الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ސުންނަތް ނަމާދުތައް ކުރުން ވަރަށްބޮޑަށް ނަހީކުރެވިގެންވާ ތިން ވަގުތެއްވެއެވެ. އޭގެ ތެރެއިން އެއް ވަގުތު ފިޔަވައި އަނެއް ދެވަގުތު ކަމުގައިވާ އިރުއަރަމުންދާ ވަގުތާއި އިރުއޮއްސެމުންދާ ވަގުތެވެ. މެންދުރު އިރުމެދުން ވީއްލޭ ވަގުތާއިމެދު ޢިލްމުވެރިންގެ މެދުގައި، ހުކުރުދުވަހާއިމެދު އޮތް އިޚްތިލާފަށް ކުރިން ވަނީ އަލިއަޅުވާލެވިފައެވެ. އަދި އޭގެ އިތުރުން ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްތަކަށް ބަލާއިރު ނަހީކުރެއްވި ދެ ވަގުތެއް ވެއެވެ. ބުޚާރީއާއި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((لاَ صَلَاةَ بَعْدَ الصُّبْحِ حَتَّى تَطْلُعَ الشَّمْسُ، وَلَا صَلَاةَ بَعْدَ الْعَصْرِ حَتَّى تَغِيبَ الشَّمْسُ)) މާނައީ: [ފަތިސްނަމާދަށް ފަހު އިރުއަރަންދެން ނަމާދެއް ނުވެއެވެ. އަދި ޢަޞްރުނަމާދަށް ފަހު އިރުއޮއްސެންދެން އެއްވެސް ނަމާދެއް ނުވެއެވެ. ] މިޙަދީޘްގައި އަންގަވާފައި އެވަނީ ފަތިސްނަމާދާއި އިރުއެރުމާއި ދެމެދުގައި އެއްވެސް ސުންނަތް ނަމާދެއް ނުކުރާށޭ އެވެ. އަދި ޢަޞްރު ނަމާދު އެމީހަކު ކުރުމަށްފަހު، ޢަޞްރު ނަމާދާއި އިރުއޮއްސުމާ ދެމެދު އެއްވެސް ސުންނަތް ނަމާދެއް ނުކުރާށޭ އެވެ. އެހެންކަމުން މިދެވަގުތުގައިވެސް އެއްވެސް ސުންނަތް ނަމާދެއް ކުރުން މަނާވެގެން ދިޔައީއެވެ. އެހެންނަމަވެސް މިނަހީވެފައި އޮތްއިރުވެސް އެހެން ޙަދީޘްތަކުގައި މިވެނި ނަމާދެއް ފިޔަވައޭ ވިދާޅުވެ ނަބިއްޔާ އިސްތިސްނާ ކުރައްވާފައިވެއެވެ. އަދި ބައެއް ފަހަރު ބައެއް ނަމާދުތައް ރަސޫލާ صلى الله عليه وسلم އަދި އަޞްޙާބު ބޭކަލުން އެވަގުތުގައިވެސް ކުރެއްވިކަން ސާބިތުވުމުން، އެވަގުތުތަކަށް އިސްތިސްނާ ތަކެއް ލާންޖެހޭ ކަން އެނގިގެން ދެއެވެ. އަދި އެއަށްބަލައި ޢިލްމުވެރިން ވަކިއުޟޫލަކުން އެހުއްދަވާނެ ސުންނަތް ނަމާދުތަކަކީ ކޮބައިކަން ބަޔާންކުރައްވާ އެކަމުގައި ތަފްޞީލަކަށް ވަޑައިގަންނަވައެވެ. އެގޮތުން ސުންނަތް ނަމާދުތައް ދެބަޔަކަށް ބައްސަވާލައްވައެވެ. އޭގެ ތެރެއިން އެއްބަޔަކީ ސަބަބެއް މެދުވެރިވުމުން ކުރާ ސުންނަތް ނަމާދުތަކެވެ. އަނެއް ބަޔަކީ އެއްވެސް ސަބަބަކާއި ނުލައި، ހަމަ ޘަވާބު ހޯދުމުގެ ނިޔަތުގައި އޭނާ އަމިއްލައަށް އިޚްތިޔާރު ކުރާ މިންވަރަކަށް އޭނާ އަމިއްލައަށް އިޚްތިޔާރުކުރާ ވަގުތެއްގައި ކުރާ ސުންނަތް ނަމާދުތަކެވެ. މާނައަކީ އެނަމާދެއް އަދާކުރުމުގެ އޮންނަނީ އެންމެ ސަބަބެކެވެ. އެއީ ހަމައެކަނި ﷲ ގެ ޙަޟްރަތަށް ކުއްތަންވެ އެކަލާނގެ ޙަޟްރަތުން ދަރުމައާއި ޘަވާބު ހޯދުމެވެ. ސަބަބެއް މެދުވެރިވެގެން ކުރާ ސުންނަތް ނަމާދުތަކަށް ބަލާއިރު، އެނަމާދެއް އޭނާ އަދާކުރަނީ ﷲ ގެ ޙަޟްރަތަށް ކުއްތަންވެ ދަރުމައާއި ޘަވާބު ހޯދުމުގެ ނިޔަތުގައި، އެނަމާދެއް ކުރުމަށް ސަބަބެއް މެދުވެރިވުމުންނެވެ. މިސާލަކަށް މިސްކިތަށް ވަދެ އިށީންނަން ބޭނުންވުމަކީ ދެރަކްޢަތުގެ ނަމާދެއް ކުރަންޖެހޭ ސަބަބަކަށް ވެއެވެ. އެރަކްޢަތަށް މިކިޔަނީ މަސްޖިދު ސުންނަތެވެ. މާނައަކީ ބޭރުން މިސްކިތަށް ވަދެ އިށީންނަން ބޭނުންވެއްޖެ ނަމަ ﷲއަށް ދެރަކްޢަތުގެ ސަޖިދައެއް ނުކޮށް އިށީނދެގެން ނުވާނެކަމަށް ޙަދީޘްގައި ބަޔާންވެފައިވުމެވެ. ބުޚާރީއާއި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ: ((إِذَا دَخَلَ أَحَدُكُمُ الْمَسْجِدَ، فَلَا يَـجْلِسْ حَتَّى يُصَلِّيَ رَكْعَتَيْنِ)) މާނައީ: [ތިޔަބައިމީހުންގެ ތެރެއިން މީހަކު މިސްކިތަށް ވަދެއްޖެ ހިނދު، ދެރަކްޢަތުގެ ނަމާދެއް ނުކުރަނީސް އިށީނދެގެން ނުވާނެއެވެ.] މިއީ އޭގެ ޒާތުގައި ވާޖިބުކުރެއްވި ނަމާދެއް ނޫނެވެ. ނަމަވެސް އެމީހަކު އިޚްތިޔާރު ކުރާ ގޮތަކުން އެމީހެއްގެ މައްޗަށް ވާޖިބު ނަމާދެއް ކަމަށްވެސް ޢިލްމުވެރިން މިޙަދީޘުން ދަލީލު ނަންގަވައިގެން ބަޔާންކުރައްވައެވެ. އެއީ އިށީނުމާއި ނުއިށީނުން އެއީ އެމީހެއް އަމިއްލަ އިޚްތިޔާރެވެ. އިށީންނަ ނަމަ ދެރަކްޢަތް ސުންނަތެއް ނުކޮށް އިށީނދެގެން ނުވާނެއެވެ. އަދި މިދެރަކްޢަތުގެ މަޤާމް އެހެން ނަމާދަކުން ވެސް ފުރިހަމަވެގެން ދެއެވެ. ފަރުޟު ނަމާދަކުން ނުވަތަ ރަވާތިބު ސުންނަތަކުން ނުވަތަ އެހެންވެސް ސުންނަތް ނަމާދަކުން މަސްޖިދު ސުންނަތް އަދާވި ކަމުގައި ބެލެވިގެން ދެއެވެ. މިދެރަކްޢަތަށް ރަސޫލާ މީސްތަކުންނަށް ބާރުއެޅުއްވިވަރު އެނގިގެން ދަނީ އިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި މިސްކިތުގައި އިށީން މީހަކު ނަންގަވާ އެދެރަކްޢަތް ކުރުމަށް އަމުރު ކުރެއްވުމުންނެވެ. އެޙަދީޘްގައި ވެއެވެ: ހުކުރު ދުވަހެއްގައި ނަބިއްޔާ ޚުތުބާ ދެއްވަން ހުންނަވަނިކޮށް، މީހަކު މިސްކިތަށް ވަދެ އިށީނެވެ. އެހިނދު ނަބިއްޔާ އޭނާއާ ސުވާލުކުރެއްވިއެވެ: [ތިބާ ނަމާދު ކުރިން ހެއްޔެވެ؟] – އަދި ބައެއް ރިވާޔަތްތަކުގައި ވެއެވެ: [ތިބާ ދެރަކްޢަތުގެ ނަމާދު ކޮށްފީމުހެއްޔެވެ؟] – އެޞަޙާބީ ދެންނެވިއެވެ: ނޫނެކެވެ. ދެން ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: ((قُمْ فَصَلِّ رَكْعَتَيْنِ وَتَـجَوَّزْ فِيْهِمَا)) މާނައީ: [ތެދުވާށެވެ! އަދި ދެރަކްޢަތް ކުރާށެވެ! އަދި އެދެރަކްޢަތް ލުއިކޮށް (ކުރުކޮށް) ކުރާށެވެ.] އަދި އެހެން ރިވާޔަތެއް އެނަބިއްޔާ ޙަދީޘްކުރެއްވިއެވެ: ((إِذَا جَاءَ أَحَدُكُمْ يَوْمَ الْجُمُعَةِ وَالْإِمَامُ يَخْطُبُ فَلْيَرْكَعْ رَكْعَتَيْنِ وَلْيَتَجَوَّزْ فِيْهِمَا)) މާނައީ: [ތިޔައިގެތެރެއިން މީހަކު ހުކުރު ދުވަހުގައި އިމާމްމީހާ ޚުޠުބާ ދޭން ހުއްޓާ އަތުވެއްޖެ ނަމަ، ފަހެ ދެރަކްޢަތް ކުރާހުށިކަމެވެ. އަދި އެދެރަކްޢަތް ލުއިކޮށް ކުރާހުށިކަމެވެ.] މިއީ ރަސޫލާ صلى الله عليه وسلم އެކަމަކަށް މިހާވަރަށް ބާރުއެޅުއްވި ކަމަކަށްވާއިރު މިއަދު ބައެއްމީހުން މިކަމުގައި ފަރުވާކުޑަކޮށްފައިވެއެވެ. އެފަދަ މީހުން މިސްކިތަށް ވަދެގެން ދާގޮތަށް އިށީންނަތަން ފެނެއެވެ. މިފަދައިން ކަންތައް ކޮށްގެން ނުވާނެއެވެ. އޭރުން އެކުރެވެނީ ރަސޫލާ صلى الله عليه وسلم ނަހީކުރެއްވި ކަމެއް، ހަމަނަހީކުރެއްވީމާވެސް އަމިއްލައަށް ތިމާ ހަދާނެ ގޮތެއް ނިންމާ، އެއަމުރަކަށް އެއްވެސް ބެލުމެއް ނެތި ނުވަތަ ބޯލެނބުމެއްވެސް ނެތި އިށީންނަނީއެވެ. ޢާންމުކޮށް ނަހީކުރެވިފައި ނުވާ ގަޑިތަކުގައި މިކަމުގައި އެއްވެސް ދެކޮޅުހެދުމެއް ނެތި މިދެރަކްޢަތް ކޮށްފައި ނޫނީ ނުއިށީންނަން އަހަންމިއްޔަތުކަން ދޭންޖެހެއެވެ. ނަމަވެސް މަނާކުރެވިފައިވާ ވަގުތުތަކުގެ ގޮތުގައި އިސްވެ ބަޔާންކުރެވުނު ވަގުތު ތަކުގައި މިނަމާދުވެސް އަދި އެހެނިހެން ސަބަބެއް މެދުވެރިވެގެން ކުރެވޭ ސުންނަތް ނަމާދު ތަކުގައިވެސް ދަލީލުތަކުގެ އަލީގައި އެޙުކުމަކަށް އެންމެ ބާރު ލިބޭ ޙުކުމަކީ މިމަނާ ވަގުތު ތަކުގައިވެސް މިފަދަ ސަބަބެއް މެދުވެރިވެގެން ކުރާ ނަމާދުތައް ކުރުމެވެ. ނަމަވެސް މިސްކިތަށް ވަދެ އިށީންނަނަމަ ކުރަން އޮންނަ މަސްޖިދު ސުންނަތްވެސް މިގަޑީގައި ކޮށްގެން ނުވާނެކަމަށް ދެކިލައްވާ ޢިލްމުވެރިން ވެއެވެ. އެހެން ވުމުން އެފަދައިން ދެކި އެގޮތަށް ނިންމާ އެރައުޔުގެ މަތީގައި ހުންނަމީހަކު ޢަޞްރު ނަމާދުގެ ފަހުން އިރުއޮއްސެން ގާތްވެފައި ވަނިކޮށް މިސްކިތަށް އަރާ ދެރަކްޢަތް ނުކޮށް އިށީނުމަކުން، އެމީހަކަށް އެކަން އިންކާރުކޮށް މަނާކޮށް ހަރުކަށިވުމެއް ނުވެއެވެ. ސަބަބަކީ އެއީ މަނާކުރެވިފައިވާ ގަޑިއެކެވެ. އަދި އޭނާއަކީ އެޙަދީޘަށް ބިނާކޮށް އެއްވެސް ސުންނަތެއް އެގަޑީގައި ނުކުރެވޭނެ ކަމަށް ބުނާ ޢިލްމުވެރިންގެ ބަސްފުޅުގެ މަތީގައިވާ މީހެކެވެ. އަދި މިފަދައިން ސަބަބެއް މެދުވެރިވެގެން ކުރެވޭ އެހެނިހެން ސުންނަތް ނަމާދުތަކުގެ ތެރޭގައި ޠަވާފު ކުރުމަށްފަހު ކުރުމަށް ވާރިދުވެފައިވާ ދެރަކްޢަތް ނަމާދާއި، ކޭތައިގެ ނަމާދާއި، ޖަނާޒާ (ކަށު) ނަމާދާއި، ވުޟޫކުރުމަށްފަހު ކުރުމަށް ވާރިދުވެފައިވާ ދެރަކްޢަތާއި، ކަމެއް ފާއިތުވެދާނެކަމަށް ބިރުހީވެފައިވާ ކަމަކަށް ކުރެވޭ އިސްތިޚާރާ ނަމާދާއި އެނޫންވެސް އެފަދަ ނަމާދުތަކެވެ. އަދި މީގެ އިތުރުން މަނާވެފައިވާ މިދެވަގުތުގައި ޚާއްޞަކޮށް ހުއްދަ ދެވިފައިވާ ނަމާދުތަކުގެ ތެރޭގައި ފަތިސް ނަމާދުގެ ކުރިން ކުރަންޖެހޭ، އަދި އެސުންނަތް ކުރުމުގައި އާދަވެފައިވާ މީހަކު ކަމެއް ދިމާވެގެން ފަތިސްނަމާދުގެ ކުރިން އެދެރަކްޢަތް ނުކުރެވިއްޖެނަމަ ފަތިސް ނަމާދުގެ ފަހުން އެސުންނަތް ކުރެވިދާނެ ކަމަށް ވާރިދުވެގެންވެއެވެ. އަދި އެސުންނަތް ނުކުރެވިއްޖެނަމަ އިރުއެރުމަށްފަހު އެސުންނަތް ކުރުމަށް އިރުޝާދު ދެވިފައިވާ ޙަދީޘެއްވެސް ވެއެވެ. އިމާމް އައްތިރިމިޛީ ރިވާކުރެއްވި ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((مَنْ لَمْ يُصَلِّ رَكْعَتَيْ الْفَجْرِ، فَلْيُصَلِّهِمَا بَعْدَمَا تَطْلُعُ الشَّمْسُ)) މާނައީ: [ފަތިސް ނަމާދުގެ އިހުގައި ކުރެވޭ ދެރަކްޢަތް ނުކުރެވުނު މީހާ، ފަހެ އެދެރަކްޢަތް އިރު އެރުމަށް ފަހުގައި ކުރާހުށިކަމެވެ.] މިއިން ދޭހަވަނީ އެދެރަކްޢަތް ވައްޓާނުލައި ދާއިމަށް ކުރުމުގެ މުހިންމުކަމެވެ. އަދި އާދަކޮށް ކުރަމުންދާ މީހަކު އެދެރަކްޢަތް ކުރަންވާ ގަޑީގައި ނުކުރެވިއްޖެ ނަމަ އިރުއެރުމަށް ފަހުގައި ކުރުމަކީ އެދެރަކްޢަތް ޤަޟާ ކުރުމުގައި އެންމެ ރަނގަޅު ގޮތް ކަމެވެ. ނަމަވެސް މިޙަދީޘްގެ މައްޗަށް ބަލައި، މަނާގަޑީގެ ތެރޭގައި މާނައީ ފަތިސް ނަމާދާއި އިރުއެރުމާއި ދެމެދުގައި އެސުންނަތް ކުރުން އެއީ ނުކުރެވޭނެ ކަމެއްގެ ގޮތުގައި ނުނިންމޭނެއެވެ. ސަބަބަކީ އެކަން ހުއްދަކުރައްވާފައިވާ އެހެން ޙަދީޘެއް އޮވެއެވެ. އިމާމް އަބޫދާވޫދު ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ: ((لاَ تُصَلُّوا بَعْدَ الْفَجْرِ إِلَّا سَجْدَتَيْنِ)) މާނައީ: [ތިޔަބައިމީހުން ދެސަޖިދަ ފިޔަވައި (މާނައީ ފަތިސް ނަމާދުގެ ސުންނަތް ދެރަކްޢަތް ފިޔަވައި) އެހެން އެއްވެސް ނަމާދެއް ފަތިސް ނަމާދުގެ ފަހުގައި ނުކުރާށެވެ.] ވީމާ މިއިން ދޭހަވަނީ މިސުންނަތް ދެރަކްޢަތުގެ މުހިންމުކަމުން އަބަދު އެދެރަކްޢަތް އަދާކުރުމުގައި އާދަކޮށްފައިވާ މީހަކު، ސުންނަތް ނަމާދުކުރުން މަނާކުރެވިފައިވާ މިގަޑީގައިވެސް އެސުންނަތް އަދާކުރުން ހުއްދަކަމެވެ. އިމާމް އަބޫދާވޫދު އަދި އިމާމް އަޙްމަދު ރިވާކުރެއްވި އެހެން ޙަދީޘްގައިވެއެވެ: [ޤައިސް ބުން ޤަހްދު ﷲ ގެ ރަސޫލާ صلى الله عليه وسلم އާއެކު ފަތިސް ނަމާދު ކުރެއްވިއެވެ. އަދި އޭނާ ފަތިހުގެ (ސުންނަތް) ދެރަކްޢަތް ކުރިކަމުގައި ނުވެއެވެ. ދެން ﷲ ގެ ރަސޫލާ صلى الله عليه وسلم ސަލާމް ދެއްވުމުން އެނަބިއްޔާ އާއެކު ސަލާމް ދެއްވުމަށްފަހު ތެދުވެ ފަތިސް ނަމާދުގެ ދެރަކްޢަތުގެ ނަމާދު ކުރެއްވިއެވެ. އަދި ﷲ ގެ ރަސޫލާ صلى الله عليه وسلم އޭނާއަށް ބައްލަވަން އިންނެވިއެވެ. އަދި އެކަން ކުރިކަމުގެ މައްޗަށް އެނަބިއްޔާ އޭނާއަށް އިންކާރު ނުކުރައްވައެވެ.] މިޙަދީޘުން ވަރަށް ސާފުކޮށް އެނގިގެން ދަނީ ޤައިސް ފަތިސް ނަމާދުގެ އިހުސުންނަތް އެކުރެއްވީ އެނަބިއްޔާ ސުންނަތް ނަމާދު ކުރުން މަނާކުރައްވާފައިވާ ގަޑިއެއްގައި ކަމެވެ. އެހެންނަމަވެސް އެކަން ކުރެއްވި އިރު އެކަމަށް އިންކާރު ނުކުރައްވާ، އެކަން މަނާނުކުރައްވާ ބައްލަވަން އިންނެވީ އެގަޑީގައި އެސުންނަތް ކުރުން، އިސްތިސްނާގެ ދަށުން އެކަންކުރުން ހުއްދަ ކުރެއްވި ކަމަށް ވާތީއެވެ. މިފަދައިން އަދިވެސް އެހެން ބައެއް ނަމާދުތައް މިފަދަ ގަޑީގައި އިސްތިސްނާވި ކަމާއި އެއީ ކޮން ނަމާދެއް ނުވަތަ ކޮން ނަމާދުތަކެއް ކަން ފަހުން ބަޔާންކުރެވޭ ހުއްޓެވެ.
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.
(ނުނިމޭ)