ބުރާސްފަތި, 17 އޭޕްރިލް 2025

ރީޑިންގ ޕްރޮގްރާމްގެ ރިވެލި: ހިންގި ހަރަކާތްތަކާއި ނަތީޖާ

މިއީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަން އިން 2020 ވަނަ އަހަރު ހިންގި މާސްޓަރ އޮފް އެޑިއުކޭޝަން ޕްރޮގްރާމްގެ ރީޑިންގ އެންޑް ރައިޓިންގ ފޮރ ލެންގުއޭޖް ލަރނަރސް މާއްދާގެ އެސައިންގމެންޓެއްގެ ގޮތުގައި އަޅުގަނޑުކޮށްފައިވާ ދިރާސީ މަސައްކަތެކެވެ. މި ދުވަސްވަރަކީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި ވެސް ކޮންމެ ދުވަހެއްގެ ކިޔެވުން ރީޑިންގ ޓައިމަކުން ފަށާ ދުވަސްވަރަކަށް ވާތީ މިއީ މިފަދަ މަސައްކަތެއްގެ މައުލޫމާތު ގެނެސްދޭން އެންމެ މުނާސަބު އެއް ދުވަސްވަރުކަމަށް ދެކެމެވެ. ކުރިއަށް ހުރި ހަފްތާތަކުގައި މި މަސައްކަތުގެ ބައިތައް ކޮންމެ ބުދަ ދުވަހަކު ގެނެސްދެމުންދާނަމެވެ. އަދި މި ލިޔުން ނިންމާލަމުން ސްކޫލް މެނޭޖްމަންޓުގެ ލަފާއާއި މަޝްވަރާ ހޯދުމަށްފަހު އިންޓެންސިވް އަދި އެކްސްޓެންސިވް ރީޑިންގެ މަސައްކަތްތަކެއް ދަރިވަރުންނާ ހަވާލުކުރެވޭތޯ މަސައްކަތްކުރާނަމެވެ.

ތަޢާރަފް

ލިޔުމެއްގެ ދެލިގަނޑު ކިތަންމެ ފަރިތަކޮށް ކިޔަން އެނގުނު ކަމުގައިވިޔަސް އެ ލިޔުމެއް ކިޔަން އެނގޭކަމަށް ބެލެވޭނޭ ހަމައެއްނެތެވެ. ލިޔުމެއް ކިޔަން އެނގުމުގެ ޕްރޮސެސްގެ ތެރޭގައި ތަފާތު ހުނަރުތަކެއް ކިޔުންތެރިޔާއަށް ހާސިލުވެފައި ހުރުން މުހިންމުވާތީއެވެ. ލިޔުމުގެ ދެލިގަނޑާއި އަޑުމަޚުރަޖު އެނގި، އެ އަޑުތައް އެމުނިއެކުލެވިގެން ލަފުޒުތައް އުފެދި، އެ ލަފުޒުތައް ޖުމުލަތަކުގައި ތަރުތީބުވާ ގޮތާއި، އެ ލަފުޒުތަކުގެ ބޭރުފުށުގެ މާނައާއި، މަޖާޒީ  މާނަ އަދި ލަފުޒުތައް އެތުރޭގޮތުގެ ސަބަބުން މާނަނެރުމަށް އަންނަ ބަދަލުތައް އެނގުމުން މެނުވީ ކިޔަން އެނގޭ ކަމަކަށް ނުބެލެވޭނެއެވެ. އެހެންކަމުން، ލިޔުމެއް ކިޔަން އެނގި އަދި ދޭހަކުރުމުގައި މި ހުނަރުތައް ކިޔުންތެރިޔާގެ ކިބައިގައި ހުރުމަކީ ކޮންމެހެން ވެސް ބޭނުންތެރި ކަމެކެވެ.

މި ދިރާސީ މަސައްކަތަކީ އުމުރުން 7 އަހަރާއި 14 އަހަރާ ދެމެދުގެ ދަރިވަރެއްގެ، ކިޔުމުގެ ހުނަރު އިތުރަށް ކުރިއެރުވުމުގެ މަޤްޞަދުގައި އެ ދަރިވަރަށް އަމާޒުކޮށްގެން އެކްސްޓެންސިވް ރީޑިންގއާއި އިންޓެންސިވް ރީޑިންގ ހިމަނައިގެން ރީޑިންގ ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށްފަހު، އެ ރީޑިންގ ޕްރޮގްރާމުން ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް ބިނާކޮށް ރިވެއްޔެއް (ރިފްލެކްޝަނެއް) ލިޔުމަށް ކޮށްފައިވާ ޢިލްމީ މަސައްކަތެކެވެ. މި ރިވެލީގައި އެކްސްޓެންސިވް ރީޑިންގއާއި އިންޓެންސިވް ރީޑިންގ އެޕްރޯޗަކީ ކޮބައިކަމާއި، މި ދެ އެޕްރޯޗް ބޭނުންކުރުމާ މެދު  ދިރާސާވެރިންގެ ރަޢުޔުތަކާއި، މި ދެ އެޕްރޯޗް ބޭނުންކޮށްގެން ކިޔުން ކުރިޔަށް ގެންދެވިދާނެ ގޮތްތަކުގެ މައްޗަށް ބަލައިލައިފައިވާނެއެވެ. މީގެ އިތުރުން މި ރީޑިންގ ޕްރޮގްރާމް ހިންގުނު ދަރިވަރަކީ ކާކުކަން އެނގޭފަދަ ޒާތީ މަޢުލޫމާތު އުނިކޮށް، އެ ދަރިވަރުގެ ކުރު ތަޢާރަފެއް ވެސް މި ރިވެލީގައި ޚުލާޞާކޮށް ލިޔެފައިވާނެއެވެ. މި ޚުލާޞާގައި، ރީޑިންގ ޕްރޮގްރާމްގެ ކުރިން ދަރިވަރުގެ ކިޔުމުގެ ފެންވަރު ހުރި ވަރު، ބަޔާންކޮށްފައިވާނެއެވެ. އަދިހަމަ އެހެންމެ، އެކްސްޓެންސިވްކޮށް އަދި އިންޓެންސިވްކޮށް ކިޔުން ކުރިޔަށް ގެންދިޔަގޮތާއި ދަރިވަރަށް ހަވާލުކުރި ހަރަކާތްތައް (އެކްޓިވިޓީތައް) ވެސް މި ރިވެލީގައި ތަފްޞީލުކޮށް އޮޅުންފިލުވައިދެވިފައިވާނެއެވެ. އަދި ރީޑިންގ ޕްރޮގްރާމަށްފަހު، ދަރިވަރުގެ ކިޔުމުގެ ހުނަރަށް އައިސްފައިވާ ބަދަލު ވެސް މި ރިވެލީގައި ބަޔާންކޮށްފައިވާނެއެވެ.

ލިޓްރެޗަރ ރިވިއު

މި ބައިގައި ބަލައިލާނީ އެކްސްޓެންސިވް ރީޑިންއާއި އިންޓެންސިވް ރީޑިންގ އެޕްރޯޗަކީ ކޮބައިކަމާއި މި ދެ އެޕްރޯޗް ބޭނުންކުރުމުގައި ދިރާސާވެރިންގެ ރަޢުޔާއި، މި ދެ އެޕްރޯޗް ބޭނުންކޮށްގެން ކިޔުން ކުރިޔަށް ގެންދެވިދާނެ ގޮތްތަކުގެ މައްޗަށެވެ. މީގެ އިތުރުން ކިޔުން ކުރިއަށްގެންދާ ގޮތާއި، ކިޔުމުގެ ހަރަކާތްތައް ކުރިއަށްދާނޭ  ގޮތާއި، އަދި ކިޔުމުގައި ގެންގުޅޭ ތަފާތު އެކި އުކުޅުތަކުގެ މައްޗަށް ވެސް ލިޓްރެޗަރ ރިވިއުގައި ބަލައިލެވިފައިވާނެއެވެ.

ކިޔުމުގެ އުކުޅުތައް

ލިޔުމެއް ކިޔުމުގައި ކިޔުންތެރިންނަށް މައިގަނޑު ދެ ގޮތެއް ނުވަތަ ދެ އުސްލޫބެއް (ސްޓައިލެއް)  ބޭނުންކުރެވިދާނެއެވެ. އެ ދެ ގޮތަކީ އެކްސްޓެންސިވް ރީޑިންގއާއި އިންޓެންސިވް ރީޑިންގއެވެ. އެކްސްޓެންސިވް ރީޑިންގ އަކީ ދަރިވަރުން، އެބައިމީހުންގެ މުނިފޫހިފިލުވުން ފަދަ ބޭނުންތަކަށް އެބައިމީހުންގެ ބަހަވީ ޤާބިލްކަމުގެ އިމުގެ ތެރޭގައި ހިމެނޭ، ވަރަށް ގިނަ އަދަދެއްގެ ދިގު ލިޔުންތައް ކިއުމެވެ. އެކްސްޓެންސިވް ރީޑިންގއަކީ އައު ބަހަކުން ދަރިވަރުން ވަރަށް ގިނަ އަދި އެހާމެ ފަސޭހަ ލިޔުންތަކެއް ވަކި ޚާއްޞަ ނުވަތަ މުހިންމު ލަނޑުދަނޑިއެއް ނެތި ކިޔުމެވެ. ކުރުކޮށް ދަންނަވާނަމަ، އެކްސްޓެންސިވް ރީޑިންގއަކީ އަމިއްލަ ހިތްހަމަޖެހުމާއި މުނިފޫހިފިލުވުމަށް ލިޔުން ކިޔުމެވެ. އެކްސްޓެންސިވް ރީޑިންގ ކިޔާ މީހެއްގެ ކިބައިގައި ޑީކޯޑުކުރުމާއި ދޭހަކުރުމުގެ ހުނަރު ރަނގަޅަށް އަށަގަނެފައި ހުންނަންވާނެއެވެ. އެހެންކަމުން އެކްސްޓެންސިވް ރީޑިންގ އަކީ ދިގު ލިޔުންތައް، ނުވަތަ ގިނަ ޢަދަދެއްގެ ލިޔުންތައް ހިމެނޭ މެޓީރިއަލްތައް، ލިޔުމުގެ އާންމު މައުލޫމާތު ދެނެގަތުމަށް ނުވަތަ ކިޔުންތެރިޔާގެ އަމިއްލަ ނަފްސުގެ ހިތްހަމަޖެހުމަކަށް ނުވަތަ މުނިފޫހިފިލުވުމުގެ ގޮތުން ކިޔުމަށް ބޭނުންކުރާ އެޕްރޯޗެއް ކަމަށް ދެންނެވިދާނެއެވެ. މި އެޕްރޯޗުގައި ކިޔަން އިޚްތިޔާރުކުރަނީ ފަސޭހަ ލިޔުންތަކެވެ. މާނަ ދޭހަކުރުމަށް ރަދީފު ފަދަ ވަޞީލަތްތައް ބޭނުންނުކޮށް، އުނދަގޫ ލަފުޒުތައް ދޫކޮށްލައެވެ. ނުވަތަ ލަފާކުރާ މާނަ ދެނެގަނެއެވެ. އެކްސްޓެންސިވް ރީޑިންގައި ސަމާލުކަން ދެނީ ކިޔުމުގެ ފަރިތަކަން އަށަގެންނެވުމާއި ލިޔުމުގެ ޖުމްލަ ދޭހައެއް ލިބިގަތުމަށެވެ.

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވވ ފުރިހަމަ…މި ފަދަ ދިރާސާ އަކަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކިޔާލަން ލިބޭކަމަށްޓަކައި އުފާކުރަން…ދެވަނަ ބަޔަށް ނުހަނު ބޮޑަށް އިންތިޒާރު އެބަކުރަން…

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *