މި ޖީލުގެ ޅަ ދަރިންނަކީ މާދަމާ މި ގައުމުގެ ނައުގެ ހުންގާނުގައި ހިފާންތިބި މާލިމީންނެވެ. ސަރަނގުންނެވެ. ފައްސިޔަ ވައިގައި ދަތުރުކޮށް އެ ނައު އަމާން ބަނދަރަކަށް ނަގިލިލުމުގެ ޒިންމާއަދާކުރާން ތިބި މީހުންނެވެ. މި ދަންނަވަނީ މިގައުމުގެ މާދަމާގެ އާރުކާޓީންގެ ވާހަކައެވެ. އަޅުގަނޑުމެންނަކީ މި އާރުކާޓީން ބިނާކުރުމުގެ ޒިންމާ ކޮނޑުއަޅައިގެން ތިބި މީހުންނެވެ. ޒަމާނުގެ އަތުން ސަފުހާތައް އުކަމުންދާއިރު، ވަކިން ޚާއްސަކޮށް ޒަމާނުއްސުރެ ދިވެހިން އުޅެމުން އައި ދިވެހިވަންތަ ރީތި ސިފަތަކާއި އިސްލާމީ ރީތި އުސޫލުތައް ވަޅުޖެހި އުވެމުންދާ މިފަދަ ޒަމާނެއްގައި މި ޖީލުގެ ދަރިންގެ ކިބައިގައި ދިވެހިވަންތަ ސިފަތައް އަށަގަންނުވަން ކުރަން ޖެހޭ މަސައްކަތް ވެސް މިއޮތީ ދެ ގުނަވެފައެވެ. މި ނަލަ ގައުމުގެ ވަށައިގެން ދޮންވެލި ގޮނޑުދޮށްތައް ފެންނާން އޮތަސް މިދެންނެވި ދިވެހިވަންތަ ސިފަތައް ވަނީ އެ ދޮންވެލީގެ އަރާމު އެނދުތަކުގައެއް ނޫނެވެ. ލޮލު ކޮޅަށް ވެސް ނުފެންނަހާ ދުރަށް އޮޔާ ގެންގޮސްފައެވެ. އަޅުގަނޑުމެންގެ ޒިންމާއަކީ ކިތަންމެ ލެއެއް، ކިތަންމެ ދަލެއް އޮހޮރުވައިގެން ނަމަވެސް ކަށިކުނބުރު ބިޔަ ޖަންގައްޔެއްގެ ތެރޭގައި ގައިދުވެފައިވާ މި ސިފަތައް ސަލާމަތްކޮށް އަލުން އަނބުރައި މުޖުތަމަޢަށް ގެނައުމެވެ. ގައުމުގެ ހާލުގެ ދުލުން ގޮވާ ގޮވުމަކީ މިއެވެ. މި ގޮވުމަށް އިޖާބަދޭން ވިސްނާއިރު، އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ބެލެނިވެރިންނާއި މުދައްރިސުން އެއް އަންބާއެއް ކިޔައި އެއްލާ ހުދު ވަލުގައި މުޖުތަމަޢު ހިފައިފި ނަމަ ދިވެހިވަންތަ ސިފަތަކުން ޖަރީވެފައިވާ ޒުވާންޖީލެއް ބިނާކުރެވޭނެއެވެ. އެއީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ.
އެންމެ ފުރަތަމަ އެންމެ ޅަ ފަތުން ފަށަމާ ހިނގާށެވެ. ކައްޗަށް އެޅިއްޖެ ބިންގަލެއް ކެއްޗާ ހަމައަށް ނެގިޔަސް އެ ހުންނާނީ ކައްޗަށޭ ބުނެއުޅެއެވެ. އެހެންކަމުން އެންމެ ބޮޑު ސަމާލުކަމެއް ދޭން މި ޖެހެނީ އެންމެ ޅަފަތުގައި ބިންގާ ރަނގަޅުކުރުމަށެވެ. ފިޠުރަތުގެ ސާފުކަން މަތީގައި ދުނިޔެއަށް ނޭވާލާ އަޅުގަނޑުމެންގެ މައުސޫމް ޅަ ދަރީންނަށް އެ ކުދިންގެ އާއިލާތަކުން ރަނގަޅާއި ނުބައި ކިޔައިދީ، ރީތި ސިފަތައް އުނގަންނައިދިނުމަށެވެ. ދަރިންގެ ކިބައިގައި ރީތި ސިފަތައް އަށަގަނެ އާދަވާނީ މިވެނިއެވެނި ކަމެއް މިވެނިއެވެނި ގޮތަކަށް ކުރާށޭ ބުނުމުގެ ބަދަލުގައި އެ ތުއްތު ކުދީންނަށް މައިންބަފައިންނާއި މުޅި އާއިލާއިން ރީތި ރަނގަޅު ގޮތްތައް އަމަލުން ދައްކައި ނަމޫނާ ދައްކައިދީގެންނެވެ. އެ ކުދިންނަށް އުފާވެރި ރައްކާތެރި މާހައުލެއް ހޯދައިދީގެންނެވެ. އެހެންކަމުން އާއިލީ ޒިންމާ ފުރިހަމައަށް އަދާކުރުމަކީ ހަރުދަނާ ޖީލެއް ބިނާކުރުމުގެ އެންމެ މުހިއްމު އެއް ބަހާއެވެ.
ދިވެހިވަންތަ ސިފަތައް އަށަގަނެފައިވާ ހަރުދަނާ ޖީލެއް ބިނާކުރެވޭނީ އެފަދަ މުޖުތަމައަކަށެވެ. ކެޔޮނިރު ފަޅަނީ އަލަ ގަހަކުންނެއް ނޫނެވެ. ހަމަ ކެޔޮނިރުންނެވެ. އެހެން ކަމުން ހަރުދަނާ ޖީލެއްގެ ހުވަފެން ވެސް ބަލަން ވާނީ އިޖުތިމާޢީ ގުޅުން ވަރުގަދަ ބަދަހި މުޖުތަމައަކުންނެވެ. ހެޔޮ އަމަލުކުރުމުގައި ދެމިތިބޭ ހެޔޮކަންކަމަށް އަމުރުކުރާ ޞާލިޙް ރައްޔިތުންގެ މައްޗަށް އެކުލެވިގެންވާ މުޖުތަމައަކުންނެވެ. ރީތި ބަހުން މުޚާޠަބުކުރާ، އެކަކު އަނެކަކަށް އިހުތިރާމްކުރާ، ނިޔަނެތި، ޚުލްގުހެޔޮ މުޖުތަމައަކަށް މެނުވީ އެ ފަދަ ހަރުދަނާ ޖީލެއް ބިނައެއް ނުކުރެވޭނެއެވެ. އެހެނީ އިޖުތިމާއީ ފޭރާން ވީދި ހަސްފަސް ނެތިފައިވާ މުޖުތަމައަކުން އަބުރުވެރި ޖީލެއް އުފެދުމަކީ މުސްތަޙީލް ކަމެކެވެ. ވީއިރު، އެކަކަށްޓަކައި އަނެކަކު ގުރުބާންވުމަށް ތައްޔާރަށް ތިބި އެއްބައިވަންތަ އޯގާތެރި ޖީލެއް ބިނާ ކުރެވޭނީ އިޖުތިމާއީ ފޭރާން ވަރުގަދަ މުޖުތަމައަކުން ކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.
މިއަދުގެ ޖީލަކީ މީޑިއާ އާ ނުހަނު ދޯޅަ ޖީލެއް ކަމީ އެންމެންމެ އިއްތިފާގުވާނޭ ކަމެކެވެ. ޚާއްސަކޮށް މީސް މީޑިއާއެވެ. މި ޖީލުގެ ދަރީންގެ މަވަންތަކަމާއި ކާކުވަންތަކަން ވެސް އެންމެ ބޮޑަށް އެނގޭނީ އިންސްޓަރ ގްރާމް ފަދަ މަންސަތަކުންނެވެ. އެހެންކަމުން ޒުވާން ޖީލު ހެޔޮ ގޮތުގައި ބައްޓަންކުރުމަށް މާސްމީޑިއާ އާއި މީސްމީޑިއާގެ ބޭނުން ހިފުމަކީ އޭގެ ފައިދާ ނުހަނު އަވަހަށް ފެންނާނޭ ކަމެކެވެ. މީޑިއާގެ ޒަރީޢާއިން އިސްލާމް ދީނުގެ ޝިޢާރުތައް ފާޅުކޮށް، ދިވެހިވަންތަ ޕްރޮގްރާމްތަކާއި ޢިބްރަތްތެރި ވާހަކަތަކާއި ސަހާބީންގެ ދިރިއުޅުމުގެ ވާހަކަތައް ގެނެސްދިނުން އިތުރުކޮށްފި ނަމަ އިސާހިތަކު ފަތުއަޑު ކިޔާފައި އޭގެ ހެޔޮ ބަދަލު ފެންނަން ފަށާނެއެވެ. މާޒީ އަކީ މުސްތަގުބަލުގެ މޫނު ބަލާ ލޯގަނޑު ކަމަށްވީ ހިނދު، އެ މާޒީން ޅަ ޖީލު އިބްރަތްލިބިގަނެ ނަމޫނާ ލިބިގަންނާނެއެވެ. ވީހިނދު މިއަދުގެ ޅަދަރީންގެ ކިބައިގައި ދިވެހިވަންތަ ރީތި ސިފަތައް އަށަގެންނެވުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރެވޭނެ އެއް ވަސީލަތަކީ މީޑިއާއެވެ.
މުދައްރިސުންނަކީ ދަރިވަރުންގެ ދެވަނަ މައިންބަފައިންނެވެ. އެހެންކަމުން ހެވާއި ނުބައި ދަންނަ، ރީތި ސިފަތަކަކުން ޖަރީވެފައިވާ ޖީލެއް ބިނާކުރުމަށް ތަޢުލީމީ ދާއިރާއިން ގިނަގުނަ މަސައްކަތްތަކެއް ކުރެވިދާނެއެވެ. އެ ތަނެއްގައި ޒަމާނާ އެކަށޭނަ ތައުލީމެއް ނެތް ނަމަ އެ ތަނެއް ބުއްދީގެ މަގުން އެއްކިބާވެގެން ދާނެޔޭ ޅެންވެރިޔަކު ބުނެފައި އެވަނީ ސަމާސާއަކަށް ނޫނެވެ. އެއީ ވަރަށް ބޮޑު ހަގީގަތެކެވެ. ރޮކެޓު ދުވެލީގައި ބަދަލުވަމުންދާ ޒަމާނާ އެކަށީގެންވާ ޢިލްމާއި ހިލްމު ނެތް ތަނެއް ނަމަ އެ ތަނެއްގެ ވާހަކަ ދައްކާނެ ވެސް ކަމެއް ނެތެވެ. އެހެންކަމުން އުނގަންނައިދިނުމުގެ ތެރެއިން އިސްލާމީ ރިވެތި އުސޫލުތަކާއި ދިވެހި ތާރީޚާއި ސަގާފަތާއި އާދަކާދަ މި ޖީލަށް ކިޔައިދިނުމުގެ ޒިންމާ މަތިވެފައި ވަނީ އަޅުގަނޑުމެން މުދައްރިސުންނާއެވެ. ދީނީ ތައުލީމް ދިނުމާއި ވަގުތަށް ކަމޭހިތަން ދަސްކޮށްދީ ވަގުތަށް ނަމާދުކުރަން ބާރުއަޅައި،އިސްލާމީ އުސޫލުތަކާއި ދިވެހީންގެ ގަބޫލުކުރުންތަކާއި އެއްގޮތަށް ހެދުން އެޅުމަށް ބާރުއެޅުމަކީ ވެސް އަޅުގަނޑުމެން ކުރާން ބޭނުން ނަމަ ކުރެވިދާނޭ ކަންތައްތަކެވެ. ވީމާ ހެޔޮލަފާ ރަނގަޅު ޖީލެއް ބިނާ ކުރުމަށް ތަޢުލީމީ ދާއިރާގެ މުއައްސަސާތަކަށް ވެސް ވަރަށް މުހިއްމު ދައުރެއް އަދާކުރެވޭނެކަން މިއޮތީ ފެންނާށެވެ.
ތަރައްގީއާއި ތަމައްދުނާއި ތަހުޒީބުގެ މަގުން ގައުމެއް ކުރިއަރައިދަނީ ހަރުދަނާ ޙިކުމަތްތެރި ފަރުދުން ބިނާކުރާ ކުލުނުވެރި އާއިލާތަކުން ބިނާކުރާ ބަދަހި މުޖުތަމަޢުތަކުގެ ސަބަބުންނެވެ. ރަންމުތެއް ފަދަ ހަރުދަނާ ސިފަވަންތަ ޖީލެއް އުފަންކުރުވާ "އިތާ" އަކީ މިދެންނެވި ފަދަ ގުޅުންތެރި މުޖުތަމަޢެކެވެ. އެހެންކަމުން މުޖުތަމައުގެ ބައިވެރިވުމާ، ޅަފަތުގެ ތަރުބިއްޔަތާއި މީޑިއާ އަދި ތަޢުލީމީ މުއައްސަސާތަކުގެ މަދަދާއެކު މިއަދުގެ ޅަ ދަރީންގެ ކިބައިގައި ދިވެހިވަންތަ ރީތި ސިފަތައް އަށަގެންނެވިދާނެ ކަމީ ކުޑަވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ބޭނުން ވަނީ ކެރުމާއި ހިތްވަރެވެ. ޖޯޝާއި ފަންވަރެވެ. ނުގުޑާފަދަ އަޒުމެކެވެ.