ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގައި އެމްއެންޔޫއާ އެކު އަޙްމަދިއްޔާ ބައިވެރިވެއްޖެ

މިއަދު ފާހަގަކުރި ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ހަރަކާތްތަކުގައި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އާ އެކު އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ގްރޭޑް 10 ގެ ޓްރަވެލް އެންޑް ޓޫރިޒަމް (ޓީޓީ) ދަރިވަރުން ބައިވެރިވެއްޖެއެވެ.

އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް އިން އިންތިޒާމްކޮށްގެން އެ ފެކަލްޓީގައި ކުރިޔަށް ދިޔަ ހަރަކާތްތަކުގައި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުން އެ ފެކަލްޓީއަށް ޒިޔާރަތްކުރުމުން އެ ފެކަލްޓީން ވަނީ ދަރިވަރުންނާއި މުދައްރިސުންނަށް ވަރަށް ހޫނުމަރުހަބާއެއް ކިޔާފައެވެ.

މި ހަރަކާތުގެ ތެރެއިން އެފްއެޗްޓީއެސްގެ ލެކްޗަރާއިންނާއި (ދާރިސުންނާއި ދާރިސާއިން) ދަރިވަރުން ވަނީ އެ ފެކަލްޓީގައި ހިނގާ ކޯސްތަކާ ބެހޭ މުހިއްމު މައުލޫމާތުތަކެއް އަޙްމަދިއްޔާގެ ދަރިވަރުންނާ ހިއްސާކޮށް، އެ ފެކަލްޓީގެ މުހިއްމު ތަންތަން ދައްކައި، ޢަމަލީ ގޮތުން ބައެއް މަސައްކަތްތައް ކުރާ ގޮތް ދަރިވަރުންނަށް ދައްކާފައެވެ.

މިއަދުގެ ހަރަކާތުގައި ކޭކު ފެޅުމާއި، ދަރިވަރުންގެ ޝުޢޫރުފާޅުކުރުން ވެސް އޮތެވެ. މި ހަރަކާތާ ބެހޭ ގޮތުން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޓީޓީ ޓީޗަރ ސުބްރަމާނިޔަމް ރާމަނަ (ސުބޫ ސަރ) ވިދާޅުވީ މިއީ ވަރަށް ބޭނުންތެރި ހަރަކާތެއް ކަމަށާއި، މީގެ ފައިދާ ދަރިވަރުން ހިފާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް މިފަދަ ފުރުޞަތުތަކެއް ލިބިގެންދާނޭ ކަމަށް އުއްމީދުކުރައްވާ ކަމަށް ސުބޫ ސަރ ވިދާޅުވިއެވެ. މި ހަރަކާތާ ބެހޭ ގޮތުން ގްރޭޑް 10 އެފްގެ ދަރިވަރު އަޙްމަދު މުޒްދާން ފަޔާޒް ވެސް ބުނީ މިފަދަ އިތުރު ފުރުސަތަކަށް ވަރަށް އުއްމީދުކުރެވޭ ކަމަށާއި ވަރަށް އެކުވެރި މާހައުލެއްގައި ކުރިޔަށް ދިޔަ މި ހަރަކާތުގެ ސަބަބުން ހޮސްޕިޓަލިޓީ ދާއިރާއިން ލިބިފައިވާ މައުލޫމާތުތަކާ ބެހޭ އަމަލީ މަސައްކަތްތައް ފެނި  ވަރަށް ގިނަ އިތުރު ކަންތައްތަކެއް ދަސްވެ، އެ ދާއިރާއަށް އިތުރަށް ލޯހުޅުވިގެންދިޔަ ކަމަށެވެ.

މިފަދަ މުހިއްމު ހަރަކާތެއް އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުން ބައިވެރިކޮށްގެން ހިންގެވި ކަމަށްޓަކައި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މެނޭޖްމަންޓްގެ ފަރާތުން އެމްއެންޔޫ އަދި އެފްއެޗްޓީއެސްގެ އިސްވެރިންނާއި މުވައްޒަފުން އަދި ދަރިވަރުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *