އާރޓިކަލް 30 : ނަމާދުކުރުން މަނާގަޑިތަކެއް ވާކަން އެނގޭތަ؟ – (3)

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ފަރުޟު ނަމާދުތަކުގެ އިތުރުން ވީވަރަކުން ސުންނަތް ނަމާދުތައް ގިނަކުރުމަކީ ދީނުގައި ނުހަނު ބާރުއަޅުއްވާފައިވާ ކަމެކެވެ. އެގޮތުން އިމާމް ބުޚާރީ ރިވާކުރެއްވި ޙަދީޘެއްގގެ ބައެއްގައިވެއެވެ: ((وَمَا تقرَّبَ إِلَيَ عبْدِي بِشْيءٍ أَحبَّ إِلَيَ مِمَّا افْتَرَضْت عليْهِ: وَمَا يَزالُ عَبْدِي يتقرَّبُ إِلى بالنَّوافِل حَتَّى أُحِبَّه)) މާނައީ: [އަދި ތިމަންއިލާހުގެ އަޅާ ތިމަންއިލާހުއާ، އޭނާއަށް ފަރުޟު ކުރެވުނު ކަމަކަށްވުރެ ބޮޑަށް ލޯބިވާ ކަމަކުން ނޫނީ ކުއްތަން ނުވެއެވެ. އަދި ތިމަން އިލާހުގެ އަޅާ ތިމަންއިލާހުއާ ކުއްތަންވުމުގައި ތިމަންއިލާހު އޭނާ ދެކެ ލޯބިވަންދެން ސުންނަތް ކަންކަން އަދާކުރުމުގައި ދެމިހުރެއެވެ.] މިޙަދީޘުން އެނގިގެން ދަނީ ސުންނަތް އަޅުކަންތައް ކުރުމުގެ މުހިންމުކަމެވެ. އަދި ޚާއްޞަކޮށް އޭގެ ތެރެއިން ސުންނަތް ނަމާދު ކުރުމަކީ އެއީ އެންމެ އަހަންމިއްޔަތުކަން ދޭންޖެހޭ އެއް ކަންތަކެވެ. ނަމަވެސް މިސުންނަތް އަޅުކަންތައް ކުރުމުގައި ކޮންމެކޮންމެ ވަގުތެއް އެކަމަށް ދީނުގައި ތަންނުދޭކަން ދަންނަންޖެހެއެވެ. އެގޮތުން  ޢާންމުކޮށް ސުންނަތް ނަމާދުތައް ކުރުން ދީނުގައި ވަރަށް ބޮޑަށް މަނާކުރެވިފައިވާ ތިން ގަޑިއެއް ވެއެވެ. އެއީ އިރުއަރަމުންދާ ވަގުތާއި، އިރުއޮއްސެމުންދާ ވަގުތާއި އިރުމެދުޖެހި ވީއްލުމަށް ދާންދެނެވެ. ހަމަ ކޮންމެ ދުވަހެއްގައިވެސް މިވަގުތުތަކަކީ ނަމާދުގެ އަޅުކަމަށް ހުއްދަނޫން ވަގުތުތަކެކެވެ. ނަމަވެސް މީގެ ތެރެއިން ހުކުރު ދުވަހުގެ މެންދުރުގެ އިރުމެދުޖެހޭ ވަގުތާއި މެދު ހުރިހާ ޢިލްމުވެރިން އެއްބަސްވެ ވަޑައެއް ނުގަންނަވައެވެ. ބައެއް ޢިލްމުވެރިންގެ އަރިހުގައި ހުކުރު ދުވަހުގެ އެވަގުތު އެއީ ސުންނަތް ނަމާދު ކުރުން މަނާވަގުތެއް ނޫނެވެ. އަދި އެބޭކަލުން އެކަމަށް ޙަދީޘުން ދަލީލުވެސް ދައްކަވައެވެ. އެކަމާމެދު އޮންނަ ޙަދީޘެއްވެސް އޮވެއެވެ. ނަމަވެސް އެޙަދީޘަކީ ސަނަދުގެ ގޮތުން ޟަޢީފު ޙަދީޘެކެވެ. މިކަމާއި މެދު ވާހަކަ ދައްކަވަމުން އަލްއިމާމް އިބްނުލް ޤައްޔިމް رحمه الله "ޒާދުލް މަޢާދް" ގައި ހުކުރު ދުވަހުގެ ޚާއްޞަކަމާއި މެދު ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ: "ޝާފިޢީ رحمه الله އާއި އެއިމާމުއާއި އެއްބަސްވެލައްވާ ބޭފުޅުންގެ އަރިހުގައި އިރުމެދުން ވީއްލޭ ވަގުތުގައި ނަމާދުގެ ޢަމަލަކީ ކަރާހާތްތެރި ކަމެއް ނޫނެވެ. އަދި މިއީ އަހަރެމެންގެ ޝައިޚް އަބުލް ޢައްބާސް އިބްނު ތައިމިޔާ ވެސް އިޚްތިޔާރު ކުރެއްވި ގޮތެވެ. އެކަމުގައި އެއިމާމު ބަރޯސާވެފައިވަނީ، ލައިޘް މުޖާހިދުގެ ފަރާތުން އަދި އޭނާ އަބޫޚަލީލްގެ ފަރާތުން އަދި އޭނާ އަބޫޤަތާދާ  رضي الله عنه ގެ އަރިހުން ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން، އެކަލޭގެފާނު ވިދާޅުވި ކަމަށް އޮންނަ، އެނަބިއްޔާ ހުކުރުދުވަސް ނޫނީ އެހެން ދުވަސްތަކުގައި މެންދުރުގެ މެދުޖެހޭ ގަޑީގައި ނަމާދުކުރުން ކަރާހާތްތެރި ކުރެއްވި ކަމަށް އޮންނަ ޙަދީޘަކަށް ނޫނެވެ. އަދި ޙަދީޘްކުރެއްވިއެވެ: [ހަމަކަށަވަރުން ނަރަކަ ރޯވެ އުތުރި އަރައެވެ. އެއީ ހުކުރު ދުވަހުގައި ފިޔަވައެވެ.] {މިއީ އަބޫދާވޫދު ރިވާކުރެއްވި ޙަދީޘެކެވެ. އައްޝައިޚް އަލްބާނީ މިޙަދީޘް ޟަޢީފު ކުރެއްވިއެވެ. މިތާ އެވިދާޅުވަނީ އިބްނު ތައިމިޔާ މިގޮތަށް ނިންމީ މިޙަދީޘަށް ބަލައިގެން ނޫންކަމެވެ. އެއީ މިޙަދީޘް ޟަޢީފު ވީމައެވެ.} އެހެންނަމަވެސް އެއިމާމް ބަރޯސާވެލެއްވީ، ހުކުރު ދުވަހުގައި ހުކުރަށް އައިސްފިމީހާ، އިމާމް މީހާ (ޚުޠުބާ ކިޔަން) ނިކުންނަންދެކަށް ނަމާދު ކުރުން ސުންނަތްކަން އަންގައިދޭ ޙަދީޘަށެވެ. އަދި ޞައްޙަ ޙަދީޘެއްގައި ވެއެވެ: ((لا يغتسلُ رجلٌ يوم الجُمُعة ويتطهَّر ما استطاع مِن طهر، ويدَّهن من دُهنه، أو يمسُّ مِن طِيب بيته، ثم يخرُج فلا يفرِّق بين اثنين، ثم يُصلِّي ما كُتب له، ثم ينصت إذا تَكلَّم الإمام إلا غُفِر له ما بينه وبيْن الجُمُعة الأخرى)) މާނައީ: [ފިރިހެނަކު ފެންވަރާ އަދި ޠާހިރުވުމުގެ ކުޅަދާނަކަން ލިބިފައިވާ މިންވަރަކުން ހުކުރުދުވަހުގައި ސާފުޠާހިރުވެ، ބޮލުގެ އިސްތަށިގަނޑުން ހިރަފުސް ފިލުވާ ސާފު ކޮށް، ނުވަތަ ގޭގެ އަތަރުން އަތަރު ލައި، އެއަށްފަހު ނިކުމެ ދެމީހުންގެ ދެމެދުން ސަފުތައް ނުފަޅާ، ދެންއެއަށްފަހު އޭނާއަށް ލިޔެވިގެންވާ މިންވަރަށް ނަމާދުކޮށް، އިމާމް މީހާ ވާހަކަ ދައްކަން ފެށުމުން މީހަކު ހަނު ހުރެއްޖެ ނަމަ، އެމީހަކަށް ހުކުރުން އަނެއް ހުކުރަށް އެދެމެދު ކުރެވިފައިވާ ފާފަތައް ފުއްސެވުމެއް ނުވާނެ ގޮތަކަށް މިކަންކަން ނުކުރެވޭނެއެވެ.] {މާނައަކީ މިކަންކަން ކުރުމުން އެމީހެއްގެ ދެހުކުރު ދެމެދުގައި ކުރެވިފައިވާ ކުދި އެންމެހައި ފާފަތަކެއް ފުހެވޭނެކަން ކަށަވަރެވެ.} މިއީ ބުޚާރީ ރިވާކުރެއްވި ޙަދީޘެކެވެ. ފަހެ މިތަނުގައި އެވަނީ އޭނާއަށް ލިޔެވިގެންވާ މިންވަރަކަށް ނަމާދު ކުރުން ކުރިއަށް ގެންދިއުން ސުންނަތް ކުރެވިފައެވެ. އަދި އިމާމް މީހާ ނިކުންނަ ވަގުތުގައި މެނުވީ އެނަމާދު ކުރުން އޭނާއަށް މަނާ ކުރައްވާފައެއް ނުވެއެވެ. އެހެން ވުމުން ސަލަފުންގެ ތެރެއިން އެކަކަށްވުރެ ގިނަމީހުން ބުނެފައިވެއެވެ. އޭގެ ތެރޭގައި ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ހިމެނެއެވެ. އަދި އަލްއިމާމް އަޙްމަދު ބުން ޙަންބަލް އެއަށް ތަބަޢަވެ ވަޑައިގެންނެވިއެވެ: އިމާމް މީހާ (ހުކުރު ޚުޠުބާ ކިޔުމަށް) ނިކުތުން އެއީ ނަމާދު ކުރުން މަނާ ކުރުވާ ކަމެކެވެ. އަދި އޭނާގެ ޚުޠުބާ އަކީ ވާހަކަ ދެއްކުން މަނާކުރާ ކަމެކެވެ. އެގޮތުން ނަމާދު މަނާކުރާ ކަމެއްގެ ގޮތުގައި ކަނޑައެޅިފައި އެވަނީ އިމާމް ނިކުތުމެވެ. ނަމާދު މަނާކުރާ ކަމެއްގެ ގޮތުގައި ދުވާލުގެ މެދުޖެހުން ކަނޑައަޅުއްވާފައި ނުވެއެވެ. އަދި އޭގެ އިތުރުންވެސް މީސްތަކުން އެގަޑީގައި ތިބޭނީ ފުރާޅުގެ ދަށުގައި މިސްކިތުގެ ތެރޭގައެވެ. އަދި އިރުމެދުން ވީއްލޭ ވަގުތާމެދު އެއްވެސް އިހުސާސެއް އެބައިމީހުންނަކަށް އެގަޑިއަކު ނުކުރެވޭނެއެވެ. އަދި މީހާ ހުންނާނީ ނަމާދު ކުރުމުގައި މަޝްޣޫލުވެފައެވެ. އިރުމެދުން ވީއްލޭ ވަގުތެއް އޭނާއަކަށް ނޭނގޭނެއެވެ. އަދި އިރު ބެލުމަށްފަހު އެނބުރި އަންނަގޮތަށް، މީހުންގެ ކޮނޑުތަކުގެ މަތިން ހުރަސްކުރަމުން ނުވެސް ނިކުމެވޭނެއެވެ. އަދި އެއީ އޭނާ އެކަމެއް ކުރުމަށް ޝަރުޢު ކުރެވިފައިވާ ދީނީގޮތުން ކުރަންވެސް ޖެހޭ ކަމެއް ނޫނެވެ. – اهـ – މިބަސްކޮޅަށް ބާރުދޭ ޞާޙާބީންނާއި ސަލަފުންގެ އަޘަރުތައްވެސް ރިވާވެފައި ވެއެވެ. އެގޮތުން އިމާމް މާލިކް "މުވައްޠާ" ގައި ރިވާކުރެއްވިއެވެ: (أنَّ الناس كانوا في زمَن عُمرَ رَضِيَ اللهُ عَنْه يُصلُّون يومَ الجُمُعةِ حتى يخرُجَ عُمرُ) މާނައީ: [ޢުމަރު رَضِيَ اللهُ عَنْه ގެ ޒަމާނުގައި ހުކުރު ދުވަހުގައި ޢުމަރު ނިކުމެވަޑައިގަންނަވަންދެން މީސްތަކުން ނަމާދު ކުރުމުގައި ތިބެއެވެ.] ވީމާ މިމައްސަލައިގައި އެނގިގެން ދިޔައީ ޢާންމުކޮށް ސުންނަތް ނަމާދު ކުރުން ވަކިގަޑިތަކެއްގައި މަނާކުރެވިފައިވާ ޙަދީޘްތަކަށް ބައްލަވައިގެން ބައެއް ބޭކަލުން ހުކުރު ދުވަހުގެ މެންދުރު މެދުޖެހޭ ވަގުތުގައިވެސް ނަމާދުކުރުން މަނާކަމުގައި ދެކެވަޑައިގަންނަވާއިރު، އަނެއްބައި ބޭކަލުން އެހެން ޙަދީޘްތަކުގެ މައްޗަށް ބިނާކޮށް ހުކުރުދުވަސް މިމައްސަލައިގައި އިސްތިސްނާ ކުރައްވާކަމެވެ. ޝާފިޢީ މަޛްހަބުގައި ބުރަވެލައްވަނީ މިބަސްކޮޅަށެވެ. އަދި ޝައިޚުލްއިސްލާމް އިބްނު ތައިމިޔާ رحمه الله   އާއި އެއިމާމްގެ ދަރިވަރު އިބްނުލް ޤައްޔިމް رحمه الله  ވެސް ބުރަވެލައްވަނީ މިގޮތަށެވެ. މިޤަރުނުގެ މަޝްހޫރު ޢިލްމުވެރިއެއް ކަމަށްވާ އައްޝައިޚް އިބްނު ބާޒު رحمه الله  ވެސް ބުރަވެލައްވަނީ މިގޮތަށެވެ. ކޮންމެއަކަސް ހުކުރު ދުވަހުގައި މެންދުރު ގަޑީގައި، ސުންނަތް ނަމާދު ކުރުމުގައި އިރު މެދު ޖެހޭ ވަގުތާ މެދު އަޅާ ނުލުމަށް ބާރުލިބޭ ކޮޅު ފުދޭވަރަކަށް ވަރުގަދައެވެ. ނަމަވެސް މަނާކުރެވިފައިވާ ޢާންމު ޙަދީޘްތަކަށް ބަލާ އެކަމުން ރައްކާތެރިވާން އެދޭ މީހާ އެދުވަހުގައި ވެސް ނަމާދު މަޑުޖައްސާލުން އެއީ ބޭނުންނަމަ އޮތް ރައްކާތެރި ކޮޅެކެވެ. ނަމަވެސް މީގައި ރައްކާތެރި ބޮޑަށް ވާންވީ ހުކުރު ދުވަސް ނޫން އެހެނިހެން ދުވަސްތަކުގައި މެންދުރު ވަގުތު ވާން ކައިރިވެފައިވަނިކޮށް ސުންނަތް ނަމާދު ނުކުރުމަށެވެ. އެކަމަށް ބިރުވެތިވެ މިއީ ދީނުގައި މަނާކަމެއްކަން ދަނެގެން މިކަމަށްވެސް ޢަމަލު ކުރުމުގެ ގޮތުން މިގަޑިތަކުގައި ސުންނަތް އެއްވެސް ނަމާދެއް ނުކުރުމެވެ. ފުރިހަމައަށް ދީނަށް ތަބާވެވޭނީ މިގޮތަށް ޢަމަލުކޮށްގެންނެވެ. އަދި ޚާއްޞަކޮށް އެއްވެސް އިޚްތިލާފެއް ނުވާ ވަގުތުތައް ކަމުގައިވާ އިރުއަރާ ވަގުތުގައްޔާއި އިރުއޮއްސޭ ވަގުތުގައި އެއްވެސް ސުންނަތް ނަމާދެއް ކުރުމުން ވަރަށްބޮޑަށް ދުރުހެލިވެ ރައްކާތެރިވުމަކީ މުސްލިމުން އެއާ މެދު ފަރުވާތެރިވާން ޖެހޭނޭ ކަމެކެވެ.

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

(ނުނިމޭ)

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *