އިންޑިއާގައި ތަމްރީން ހަދަމުން ދިޔަ ޕްރައިވެޓް މުޙައްމަދު ސުލްޠާން އިބްރާހީމް ނިޔާވެއްޖެ އެވެ. އޭނާ ނިޔާވީ އިންޑިއާގެ ނެޝަނަލް ޑިފެންސް އެކަޑެމީގައި ތަމްރީން ހަރަކާތެއްގައި އުޅެނިކޮށެވެ. އެމްއެންޑީއެފުން ބުނީ، ރާއްޖެ އިން ބޭރުގައި ތަމްރީން ހަދަމުންދިޔަ ސިފައިންގެ މީހަކު، ތަމްރީން ހަރަކާތެއްގައި އުޅެނިކޮށް ނިޔާވެފައިވާ ކަމަށެވެ. އޭނާ ނިޔާވީ ތަމްރީނުތަކުގައި އުޅެނިކޮށް ކުއްލި ގޮތަކަށް ވެއްޓިގެންނެވެ.
އެމްއެންޑީއެފުން ފަހުން މީޑިއާގައި ބުނިގޮތުގައި، މިއަދު އޮތް "އެންޑިއުރެންސް ރަން" އެއް ފުރިހަމަ ކުރުމުގެ ތެރޭގައި ސުލްތާން ކުއްލި ގޮތަކަށް ވެއްޓުމުން އިމަޖެންސީގައި މެންދުރު 1:58 ހާއިރު ހޮސްޕިޓަލަށް ގެންދިޔަ އެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ވަނީ ނިޔާވެފައި ކަމަށް ދިވެހި އަސްކަރިއްޔާ އިން ބުންޏެވެ.
އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑެމީގެ ތަމްރީނުތަކުގައި ސުލްތާން ގުޅުނީ މި އަހަރުގެ ޖެނުއަރީގައި ކަމަށް ވާއިރު، އޭނާގެ ކޯސް ނިމޭނީ 2023 ގައެވެ. މިއަދު ހަދަމުން ދިޔައީ ފުރަތަމަ އަހަރުގެ ދެވަނަ ޓާމުގެ ފިޒިކަލް އެންމެ ފަހުގެ ތަމްރީނުތައް ކަމަށް ވެއެވެ.
އއ. ހިމަންދޫ އަށް ނިސްބަތްވާ ޕްރައިވެޓް މުހައްމަދު ސުލްތާން (22 އަހަރު) އަކީ އޭނާގެ އާއިލާގައި ތިބި އެއްބަނޑު އެއްބަފާ ކުދިންގެ ތެރެއިން އެންމެ ހަގު އަދި ހަމައެކަނި ފިރިހެން ކުއްޖާއެވެ.
ސުލްޠާނަކީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އޭލެވެލްގައި ތަޢުލީމް ޙާޞިލް ކޮށްފައިވާ ދަރިވަރެކެވެ. އޭނާ އޭލެވެލް ނިންމާފައިވަނީ 2018 ވަނަ އަހަރުއެވެ. އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް މޫސާ ޞަލާޙް ވިދާޅުވީ ސުލްޠާނަކީ ސްކޫލްގައި އުޅުނުއިރު ވަރަށް މަޑުމައިތިރި ހިތްހެޔޮ ވަރަށް ބަސް އަހާ ކުއްޖެއް ކަމުގައެވެ. ކިޔެވުމަށް ވަރަށް ގަދައަޅާ މަސައްކަތްކުރި ވަރަށް ރަނގަޅު އަޚްލާގެއްގެ ޒިންމާދާރު ކުއްޖެއް ކަމުގައެވެ. އޭނާ ސިފައިންގެއަށްވަނީ ސްކޫލް ނިންމި ގޮތަށެވެ.
ސުލްޠާން ނިޔާވުމާގުޅިގެން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލާއި މެނޭޖްމެންޓާއި ޓީޗަރުންގެ ފަރާތުން އޭނާގެ އާއިލާއަށް ތަޢުޒިޔާ ރައްދުކުރެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
إنا لله وإنا إليه راجعون