ބުރާސްފަތި, 17 އޭޕްރިލް 2025

ރާއްޖޭގެ އާސާރީ ތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމާ މެދު އަޅުގަނޑު ދެކޭ ގޮތަކީ މިއީ!

ގައުމެއްގެ ތާރީޚުގެ މައްޗަށް އަލިކަމެއްދޭ އެންމެ މުހިއްމު އެކައްޗަކީ އެ ގައުމެއްގެ އާސާރީ ތަންތަނެވެ. އަދި މިދަންނަވާ ތާރީޚަކީ ނުވަތަ ފަސްމަގަކީ ކުރިމަގަށް ބަލާ ލޯގަނޑު ކަމަށް ބެލެވޭއިރު އާސާރީ ތަންތަން ފަދަ މުހިއްމު ބަހާތަކުގެ މުހިއްމުކަން ހާމަވެގެންދެއެވެ. ޚާއްސަކޮށް ރާއްޖެފަދަ ތާރީޚު އަންގައިދޭ ލިޔުންތައްމަދު، ތާރީޚީ ދިރާސާތައް ތަދު ގައުމަކަށް މިފަދަ އާސާރުތަކަކީ ޖަވާހިރަށް ވުރެ ވެސް އަގުބޮޑު ތަރިކަތަކެކެވެ. އެހެންކަމުން އާސާރީ ތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން މި ރާއްޖެއަށް ނުހަނު ގިނަ ފައިދާތަކެއް ލިއްބައިދޭނެ ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ.

ތާރީޚުގެ ކަޅާއި ހުދުގެ ޞަފްޙާތަކަށް ނަޒަރުހިންގައިލުމަށް އޮތް އެންމެ ފަސޭހަ މަގަކީ ތާރީޚުގެ ލިޔުންތަކާއި ފަތްފުށްތައް ކިޔައި ދިރާސާކުރުންކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. އަދި މިކަމަށް އޮތް އެންމެ ފަސޭހަ މަގަކީ އާސާރީ ތަންތަނުގައި ހުރި ލިޔުންތައް ބެލުންކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. މިގޮތުން މިރާއްޖެއަށް ބަލާއިރު، މިސްކިތްތަކުގައި ހުރި ލިޔުންތައް ފާހަގަކޮށްލަން ޖެހެއެވެ. ހަމައެކަނި އެ އަކުރުތަކުގެ ރީތިކަމަކުން ނޫނެވެ. އެކި ދުވަސްވަރު ދިވެހީން ލިޔެކިޔައި އުޅުމަށް ބޭނުންކުރި އަކުރުތަކާއި ބަސްތައް އާސާރީ މިސްކިތްތަކުގައި ފެންނާން ހުރުމުންނެވެ. ދިވެހި ތާރީޚް ދިރާސާ ކުރުމަށް އެ ބަސްބަހުގެ، އެ އަކުރުތަކުގެ މުހިންމުކަން ބޮޑުކަމުންނެވެ. އެހެންކަމުން ގައުމުގައި ބޭނުންކުރެވުނު ބަސްބަހާއި އަކުރުތަކުގެ ތާރީޚު އޮޅިންފިލުވުމުގެ ވަސީލަތެއްގެ ގޮތުގައި އާސާރީ ތަންތަން އިންތިހާއަށް މުހިއްމުކަމުގައި އަޅުގަނޑު ދެކެމެވެ.

އާސާރީ ތަންތަން މުހިއްމުވަނީ ހަމައެކަނި ބަސްބަހުގެ ތާރީޚު ދެނެގަތުމަކަށް ނޫނެވެ. ވޭތުވެދިޔަ މާޒީގައި މަދު ވަސީލްތަތްކާއެކު، އަމުދުން އެއްވެސް މެޝިނެއްގެ އެހީއާއި ނުލައި އަޅުގަނޑުމެންގެ ލޮބުވެތި ކާބަފައިން ލޯބޯފިއްސައިގެން ކޮށްއުޅުނު މަސައްކަތްތަކާއި، އެބައިމީހުންގެ މަސައްކަތްތެރިކަމުގެ ފެންވަރުވެސް ދައްކުވައިދެނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރި ތަފާތު އެކި އާސާރީ ބިނާތަކުންނެވެ. މިސާލެއްގެ ގޮތުން މާލޭ ހުކުރުމިސްކިތް ފާހަގަކޮށްލަމެވެ. ގަލުވަޑާމާއި، އަތްކަންކުރުމާއި ލިޔެލާޖެހުމާއި އެޒަމާނުގައި މިސްކިތްފަދަ ތަންތަން ބިނާކުރުމުގެ ވައްޓަފާޅި ކިތަންމެ ރަނގަޅަކަށް ވެސް ހުކުރުމިސްކިތުން އެހެރީ ހާމައަށް ފެންނާށެވެ. ވީހިނދު، އާސާރީ ތަންތަނަކީ ގަދީމީ ފަންނުތަކާއި، ހުނަރުތަކާއި، މަސައްކަތްތެރިކަން ދެނެގަތުމަށާއި އެކަންކަން ބަލައިލުމަށްޓަކައި އެފަދަ ދެވަނައެއް ނުވާހައި ބޭނުންތެރި ތަންތަންކަމުގައި އަޅުގަނޑަށް ގަބޫލުކުރެވެއެވެ.

މުޖުތަމައުތަކުގެ ތަފާތުތައް އެންމެ ބޮޑަށް ސިންދަފާތުކުރެވޭ ކަންތައްތަކުގެ ތެރޭގައި ހަމަޔަގީނުން ވެސް އެ މުޖުތަމައެއްގެ އަފުރާދުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ގަބޫލުކުރުންތައް ވާނެއެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ މިދެންނެވި  ވައްޓަފާޅިއާއި ފޭޑިތަކާއި އުސްލޫބުތަކާއި ގަބޫލުކުރުންތަކާއި އާދަކާދަތައް ވެސް އާސާރީ ތަންތަނުން ނުހަނު ބޮޑަށް ދައްކުވައިދެއެވެ. އެގޮތުން އެއް ޒަމާނެއްގައި ދިވެހީން ބުދު ދީނަށް އުޅުނުކަމާއި، އެދީނުގެ ފައްޅިތަކަކީ މުޖުތަމަޢުގައި މުހިއްމު ދައުރެއް އަދާކުރަމުންދިޔަ ތަންތަންކަމާއި، ދިވެހިން އިސްލާމްވުމަށްފަހު އެތަންތަން ދޫކޮށްލިކަން ވެސް ހާމަވެގެންދަނީ ލ.އަތޮޅު އިސްދޫކަލައިދޫގެ ހައްތެލިތަކުގެ ސަރަހައްދާއި، ފ.ނިލަންދޫގެ އާސާރީ ސަރަހައްދު ފަދަ އާސާރީ ތަންތަނުންނެވެ. އެހެންކަމުން ގައުމުގެ ގަދީމީ ތާރީޚުގެ އަސަރުތައް ދަމަހައްޓަން ބޭނުންނަމަ، އަޅުގަނޑުގެ ނަޒަރުގައި އެންމެ އިސްކަމެއްދީގެން ރައްކާތެރިކޮށް ބަލަހައްޓަންޖެހޭ، އެންމެ މުހިއްމު ތަންތަނަކީ ގައުމުގެ އާސާރީ ތަންތަނެވެ.

އަޅުގަނޑަށް ވިސްނޭގޮތުގައި، އިގުތިސާދީގޮތުން ވެސް އާސާރީ ތަންތަނުގެ މުހިއްމުކަން ވަރަށް ބޮޑެވެ. ރާއްޖެ ކަހަލަ މިލިޔަނުން ފަތުރުވެރިން އަންނަ ގައުމަކަށް މިފަދަ ތަންތަނުގެ މުހިއްމުކަން ވަކިން މާބޮޑެވެ. އެފަދަތަންތަން ހިމާޔަތްކޮށް ބެލެހެއްޓުމުގެ ފައިދާ އިންތިހާއަށް ބޮޑެވެ. މިސްރު މިސާލަކަށް ނަގަމާ ހިނގާށެވެ. މިސްރުގެ ގަދީމީ ޙަޟާރާތަކީ ފުންކަނޑެއް ފަދަ ޙަޟާރަތެކެވެ. އެގައުމުގެ ސަގާފީ ބިނާތަކެއްކަމަށްވާ އަޙްރާމްތައް ވަނީ ބަލަހައްޓައި، ޙިމާޔަތްތެރި ގޮތުގައި މިއަދާ ހަމައަށް ރައްކާތެރިކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އެ އަޙުރާމްތައް ބަލައިލުމަށް އަހަރަކު އެތައް މިލިއަން ފަތުރުވެރިން އެ ގައުމަށް ޒިޔާރަތްކުރެއެވެ. މިކަމުން މިސްރުގެ އިގްތިސާދަށް ނުހަނު ގިނަ ބޭރު ފައިސާ ވަދެއެވެ. ކަން މިހެން އޮތްއިރު، އަޅުގަނޑުމެންވެސް މި މަގުން ފަތުރުވެރިކަން ފުޅާކުރާން މަސައްކަތްކުރަމުންދާއިރު، އާސާރީ ބިނާތަކުގެ މުހިއްމުކަން ބޮޑުވަމުންދާކަމަށް އިންތިހާއަށް ގަބޫލުކުރެވެއެވެ.

އަސާރީ ތަންތަން ރައްކާތެރިކުރުމުގެ މުހިއްމުކަން ބޮޑުވަމުންދާ މި ޒަމާނުގައި އެތަންތަން ހަމައެކަނި ހިމާޔަތްކުރުމާ ހިސާބުން ނިންމައިލެވެން އޮތް ކަމަކަށް އަޅުގަނޑު ނުދެކެމެވެ. މިހެން މިދަންނަވަނީ އެތަންތަނާ ގުޅޭގޮތުން ހޯދަންވެފައިހުރި ހޯދުންތަކާއި ހަދަންވެފައި ހުރި ދިރާސާތައް އަދިވެސް ފުނިޖެހިފައި ހުރިކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީއެވެ. މިކަންކަމައިގެން ކުރިއަށް ދެވިގެންނޫނީ އާސާރީ ބިނާތައް ރައްކާތެރިކުރުމުގެ ހަގީގީ މަގުސަދު ހާސިލުވާނެކަމަކަށް ނުފެނެއެވެ. އަދި އަޅުގަނޑުމެންގެ ތާރީޚަށް އެތަންތަނުން ފޯރުކޮށްދޭންޖެހޭ އަލިކަމެއްވެސް ފޯރުކޮށްދެވޭނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވެއެވެ.

ކަން މިހެން އޮތްއިރު، ރާއްޖޭގެ އާސާރީ ތަންތަން ރައްކާތެރިކުރުމަކީ އަޅުގަނޑުމެންގެ ތާރީޚާ ގުޅިފައިވާ އާދަކާދަތަކާއި މަސައްކަތްތެރިކަން ދެނެގަތުމުގެ އިތުރުން، ދިވެހިން އެކި ދުވަސްވަރު ވާހަކަދައްކައި، ލިޔެކިޔައި އުޅުނު ބަސްތަކާއި އަކުރުތައް ހޯދައި ބެލުމަށް ކޮންމެހެން ވެސް މުހިއްމުކަމެއްކަމަށް އަޅުގަނޑު ދެކެމެވެ. އަދި އެތަންތަނުގެ ސަބަބުން ކާބަފައިންގެ ގަބޫލުކުރުންތަކާއި ދީނީ އިއުތިގާދު ދެނެގަތުމާއި، ފަތުރުވެރިކަން ފުޅާކޮށް އިގުތިސާދު ތަނަވަސްކުރުމަށް ވެސް އެހާމެ ބޭނުންތެރި ކަމެއްކަން ގަބޫލުކުރަންޖެހެއެވެ. ހަމަ އެއާއެކު އެތަންތަން ރައްކާތެރިކުރުމުގެ އިތުރުން އެތަންތަނާ ގުޅޭގޮތުން ހޯދަންވެފައިހުރި ހޯދުންތައް ގިނަކަމަށް ވެސް ދެކެމެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *