އާރޓިކަލް 34 : ނަމާދުކުރުން މަނާގަޑިތަކެއް ވާކަން އެނގޭތަ؟ – (7)

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ސުންނަތް ނަމާދުތައް ކުރުން މަނާކުރެވިފައިވާ ގަޑިތަކުގެ ވާހަކަ ދެކެވޭއިރު އިސްވެ ޛިކުރުކުރެވުނު ގަޑިތަކަކީ އިރުގެ ދައުރުވުންތަކާއި ގުޅިގެން ކޮންމެ ދުވަހަކުވެސް ވަކި ތަރުތީބަކުން އަހަރެމެންނާ ކުރިމަތިވާ ވަގުތުތަކެކެވެ. އޭގެ އިތުރުން ބައެއްފަހަރު ސުންނަތް ނަމާދު ކުރުން، ވަކި ކަމެއް ހިނގުމާއި ގުޅިގެންވެސް މަނާވެގެން ދެއެވެ. އެގޮތުން ފަރުޟު ނަމާދުގެ ޖަމާޢަތް މިސްކިތުގައި ފެށުމާއި އެކު މިސްކިތުގެ ތެރޭގައި ހުންނަމީހަކު އެޖަމާޢަތުގައި ބައިވެރި ނުވެ ހުރެ، ކޮންމެވެސް ސުންނަތް ނަމާދެއް ކުރުމަކީ ރަސޫލާ صلى الله عليه وسلم މަނާކުރައްވާފައިވާ ކަމެކެވެ. އިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((إذا أُقِيمَتِ الصَّلاةُ، فلا صلاةَ إلَّا المكتوبةَ)) މާނައީ: [(ފަރުޟު) ނަމާދު ފެށިއްޖެ ހިނދު، ފަރުޟުނަމާދު ފިޔަވައި އެހެން ނަމާދެއް ނުވެއެވެ.] މިތަނުގައި މިވާ "އެހެން ނަމާދެއް ނުވެއޭ" ބުނެވޭ ބަހުގެ މާނައިގައި، އަލްއިމާމް އައްޝައުކާނީ "ނައިލުލް އައުޠާރު" ގައި ވިދާޅުވިއެވެ: "އަލްޢިރާޤީ ވިދާޅުވިއެވެ: ހަމަކަށަވަރުންވެސް "ނަމާދެއް ނުވެއެވެ" މީގެ މާނައަކީ ނަމާދަށް ޤަމަތްދެވޭ ހިނދު އެހެން އެއްވެސް ނަމާދެއް ކުރަން ފަށައިގެން ނުވާނޭކަމަށް ވުން އެކަށީގެންވެއެވެ. އަދި އޭގެ މުރާދަކީ ޤަމަތް ދިނުމުގެ ކުރިން، ނަމާދެއް ކުރަން ފަށައިގެން އުޅޭނަމަ، އެހެން އެއްވެސް ނަމާދެއްގައި މަޝްޣޫލު ނުވެ، ނަމާދުކުރަން ހުރިމީހާ އެނަމާދެއް މެދުކަނޑާލުން ކަމުގައި ވެސް ވެދާނެއެވެ. އެއީ ހަށަންބަން ތަކްބީރުގެ މާތްކަން ލިބިގަތުމަށް ނުވަތަ ނަމާދު ކުރަމުންދިޔަ މީހާ އަމިއްލައަށް އެނަމާދު މެދުކަނޑައި ނުލައިފިނަމަ، އެއީ އެ(ކުރަމުންދިޔަ) ނަމާދު އަމިއްލަ ޒާތުގައި ބާޠިލުވެގެން ދިއުން ކަމުގައިވެސް ވެދާނެއެވެ. މިދެގޮތްވެސް ވުން އެކަށީގެން ވެއެވެ." މަޛްހަބުތަކުގެ ދަންނަބޭކަލުންވެސް ބޮޑަށް ބުރަވެ ލައްވަނީ ފަރުޟު ނަމާދަކަށް ޤަމަތް ދެވުމަށް ފަހުގައި އެއްވެސް ސުންނަތް ނަމާދެއްގައި މަޝްޣޫލުވެގެން ނުވުމެވެ. ހަންބަލީ މަޛްހަބުގެ އިމާމެއް ކަމުގައިވާ، އިބްނު ޤުދާމާ "އަލްމުޣްނީ" ގައި ވިދާޅުވިއެވެ: "ނަމާދަށް ޤަމަތްދެވި ނަމާދު ފެށުމަށްފަހު، އެނަމާދުގައި ބައިވެރިވުން ދޫކޮށްލާ ސުންނަތް ނަމާދެއްގައި މަޝްޣޫލުވުމެއް ނުވެއެވެ. އެއީ ފަރުޟު ނަމާދުގެ ރަކްޢަތެއް ގެއްލިދާނެ ކަމުގައި ބިރު އޮތްކަމުގައި ވިޔަސް ނުވަތަ އެބިރު ނެތް ކަމުގައި ވިޔަސް މެއެވެ. އަދި މިއީ އަބޫހުރައިރާ، އިބްނު ޢުމަރު، ޢުރުވާ، އިބްނު ސީރީން، ސަޢީދު ބުން ޖުބައިރު، އައްޝާފިޢީ، އިސްޙާޤު އަދި އަބޫޘައުރު ވެސް ވިދާޅުވާ ގޮތެވެ." އަދި ޝާފިޢީ މަޛްހަބުގެ އިމާމެއް ކަމުގައިވާ އަލްއިމާމް އައްނަވަވީ "އަލްމަޖްމޫޢު" ގައި ވިދާޅުވިއެވެ: [އައްޝާފިޢީ އާއި އެމަޛްހަބުގެ އަޞްޙާބުން ވިދާޅުވިއެވެ: ނަމާދަށް ޤަމަތްދީ ނަމާދު ފެށުމަށްފަހު، ފަރުޟު ނަމާދު ކުރަން އެދޭމީހާ، ސުންނަތް ނަމާދެއް ކުރަން ފަށައިގަތުމަކީ އެއީ ކަރާހަތްތެރި (ނުރުހުންތެރި) ވެގެންވާ ކަމެކެވެ. އެއީ އެނަމާދެއްގެ ރަވާތިބު ސުންނަތް ކަމުގައިވިޔަސް ނުވަތަ މަސްޖިދު ސުންނަތް ކަމުގައިވިޔަސް ނުވަތަ އެނޫން ސުންނަތް ނަމާދެއް ވިޔަސް މެއެވެ. އެއީ މިޙަދީޘްގެ ޢާންމު މާނައަށް ބަލާފައެވެ. މުއައްޛިނު (ނަމާދުގެ އިމާމްމީހާ) ޤަމަތްދީ ނިންމިޔަސް ނުވަތަ އެޤަމަތުގެ ތެރޭގައި ކަމުގައިވިޔަސް މެއެވެ. އަދި އެއީ އޭނާއަށް އެނަމާދު ނިންމާލާ، ތަކްބީރަތުލް އިޙްރާމް (ހަށަންބަން ތަކްބީރު) ގައި އިމާމް އާ އެކު ބައިވެރިވެވޭނެކަން އެނގޭ ކަމުގައިވިޔަސް ނުވަތަ ނޫން ކަމުގައި ވިޔަސް މެއެވެ. އެއީ މިޙަދީޘްގެ ޢާންމު މާނައަށް ބަލާފައެވެ. އެއީ އަހަރެމެންގެ މަޛްހަބެވެ. އަދި ޢުމަރު ބުން އަލްޚައްޠާބު، އެޞަޙާބީގެ ދަރި (އިބްނު ޢުމަރު)، އަބޫހުރައިރާ، ސަޢީދު ބުން ޖުބައިރު، އިބްނު ސީރީން، ޢުރްވަތު ބުން އައްޒުބައިރު، އަޙްމަދު، އިސްޙާޤު، އަބޫޘައުރު ވެސް ވިދާޅުވާ ގޮތެވެ. ނަމަވެސް އިބްނުލް މުންޛިރު، އިބްނު މަސްޢޫދު ގެ އަރިހުން ނަޤުލުކުރައްވާ ގޮތުގައި އެޞަޙާބީ އިމާމް މީހާ ފަރުޟު ނަމާދުގައި ވަނިކޮށް ފަތިހުގެ ދެރަކްޢަތް ކުރެއްވިއެވެ. އަދި ބައެއް ބޭކަލުން ވިދާޅުވިއެވެ: އެމީހަކު މިސްކިތުގައި ފަތިސް ނަމާދު ކުރަނިކޮށް ދިމާވިނަމަ، އަދި އެމީހާ ސުންނަތް ކޮށްފައި ނުވާނަމަ، މިސްކިތުން ބޭރަށް ނިކުމެފައި އެސުންނަތް ކުރާށެވެ. ދެން އެއަށްފަހު މިސްކިތަށް ވަދެ އިމާމާއެކު ފަރުޟު ނަމާދު ކުރާނީއެވެ. އަދި މާލިކް، (ފުރަތަމަ) ރަކްޢަތް ފާއިތުވެދާނެ ކަމުގެ ބިރު އެމީހަކަށް ނެތްނަމަ، އެފަދައިން ކަންކުރެވިދާނެ ކަމަށް ވިދާޅުވިއެވެ. އަދި އެކަމުގެބިރު އޮތް ނަމަ އިމާމާ އެކު ނަމާދު ކުރާނީއެވެ. އަދި ސަޢީދު ބުން ޢަބްދުލް ޢަޒީޒް އަދި އަބޫޙަނީފާ ވިދާޅުވިއެވެ: އިމާމާގެ ނަމާދު ލިބޭނެކަން އެނގޭނަމަ ސުންނަތުގެ ދެރަކްޢަތް މިސްކިތުގެ އަރިމަތީގައި ކުރާށެވެ. އެހެން ނޫންނަމަ އިމާމާ އެކު ހަށަން ބަންނާނީއެވެ." މިމައްސަލައިގައި އެންމެ ރަނގަޅު ގޮތަކީ ހުރިހާ ޙަދީޘްތަކަށް ޢަމަލު ކުރުމެވެ. މިޙަދީޘަށް ޢަމަލުކުރުމުގެ ގޮތުން ފަރުޟު ނަމާދު ފަށަން ކައިރިވެފައިވާކަން އެނގޭ ހިނދު، އަދި މިހާރު ސުންނަތް ކުރަން ފަށައިފިނަމަ އެސުންނަތް ނަމާދު، ފަރުޟު ނަމާދަށް ފަށާއިރުވެސް ނުނިމޭނޭ ކަން އެނގޭނަމަ ސުންނަތް ނަމާދު ކުރަން ފަށައިނުގަތުމެވެ. އަދި އެކަން ދެނެގަންނަން ނޭނގި ސުންނަތް ފަށާފައި ވަނިކޮށް ފަރުޟު ނަމާދަށް ޤަމަތް ދެވޭ ހިނދު އޭނާ ފުރަތަމަ ރަކްޢަތުގައި ހުރިނަމަ އެސުންނަތް ނަމާދު އެހިސާބުން ދޫކޮށްލާ ފަރުޟު ނަމާދުގެ ޖަމާޢަތުގެ ސަފުގައި ބައިވެރިވުމެވެ. ދެވަނަ ރަކްޢަތުގައި ވާނަމަ، އެސުންނަތް ނަމާދު އަވަސްކޮށް ވަރަށްބޮޑަށް ކުރުކޮށް، ޖަމާޢަތް ފެށުމުގެ ކުރިން ސުންނަތް ނަމާދު ކޮށް ނިންމާލުމެވެ. ފަރުޟު ނަމާދުގައި ބައިވެރިވުމުގެ ގޮތުން ސުންނަތް ނަމާދު ނުކުރެވުނު ނަމަ، ނުވަތަ އެސުންނަތް ނަމާދު ދޫކޮށްލަން ޖެހުނުނަމަ، ފަތިސް ނަމާދު ނުވަތަ އެހެންނަމާދެއް ވިޔަސް، އެނަމާދެއް ނިންމުމަށްފަހު އެސުންނަތް ޤަޟާއަށް ކޮށްލުމެވެ. ނުވަތަ ފަތިސް ނަމާދުގެ ސުންނަތް ނަމަ، ފަތިސް ނަމާދު ނިމިގެން ނުވަތަ އިރުއެރުމުން އެސުންނަތް ޤަޟާއަށް އަދާކުރުމެވެ. މިއީ އެންމެ ބޮޑަށް ސުންނަތާއި އެއްގޮތަށް ޢަމަލުކުރާނަމަ ޢަމަލުކުރެވޭނެ ގޮތެވެ. ދެންފަހެ އިބްނު މަސްޢޫދު رَضيَ اللهُ عنه އިމާމްމީހާ ފަރުޟު ނަމާދުކުރަނިކޮށް ސުންނަތް ކުރެއްވި ކަމަށް ބައެއް ޢިލްމުވެރިން، އެ ގެންނަވާ ޙަދީޘްގައި އެރިވާޔަތް ބުނެވިދިޔަ ޢާންމު ޙަދީޘްއާ ފުށޫ ނާރާނޭ ގޮތަށް، އެތައް ގޮތަކަށް ވާހަކަ ދެއްކިދާނެއެވެ. މިސާލަކަށް އެއީ ފަރުޟު ނަމާދުގެ ފުރަތަމަ ރަކްޢަތް ލިބޭނޭ ޙާލަތެއްގައި ކަމަށްވެސް ވެދާނެއެވެ. ނުވަތަ އިބްނު މަސްޢޫދުގެ ސުންނަތް ނަމާދު ނިމެން ދަނިކޮށް، އިމާމްމީހާ ޤަމަތްދިން ކަމުގައިވެސް ނުވަތަ ނަމާދަށް ފެށީކަމުގައިވެސް ވެދާނެއެވެ. މިހުރިހައި ޙާލަތެއްގައިވެސް، އެރިވާޔަތް ބަޔާންކުރާ ރާވީއަކު ބަޔާންކުރާނީ ފަރުޟު ނަމާދު ކުރިއަށްދަނިކޮށް އެޞަޙާބީ ސުންނަތް ކުރެއްވި ކަމުގައެވެ. އެޞަޙާބީން އެފަދަ ޙަދީޘްތަކާއި ސީދާ ޚިލާފު ނުވާނޭ ކަމުގައި ޤަބޫލުކުރުމަކީ މަޖްބޫރު ކަމެކެވެ. މިމައްސަލައިގައި ސަޢޫދީގެ ފަތުވާ ކޮމެޓީ އިން ފަތުވާ ދެއްވަނީ މިގޮތަށެވެ. ޤަމަތް ދެވުމުން އިމާމާ އެކު ފަރުޟު ނަމާދު ކުރުމަށް، ސުންނަތް ކުރަން ހުރިމީހާ އެނަމާދު ދޫކޮށްލާ ފަރުޟު ނަމާދުގައި ބައިވެރިވުން ހުއްދަވާނޭތޯ ނުވަތަ ސުންނަތް އަދާކުރާނީތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި ކޮމެޓީން ވިދާޅުވިއެވެ: "އާއެކެވެ. ފަރުޟު ނަމާދު ފެށިއްޖެ ހިނދު، އިމާމާއެކު ހަށަން ބަން ތަކްބީރު ލިބިގަތުމަށްޓަކައި، ތިބާ ކުރަން ހުރި ސުންނަތް ނަމާދު ދޫކޮށްލާނީއެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ސާބިތުވެފައިވާ ފަދައިން ޢަމަލުކުރުމަށެވެ. [(ފަރުޟު) ނަމާދު ފެށިއްޖެ ހިނދު، ފަރުޟުނަމާދު ފިޔަވައި އެހެން ނަމާދެއް ނުވެއެވެ.]" {ފަތާވާ އައްލަޖްނަތުއް ދާއިމާ 7/132} އަދި ހަމަމިފޮތުގެ މިސަފްޙާގައި، މިގޮތަށް ސުންނަތް ނަމާދު ދޫކޮށްލާ ހިނދު އެނަމާދު ކުރަން ހުރި މީހާ ދެސަލާމުން ސަލާން ދޭނެތޯ ނުވަތަ ސަލާން ނުދީ ނަމާދު ހަމަ ދޫކޮށްލާފައި ދާނީތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި ވިދާޅުވިއެވެ: [ޢިލްމުވެރިންގެ ބަސްފުޅުތަކުން އެނގޭ އެންމެ ރަނގަޅު ގޮތަކީ އެނަމާދު މެދުކަނޑާލާ ދޫކޮށްލުމެވެ. އަދި އެކަމުގައި އެނަމާދުން ނިކުމެ އިމާމާއާ ގުޅޭކަށް، (އެހުރިނަމާދުން) ސަލާމް ދިނުމަކަށް ބޭނުމެއް ނުޖެހެއެވެ.] ވީމާ މިއަދު މިސްކިތުގައި ބައެއްމީހުން ސުންނަތް ނަމާދުކުރަން ފަށާއިރަށް އިމާމް މީހާ ފަރުޟުނަމާދަށް ޤަމަތް ދިނުމުންވެސް އެސުންނަތް ނަމާދު ދޫކޮށް ނުލައި އެސުންނަތް ނަމާދާއިގެން ކުރިއަށް ދާދިއުމަކީ ސުންނަތާ ޚިލާފު، އިސްވެބުނެވުނު ޙަދީޘްއާވެސް ޚިލާފަށް ކުރެވޭ ކަމެކެވެ. އެކަންކަމުން ދުރުވާންޖެހެއެވެ. އެއީ ޙަދީޘްއާ ޚިލާފުވުމުގެ އިތުރުން ޖަމާޢަތުގެ ނަމާދަށް ސަފުހަދާ މީހުންނަށްވެސް އެކަމުން އުނދަގޫތައް ކުރިމަތިވާ ޙާލަތުތައްވެސް މެދުވެރިވާތީއެވެ.

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

(ނުނިމޭ)

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *