ރީޑިންގ ޕްރޮގްރާމްގެ ރިވެލި: ހިންގި ހަރަކާތްތަކާއި ނަތީޖާ

ބުދަ ދުވަހުގެ ބަޔާއި ގުޅޭ …..

އިންޓެންސިވް ރީޑިންގ އަކީ ވަކި މަޤްޞަދެއް ޙާޞިލް ކުރުމަށްޓަކައި ނުވަތަ ބޭނުންވާ ވަކި ލަނޑުދަނޑިއަކަށް ވާޞިލްވުމަށްޓަކައި ފުން މާނަ ދޭހަވާނޭހެން ލިޔުމެއް ކިޔުމެވެ. މި އެޕްރޯޗުގެ ސަބަބުން ދޭހަކުރަން ފަސޭހަވުމާއި، ޖުމުލައިގެ އޮނިގަނޑު އެނގުމާއި، ބަސްކޮށާރު މުއްސަނދިވުމުގެ އިތުރުން ކިޔުންތެރިޔާގެ މަންޠިޤީ ވިސްނުން ތަރައްޤީވެއެވެ. އެހެންކަމުން، އިންޓެންސިވް ރީޑިންގއަކީ ލިޔުމުގައިވާ ފުން މާނައަށް ވާޞިލްވުމަށްޓަކައި ކުރު ލިޔުންތަކެއް ވަރަށް ފަރުވާތެރިކަމާއި ވިސްނުންތެރިކަމާއެކު ކިޔުމަށް ބޭނުންކުރާ ވަރަށް ފައިދާހުރި އެޕްރޯޗެކެވެ. މި ރީޑިންގެ މަޤުޞަދަކީ ލިޔުންތެރިޔާ ގެނެސްފައިވާ ފުންމާނަތައް ދެނެގަތުމެވެ. މި ވައްތަރުގެ ރީޑިންގައި ލިޔުންތައް އިޚްތިޔާރުކުރަނީ ކިޔަވައިދެއްވާ މުދައްރިސެވެ. އަދި ލިޔުންތައް އިޚްތިޔާރުކުރުމުގައި އުނދަގޫ ލިޔުން އިޚްތިޔާރުކުރުމަށް މުދައްރިސުން ސަމާލުކަންދެއެވެ. މި އެޕްރޯޗުގައި އެއް ލިޔުމެއް ތަކުރާރުކޮށް ކިޔުއްވައި މާނަ ދޭހަކުރުމަށް ބާރުއަޅައެވެ. އެގޮތުން ލިޔުން ކިޔަމުންދާއިރު ރަދީފު ބޭނުންކޮށްގެން ލަފުޒުތަކުގެ މާނަ ދެނެގަތުމަށް ބާރުއަޅުވައެވެ. މީގެއިތުރުން، ކިޔުމުގެ ހުނަރު ތަރައްޤީކުރުމަށާއި ބަސްކޮށާރު އަދި ޤަވާޢިދުގެ މަޢުލޫމާތު ތަރައްޤީކޮށް، ފުންމާނަތަކާއެކު ފުރިހަމައަށް ދޭހަކުރުމަށް ސަމާލުކަންދެއެވެ.

އިންޓެންސިވް ރީޑިންއަކީ ފުން މާނަ ދެނެގަތުމަށްޓަކައި ކިޔުމެވެ. ނުވަތަ އައު މަޢުލޫމާތާއި އިލްމު ހޯދުމަށާއި ދޭހަކޮށް ދެނެގަތުމަށް ލިޔުމެއް ކިޔުމެވެ. މިއާ ޚިލާފަށް، އެކްސްޓެންސިވް ރީޑިންއަކީ މުނިފޫހިފިލުވުމުގެ ގޮތުން ކިޔުމެވެ. އެގޮތުން ތިމާގެ ނަފުސުގެ ހިތްހަމަޖެހުމަށްޓަކައި ވާހަކަ ފަދަ ލިޔުންތައް ކިޔުމަކީ އެކްސްޓެންސިވް ރީޑިންގއެވެ (ވެރޭން ރ. ސައްލިވެން. 2016). ކާލް އެމް ސީ ޑޮނަލްޑް (2012) ވިދާޅުވަނީ އިންޓަރނެޓުން މި އުކުޅުތައް ބޭނުންކޮށްގެން ކިޔުމުން، ކިޔުމުގެ ހުނަރު ދަށްވާކަމަށާއި، އެންމެ ރަނގަޅު ގޮތަކީ ޕްރިންޓުކޮށްގެން ކިޔުން ކަމަށެވެ.

ކިޔުމުގެ އުކުޅުތަކެކޭ އެއްފަދައިން ކިޔުމުގައި ގެންގުޅޭ ޕްރޮސެސްތަކަށް ބަލައިލުމަކީ ވެސް މިފަދަ ރީޑިންގ ޕްރޮގްރާމެއް އެންމެ ފުރިހަމަ ގޮތުގައި ކުރިޔަށް ގެންދިއުމަށް ބަލައިލާންޖެހޭ ބައެއްކަމުގައި ދެކި، އެ ބައިތަކުގެ ޚުލާޞާއެއް ހިމަނައިލާނަމެވެ.

ކިޔުމުގެ ޕްރޮސެސް

ކުރިންވެސް ފާހަގަ ކުރެވުނު ފަދައިން ލިޔުމެއް ކިޔުމުގެ މަޤްޞަދު އެކި ޙާލަތްތަކުގައި ތަފާތުވެއެވެ. ލިއުމެއް ކިޔާއިރު އެ ލިޔުމެއް ކިޔުމުގެ މަޤްޞަދަށް ބަދަލުއަންނަ ފަދައިން، ލިޔުމެއް ކިޔުމުގެ ޕްރޮސެސްއަށް ވެސް ބަދަލުއާދެއެވެ. ޕެޓްރިޝިއާ އެލް. ކަރެލް، ޖޯން ޑެވިން އަދި ޑޭވިޑް އީ އެސްކޭ (2004) ވިދާޅުވާ ގޮތުގައި ލިޔުންތެރިޔާ އެންކޯޑްކުރުމަށްފަހު ރަމްޒުކޮށްދޭ ބަހަވީ ވެށްޓަކުން ލިޔުމުގެ ޕްރޮސެސް ފެށިގެން އަންނައިރު، އެ ޕްރޮސެސް ނިމެގެންދަނީ ކިޔުންތެރިޔާ ބިނާކުރުވާ މާނައެއް އެކުލެވިގެންނެވެ. އެހެންކަމުން، ކިޔުމުން މާނައެއް ދޭހަކުރެވޭ ހިސާބުން ކިޔުމުގެ ޕްރޮސެސް ފުރިހަމަ ވެގެންދާކަމަށް ބަލަނީ މި ސަބަބަށްޓަކައެވެ.

ބަހަވީ ޢިލްމުވެރިން ވަނީ އެކިދުވަސްވަރު މަތިން ކިޔުމުގެ ޕްރޮސެސްގެ ތަފާތު ނަޒަރިއްޔާތުތަކުގެ މައްޗަށް ބަހުސްކުރައްވާފައެވެ. ވިލިއަމް ޑީ (1972) ޤަބޫލުކުރައްވާ ގޮތުގައި ކިޔުމުގެ ޕްރޮސެސް އެކުލެވިގެންވަނީ މައިގަނޑު ގޮތެއްގައި 2 ނަޒަރިއްޔާއެއްގެ މައްޗަށެވެ. އެއީ ޕްރޮޑަކްޓް ވިއު އާއި ޕްރޮސެސް ވިއުއެވެ. ޕްރޮޑަކްޓް ވިއުއަކީ ލިޔުމުގައިވާ ވަކިވަކި ލަފުޒުތަކުން ކިޔުންތެރިޔާ ހޯދި މާނައެވެ. މިއާޚިލާފަށް ޕްރޮސެސް ވިއުއަކީ ކިޔުންތެރިޔާ، ލިޔުންގަނޑުގެ މާނައިގެ ބޭރުން ވަކި ގޮތަކަށް މާނަނެރުނު ގޮތް ދިރާސާކުރުމެވެ. ދުނިޔަވީ ކޮންމެ ކަމެއްގައިމެހެން 2 ކޮޅު އޮންނަ ފަދައިން، ކިޔުމުގެ ޕްރޮސެސްގައި ހިމެނޭ މި 2 ނަޒަރިއްޔާގައި ވެސް ފައިދާތަކާއި ގެއްލުންތައް ހިމެނެއެވެ. ކިޔުމުގެ ދިރާސާތަކާއި އިރުޝާދުތަކުގައި ޕްރޮޑަކްޓް ވިއު ޕޮއިންޓަކީ ނުފޫޒު ގަދަ ދިގު ތާރީޚެއް އޮތް ޕްރޮސެސްއެއް ނަމަވެސް، ޕްރޮސެސް ވިއުއިން، ދިރާސާތަކުގެ ފުޅާ އަދި ބޭނުންތެރި މަޢުލޫމާތުތަކެއް ހުށަހަޅައިދިނުމުގެ އިތުރުން ދަސްކުރުމާއި ދަސްކޮށްދިނުމާއި ހަނދާނުގައިހަރުލެއްވުމާއި ކިޔުމުގެ ތަފާތު އެކި މޮޑެލްތައް ޕްރޮސެސްވިއުގެ ދިރާސާތަކުން ނެރެދޭތީ،  ޕްރޮސެސް ވިއުއިން ދިރާސާތައް ފަރުމާކުރުމަށް ފަހުގެ ބަހަވީ އިލްމުވެރިން ވަނީ ފައިވިއްދާފައެވެ (ވިލިއަމް ޑީ، 1972). ކިޔުންތެރިޔާގެ ތަޖުރިބާއާއި ޙާލަތުގެ މައްޗަށް ކިޔުންތެރިޔާ ލިޔުން މާނަކުރާ ގޮތް ބިނާވާނެތީ، ލިޔުމުގައި ހިމެނޭ ލަފުޒުތަކުން ދޭހަވާ މާނައިގެ އިތުރުން ފުން މާނައެއް ނެރެދެނީ ޕްރޮސެސްވިއުއިން އެ ލިޔުމަކަށް ނަޒަރުހިންގުމުންނެވެ.

ކިޔުމުގެ ހުނަރު ދަށްވުމަކީ ބަހެއް އުނގެނުމުގައި ދަރިވަރުންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ކުރިންވެސް ދެންނެވިފަދައިން ބަހެއް ރަނގަޅަށް އެނގުނު ކަމަށް ބެލެވެނީ އެ ބަހެއްގެ ސިންޓެކްސް، ސެމެންޓިކްސް، މޯފޮލޮޖީ އަދި ފޮނޮލޮޖީގެ އިތުރުން ޕްރެގްމެޓިކްސް ވެސް އެނގިގެންނެވެ. ޖިމް ކަމިންސް (2001) ވިދާޅުވާ ގޮތުން ބަހެއް ކިޔަން އެނގޭ ކަމަށް ބެލެވޭނީ ވެސް އެ ބަހެއްގެ އަޑު މަޚުރަޖު އެނގުމާއެކު އެ ބަސް ބޭނުންކުރަން ވެސް އެނގިގެންނެވެ. މާސިއާ އަދި ބްރިންޓަން (1996) ވިދާޅުވާ ގޮތުގައި ކިޔުމުގެ ހުނަރު ކުރިނޭރުމުގެ މައްސަލަ ދަރިވަރުންނަށް ދިމާވަނީ ސެމެންޓިކް ޕްރޮސެސް އަދި ސިންޓެކްޓިކް ޕްރޮސެސް ނޭނގުމަށް ވުރެ ފޮނޮލޮޖިކަލް ޕްރޮސެސް ނޭނގޭތީއެވެ. ދަރިވަރުންގެ ފޮނޮލޮޖިކަލް ޕްރޮސެސް ފުރިހަމަ ނުވަނީ ދަރިވަރުންނަށް އެ ބަހެއްގެ ފޮނޮލޮޖިކަލް އެވެއަރނެސް ލިބިފައި ނުވާތީއެވެ. އެހެންކަމުން ވީހާވެސް ގިނައިން ދަރިވަރުންލައްވައި ފޮތް ކިޔުއްވުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ކިޔަން ދަސްކުރުމުގެ މައިގަނޑު ބޭނުމަކީ ލިޔެފައި އޮތް ލިޔުމެއް ފަހުމުވުމާއި، ކިޔާ ލިޔުމުން ކަމެއް ދަސްވުމެވެ. ބަސްތައް ކިޔަން އެނގުނަސް ކިޔުމެއް ކިޔައިގެން ދޭހަ ނުވަންޏާ ކިޔުމަށް އެހާ ރަނގަޅު ފައިދާތަކެއް ނުކުރެއެވެ. ކިޔުމުގެ ދޭހައަކީ ސިނކުޑީގައި ހިނގާ ތަފާތު މަސައްކަތްތަކެއްގެ ނަތީޖާއެވެ. މީގެތެރޭގައި ބަސް ކިޔުމާއި ބަހުގެ މާނަ އެނގި ދިރިއުޅުމުގައި ނުވަތަ ދުނިޔޭގެ ކަންހިނގާ ގޮތުގެ މަޢުލޫމާތު އެނގި ފަރިތަކަމާއެކު ކިޔަން އެނގުން މިމަސައްކަތުގެ ތެރޭގައި ހިމެނޭ ކަމަށް ބޯލް އަދި ބްލަކްމަން (1991) ހާމަކުރައްވައެވެ.

ކިޔުންތެރިންގެ ޚިޔާލުތައް

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *