ދުވަސްވަރަކީ ގިނަ ބަޔަކު ޗުއްޓީއަށް ތަންތަނަށް ފުރަފުރައިގެން ދާ ބޮޑުޗުއްޓީގެ ދުވަސްވަރެވެ. އަހަރެންވެސް ރަހުމަތްތެރިޔަކާއެކީ ޗުއްޓީގައި ލަންކާޔަށް ގޮސްލަން ދިހަދުވަހުގެ ޗުއްޓީއެއް ނަގައި ޓިކެޓަކާއި، ޑޮލަރު ކޮޅެއްވެސް މާކުރިން ގަނެލީމެވެ. އަލަށް ބޭރުގައުމަކަށް ދެވޭތީ ކުރެވޭ އިހުސާސުތައް ބުނެދޭންވެސް ނޭގެއެވެ. އަހަރުމެން ފުރުމަށް ހަމަޖެހިފައި އޮތީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު 12ވަނަ ދުވަހުއެވެ. އަހަރުމެންނަށް ޖާގަ ލިބިފައިވަނީ ފުލައި އެމިރޭޓްސްގެ ހަވީރުގެ ފުލައިޓުންނެވެ. އެހެންކަމުން ޗެކިންވާންޖެހޭ ގަޑިޔަށް ފެރީއަށް އެރޭތޯ އަހަރެންވެސް ފޮށިތަންމަތި ހިފައިގެން ދިޔައިރު ރަހުމަތްތެރިޔާގެ އާއިލާގެ މީހުނާއެކު ފުރަން ތައްޔާރުވެގެން އަހަރެންގެ އިންތިޒާރުގައި ތިއްބެވެ. އަހަރުމެން ނޫނަސް އެތައްބަޔަކު ހުޅުލެޔަށް ދިއުމަށްޓަކައި ތޮށިގަނޑުމަތީގައި ބައިހަދާފައި ތިއްބެވެ. އެހެންކަމުން އަހަރެން ހަމަ ދާއިރަށް ޓިކެޓް ނަގައިގެން ފުރަން ތައްޔާރުވެފައިއޮތް ފެރީއަށް އަރާއިރަށް ހުޅުލެއާދިމާއަށް ފެރީ ނައްޓައިލިއިރު ފެރީގައި އިތުރުމީހަކު އިށީންނާނެ ޖާގައެއް ނެތެވެ.
އަހަރުމެންނަށް ހުޅުލޭ ތޮށިގަނޑުގައި ފައިޖެހުމާއި އެކު އަވަސްއަވަހަށް ފޮށިތައް ބާލައިގެން ފުރާގިމަތަ ތެރެއަށް ވަދެގެން ދިއައީ އަހަރުމެން ނުލައި ބޯޓް ނައްޓާލަފާނެތީއެވެ. އަހަރުމެންނާއެކު ފުރަން އައި މީހުންވެސް އެމީހަކު ދާންވާ ދިމާއަކަށް ގޮސް ނިމިއްޖެއެވެ. ޗެކިން ކިއުގައި މާގިނަ ބަޔަކު ނެތުމާއެކު އަހަރުމެންނަށް މާގިނަ އިރަކު ކިއުގައި މަޑުކުރާކަށް ނުޖެހުނެވެ. ފުރުމާ ދެމެދު ކުޑަވަގުތުކޮޅެއް އޮތުމާއެކު ޑިއުޓީ ފުރީތެރޭގައި ކުޑަކޮށް ތަންތަން ބަލާލުމަށް ހިނގާލާ ފާޚާނާ ކޮށްލައިގެން ދެން އަހަރުމެން ދިޔައީ ފުރާގިމަތައަށެވެ. އެތަނުގައި އެވަގުތު ވަރަށް މީހުން ގިނައެވެ. ތަފާތު ގައުމުތަކުގެ މީހުންނެވެ. ކެތްތެރި ކަމެއްނެތި އަހަރެން އިންތިޒާރު ކުރަމުން ދިޔައީ ފުލައިޓަށް އެރޭނެ ވަގުތަކަށެވެ. މިއީ ބޭރުގައުމަކަށް އަހަރެން ކުރާ ފުރަތަމަ ދަތުރަށް ވެފައި މިފަދަ ބޮޑު ބޯޓަކަށް އެރޭ ފުރަތަމަ ފަހަރު ކަމުން ހިތްނުތަނަވަސް ވެފައި ހުރި ނަމަވެސް ބުނަން ނޭނގޭ ފަދަ އުފާވެރި ކަމެއްވެސް އިހްސާސް ކުރެވެއެވެ.
އަހަރެންނާއެކު ދަތުރުކުރާ އަހަރެންގެ ރަހުމަތްތެރިޔާގެ ދެމަފިރިންނާއި ދަރިފުޅާއެކު ހަތަރު މީހުން ބޯޓަށް އަރާ ކިޔުގައި މަޑުކޮށްލައިގެން ތިބިއިރު ރަހުމަތްތެރިޔާ ތަފާތު ވާހަކަތައް ދައްކަމުންދެއެވެ. ޚާއްޞަކޮށް އޭނާ އަކީ ލަންކާގެ ރައްޔިތެއް ކަމުގައި ވާތީ ލަންކާގެ ރީތި ތަންތަނުގެ ވާހަކަޔާއި ބޮޑެތި ފިހާރަތަކުގައި ހުންނަ އަގުހެޔޮތަކެތީގެ ވާހަކަ ދައްކަމުން ދިޔަދިޔަހެން އަހަރެންހުރީ ބޯއަނބުރާ ހޮޑުލަވާ ގޮތްވެފައެވެ. ކިއުގައި މާގިނައިރު މަޑުކުރާކަށް ނުޖެހުނެވެ. ބޯޓަށް އަރާ ހަމަޖެހިލައިފީމެވެ. އަހަރެން ގެންގުޅެނީ ކުޑަ ފޮއްޓެއްކަމުން އިތުރު ދަބަހެއް ވެސް އަހަރެން ގެންގުޅެންޖެހެއެވެ. ބޯޓަށް އެރުމާއެކު ސީޓްތަކުގައި ހަމަޖެހިލައި ސީޓް ބެލްޓް އަޅުވާލައި ރަނގަޅަށް ގޮޑިތަކުގައި އެންމެންވެސް ހަމަޖެހިލައިފިއެވެ. ކުރިމަތީގައި ހުރި ކުޑަކުޑަ ސްކްރީން ހުޅުވާލައިގެން އެހެންމީހުންނެކޭ އެއްގޮތަށް އަހަރެންވެސް ހެޑްސެޓް ޖަހާލައިގެން އިނީއެވެ. ބޯޓް ބިމުން ނައްޓާލި ވަގުތު އޭގައި ތިބި ކުޑަކުދިންތައް ރޮއި ހަޅޭލައި ހެދިއެވެ. ރަހުމަތްތެރިޔާގެ ފަސްއަހަރުގެ ކުޑަ ދަރިފުޅުވެސް ވަރަށް ބިރުން ރޮއިހަދަން ފަށައިފިއެވެ. ނަމަވެސް ފަހުން ހުއްޓާލައިފިއެވެ. އަދި ކެބިން ކުރޫއިން ގެނެސްދިން ކުލަޖައްސާ ފޮތާއި ކުލަނަގައިގެން ކުރަހަން ފަށައިފިއެވެ. މުޅިންވެސް ތިބީ ބޭރުގައުމުތަކުގެ ކެބިންކުރޫއިންނެވެ. އިސްކޮޅުން ދިގު ދޮން ރީތި އަންހެން ކުދިންނާއި ފިރިހެން ކުދިންނެވެ. ބޯޓަކީ ވަރަށް ރީތި ތަނަވަސް ބޯޓެއްކަން އަހަންނަށް ފާހަގަ ކުރެވުނެވެ. އިރުކޮޅަކުން އެކުދިންތައް ޓްރޮލީގައި ކާއެއްޗެހި އަތުރައިގެން ދަތުރުގެ ބައިވެރިންނަށް ބަހަން ފަށައިފިއެވެ. ބޭރުގެ ފުލައިޓް ތަކުން ވަރަށް ރަނގަޅު ކާއެއްޗެހި ލިބޭ ވާހަކަ މީހުން ކިޔާ އަޑުއަހަމެވެ. އަހަރެންވެސް އިނީ ބަނޑުހައިވެފައި ކަމުން ކާއެއްޗެހި ހަމަ ލިބުމާއެކު އަވަހަށް ކާންފެށީއެވެ. ކޮންމެ މީހަކަށްވެސް ކުޑަކުޑަ ދެ ޕާރުސަލް ދިނެވެ. އޭގައި ހުރީ އާވިންކައްކާފައި ހުރި ތަރުކާރީ ކޮޅަކާއި މޭވާ ކޮޅެކެވެ. އެ ދެޕާރުސަލްގައި ހުރި އެތިކޮޅު އެއްކޮށް ކައިނިންމާލި އިރުވެސް އަހަރެންގެ ބަނޑެއް ނުފުރެއެވެ. ފެންވެސް ނުބޯން އަހަރެން އިނީ ފާޚާނަޔަށް ދާންޖެހިދާނެތީއެވެ. އިރު އިރުކޮޅާ ކޮންމެވެސް އެނައުންސްމަންޓެއް އަރަބި ބަހުންނާއި އިނގިރޭސި ބަހުން ކުރެއެވެ. ބޯޓް އޮތް މިސްރާބުވެސް ކުރިމަތީގައި ހުރި ސްކްރީނުން ދައްކައެވެ. އެހެންމީހުން ފިލްމު ބެލިނަމަވެސް އަހަރެން ފިލްމެއް ނުބަލަމެވެ. މިހެން އިންނަތާ އިރުގަނޑެއްވީ ފަހުން ކުރި އެނައުސްމަންޓަކުން އެގުނީ ލަންކާޔަށް ވަރަށް ބޯކޮށް ވާރޭ ވެހެމުންދާތީ އެއާޕޯޓަށް ޖެއްސުމުގެ ބަދަލުގައި އައިކޮޅަށް އަނބުރާލި ވާހަކައެވެ. އިރުގަނޑަކުން އަނެއްކާވެސް އައިސް ބޯޓް ޖެއްސީ ރާއްޖޭގެ އެއާރޕޯޓްގައެވެ. ދަރުގަނޑަކުން ހިނި ނިކުންނަހެން އެތަންމިތަނުން މީހުން ނިކުމެ ފާޚާނާ ބުޑުގައި ކިއުހަދަން ފަށައިފިއެވެ. އަހަރެންވެސް ފާޚާނަޔަށް ވަންނަން ކިއުގައި މަޑުކޮށްލައިގެން ހުރިއިރު ބޯޓްގައި ދަތުރުކުރާ މީހުންގެ ގިނަކަން ފެނި ހައިރާންވިއެވެ.
މާލޭ އެއަރޕޯރޓްގައި ފަނަރަވަރަކަށް މިނިޓް މަޑުކުރުމަށްފަހު ދެވަނަފަހަރަށް ބޯޓް ނައްޓައިލީއެވެ. ދަތުރުގެ ދިގުކަމުން އަހަރެން އިނީ ނުހަނު ފޫހިވެފައެވެ. ގިނައިރު އެހެން ފައި ލަންބައިގެން އިނުމުގެ ސަބަބުން އަހަރެންގެ ދެކަކުލުގައި ރިހެންފަށައިފިއެވެ. އިންނަން ޖެހުނުގޮޑިޔަކީވެސް އެގޮތަށް މާގިނައިރު އިށީދެ އިންނަށް ކަމުދާއެއްޗަކަށް ނުވިއެވެ. އެހެންކަމުން އަހަރެންގެ ބުރަކަށީގައިވެސް ރިހެންފަށައިފިއެވެ. އަހަރެން އިނީ ކިހާއަވަހަކަށް މަންޒިލަށް ދެވޭނެބާއޭ ހިތަށް އަރާ ދުޢާ،ކޮށްލަކޮށްލައެވެ. މިހެންއިންނަތާ އެތައް އިރެއްވީފަހުން ބޯޓްގެ ބާރުދުވެލީގައި ގަދައަޑުފައްގަޑާއެކު ލަންކާގެ އެއާޕޯޓްގައި ޖައްސައިފިއެވެ. އެންމެންގެ މޫނުމަތިން ހިނިތުންވުން ފެނިގެންދިޔައެވެ.
ބޯޓްގައި ތިބި އެންމެންވެސް އަވަސްވެގަތީ އަވަހަށް ބޭރަށްނިކުތުމަށެވެ. އަހަރުމެންވެސް އަވަސްއަވަހަށް ބޯޓުން ފައިބައިފީމެވެ. އިމިގުރޭޝަންގެ ކަންތައްތަކުން ނިމިގެން ބޭރަށް ނުކުތްއިރު މުޅިއެއާޕޯޓްވެސް އޮތީ ދިއްލާއަޅާފައެވެ. ކުރިސްމަސްޑޭއަށް ތައްޔާރުވުމުގެ ގޮތުން ތަފާތު ކުލަކުލައިގެ ނިވިދިއްލޭ ބޮކިފަތި ދަމާ މުޅިތަން ޒީނަތްތެރި ކޮށްފައި އޮތްއިރު ހީވަނީ އައުކައިވެންޏަކަށް ޒީނަތްތެރި ކޮށްފައިވާ މެހެފިލެއް ހެންނެވެ. ފޮށި ހޯދައިގެން ބޭރަށް ނުކުތްއިރު ރަހުމަތްތެރިޔާގެ ބައްޕަޔާ ދެ ފިރިހެން ކޮއްކޮ ބަލާއައިސްތިއްބެވެ. އެތަނުން ވޭނެއް މަޑުކުރުވައިގެން އޭގައި ދަތުރު ފަށައިފީމެވެ. ގަޑިންވީއިރެއް ނޭގުނުނަމަވެސް ވަރަށް ލަސްވެދާނެކަމަށް ފެނެއެވެ. ވަށައިގެން ފެންނަމުން ދިޔަ މަންޒަރުތަކަށް ބަލަން އަހަރެން އިނީމެވެ. އަހަންނަށް ފެނުނީ ކަނުއަދިރިކަމުގެ ތެރެއިން ތަފާތު ގޮތްގޮތަށް ހަދާފައި ހުރި ފަޅުގެތަކެވެ. އަހަރެން އިނީ މަގުތަކާ ގެތަކަށް ބަލާށެވެ. މުޅިރަށްހެން ވަނީ ނިދާފައެވެ. ވިއްސާރަވުމުގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ. ކާއެއްޗެއް ގަތުމަށްޓަކައި ތަނަކަށް މަޑުކޮށްލައިދިނުމަށް އެދުމުން، ތަންތަން ބަންދުކޮށްފައި ހުރުމުގެ ސަބަބުން އާދައިގެ ހޮޓަލެއް ކައިރިއަށް ވޭން މަޑުކޮށްލިއެވެ. ވޭނަށް ފުރެންދެން އެއްޗެހި އަރުވާފައި އޮތުމުގެ ސަބަބުން އިންނަން ޖެހުނީ ފައިދަމާނުލައެވެ. ކުރިއްސުރެން ކަކުލުގައި ރިހެމުންދާތީ ކެތްނުވެގެން ވޭނުން ފޭބޭތޯ އުޅެފައިމެ އެޚިޔާލު ބަދަލުވީ މަގުމަތީގައި އޮތް ކުއްތާއެއް ފެނުމުންނެވެ. ކުޑަގޮތަކަށް ފައިދަމާލައި ފައި ތެދުކޮށްލެވޭތޯ ބަލާލީ އެވަގުތު ކޮޅުއެވެ. އިރުކޮޅަކުން ކާއެއްޗެހި ހިފައިގެން އައުމުން ޑްރައިވަރު އަނެއްކާވެސް ވޭން ދުއްވާލައިފިއެވެ.
އެތައް އިރަކު ދުއްވުމަށްފަހު ހަނިގޯޅިއަކަށް ވޭން މަޑުކޮށްލައިފިއެވެ. އެއީ އަތިރިމަތީ ސަރަހައްދުކަން އެގެނީ ރާޅުޖަހާއަޑު އިވެމުންދާތީއެވެ. ވިއްސާރަ ވުމުން މުޅިމާހައުލުގައި ވަނީ ދުންފިނީގެ ތެތްކަން ހިފާފައެވެ. ކަނު އަނދިރި ފަޅު ހިސާބެކެވެ. އެމީހުންގެ ވާހަކައިން އެނގުނީ އެއީ އަލަށް އާބާދުވާ ހިސާބެއްކަމެވެ. ހަދާ ނުނިމިހުރި ގެތަކާއި ވަށާފާރު ނުރާނާހުރި ގެއެއްގެ ކައިރިއަށް މަޑުކޮށްލައިފައި އެއްޗެހިތައް ބާލުވާފައި ވޭންވެސް ހިނގައްޖެއެވެ. މަގުގެ އަނެއްފަރާތުގައި ވަރަށްބޮޑު ގޭޓެއްލާފައި ހުރި ގެއެއް ހުއްޓެވެ. އެއީ އަހަރުމެން ތިބެން ހަމަޖެއްސި ކޮޓަރި ހުރި ގެއެވެ. ނަމަވެސް އެގެ ހުރީ ތަޅުލާފައެވެ. ދޮރުގައި ޓަކިޖަހާ ތަޅާހެދުމުންވެސް މީހެއްގެ ހިލަމެއް ނުވިއެވެ. އޭރު ގަޑިން އެއްގަޑި ބައި ވަނީއެވެ. އަހަރެން ހުރީ ވަރުބަލިވެގެން ގޮސް ހަލާކުވާވަރު ވެފައެވެ. ތަނެއްގައި ޖައްސާލަން ބޭނުންވެފައެވެ. އެތައް އިރަކު ތިބިފަހުން ކުރޮޅިޔެއްގައި މީހަކު އައިސް މަޑުކޮށްލައިފިއެވެ. އެމީހާވެސް އެގޭ ދޮރުގައި ތަޅަތަޅާފައި ގޮވިނަމަވެސް މީހެއްގެ ހިލަމެއްނުވިއެވެ. އަނެއްކާވެސް ފޮށިތައް ކުރޮޅިއަށް އަރުވައި އަހަރުމެން އަރާ އިށީނުމުން ހަނިގޯޅިތަކުގައި ދުއްވަމުން ގޮސް ހަތަރު އަނގޮޅިއަކަށް ކުރޮޅި މަޑުކޮށްފިއެވެ. ރެއިލްވޭ ދަގަނޑެއް ހުރަސްކުރުމަށްފަހު އަތިރިމައްޗާ ވަރަށް ކައިރިގައި ދެބުރިޔަށް ހަދާފައިހުރި ގެސްޓް ހައުސްއަކަށް އަހަރުމެން ގެންގޮސްފިއެވެ. އެތަނުގައި ކޮޓަރިތައް އަގުބޮޑުނަމަވެސް އެރޭހެދޭނެ އެހެންގޮތެއް ނެތެވެ. އެހެންކަމުން އެރޭ އެތަނުގައި މަޑުކުރީއެވެ. ފަތިސްއަތަށް އަޅާލުމުން ގަދައަޑުފައްގަނޑާއެކު ހީވީކޮޓަރި ވެސް ވައްޓާލަފާނެހެންނެވެ. ރޭލު އަންނަ އަޑުފަށްގަޑެވެ. އެވޭނެއްގައި ތިންރޭ އެތަނުގައި ހޭދަކޮށްލުމަށްފަހު އަނެއްދުވަހު ތަންކޮޅެއް އަގުހެޔޮތަނަކުން ދެ ކޮޓަރި ލިބިއްޖެއެވެ. އެއީ ތަންކޮޅެއް ރަށުތެރޭގައި ހުރި ގެޔެއްކަމުން ކުރިއަށްވުރެ ފަސޭހަވިއެވެ. ފިހާރަތަކާއި ކާއެއްޗެހި ވިއްކާ ތަންތަން ވެސް ވަރަށް ކައިރީގައި ހުރުމުންނެވެ.
ފުރަތަމަ ތިންދުވަހު އުޅެންޖެހުނީ އެއްކޮށްކަހަލަ ގޮތަކަށް ހޮސްޕިޓަލުގައެވެ. ދެން އުޅެންޖެހުނީ ބާޒާރު ކުރުމުގައެވެ. ހިނގާހިނގާ އަހަރެންގެ ދެފައިގައި ހީވަނީ ހިލަބަދެފައި ހުރިހެންނެވެ. އެތަނުގައި ހުންނަކާއެއްޗެހި އަހަންނަކަށް އެއްގޮތަކަށް ވެސް ނުކެވެއެވެ. ނަސީބަކުން ރަހުމަތްތެރިޔާ ގެންދިޔަ ރިހާކުރު ފުޅިޔަކާއި ހިކިމަސް ކޮތަޅެއް ހުއްޓެވެ. އަހަރެން ގިނައިން ކަނީ ހުސްބަތް ގެނެސްގެން އެޔާ އެއްކޮށެވެ. ކުކުޅުމަސް ކާން ނުކެރެނީ ޣައިރު މުސްލިމުން ހިންގާ ކެފޭތަކުން ގެންނަ އެއްޗެއްސަށް ވީމަ ބިރުންނެވެ. ދެ ދުވަސްވީއިރު އަހަރެން ފޫހިވެގެން ހަލާކުވާ ވަރުވެއްޖެއެވެ. މަގުމަތީގެ ހަލަބޮލިކަމާއި މީހުންގިނަކަމުގެ އިތުރުން،ފިހާރައެއްގެތެރެއަށް ވަނަސް އެދުވާ ދުންދަނޑި ވަހުން އަހަރެން ހުންނަނީ މޭބޮޑުވެފައެވެ. އަމިއްލަ ވަޒަނުގެ މަތިން ހަދާންވެ އަހަރެންގެ ގައުމު އަހަންނަށް މާ ހިތްގައިމުކަމުގައި ފުރަތަމަފަހަރަށް އިހްސާސް ކުރެވިގެން ދިޔައެވެ. ދިހަ ދުވަހަށް ކުރި ދަތުރު ހަމަވެ ޗުއްޓީ ނިންމާލައި މާލެ އަންނަން ފުރަން ހަމަޖެހިފައި އޮތް ދުވަސްވީ ވިއްސާރަ ދުވަހަކަށެވެ. ފުރަން ހަމަޖެހިފައި އޮތީ ހަވީރުގެ ފްލައިޓުންނެވެ. އެއާޕޯޓަށް ދެވުމާއެކު އަވަސްވެގަތީ ޗެކިންގެ ކަންތައްތައް ނިންމާލުމަށެވެ. ކައުންޓަރުގައި އިންކުއްޖާ ބުނީ އަހަރެންގެ ފޮށިތައް މާ ބަރުކަމަށެވެ. ގެނައި އެއް ފޮށްޓާއި ދަބަހުގެ އިތުރުން ދެފޮއްޓާއި ދެ ދަބަސް އިތުރުވެއްޖެއެވެ. އެ ހުރިގޮތަށް ފޮށިގެންދެވޭނީ 100 ޑޮލަރު ދައްކައިގެން ކަމަށްބުނުމުން ހަދާނެ ނަހަދާނެ ގޮތެއް ނޭނގިގެން ކޮޅުކޮޅަށް ދުއްވައި ގަނެވިއްޖެއެވެ. އަހަރެމެން އުޅެގަތް ގޮތް ފެނި އެމީހުން ހައެއްކަ ކޮތަޅު ދީފައި އެއްޗެހިތައް ކޮތަޅު ކޮތަޅަށް އަޅައި އަތުން ހިފައިގެން ގެންދެވިދާނެކަމުގައި ބުންޏެވެ. އޭރުން ފޮށީގެ ބަރުމިން ހަމަޖެހޭނެކަމުގައެވެ. ނަސީބަކުން ދެންތިބި މީހުން އަތުގައި ލަގެޖެއް ނުގެންގުޅެއެވެ. އެހެންކަމުން ކޮންމެ މީހަކު ދެކޮތަޅު ހިފައިދީފިއެވެ. ޗެކިންގެ ކަންތައްތަކުން ނިމިގެން ދެންދިޔައީ ޑިއުޓީ ފްރީއަށެވެ. އެހުރިހާ ތަނެއްގައި ވެސް އުޅެންޖެހުނީ ދެކޮނޑުގައި ދެދަބަސް އަޅުވައިގެން އަދި ދެއަތުން ދެކޮތަޅު ހިފައިގެންނެވެ. މާލެ އައިއިރު ރިހޭ ބުރަކަށިން ތިންދޮރު ކެނޑިއްޖެއެވެ. ގައިގައި ނުރިއްސާ އެންމެ ކަށިކޮޅެއްވެސް ނެތެވެ. މީހުން ބޭރުގައުމު ތަކަށް ޗުއްޓީއަށް ދަނީ ހިތްހަމަޖައްސާލައި މަޖާކޮށްލައި އަރާމުކޮށްލާށެވެ. ނަމަވެސް އަހަރެން ޗުއްޓީ ނިންމާފައި މާލެއައިސް އަނެއްކާ ޖެހުނީ ބުރަކައްޓަށް ބޭސްކުރާށެވެ. އޭގެފަހުން ބޭރުގައުމަކަށް ދިޔުމުގެ ޚިޔާލުވެސް ނުކުރަމެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
އަސްލު ވެސް ތިޔޮތީ ރަނގަޅު ދަތުރެއް ދެވިފަ