މިއަދު މި ފާހަގަކުރާ މުދައްރިސުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ލޮބުވެތި މުދައްރިސުންނަށާއި ރާއްޖޭގެ އެންމެހާ މުދައްރިސުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ފޮނުވަމެވެ.
މުދައްރިސުންނަކީ ހަގީގަތުގައި ކޮންމެ ސްކޫލެއްގެވެސް އެންމެ އަގުބޮޑު އެއް ރައުސްމާލެވެ. އެއީ އެ ސްކޫލެއްގެ ހިތެވެ. މުދައްރިސުން އެސްކޫލެއްގައި ނެތް ނަމަ އެ ސްކޫލެއް ނޯންނާނެއެވެ. ކިޔަވާ ކުދިންނެއް ނުމެ ތިބޭނެއެވެ. މުދައްރިސުންގެ މުހިއްމުކަމާއި މުދައްރިސުން ކުރައްވާ މަސައްކަތުގެ އަގު އަދާކުރުމަށް ކޮންމެ ދުވަހަކީވެސް ހަމަ މުހިއްމު ދުވަހެއް ކަމުގައި އަޅުގަނޑު ގަބޫލު ކުރަމެވެ.
ވަކިން ޚާއްޞަކޮށް މުދައްރިސުންގެ ދުވަހެއް ފާހަގަކުރެވޭ އިރު، މުދައްރިސުން ތިކުރައްވާ މަސައްކަތް އެންމެގާތުން ފެންނަ މީހެއްގެ ހައިސިއްޔަތުން ދަންނަވާލަން ބޭނުންވަނީ މުދައްރިސުން ތިކުރައްވަނީ ވަރަށްބުރަ އަދި އެހާމެ ޒިންމާދާރު މަސައްކަތް ތަކެކެވެ. މުދައްރިސުންނާއެކީގައި މަސައްކަތްކުރާ މީހެއްގެ ގޮތުގައި އަޅުގަނޑު ދެމިހުންނާނަމެވެ. މުދައްރިސުންގެ މަސައްކަތަށް ހިތްވަރުދީ ބަލައިގަންނާނަމެވެ.
ޒުވާން ތަޢުލީމީ ރަނގަޅު ޖީލެއް ބިނާކުރުމުގައި މުދައްރިސުންގެ ދައުރަކީ ވަރަށް މުހިއްމު ދައުރެކެވެ. އެހެންކަމުން، މުޖުތަމަޢުގައި މުދައްރިސުންގެ އަގު ވަޒަންކުރުމާއި މުދައްރިސުންނަށް ދޭންޖެހޭ ގަދަރާއި އިޙްތިރާމް ލިބިދިނުމަކީ މިފަދަ ދުވަހެއްގައި އަޅުގަނޑުމެންގެ ހަނދާނަށް ގެންނަންޖެހޭ ކަމެކެވެ. މުދައްރިސުންނަށް ކަމޭހިތުމާއި އިޙްތިރާމާއި ލޯތްބާއިއެކު އެމީހުންގެ އަގު ވަޒަންކުރުމަކީ ގައުމެއް ހެޔޮގޮތުގައި ބިނާކުރުމަށް ކޮންމެހެންވެސް މިއަދު ކުރަންޖެހިފައިވާ ކަމެކެވެ.
ވުމާއެކު މުދައްރިސުންނާ ދޭތެރޭ ހިތްހެޔޮކޮށް ދެކެވަޑައިގެން އެއީ ބިނާކުރަނިވި މުހިއްމު މަސައްކަތެއް ކުރައްވާ ބައެއް ކަމުގައި އަޅުގަނޑުމެން ދެކެމާތޯއެވެ. ހުރިހާ މުދައްރިސުންނަށްވެސް އަބަދުމެ ހެޔޮގޮތް މާތް ﷲ މިންވަރު ކުރައްވާށިއެވެ.