އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 12 ގެ ދަރިވަރުންގެ މޮކް އެގްޒާމް 5 ސެޕްޓެމްބަރ 2021 ވާ އާދީއްތަ ދުވަހު ފަށާ ގޮތަށް ހަމަޖައްސައިފިއެވެ. އަޙްމަދިއްޔާގެ ގްރޭޑް 12 ގައި މިހާރު އޮތް 2 ބެޗްގެ ތެރެއިން 2020 ވަނަ އަހަރުފެށި ދަރިވަރުންގެ އިމްތިހާން 5 ސެޕްޓެމްބަރ 2021 ވާ އާދީއްތަ ދުވަހުން ފެށިގެން 13 ސެޕްޓެމްބަރގެ ނިޔަލަށް ކުރިޔަށްދާނެއެވެ. 2019 ވަނަ އަހަރު ކިޔެވުންފެށި ދަރިވަރުންގެ އިމްތިހާން ފަށާނީ ސެޕްޓެމްބަރ 12 ވަނަ ދުވަހުއެވެ. ނިމޭނީ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހުއެވެ.
އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް މޫސާ ޞަލާޙް ވިދާޅުވީ ގްރޭޑް 12ގެ ދަރިވަރުންގެ އިމްތިހާނަކީ ކުރިންވެސް ނަގަން ޕްލޭން ކޮށްފައި އޮތް އިމްތިހާނެއް ކަމުގައެވެ.
" ޝެޑިއުލްވެސް ކުރިން. ކޮންމެވެސް ވަރަކަށް އިމްތިހާންތައް ނެގިގެންވެސް ދިޔަ. އެހެންނަމަވެސް އޭރު އެޑެކްސެލް އިމްތިހާން އަވަސް ކުރުމާ ގުޅިގެން ކިޔެވުމަށް އިތުރު ވަގުތު ހޯދުމުގެ ގޮތުން އިމްތިހާނެއްގެ ބަދަލުގައި ކޮންޓެންޓް އެސެސްމެންޓެއް ނަގައިގެން ކުރިއަށް ގެންދިޔައީ. އެހެން ނަމަވެސް އެ އިމްތިހާންގެ ޕޭޕަރުތައް ލީކުވުމާއި ގުޅިގެން ކެންސަލް ކުރެވި އަނެއްކާވެސް މިއޮތީ އޮކްޓޯބަރުގައި އިމްތިހާން ރީޝެޑިއުލް ކުރެވިފައި. އެހެންވީމާ އޮކްޓޯބަރުގެ ކުރިން ދަރިވަރުން ތައްޔާރުވެފައިހުރި ފެންވަރު ވަޒަން ކޮށްލުމުގެ ގޮތުން ސްކޫލުން މިހާރު ޝެޑިއުލް ކޮށްފައި މިވަނީ." ޞަލާޙް ވިދާޅުވިއެވެ.
ޞަލާޙް ވިދާޅުވީ 12ގެ 2019 ވަނަ އަހަރު ފެށި ދަރިވަރުންނަށް އޮންނާނީ 12ގެ ޕޭޕަރުތަކުންކަމާއި އެހެން ނަމަވެސް 2020 ވަނަ އަހަރުފެށި ދަރިވަރުންގެ މޮކް އެގްޒާމް އޮންނާނީ ގްރޭޑް 11 ގެ ޕޭޕަރުތަކުން ކަމުގައެވެ. އެއީ އެދަރިވަރުންގެ ގްރޭޑް 11 ގެ އޭ އެސް އެގްޒާމް ޕޭޕަރ އަދި އެއްކޮށް ނުނިމޭތީކަމާއި އަދި އިމްތިހާންވެސް ކެންސަލް ވުމާއި ގުޅިގެންކަމުގައެވެ.