އިހު އެވޭލާ ޒަމާނު ރާއްޖޭގައި އިންޕޯޓު އަދި އެކްސްޕޯޓުކޮށް އުޅުނު ބައެއް ބާވަތްތައް

ޒަމާނަށްއައި ބޮޑު ބަދަލާއެކު މިއަދު މިވަނީ ދިވެހިންގެ ވިޔަފާރިއާއި އިޤުތިޞާދަށް ހީނުކުރާހާ ބޮޑެތި ބަދަލުތައް އައިސްފައެވެ. އިހުއެވޭލާ ޒަމާނުއްސުރެ ވެސް ދިވެހިންގެ ތެރޭގައި އަދިވެސް ކުރަމުން އަންނަ އެއްކަމަކީ އެކްސްޕޯޓު އިންޕޯޓު ކުރުމުގެ ވިޔަފާރިއެވެ. އެހެންކަމުން ޒަމާނާއެކު އެކްސްޕޯޓު އަދި އިންޕޯޓުކުރެވޭ ބާވަތްތައް މިވަނީ އަޅުގަނޑުމެން ހުވަފެނުން ވެސް ނުދެކޭހާ ކުރިއަށް ޖެހިލާފައެވެ. މިއަދު އިމްޕޯޓު ކުރުމަށް މިވަނީ އިންގިލާބެއް އައިސްފައެވެ. ކުޑަ މުއްދަތެއްގެތެރޭގައި ދުނިޔޭގެ ކޮންމެ ހިސާބަކުން ވިޔަސް ރާއްޖެއަށް މުދާ އިމްޕޯޓު ކުރުމަކީ މާ ބޮޑުކަމެއް ނޫނެވެ. ދައްކަން މިއުޅޭ ވާހަކައަކީ މިއަދު އިމްޕޯޓު އެކްސްޕޯޓު ކުރުމަށް އައިސްފައިވާ ބަދަލުތަކެއްގެ ވާހަކައެއްނޫނެވެ. އަހަރުމެންގެ ރާއްޖޭގައި އިހުއެވެލާ ޒަމާނުގައި މިކަން ކޮށްއުޅުނުގޮތާއި އެތެރެކުރެވުނު ބާވަތްތަކާއި ބޭރު ކުރެވުނު ބާވަތްތަކުގެ ވާހަކައެވެ.

އޮޅުދޫކަރައިގެ ގާލީ (ގޯލް) ބަނދަރު އިހުގައި

ރާއްޖޭގެ އިޤުތިޞާދަށް ބަދަލު ގެނެސްދޭ އެންމެ މުހިންމު އެއްކަމަކީ ރާއްޖެއަށް އެތެރެކުރެވޭ މުދަލާއި ބޭރުކުރެވޭ މުދަލެވެ. މިހާރެކޭ އެއްފަދައިން އިހު އެވޭލާ ޒަމާނުގައި ވެސް ރާއްޖެއިން ބޭރު ޤައުމުތަކުން ރާއްޖޭގެ އުފެއްދުންތައް ގަނެގެން  ގެން ގޮސްފައިވާކަން ތާރީޚުން ހެކި ދެއެވެ. ހަމައެއާއެކު ރާއްޖެއަށް މުދާ އެތެރެ ކުރެވިފައިވެއެވެ. ތަފާތަކީ މިހާރު ރާއްޖެ އެތެރެކުރާ ބާވަތްތައް ތަފާތުވެ، މުދާތައް ގިނަވެ، އުފެއްދުންތައް ބޭރުކުރެވޭ ނިސްބަތް އިތުރުވުމެވެ. އަދި ކުރީ ޒަމާނާ ޚިލާފަށް އިމްޕޯޓު އެކްސްޕޯޓު ކުރެވޭ ގޮތް ވެސް ތަފާތުވުމެވެ.

އެގޮތުން ރާއްޖޭގެ ތާރީޚަށް ނަޒަރު ހިންގާލާއިރު އެކުސްޕޯޓު ކުރެވުނު ބާވަތްތައް އޭރާ ބަލާއިރު މަދެކޭ ނުދެންނެވޭނެއެވެ. އެގޮތުން އެކްސްޕޯޓުކުރެވުނު ތަކެތީގެ ތެރޭގައި ، ބޮލި، ރޯނު، އެންދެރި، ކާށި، ހިކި ކަނޑުމަސް ފަދަ ބާވަތްތައް ހިމެނެއެވެ. ނަމަވެސް  ތާވައްކާއްޓާއި، މާވަހަރާއި، ކަޅު މުރަކަ، ކަހަނބުފަތް، ފަދަތަކެއްޗަކީ ދިވެހިން ކުރާ ކެޔޮޅުކަމުގެ ތެރެއިން ހޯދާ  އެކްސްޕޯޓު ކުރެވުނު ތަކެއްޗެވެ. އަދި އެކުސްޕޯޓުކުރެވުނު މުދާ އެންމެ ގިނައިން ގެންގޮސްފައިވާ ޤައުމުތަކުގެ ތެރޭގައި ސްޕެއިން، ހޮލެންޑު، ޕާޝިއާ، އިންޑިޔާ، ބަންގުލަދޭސް އަދި ޕޯޗްގަލް، އެފުރިކާ ފަދަ ޤައުމުތައް ހިމެނެއެވެ. މިނޫނަސް އެހެން ގައުމުތަކުންވެސް ރާއްޖެއިން ތަކެތިގަނެގެން ގެންގޮސްފައިވާކަން ތާރީޚުން ހެކިދެއެވެ. އެގޮތުން އެދުވަސްވަރު އެންމެ ގިނައިން ރާއްޖެއިން ބޭރުކޮށްފައިވަނީ ބޮއްޔެވެ.

އިމްޕޯޓުކުރެވުނު ބައެއް މުދާ:

އިހުއެވޭލާ ޒަމާނުގައި ރާއްޖެއަށްބޭނުންވާ ބައެއްތަކެތި އިމްޕޯޓުކޮށްފައިވާކަން ތާރީޚު ލިއުއްވާ ބޭފުޅުން ހާމަކުރައްވައެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ ހަވާދުގެ ބާވަތްތައް އިމްޕޯޓުކޮށް އުޅުނީ އިންޑިޔާއިންނެވެ. މީގެއިތުރުން ކާއްޓާއި ހިކި ކަނޑުމަސް ދީފައި ބޭރުގެ ވިޔަފާރި ވެރިންގެ އަތުން ހަނޑުލާއި، ރަނާއި، ރިހި އަދި ތެލިފަދަ ލޯކަންވާރު ގަނެގެން ގެންނަކަމަށް އަރަބި ވިޔަފާރިވެރިންގެ ބަހުން ހާމަވެއެވެ. އަދި އޭރު ދިވެހިންގަންނަ މައިގަނޑު ބާވަތްތަކުގެ ތެރޭގައި ތެލާއި، އަތަރާއި، ކަފަޔާ، ދަނގަޑާއި، ރަންރިހި ފަދަތަކެތިވެސް ހިމެނެއެވެ. ހަމައެއާއިއެކު ފޭރާން ވިޔުމަށްޓަކައި ބޭނުންވާ ކަފަ ގެންނަނީވެސް ބޭރުގެ ޤައުމުތަކުންނެވެ.

އެކްސްޕޯޓު ކުރެވުނު ބައެއް ތަކެތި:

ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރާތަކެއްޗަށް ބަލާއިރު މާވަހަރާއި ބޮލި ގަތުމަށް ގިނަ އަދަދެއްގެ ޑަޗު ނައު ފަހަރު ރާއްޖެ އަންނަކަމުގެ ހެކި ލިބިފައިވާކަމަށް ތާރީޚު ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ހާމަކުރައްވައެވެ. އެގޮތުން ކޮންމެ އަހަރަކު ބޮޑެތި ފަހެއް ނުވަތަ ހަ ނައު ބަންގާޅުން ރާއްޖެއަށް އާދެއެވެ. އެނައު ފަހަރުން ގެންނަ ހަކުރާއި، ހަނޑުލާއި، ފަށުވިފޭރާމާއި، ރަނާއި ރިއްސާއި، މޮޅު ކަފަ އަދި ފޭރާން ވިއްކާފައި އެމީހުން ގަންނަނީ ބޮއްޔެވެ. އެގޮތުން ބަންގާޅުގައި އެބޮލި ބޭނުންކުރަނީ ފައިސާގެ ގޮތުގައެވެ. ހަމައެއާއެކު އިހުއެވޭލާ ޒަމާނުގައި ދިވެހިން އެންމެ ބޮޑު އާމްދަނީއެއް ހޯދި ތަކެތީގެ ތެރޭގައި ކަހަނބުފަތް ހިމެނެއެވެ. އެގޮތުން އެންމެ އަގުބޮޑުކޮށް ވިއްކަނީ އެއްކޮށް އޮއްވާ ހިއްކާފައި ހުންނަ ކަހަނބުފަތެވެ. މިވައްތަރުގެ ކަހަނބުފަތުގެ ތެރޭގައި ކަޅާއި ރީނދޫ ކުލަ ހިމެނެއެވެ.  މިއީ ވަރަށް އަގުހުރި ބާވަތެކެވެ. މިއީ އެގާރަވަނަ ޤަރުނުގައި ދިވެހިން އެންމެ ބޮޑު އާމްދަނީއެއް ހޯދި އެއް ބާވަތެވެ. (ނުނިމޭ)

މައުލޫމާތު ނެގި މަސްދަރުތައް:

ނަސީމާ މުޙައްމަދު. (1998). ދިވެހިރާއްޖޭގެ ޤަދީމީ ތާރީޚް 5. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

އަހުމަދު ޝަފީޤު (2000). ދަންފުޅި، ސާސްތުރަ.މާލެ.

އަޙްމަދު ޝަފީޤް. (1991). ރައްވެހިކަމުގެތެރޭގައި ދިވެހިން. ފަތްތޫރަ 144، ސ. 15 އެޗްސިޕީބެލް. (1940). ދަ މޯލްޑިވް އައިލެންޑްސް މޮނޮގްރާފް އޮފްދަ ހިސްޓްރީ އާކިއުލޮޖީ އެންޑް އެޕިގްރަފީ.       ކޮލަންބޯ: ގަވަރމެންޓްޕްރެސް

މުޙައްމަދު އިބްރާހިމް ލުޠުފީ. (ޑިސެމްބަރ، 1992). ފަތްތޫރަ، 165، ޞ11-15މުޙައްމަދު އިބްރާހިމް ލުތުފީ. (1993). ދުނިޔޭގެ ލިޔުންތެރިންގެ ގަލަމުން ދިވެހިރާއްޖެ5. ފަތްތޫރަ 167 ، ވޮލިއުމް 14، ސ. 14. މުޙައްމަދު އިބްރާހިމް ލުތުފީ. (1993). ދުނިޔޭގެ ލިޔުން ތެރިންގެ ގަލަމުން ދިވެހިރާއްޖެ7. ފަތްތޫރަ 170، ވޮލިއުމް15، ސ. 10.

މުޙައްމަދު އިބްރާހިމް ލުތުފީ. (1993). ދިވެހިރާއްޖެ. ފަތްތޫރަ 171،ވޮލިއުމް15، ސ.15 -16

މުޙައްމަދު އިބްހާރިމް ލުޠުފީ. (1994).  ދިވެހިރާއްޖޭގެ ޖޯގްރަފީގެ ވަނަވަރު (1 ވަނަ އަދި 2 ވަނަ ބައި)

މޫސާ ޢަލީ. (އަހަރު ނެތް). ދިވެހީންގެ އާދަކާދަ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *