الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ސުންނަތް ނަމާދު ކުރުން މަނާގަޑިތަކެއްގެ ވާހަކަ ދެކެވެމުން ދާހިނދު، އެފަދަ ގަޑިއެއް ކަމަށް ބައެއް މީހުންނަށް އޮޅުމަކުން ހީވެފައިވާ ގަޑިތަކެއްގެ ވާހަކަވެސް ދައްކާ ނުލައި ނިންމާލުން ރަނގަޅު ކަމުގައި ޤަބޫލު ނުކުރެވެއެވެ. އެގޮތުން ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުން އިމާމް މީހާ ޚުޠުބާ ދެމުންދާ ވަގުތުގައި މިސްކިތަށް އައިސް ވަދެ، ޚުޠުބާ އަޑުއެހުމުގައި މަޝްޣޫލުވުމުގެ ގޮތުން، އެވަގުތުގައި ސުންނަތް ދެރަކްޢަތް (މަސްޖިދު ސުންނަތް) އަދާކުރުމުގެ ބަދަލުގައި ރަނގަޅުގޮތަކީ އިށީނުން ކަމުގައެވެ. މިފަދައިން ޢަމަލު ކުރުމުގެ އެއް ސަބަބަކީ ދީނީ ގޮތުން ކަންކަން އޮންނަގޮތް އޮޅުން ފިލާފައި ނެތްތަނުގައި އެކަންކަމާ އަޅާނުލުން ކަމުގައިވެސް ވެދާނެއެވެ. ނަމަވެސް އަނެއްބައިމީހުންނަށް ދީނީ ގޮތުން އެއީ ރަނގަޅު ގޮތް ކަމުގައި ވިސްނިގެން އެކަން އެގޮތަށް ކުރަމުން ދިއުންވެސް އެކަށީގެންވެއެވެ. އެއީ ދީނީގޮތުން ޚުޠުބާ އަޑުއެހުމުގެ މުހިންމުކަމާއި އެކަމުގެ ވުޖޫބިއްޔަތު ވިސްނިފައި އޮތުމާއެކު އެފަދައިން މިސްކިތަށް ވަންނަ ފަހަރަކު އިށީނުމުގެ ކުރިން ދެރަކްޢަތް ނަމާދެއް ކުރުމަކީ، އެއީ ހަމައެކަނި ސުންނަތް ކަމެއްގެ ގޮތުގައި ވިސްނިފައި ވުމެވެ. ނަމަވެސް އިސްވެދިޔަ އާޓިކަލް ތަކުގެ ތެރެއިން އާޓިކަލް އެއްގައި އަލިއަޅުވާލެވިފައިވާ ފަދައިން އެސުންނަތް ދެރަކްޢަތަކީ އެކަމުގެ މައްޗަށް ރަސޫލާ صلى الله عليه وسلم ބައެއް ޞަޙާބީންނަށް އަމުރު ކުރައްވާފައިވާ ކަމެކެވެ. މިސްކިތަށް ވަދެ އަށީނުމުގެ ސަބަބު ވުޖޫދުވުމާއެކު އެކަންކުރަން އެމީހަކަށް ލާޒިމްވާނެ ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެހެންވެގެންނެވެ. ޢިލްމުވެރިންގެ ރައުޔުތަކަށް ބަލާއިރު ހުކުރު ދުވަހުގައި އިމާމްމީހާ ޚުޠުބާ ދެމުން ދަނިކޮށް ދެރަކްޢަތް ނުކޮށް އިށީނދެ ޚުޠުބާ އަޑުއެހުމާއިގެން ކުރިއަށް ދާންޖެހޭނެ ކަމަށް، އިމާމް މާލިކް ވިދާޅުވާއިރު، ޝާފިޢީ މަޛްހަބާއި ޙަންބަލީ މަޛްހަބާއި އަދި އެނޫންވެސް ޖުމްހޫރު ޢިލްމުވެރިންގެ ގާތުގައި ޚަޠީބު ޚުޠުބާ ދެއްވަނިކޮށް މިސްކިތަށް ވަންނަމީހާވެސް ސުންނަތް ދެރަކްޢަތް ކުރުން އޭނާގެ މައްޗަށް ވެއެވެ. ސުންނަތުގައި އައިސްފައިވާ ދަލީލުތަކަށް ބަލާއިރު ބާރުލިބޭ ރައުޔަކީ ވެސް އެއީއެވެ. އިމާމް ބުޚާރީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((إِذَا دَخَلَ أَحَدُكم الـمَسْجِدَ، فَلْيَرْكَعْ رَكْعَتَيْنِ قَبلَ أن يَجلِسَ)) މާނައީ: [ތިޔަބައިމީހުންގެ ތެރެއިން މީހަކު މިސްކިތަށް ވަދެއްޖެ ހިނދު، އިށީނުމުގެ ކުރިން ފަހެ ދެރަކްޢަތް ނަމާދެއް ކުރާހުށިކަމެވެ.] މިޙަދީޘަކީ ޢާންމު ޙަދީޘެކެވެ. މިޙަދީޘުން ޢާންމުކޮށް ހުރިހައި ވަގުތެއްގައި ވެސް މިފަދައިން ޢަމަލުކުރުމަށް ބާރުލިބިގެން ދެއެވެ. ނަމަވެސް ހުކުރު ދުވަހުގައި ހުކުރު ޚުޠުބާ ދޭ ގަޑި މިއިން އިސްތިސްނާ ކުރާ މީހަކަށް ރައްދު ދެވޭނެ، އެކަމަށް ޚާއްޞަ، ސާފުކޮށް އައިސްފައިވާ ދަލީލުތައްވެސް ވެއެވެ. އިމާމް މުސްލިމް ޞަޙީޙްގައި ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ: ((إِذَا جَاءَ أَحَدُكُم يَومَ الجُمُعةِ، وَالإمامُ يَخطُبُ، فليركعْ ركعتينِ، وَلْيتجوَّزْ فِيهِمَا)) މާނައީ: [ތިޔަބައިމީހުންގެ ތެރެއިން މީހަކު ހުކުރު ދުވަހުގައި، އިމާމް ޚުޠުބާ ދެއްވަނިކޮށް (މިސްކިތަށް) އަތުވެއްޖެނަމަ، ފަހެ ދެރަކްޢަތުގެ ނަމާދެއް ކުރާހުށިކަމެވެ. އަދި އެދެރަކްޢަތް ކުރުކޮށް ކުރާހުށިކަމެވެ.] ވީމާ މިޙަދީޘުން ހުކުރުދުވަހުގައި ޚުޠުބާގެ ގަޑީގައި މިދެރަކްޢަތް ކުރަން ނުޖެހޭނެ ކަމަށް ބުނާ މީހަކަށް ވަރުގަދަ ރައްދެއްވެއެވެ. ވަރަށް ސާފުކޮށް އެދެރަކްޢަތް ކުރުމަށް ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި އިރު، ކުރަންވީ ގޮތުގެ ތަފްޞީލުވެސް އެވަނީ ދެއްވާފައެވެ. އިމާމް މާލިކް އަށް ފަހަރުގައި މިޙަދީޘް ފޯރާފައި ނުވަނީ ކަމުގައި ވެދާނެއެވެ. އަދި މިއަށް ބާރުދޭ އަނެއް ސަބަބަކީ މިދެރަކްޢަތް ނުކުރައްވާ އިށީންނެވި ޞަޙާބީއަށް ރަސޫލާ صلى الله عليه وسلم ވަނީ އިންކާރު ކުރައްވާ އެޞަޙާބީ އަލުން ކޮޅަށް ނަންގުވާ އެދެރަކްޢަތް ކުރުވާފައެވެ. އަދި އެއީ ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް ދެވިގެންވާ ހުކުރު ޚުޠުބާ ކިޔުން މެދުކަނޑާ ލެއްވުމަށްފަހުގައެވެ. ބުޚާރީ އަދި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ: ނަބިއްޔާ މީސްތަކުންނަށް ޚުޠުބާ ދެއްވަން ހުންނަވަނިކޮށް މީހަކު (މިސްކިތަށް) އައެވެ. ދެން ނަބިއްޔާ އެއްސެވިއެވެ: ((صليتَ يا فلانُ؟)) މާނައީ: [އޭ މިވެނިމީހާއެވެ. ތިބާ ނަމާދު ކޮށްފީމު ހެއްޔެވެ؟] އޭނާ ދެންނެވިއެވެ: ނޫނެކެވެ. ދެން ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ: ((قُمْ، فارْكَعْ)) މާނައީ: [ތެދުވާށެވެ. އަދި ނަމާދުކުރާށެވެ!] ޚުޠުބާގެ ތެރެއިން ރަސޫލާ صلى الله عليه وسلم މިކުރެއްވި ކަންތަކުން ދަލީލު ކުރަނީ މިސްކިތުގައި އިށީނުމުގެ ކުރިން މިދެރަކްޢަތް ކުރުމަކީ ކޮންފަދަ ބޮޑު އަހަންމިއްޔަތު ކަމެއް ދެވިފައިވާ ކަމެއް ކަމެވެ. އަދި ރަސޫލާ صلى الله عليه وسلم ޚުޠުބާ މެދުކަނޑާލެއްވުމަށް ފަހު، މީހަކާ އެގަޑީގައި މިފަދައިން މުޢާމަލާ ކުރެއްވުމުން އެދެރަކްޢަތް ދޫކޮށްލުމަށްފަހު، އެއްގޮތަކަށްވެސް އިށީނދެގެން ނުވާނެކަން ވެސް ދޭހަވެއެވެ. މިއީ ފަހެ އަހަރެމެންގެ ތެރެއިން ބައެއްމީހުން ވަރަށް ފަރުވާކުޑަ ކޮށްފައިވާ ކަމެއްކަން ދަނެ އެކަންކަން އިޞްލާޙު ކުރާންޖެހެއެވެ. އަދި މިދެރަކްޢަތުގެ މުހިންމުކަމުން ބައެއް ޞަޙާބީން ވަނީ ވެރީން ޚުޠުބާ ދެއްވަނިކޮށް މިސްކިތަށް ވަންނަވާ މިދެރަކްޢަތް ކުރާން އުޅުމުން، އެކަމަށް ހުރަސް އެޅުމުންވެސް، އެކަމުން މަނާވެވަޑައިނުގަނެ، އެދެރަކްޢަތް ކުރައްވާފައެވެ. އިމާމް ތިރްމިޛީ ރިވާކުރެއްވި ރިވާޔަތެއްގައި ވެއެވެ: أنَّ أبا سعيدٍ الخدريَّ (دخلَ ومَرْوانُ يَخطُبُ فصلَّى الرَّكعتينِ، فأرادَ حرَسُ مروانَ أن يمنعوهُ فأَبَى حتَّى صلَّاهما، ثمَّ قالَ: ما كنتُ لأَدعَهُما بعدَ أنْ سمِعتُ رسولَ اللَّهِ صلَّى اللهُ عليه وسلَّم يأمرُ بِهِما) މާނައީ: "އަބޫ ސަޢީދް އަލްޚުދްރީ، މަރްވާން ޚިޠުބާ ދެއްވަން ހުންނަވަނިކޮށް މިޞަޙާބީ (މިސްކިތަށް) ވެދެވަޑައިގަންނަވާ ދެރަކްޢަތް ކުރެއްވިއެވެ. އެހިނދު މަރްވާންގެ ގާޑުން އެޞަޙާބީއަށް އެކަން މަނާކުރަން ބޭނުންވިއެވެ. ނަމަވެސް އެދެރަކްޢަތް ކުރެވެންދެން އެޞަޙާބީ އެކަމާ ދެކޮޅު ހެއްދެވިއެވެ. އެއަށްފަހު ވިދާޅުވިއެވެ: ރަސޫލާ صلى الله عليه وسلم އެދެރަކްޢަތް ކުރަން އަމުރު ކުރެއްވިފަހުން ތިމަންނާ އެދެރަކްޢަތް ދޫކޮށްލާ ކަމުގައި ނުވަމެވެ." މިއެންމެހައި ދަލީލުތަކުން އެނގެނީ މިދެރަކްޢަތަކީ އެހެން ގަޑިތަކުގެ އިތުރުން ހުކުރުދުވަހުގެ މިމުހިންމު ގަޑީގައިވެސް ދޫކޮށްލައިގެން ނުވާނެ ދެރަކްޢަތް ކަމެވެ. ނަމަވެސް އިމާމް މީހާ ޚުޠުބާ ދިނުމަށްޓަކައި މިންބަރަށް އެރުމަށްފަހުގައި އެނޫން އެހެނިހެން ސުންނަތްތައް ކުރުން ހުއްޓާލަން ޖެހެއެވެ. ހުކުރު ދުވަހުގައި ބައެއް ޞަޙާބީން ކުރިން މިސްކިތަށް ވަޑައިގެން ދެރަކްޢަތުން ދެރަކްޢަތުން ސުންނަތް ނަމާދުތައް ކުރައްވަމުން ގެންދަވާ ކަމުގައި ރިވާވެގެން ވިއެވެ. ނަމަވެސް އިމާމް މީހާ މިންބަރަށް އެރުމާއެކު އެސުންނަތްތައް ކުރުން އެއީ ނަހީކުރެވިގެންވާ ގަޑިއެކެވެ. އިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ: ((مَنِ اغْتَسَلَ ثُمَّ أتَى الجُمُعَةَ، فَصَلَّى ما قُدِّرَ له، ثُمَّ أنْصَتَ حتَّى يَفْرُغَ مِن خُطْبَتِهِ، ثُمَّ يُصَلِّي معهُ، غُفِرَ له ما بيْنَهُ وبيْنَ الجُمُعَةِ الأُخْرَى، وفَضْلُ ثَلاثَةِ أيَّامٍ)) މާނައީ: [ހިނައިގަނެ ހުކުރަށް އައިސް އޭނާއަށް ވީމިންވަރަކަށް ނަމާދުކޮށް، އިމާމްމީހާ ޚުޠުބާދީ ނިމެންދެން ހަނުހުރެ، އެއިމާމާއެކު ނަމާދުކޮށްފި މީހާއަށް އެހުކުރާ އަނެއްހުކުރާ ދެމެދުގެ ފާފަތައް ފުހެވިއްޖެއެވެ. އަދި އޭގެ އިތުރުން ތިން ދުވަހުގެ (ފާފަތައްވެސް ފުހެވިއްޖެއެވެ.)] މިޙަދީޘްގެ ދަށުން ޝާފިޢީ މަޛްހަބުގެ އިމާމެއް ކަމުގައިވާ އަލްއިމާމް އަންނަވަވީ ވިދާޅުވިއެވެ: "މިޙަދީޘްގައި ވާގޮތުން ހުކުރުދުވަހުގައި އިމާމްމީހާ ނިކުންނަންދެން (މާނައީ މިންބަރަށް އަރާވަޑައިގަންނަވަންދެން) ސުންނަތް ނަމާދުކުރުން ސުންނަތްވެގެން ވާކަން އެނގެއެވެ. އަދި އެއީ އަހަރެމެންގެ މަޛްހަބެވެ. އަދި ޖުމްހޫރުންގެ ވެސް މަޛްހަބެވެ. އަދި މިޙަދީޘުން އެނގޭ ގޮތުގައި އެސުންނަތް ނަމާދުތަކަކީ ވަކިޙައްދެއް ކަނޑައެޅިފައި ނުވާ، ބޭނުންވަރަކަށް ކުރެވޭ ސުންނަތްތަކެއް ކަން އެނގެއެވެ. އެކަން އެނގެނީ ނަބިއްޔާ ބަސްފުޅު "ދެން އޭނާއަށް މިންވަރުކުރެވިގެންވާ ވަރަކަށް ނަމާދުކުރެއެވެ." މިތަނުންނެވެ." އަދި ހަމަމިއާއެކު މިޙަދީޘުން ދަލީލު ލިބޭގޮތުގައި އިމާމް މީހާ ޚުޠުބާ ދެއްވަން ފެއްޓެވުމާއެކު މަސްޖިދު ސުންނަތް ފިޔަވައި އެހެނިހެން ސުންނަތް ނަމާދުތައް ކުރުން ހުއްޓާލުމުގެ އިތުރުން ވާހަކަ ދެއްކުންވެސް ހުއްޓާލުމަކީ ވާޖިބެކެވެ. އެކަމަށް ބާރުދެނީ އިމާމް ބުޚާރީ އާއި މުސްލިމް ރިވާކުރެއްވި ޙަދީޘެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((إذا قلتَ لصاحبك: أنصِتْ يومَ الجُمُعةِ والإمامُ يَخطُبُ، فقد لَغوتَ)) މާނައީ: [ހުކުރުދުވަހުގައި އިމާމްމީހާ ޚުޠުބާ ދެއްވަނިކޮށް، ތިބާގެ ޞާޙިބުމީހާއަށް ވާހަކަ ނުދައްކާށޭ ބުނެފި ނަމަ، ފަހެ އޭނާގެ އަޖުރު އޭނާ ބޭކާރުކޮށްލައިފިއެވެ.] ވީމާ ޚުޠުބާގެ ގަޑީގައި އެއްވެސް ވާހަކައެއް ދެއްކުން އެއީ ދީނުގައި ނަހީކުރެވިގެންވާ ކަމެކެވެ.
މިހައިތަނުން މިއާޓިކަލް ތަކުގައި އަށްދުވަހުގެ މުއްދަތަކުން ނަމާދު މަނާވާ ގަޑިތަކާއި ވަކިސަބަބަކާއިހުރެ މަނާވާ ވަގުތު ތަކުގެ ވާހަކައިގެ ތަފްޞީލު، އަދި އެންމެފުރިހަމަ ނުވިކަމުގައިވީ ނަމަވެސް އަލިއަޅުވާ ލެވިއްޖެ ކަމުގައި ހީކުރަމުން މިމައުޟޫޢަށް ނިމުން ގެންނާނަމެވެ.
ދުޢާއަކީ އަޅަމެންނީ ނަމާދުކުރުމުގެ ޙުކުމްތައް ދެނެގަންނަ ފަދައިން ނަމާދުކުރުން މަނާގަޑިތަކުގައި އެކަމުން ދުރުހެލިވާ ފަދަ ޢިލްމެއް ލިބިފައިވާ އަދި އެފަދައިން ޢަމަލުކުރާ ބަޔަކު ކަމުގައި ލެއްވުމެވެ. އާމީން.
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.
(ނިމުނީ)