ޢިލްމަކީ، ވަންހަނާ ކޮށްގެން ހުންނަން އުނގެނޭ އެއްޗެއް ނޫނެވެ. އަދި ހޯދާ ތަޖުރިބާއާއި އިންސާނާގެ ޙިލްމަކީވެސް، ހަމައެކަނި އޭނާއަށް ޚާއްސަ އެއްޗެއް ނޫނެވެ. މިއީ އެންމެންނަށް ވަގުފުވެފައި ވާ ޢިމާރާތެއް ފަދައިން، ހަމަ އެންމެންނަށް ޙިއްސާކުރާން އޮތް ކޯރެކެވެ. އާރެކެވެ. މިފަދަ މީހުންނަށް ﷲ ގެ ޙަޟުރަތުގައި އޮތް ދަރުމަ އާއިމެދު، ވިސްނާނުލުން، ޢިލްމު ފެތުރުމުގެ ޚިދުމަތަކީ، ކޮންފަދަ މަތިވެރި ނިޢުމަތެއްކަން އެނގެއެވެ.
މި މައުޟޫ ތަންކޮޅެއް ހަނިކޮށްލުމަށްފަހު، މިއަދުގެ މުދައްރިސުންގެ ޚިދުމަތަށް ބަލައިލަމާތޯއެވެ؟. އެމީހުން ކިޔަވައިދޭން ތައްޔާރުވުމަށް އެކުރާ މަސައްކަތާއި ދިރާސާއަށެވެ. އަދި އެ އެއްކުރި މަޢުލޫމާތުގެ އަލީގައި ކިޔަވައިދޭން ތައްޔާރުކުރާ ފިލާވަޅުތައް، ދަރިވަރުންނަށް އުނގަންނައި ދިނުމުން އެކަމެއް ނުނިމެއެވެ. އެކުދިން ޖަވާބުދިން، ޕޭޕަރުތައް، ގެއަށް ގެންދަވާ، ގޭގައި އެ ހުރިހާ ޖަވާބުތަކާ، ލިއުންތައް ކިޔާ ހެދުމީވެސް، ލައްކަ ވަގުތެވެ. އެއީ ސީދާ ކޮންމެ ކުއްޖެއްގެ މަސައްކަތަށް ވަކިވަކިން މުދައްރިސް ކޮންސަންޓްރޭޓުކުރާ ވަގުތެވެ.
މި ދެންނެވި ގޮތަށް، ކުއްޖާގެ މަސައްކަތް އެސެސް ކުރަމުންދާއިރު، އިތުރު އެހީތެރިކަން ބޭނުންވާ ކުއްޖާ ދެނެގަނެ، އެ ކުއްޖާއަށް އިތުރު ސަމާލުކަން ދެއެވެ. އެއީ އެކުގައި ކިޔަވާ އެހެން ކުދިންނާއި މިދެންނެވި ދަރިވަރު ފައިހަމަ ކުރުވުމަށެވެ. މިއީ ވަކި ކުއްޖަކު ތަފާތު ނުކޮށް، ހަމަހަމަ ނަޒަރަކުން ހުރިހާ ކުދިންނާމެދު ނަޒަރު ކޮށްގެން، ކުދީންގެ ތަރައްޤީއަށް ދޭ ޚާއްސަ ސަމާލު ކަމެކެވެ.
އަޅުގަނޑު މި ދަންނަވާލި ނުކުތާއަށް އެކަނި ފިކުރު ކޮށްލިއަސް، މުދައްރިސުންގެ ޚިދުމަތާ، އެކަމަށް ދޭ ޝައުޤާ، ހޭދަކުރާ ވަގުތާ، ބޭނުންކުރާ ހަކަތަ، ވަރަށް ސާފުކޮށް އެނގެއެވެ. މިއީ، ބަޙުސެއް ނެތް ސުވާލު މާކެއްނެތް ކަމެކެވެ.
މިއަދުގެ މުދައްރިސުންނަކީ، ސްކޫލު މާހައުލަށް ބަލާއިރު، ހަމައެކަނި ކުލާހަށްވަދެ، ކިޔަވައި ދިނުމަށްފަހު، އެނބުރި ގެއަށްދެވެން އޮތް ބައެއް ނޫނެވެ. ސްކޫލުގެ އިތުރު ހަރަކާތްތައް ހިންގަން މިއިން ކޮންމެވެސް އެއް މުދައްރިސަކު، ޒިންމާ ނަންގަވައިގެން އުޅުއްވަން ޖެހެއެވެ. ކޮންމެ ކަމަކަށް ޓީޗަރަކު ނުހުންނާތީ، ކޮންމެ ކަމަކީވެސް، ކޮންމެ ވެސް އެއް ޓީޗަރެއްގެ ބެލުމުގެ ދަށަށް އަންނަ ކަމެކެވެ. އެހެން ކަމުން، މުދައްރިސުން ސްކޫލުގައި އިތުރު ހަރަކާތްތަކުގައި ހޭދަކުރާ ވަގުތަކީވެސް، ލައްކަ ވަގުތެވެ.
މުދައްރިސެކޭ ބުންޏެއް ކަމަކު، އެއީވެސް އިންސާނެކެވެ. ޒިންމާތަކަކާ ވާޖިބުތަކެއް އޮތް މީހެކެވެ. އެހެން އާންމު ކޮންމެ އިންސާނެއް ފަދައިން، އޭނާގެވެސް އަމިއްލަ އާއިލާއެއްވެސް އޮވެއެވެ. މާލޭގައި ނަމަ، ދިރިއުޅުމުގެ ޚަރަދު ބޮޑުކަން މި ދެންނެވި މުދައްރިސަށްވެސް އޮންނާނެއެވެ. ފިކުރުތައް އެހެން މީހެކޭ އެއްވަރެއް ނޫނެވެ. ކިޔަވައިދިނުމުގެ ޒިންމާއާއި، ޢާއިލީ ޒިންމާތައް އެއްކޮށް އަޅާބަލާއިރު، މުދައްރިސަކީ، މި ހުރިހާ ބުރައެއްވެސް އުފުލާ ފަރާތެކެވެ. އެކަން އެހެން އޮތް އިރު، މުދައްރިސުންނަކީ، އެމީހުން ހޭދަކުރާ ވަގުތާ، ޒިންމާއާއި މަސައްކަތާ އެއްވަރު އުޖުރައެއް ލިބޭ ބައެއް ވެސް ނޫނެވެ. ސިވިސްސަރވިސް މުވައްޒަފުންގެ ކަޅު ހެދުމުގެ އިޙުތިޖާޖަކީ، ކުރެވޭ އިޙުސާސެއްގެ ދޭހައެއް ނަމަ، މުދައްރިސުން، ކަޅު ހެދުމުގައި ހިމޭން އިޙުތިޖާޖުގައި ނުފެނުނެއް ކަމަކު، އެމީހުންނަށްވެސް، ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭ ކަމުގެ އިޙުސާސް ކުރެވޭނެއެވެ.
ޚާއްސަކޮށް ގްރޭޓަރމާލޭގެ ސަރަޙަށްދުގައި ދިރި އުޅޭ ކޮންމެ ފަރުދަކަށް ، މިއަދު އޮތް ދިރިއުޅުމުގެ ބަރަކީ، ވަރަށް ބަރުދަންބޮޑު ބަރެކެވެ. ބައެއް މީހުންނަށް އެ ބަރު އުފުލަން ދަތިވެގެން، ރަށަށްވެސް ޙިޖުރަ ކުރެއެވެ. އަނެއް ބަޔަކަށް ލިބޭހާ އެއްޗެއް ހޭދަވަނީ ތިބޭ ތަންތާނގެ ކުއްޔަށެވެ. އެހެން ކަމުން، ހޯދާހާ އާމްދަނީ، އެކައުންޓުގައި ހަރުނުލައި، ފޭދިގެން ދަނީ ރެންޓަށެވެ. މިއީ، މިއަދު މުދައްރިސަކަށްވެސް، ބަރީޢަ ވެވެން ނެތް ޙަގީގަތެކެވެ. އެހެން ކަމުން، ޚިދުމަތުގައި މިއަދު ތިއްބެވި މުދައްރިސުން، ގައުމު ބިނާކުރުމުގެ ބުރަ މަސްއޫލިއްޔަތު، އެ އުފުއްލަވަނީ، މި ހުރިހާ ބަރެއްވެސް އުފުލަމުންނެވެ. އެހެން ކަމުން، އެ ހުރިހާ ބަރެއް އުފުލަމުން، ކުދިންގެ ޕޭޕަރުތައް ގެއަށް އުފުލަމުން، ހުސްވަގުތުވެސް ކުދިންނަށް ގުރުބާން ކުރަމުން، މުދައްރިސުން އެ ކުރައްވަނީ، ކޮންފަދަ މަތިވެރި ޚިދުމަތެއް ހެއްޔެވެ! އަޅުގަނޑުގެ ސާބަހާ އައްސަރިބަސް، ތިޔަ ޚިދުމަތްތެރި މުދައްރިސުންނަށް، މި ދަންނަވަނީ، މި ހުރިހާ މަންޒަރެއްގެ ތެރެއިން، ތިޔަ ޚިދުމަތް ފިޔަޖަހާލެއް އިޚުލާސްތެރި ކަމުންނެވެ.