އާރޓިކަލް 33 : ނަމާދުކުރުން މަނާގަޑިތަކެއް ވާކަން އެނގޭތަ؟ – (6)

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ޢަޞްރު ނަމާދުގެ ވަގުތަށް ފަހުގައި އެއްވެސް ސުންނަތް ނަމާދެއް ކުރުމާއި މެދު ޢިލްމުވެރިން ވިދާޅުވެފައިވާ ބައެއް ވާހަކަތައް އިސްވެގޮސްފިއެވެ. އެއީ ސަބަބަކާއި ގުޅިގެން ކުރެވޭ ސުންނަތް ކުރުން ހުއްދަ ގަޑިއަކާއި އެފަދަ ސުންނަތް ކުރުމާއި ވެސް ދުރުހެލިވާންޖެހޭ ގަޑިކަމުގައިވާ އިރުއޮއްސުމުގެ ކުރިން އިރުގެ އަލިކަން ރީދޫވާންފަށާ ވަގުތެވެ. އޭގެ ކުރިން ސުންނަތް ނަމާދެއް ކުރުމަކީ މަނާވެގެންވާ ކަމެއް ނޫންކަން އެނގެނީ އަބޫދާވޫދުގައި ޢަލީ رَضيَ اللهُ عنه ގެ އަރިހުން ރިވާކުރެއްވި ޙަދީޘެވެ. އެރިވާޔަތުގައި ޢަލީ رَضيَ اللهُ عنه ވިދާޅުވިއެވެ: ((نَهَى عَنِ الصَّلَاةِ بَعْدَ الْعَصْرِ إِلاَّ وَالشَّمْسُ مُرْتَفِعَةٌ)) މާނައީ: [(ނަބިއްޔާ) ޢަޞްރު ފަހުން ނަމާދުކުރުން ނަހީކުރެއްވިއެވެ. އެއީ އިރު މަތީގައި ހުންނަ ވަގުތު ފިޔަވައެވެ.] މާނައީ އިރު މަތީގައި ހުންނަވަގުތު، އެހެނީ ޢަޞްރުގެ ކުރީކޮޅުގެ ވަގުތުގައި މިނަހީގެ ތެރެއަށް ނުވަންނާނެ ކަމެވެ. ނަމަވެސް ނަހީ އެކުރެވުނީ އިރު އޮއްސެން، އިރު ވަރަށް ތިރިއަށް އައުމުންނެވެ.

ސުންނަތް ކުރުން މިހުއްދަ ދެވުނު ވަގުތުގައި ސަބަބަކާއި ލައިގެން ކުރެވުނު ސުންނަތް ނަމާދެއްގެ ވާހަކަ ޙަދީޘްތަކުގައި އައިސްފައިވެއެވެ. މިސުންނަތް އުންމަތަށް ޝަރުޢުވުމާއި ނުވުމުގައި ޢިލްމުވެރިންގެ މެދުގައި އިޚްތިލާފެއް އުފެދިފައިވެއެވެ. އެކަމާއި ބުޚާރީ އާއި މުސްލިމް ގައި، ޢާއިޝާ رَضيَ اللهُ عنها ވިދާޅުވިކަމަށް ރިވާކޮށްފައި ވެއެވެ: ((ما تَرَكَ النبيُّ صلَّى اللهُ عليه وسلَّمَ السَّجدتينِ بعْدَ العصرِ عِندي قَطُّ)) މާނައީ: [ނަބިއްޔާ صلى الله عليه وسلم ތިމަންނާގެ އަރިހުގައި ހުންނަވާއިރު ޢަޞްރުނަމާދުގެ ފަހުން ކުރައްވާ ދެރަކްޢަތް އެއްގޮތަކަށްވެސް ދޫ ނުކުރައްވައެވެ.] ޞަޙީޙު ބުޚާރީ އަދި މުސްލިމް ގައި ރިވާވެގެންވާ އެހެން ޙަދީޘެއްގައި ވެއެވެ: އެދެބޭފުޅުން، ކުރައިބު رَضِيَ اللهُ عنه ގެ އަރިހުން ރިވާކުރެއްވިއެވެ: އިބްނު ޢައްބާސް އާއި މިސްވަރު ބުން މަޚްރަމާ އާއި ޢަބްދުއްރަޙްމާން ބުން އަޒްހަރު رَضيَ اللهُ عنهمْ އެޞަޙާބީ، ޢާއިޝާ رَضيَ اللهُ عنها އަރިހަށް ފޮނުވިއެވެ. އަދި އެބޭކަލުން ދެންނެވިއެވެ: އެކަމަނާއަށް އަހަރެމެން އެންމެންގެ ފަރާތުން ސަލާމް ރައްދުކޮށްދޭށެވެ. އަދި ޢަޞްރު ނަމާދުގެ ފަހުން އޮންނަ ދެރަކްޢަތާއި މެދު އެކަމަނާއާ ސުވާލުކުރާށެވެ. އަދި އެކަމަނާގެ ގާތުގައި ބުނާށެވެ. ތިޔަ ކަމަނާ ވިދާޅުވި ކަމަށް އަހަރެމެންނާ ހަމައަށް އައިސްފައިވާ ގޮތުގައި ތިޔަކަމަނާ އެދެރަކްޢަތް ކުރައްވައެވެ. އަދި ނަބިއްޔާ صلى الله عليه وسلم އެކަން ނަހީކުރައްވާ ކަމަށް އަހަރެމެންނާ ހަމައަށް އައިސްފައިވެއެވެ. އަދި އިބްނު ޢައްބާސް ވިދާޅުވިއެވެ: ތިމަންނާ، ޢުމަރު ބުން އަލްޚައްޠާބު އާއެކު އެނަމާދު ކުރާމީހުން އެކަމުން މަނާކުރުމަށް ތަޢުޒީރުވެސް ކުރީމެވެ. ކުރައިބު ވިދާޅުވިއެވެ: ފަހެ ތިމަންނާ ޢާއިޝާ رَضيَ اللهُ عنها އަރިހަށް ވަނީމެވެ. އަދި އެބައިމީހުން އެކަމަކައިގެން ތިމަންނާ ފޮނުވި ކަންތައް އެކަމަނާއަށް ކިޔައިދިނީމެވެ. ދެން އެކަމަނާ ދެންނެވިއެވެ: އުންމު ސަލަމާ ކުރެން ސުވާލުކުރައްވާށެވެ. ދެން ތިމަން އެމީހުންގެ ގާތަށް ނިކުމެ އެކަމަނާ ދެންނެވި އެއްޗެއް އެބައިމީހުންނަށް ދެންނެވީމެވެ. ދެން އެބައިމީހުން ތިމަންނާ ޢާއިޝާގެ ގާތަށް އެކަމަކައިގެން ފޮނުވި ކަންތަކައިގެން، އުންމު ސަލަމާގެ ގާތަށް ފޮނުއްވިއެވެ. ދެން އުންމު ސަލަމާ رَضيَ اللهُ عنها ވިދާޅުވިއެވެ: ނަބިއްޔާ صلَّى اللهُ عليه وسلَّم އެކަމުން މަނާކުރައްވާ ވާހަކަ ތިމަންކަމަނާ އަޑުއެއްސެވީމެވެ. ދެން އެއަށްފަހު ޢަޞްރު ނަމާދު ކުރުމަށްފަހު، އެދެރަކްޢަތް ކުރައްވަނިކޮށް ތިމަންކަމަނާ ދެކިލެއްވީމެވެ. ދެން އެކަލޭގެފާނު ތިމަންކަމަނާގެ ގާތަށް ވެދެވަޑައިގެންނެވިއެވެ. އެހިނދު ތިމަންކަމަނާ ގެ ގާތުގައި، އަންޞާރުންގެ ބައެއް ކަމުގައިވާ ބަނޫ ޙަރާމް ގެ އަންހެނުންތަކެއް ތިއްބެވިއެވެ. ތިމަންކަމަނާ ކުޑަ އަންހެން ކުއްޖަކު އެނަބިއްޔާގެ އަރިހަށް ފޮނުވީމެވެ. ތިމަން އެކުއްޖާ ގާތުގައި ބުނީމެވެ: އެނަބިއްޔާގެ ގާތުގައި އެއްއަރިމަތީގައި މަޑުކޮށްލުމަށްފަހު އެނަބިއްޔާ ގާތުގައި އަހާށެވެ: އުންމު ސަލަމާ ކަލޭގެފާނަށް ދަންނަވައެވެ: އޭ ﷲ ގެ ރަސޫލާއެވެ. މިދެރަކްޢަތް ކަލޭގެފާނު މަނާކުރައްވާކަން ތިމަން ކަމަނާ އަޑުއެއްސެވީމެވެ. އެއަށްފަހު އެދެރަކްޢަތް ތިޔަނަބިއްޔާ ކުރައްވާތަން ތިމަންކަމަނާއަށް އެބަ ފެނިވަޑައި ގަންނަވައެވެ. އެނަބިއްޔާގެ އަތްޕުޅުން އިޝާރާތް ކުރައްވައިފި ނަމަ އެނަބިއްޔާ އާ ކުޑައިކޮށް ދުރަށް ފަހަތަށް ޖެހިލާށެވެ. ދެން އެއަންހެން ކުއްޖާ އެކަން އެގޮތަށް ކުރެއްވުމުން އެނަބިއްޔާގެ އަތުން އިޝާރާތް ކުރެއްވުމުން އެކުއްޖާ ފަހަތަށް ޖެހިލިއެވެ. ދެން އެނަބިއްޔާ (ނަމާދުން) އަވަދިވެވަޑައިގެން ޙަދީޘްކުރެއްވިއެވެ: ((يا بنْتَ أبِي أُمَيَّةَ، سَأَلْتِ عَنِ الرَّكْعَتَيْنِ بَعْدَ العَصْرِ، وإنَّه أتَانِي نَاسٌ مِن عبدِ القَيْسِ، فَشَغَلُونِي عَنِ الرَّكْعَتَيْنِ اللَّتَيْنِ بَعْدَ الظُّهْرِ، فَهُما هاتانِ)) މާނައީ: [އޭ އަބޫ އުމައްޔާގެ އަންހެން ދަރިޔާއެވެ. ތިޔަ ސުވާލުކުރަނީ ޢަޞްރުގެ ފަހުން ކުރާ ދެރަކްޢަތުގެ ވާހަކައެވެ. ހަމަކަށަވަރުން ތިމަން ނަބިއްޔާގެ ގާތަށް ޢަބްދުލް ޤައިސް ގެ ބަޔަކު އައިސް ތިބުމުން މެންދުރު ނަމާދުގެ ފަހުން ކުރާ ދެރަކްޢަތް ތިމަން ނަބިއްޔާއަށް ގެއްލިގެން ދިޔައެވެ. މިކުރައްވާ ދެރަކްޢަތަކީ އެދެރަކްޢަތެވެ.] އަސްލު މައުޟޫޢިން ދުރައް ޖެހިލައި މިޙަދީޘުން ލިބޭ ވަރަށް މަތިވެރި ފައިދާތަކެއް ޛިކުރު ކޮށްލުމަކީ ވަރަށް މުހިންމުކަމެކެވެ. އެގޮތުން ޢާއިޝާ އާއި އުންމު ސަލަމާގެ ޢިލްމުވެރިކަމާއި ނަބިއްޔާގެ އެދެ އަނބިކަނބަލުންގެ މާތްކަން ދޭހަކޮށްދެއެވެ. އަދި އޭގެ އިތުރުން މިޙަދީޘުން އަބަދުވެސް ކޮންމެ މީހަކުވެސް، ކޮންމެކަމެއްގައިވެސް ދީނީ ކަންކަމާ ސުވާލު ކުރަން ވާނީ އެކަމެއްގައި އެންމެ ފުރިހަމަ ޢިލްމެއް ލިބިފައިވާ މީހެއްގެ ގާތުގައިކަން އެނގިގެން ދެއެވެ. އަދި ދީނީ ކަންކަން ހޯދަން އަބަދުވެސް މީހުންނާ ސުވާލުކޮށްގެން މަސައްކަތް ކުރުމަކީވެސް ނުހަނު މުހިންމު ކަމެއްކަން އެނގިގެން ދެއެވެ. އޭގެއިތުރުން ޚިޔާލު ތަފާތުވާ މައްސަލަތައް އަބަދުވެސް އެކަމުގައި ފަހުގޮތް ނިންމުމަށްވެސް އެންމެ ފިޤުހުވެރި އެންމެބޮޑަށް ދީނީ ޢިލްމު ލިބިފައިވާ ދަންނަބޭކަލުން ކުރެން އަހާ އެގޮތަކަށް ތަބާވުން މުހިންމުކަންވެސް އެނގިގެންދެއެވެ. އަދި ޢިލްމެއް ހޯދުމަށް މީހެއްގެ ގާތަށް ދާން ލަދުވެތިވެއްޖެ ނަމަ، އެހެންމީހަކު ފޮނުވައިގެންވެސް އެކަމެއް އޮޅުންފިލުވުން މުހިންމުކަން އެނގިގެން ދެއެވެ. އޭގެ އިތުރުން މިމައުޟޫޢާ ގުޅުންހުރި ފައިދާތަކަށް ބަލާއިރު، މެންދުރު ނަމާދުގެ ފަހުން ސުންނަތް ނަމާދު (ރަވާތިބު ސުންނަތް) ކުރުން ސާބިތުވެފައިވާ ކަމާއި އެނަމާދުތައް ކުރާމީހަކަށް ކަމެއް ދިމާވެގެން ނުކުރެވިއްޖެ ޙާލަތެއްގައި އެނަމާދު ކުރަން އޮންނަ ވަގުތުގައި ނޫން އެހެން ވަގުތެއް ޤަޟާ ކުރެވިދާނެކަން ވެސް އެނގެއެވެ. އަދި ޢަޞްރު ފަހުން ސުންނަތް ނަމާދު ކުރުން މަނާކުރެވިފައި ވީކަމުގައި ވީނަމަވެސް، ސަބަބެއް މެދުވެރިވެގެން ނުވަތަ މެންދުރު ނަމާދުގެ ސުންނަތް އެގަޑީގައި ނުކުރެވި ގެއްލިގެން، އެފަދަ ސުންނަތްތައް އަދާކުރުން ހުއްދަވެގެން ދާކަން އެނގެއެވެ. ޞަޙީޙް މުސްލިމް ގައި ރިވާވެގެންވެއެވެ: عن أبي سَلَمَةَ ، أَنَّهُ سَأَلَ عَائِشَةَ عَنِ السَّجْدَتَيْنِ اللَّتَيْنِ كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُصَلِّيهِمَا بَعْدَ الْعَصْرِ ، فَقَالَتْ : ( كَانَ يُصَلِّيهِمَا قَبْلَ الْعَصْرِ ، ثُمَّ إِنَّهُ شُغِلَ عَنْهُمَا ، أَوْ نَسِيَهُمَا ، فَصَلَّاهُمَا بَعْدَ الْعَصْرِ ، ثُمَّ أَثْبَتَهُمَا ، وَكَانَ إِذَا صَلَّى صَلَاةً أَثْبَتَهَا)  މާނައީ: އަބޫ ސަލަމާ ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޢަޞްރު ފަހުގައި ކުރައްވާ ދެރަކްޢަތް ނަމާދާއި މެދު ޢާއިޝާ އާއި ސުވާލު ކުރެއްވިއެވެ. އެހިނދު އެކަމަނާ ވިދާޅުވިއެވެ: [އެދެރަކްޢަތް އެނަބިއްޔާ ކުރައްވާ ކަމުގައިވަނީ ޢަޞްރުގެ ކުރިންނެވެ. ދެން ކަމެއްގައި އުޅުއްވަން ޖެހިވަޑައިގަތުމުން އެދެރަކްޢަތް ނުކުރެވިދިޔައީއެވެ. ނުވަތަ އެރަކްޢަތް ކުރަން ހަނދުމަފުޅު ނެތިގެން ދިޔައީއެވެ. ދެން އެދެރަކްޢަތް ޢަޞްރުގެ ފަހުން ކުރެއްވީއެވެ. އަދި އެއަށްފަހު އެގޮތުގައި (އެނަމާދު ދާއިމީ ގޮތެއްގައި ކުރެއްވުމުގައި) ސާބިތުވެވަޑައިގެންނެވިއެވެ. އެނަބިއްޔާ ނަމާދެއް ކުރައްވައިފިނަމަ އެޢަމަލެއް ކުރުން މަތީގައި ދެމިހުންނަވައެވެ.] މިމައްސަލައިގައި ބައެއް ޢިލްމުވެރިން މިޙަދީޘުން ދަލީލު ނަންގަވާ ގޮތުގައި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަބަދު އެދެރަކްޢަތް ކުރައްވާފައިވުމުން، އެގަޑީގައި މިފަދައިން އެހެންމީހުންވެސް ސުންނަތް ދެރަކްޢަތް އަދާކުރުމަކީ ސުންނަތް ގޮތެކެވެ. ނަމަވެސް ޖުމްހޫރު ޢިލްމުވެރިންގެ ގާތުގައި މިޙަދީޘުން ދަލީލު ނެގެނީ މެންދުރު ކުރީގެ ރަކްޢަތް ފާއިތުވާ މީހާއަށް އެދެރަކްޢަތް އަދާކުރުން ހުއްދަ ކަމުގައެވެ. ނަމަވެސް އެނޫން މީހުން މިފަދައިން ކުރުން އެބޭފުޅުން ސުންނަތެއް ކަމުގައި ދެކެވަޑައި ނުގަންނަވައެވެ. "ފަތުހުލް ބާރީ" ގައި މިމައްސަލައިގައި ވާހަކަ ދައްކަވަމުން، އިމާމް އިބްނު ޙަޖަރު رحمه الله ވިދާޅުވިއެވެ: "ދެންފަހެ، ނަބިއްޔާ صَلَّى اللَّه عَلَيْهِ وَسَلَّمَ ގެ އެޢަމަލުގައި ދެމިހުންނެވުން އެއީ އެނަބިއްޔާ އަށް ޚާއްޞަވެގެންވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ." މިމައްސަލައިގައި ސަޢޫދީ ޢަރަބިޔާގެ ދީނީ ފަތުވާ މަޖްލިސް އާއި އައްޝައިޚް އިބްނު ބާޒު رحمه الله ވެސް ދެކެލައްވަނީ ހަމަމިފަދައިންނެވެ. މިރައުޔުގެ ދަށުން އެދެރަކްޢަތް ރަސޫލާ صَلَّى اللَّه عَلَيْهِ وَسَلَّمَ ކުރެއްވި ފަދައިން އެހެންމީހުން ކުރުން އެއީ އޮތްކަމެއް ނޫނެވެ.

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

(ނުނިމޭ)

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *