާލަންބޭނުންވިއެވެ. އޭރުވެސް ހޯލުގައި ޕްރިންސިޕަލް ހުންނެވިއެވެ. އަޅުގަނޑުގެ މި ސުވާލަށް، ހިނިތުންވުމަކާއެކު ޕްރިންސިޕަލް ދެއްވީ ވަރަށް ކުރު ޖަވާބެކެވެ.
"މިހަފަރުވެސް އަޙްމަދިއްޔާގެ ނަތީޖާ ވަރަށް ރަނގަޅު. 2019ވަނަ އަހަރުގެ ނަތީޖާއަށް ވުރެ 2020ވަނަ އަހަރުގެ މި ނަތީޖާ މާ ރަނގަޅު".
ޕްރިންސިޕަލްގެ މި ޖަވާބާއެކު އަޅުގަނޑާ ސަލާމްކޮށްލަމުން ސީނިއާރ އެސިސްޓެންޓް ޕްރިންސިޕަލް އާސިމް ސާރ ދެއްވީ އަދި މާއުފާވެރި ޖަވާބެކެވެ.
"ޓޮޕް ޓެން އަށް އެރި ކުދިންވެސް މި ފަހަރު މާގިނަ. ޓޮޕް-ޓެންގެ އެއްވަނައިގައިވެސް މިދިޔަ އަހަރަށްވުރެ މިއަހަރު ކުދިން ގިނައީ"
ކޮވިޑްގެ އާލަމީ ވަބާގެ މި ޙާލަތުގައިވެސް ކާމިޔާބީއަށް އެދިގެން ކުރި މަސައްކަތުގެ ނަތީޖާ ވަރަށްވެސް ފުރިހަމައެވެ. އިހުނަށްވުރެ މާ ފުރިހަމައެވެ. ﷲއަށް ޙަމްދުކުރަމެވެ. މިއީ މިހާތަނަށް މިސްކޫލުން ހޯދަމުންއައި ފަޚުރުވެރި ފޮނި ނަތީޖާތަކަށްވުރެ، މާ ފުރިހަމަ މާ ފޮނި ނަތީޖާއެކެވެ. އެދަރިވަރުންނަށް ކިޔަވައިދެވުނީތީ މުޅި އަޙްމަދިއްޔާ ފަޚުރުވެރިވާ ނަތީޖާއެކެވެ. އެދަރިވަރުން އަޙްމަދިއްޔާގެ ހިޔާވަހިކަމަށް ގެނެވުނީތީ ބެލެނިވެރިން ވެސް ނުހަނު އުފާކޮށް އެކަމާ ފަޚުރުވެރިވާ ނަތީޖާއެކެވެ.
3 Responses
ހަގީގަތުގައިވެސް ހަމަ އުފަލުން ރޮވުނު ދުވަހެއް އެއީ.. އޭއައިއެސް އިން ކޮށްދިން މަސައްކަތާއި ގާތްކުރާވަރަށް ވެސް އެހެން ސްކޫލްތަކަށް ކުދިންނަށް މަސައްކަތް ކޮށްދެވިފައެއްނެތް
ޓޮޕް ޓެން އަށް އެރި ކުދިންނަށް މަރުހަބާ!
ޢަހުމަދިއްޔާ ފަދަ ރަނގަޅު ސްކޫލަކަށް ޖާގައިގެ ގޮތުން ތަނަވަސް އިމާރާތެއް ބޭނުންވޭ،، އަބަދު ވެސް ކާމިޔާބާއި ކުރި އެރުން ލިބުން އެދެން.