މިއަދު ހަވީރު 4 ޖަހާއިރު ރާއްޖޭގެ ހުރިހާ ސްކޫލެއް ބައިވެރިކޮށްގެން ބާއްވާ އދ. އާއްމު މަޖިލީހު ނަމޫނާ ބައްދަލުވުމުގައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ބައިވެރިވާނީ ގްރޭޑް 11 ސީ ގެ އަންޖަލް މުޙައްމަދު ޢަގީލެވެ. އަންޖަލް ތަމްސީލް ކުރާނީ އަލްޖީރިޔާ އެވެ. މިދިޔަ އަހަރު ގްރޭޑް 10ބީ ގައި ތަޢުލީމް ޙާޞިލްކުރި އަންޖަލް އަކީ މިދިޔަ އަހަރުގެ ސްކޫލް ކެޕްޓަނެވެ.
މިއަދު ބާއްވާ ބައްދަލުވުމުގައި އދ. ގެ ގައުމުތައް ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުން ހިމެނޭހެން ތަމްސީލުކުރާނެއެވެ. "ވަރޗުއަލް މޮޑެލް ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް"ގެ ނަމުގައި ކުރިއަށް ގެންދާ މި ބައްދަލުވުމުގައި ކޮންމެ އަތޮޅެއްގެ އެއް ސްކޫލަކުން ދަރިވަރަކު ވާހަކަ ދައްކާނެއެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ ބައްދަލުވުމުގެ ރައީސެއްގެ ހަސިއްޔަތުން ސީއެޗްއެސްއީގެ ދަރިވަރު އިބްރާހިމް ނާބިޠު އަބްދުއްރަހުމާނެވެ. މި ބައްދަލުވުމުގައި ދަރިވަރުން ބައިވެރިވާނީ އެ ދަރިވަރަކު ތަމްސީލުކުރާ ގައުމެއްގެ ޡަޤާފީ ހެދުމެއްގައެވެ މި ބައްދަލުވުން މިއަދު ހަވީރު 4 ޖަހާއިރު، ޓީއެމުން ލައިވްކުރަން ވަނީ ނިންމާފައެވެ.

މިއީ ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ހިމަނައިގެން މިފަދަ ބައްދަލުވުމެއް ބާއްވާ ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކެންޑަރީ ސްކޫލް (އީ.ޕީ.އެސް ސްކޫލް) އިންވަނީ މީގެ 40 އަހަރު ކުރިން ފެށިގެން (1981 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް) އެ ސްކޫލްގެ ދަރިވަރުންނަށް "މިނީ ޔޫއެންއޯ" ގެ ނަމުގައި މިފަދަ ބައްދަލުވުންތަކެއް ބާއްވާފައެވެ.
އދ. އާންމު މަޖިލީހުގެ ޖަލްސާތައް ފެށުން ފާހަގަ ކުރުމުގެ ގޮތުން ޔޫއެންޖީއޭ ގެ ނަމުގައި ސްކޫލްތަކުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވެއެވެ. އޭގެ ތެރޭގައި އދ.ގެ ނަމޫނާ ބައްދަލުވުންތައް ވެސް ހިމެނެއެވެ.