މީހެއްގެ އަގު ވަޒަންކުރުމަކީ އެމީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކުން ޤައުމަށާއި މުޖުތަމަޢަށް ކުރި ފައިދާއެއްގެ މަތިން ހަނދާންކޮށް އެ ކަމެއްގެ ވާހަކަދެއްކުމާއި އެ ކަމެއް ކުރި ފަރާތަކަށް ކޮންމެވެސް އެއްޗެއް ދިނުމަށް ކިޔާ ނަމެކެވެ. އެހެންވީމާ މުދައްރިސުންގެ އަގު ވަޒަންކުރުމަކީ މުދައްރިސުން ކިޔަވައިދޭ ދަރިވަރުންނަށް އެ މުދައްރިސެއްގެ ސަބަބުން ލިބުނު ހެވަތަކާއި މޮޅެއްގެ ވާހަކަދެއްކުމާއި އެ މުދައްރިސަކަށް ކޮންމެވެސް އެއްޗެއް ދިނުމެވެ. ނުވަތަ މުދައްރިސަކު ތަރުބިއްޔަތުކުރާ ދަރިވަރުންގެ ސަބަބުން ގައުމަށް ލިބޭ ކުރިއެރުމާއި ތަރައްޤީގެ ވާހަކަދެއްކުމާއި އެ ކަމަށް ކޮންމެވެސް އެއްޗެއް ދިނުމެވެ. އެހެންކަމުން މި ލިޔުމުގައި ވާހަކަދައްކާނީ ދިވެހި މުޖުތަމަޢުގައި މުދައްރިސުން އަދާކުރާ ދައުރުގެ ސަބަބުން ގައުމަށް ލިބުނު ނުވަތަ ލިބެމުން އަންނަ ހެވާއި ލާބަޔާއި މަންފާގެ މައްޗަށެވެ. އަދި ހަމައެހެންމެ ދަރީން ހަމަ މަގަށް އަޅުވާން ކުރާ މަސައްކަތާއި އެ މަސައްކަތުގެ އަގު އަދާކުރާނޭ ގޮތެއްގެ ވާހަކައެވެ. އަދި މުދައްރިސުންގެ އަގު ވަޒަންކުރާނޭ ތަފާތު ގޮތްތަކުގެ މައްޗަށެވެ. މުދައްރިސުންގެ އަގު ވަޒަންކުރާނީ މުދައްރިސުންގެ ޢަމަލުތަކުގެ ނަތީޖާއިން ކަމުގެ މައްޗަށެވެ.
ރާއްޖޭގެ ތަރައްޤީ އަދު ދަތުރުކުރަމުން މި އަންނަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ސަފުގައެވެ. މިސަފުގައި ރާއްޖެއަށް ދަތުރުކުރެވެމުން މިއަންނަނީ ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާވެ އެނިޒާމުން ނުކުތް ދަރީންގެ މަސައްކަތުންނެވެ. ތަޢުލީމީ ދާއިރާއިން ދަރީން ނެރުމުގައި މައިންބަފައިންގެ އިތުރުން އެންމެ ބުރަ މަސައްކަތެއް ކުރި ބަޔަކީ ޝައްކެއްނެތް ގޮތުގައި މުދައްރިސުންނެވެ. އެހެންކަމުން ދިވެހި ޤައުމަށް އަދު އައިސްފައިމިވާ ކުރިއެރުމާއި ތަރައްޤީގެ ވާހަކަދައްކައި އެކަމަށް މުދައްރިސުންނަށް ތަޢުރީފުކޮށް އައްސަރިބަހާއި ސާބަސް ރައްދުކުރާން ޖެހެއެވެ. އަދި އެކިއެކި ހަފުލާތައް ބާއްވައި މުދައްރިސުންނަށް އިނާމާއި ސަނަދާއި ސެޓްފިކެޓް ދޭން ޖެހެއެވެ. މާމެލާމެލީގެ ގުލަދަސްތާތަކުގެ މީރުވަހުން މުޅި މުދައްރިސުންގެ ޖައްވު އެއްވަސް ކޮށްލާން ޖެހެއެވެ. މީރުކެއުންތަކާއި މީރު ބުއިންތަކުގެ މޭޒުތަކަށް މުދައްރިސުން އަރުވާން ޖެހެއެވެ. މި ކަންކަމަކީ މުދައްރިސުންގެ އަގު ވަޒަންކުރުމަށް މިހާރުވެސް ކުރާ ކަންކަމެވެ. މިކަންކަން ހަރުދަނާކަމާއެކު ކުރުންމަތީ އަދު ދެމިތިބެންވީއެވެ.

ދިވެހި ޤައުމުގެ ކުރިއެރުމާއި ތަރައްޤީއަށް މުދައްރިސުން މަގުދައްކައިދީ ޤައުމު ތަރައްޤީ ކުރުމަށް މަގު ތަނަވަސްވާ ވާހަކަ ދައްކާއިރު ހަނދާންކޮށްލާންވީ އެއްކަމަކީ އަދު މައިންބަފައިންނާއި މުދައްރިސުންގެ އަތްނުފޯރާ ފަށުގައި ތިބި މަދު ދަރިވަރުން ހަމަ މަގަށް އަޅުވައި ސީދާވެގެންވާ ތެދުމަގުން އެދަރިވަރުން ގެންދެވޭތޯ މައިންބަފައިންނާއި މުދައްރިސުން ކުރާ ބުރަ މަސައްކަތް މުޖުތަމަޢުގެ ލޮލުން ރަނގަޅަށް ބަލައި މައިންބަފައިންނާއި މުދައްރިސުންނަށް ހިތްވަރުދީ އެހީތެރިކަން ދިނުމަކީވެސް މުދައްރިސުންގެ އަގު ވަޒަން ކުރުމަށް މުޖުތަމަޢުން ކުރާން ވަރަށް ރަނގަޅުކަމެއް މެއެވެ. މި ކަން ކުރާނީ ކޮންމެ ފަރުދަކުމެ ދަރީންގެ އުޅުމާއި އަޚްލާގު ބަލައި މިންކޮށް ދަރީންނާއި ދަރިވަރުންނަށް އެހީތެރިވެދީގެންނެވެ. އަދުގެ ކިޔަވާ ކުދީންނަކީ ޢުމުރުން 18 ނުފުރޭ ކުދީންކަމުގައި ވީހިނދު ޤައުމުގެ ކޮންމެ ކަންކޮޅެއްގައި ވިޔަސް ދަރިޔަކު ނުވަތަ ދަރިވަރަކު ކުރާ ކޮންމެ ވިޔަޔާނުދާ ކަމަކުން އެ ދަރިޔަކު ނުވަތަ ދަރިވަރަކު ދުރުކުރާން މަސައްކަތް ކޮށްގެންނެވެ. އެންމެން އެ މަސައްކަތް ކުރާނަމަ މުދައްރިސުންނަށް ދަރީން ތަރުބިއްޔަތުކޮށް ޢިލްމު އުނގަންނައިދޭން ފަސޭހަވާނެއެވެ. މިހެން ފަސޭހަވާ ފަސޭހަވުމަކީ މުދައްރިސުންގެ އަގު ވަޒަންކުރުމަށް މުޖުތަމަޢުން ކުރާ މަސައްކަތުގެ ނަތީޖާ ކަމުގައި ވާނަމަ މުޖުތަމަޢުން މުދައްރިސުންގެ އަގު ވަޒަންކުރެވެނީއެވެ.
މުދައްރިސުންގެ އަގުވަޒަންކުރާ ވާހަކަދައްކާ ކޮންމެ ހިނދެއްގައި މުދައްރިސުންގެ މަސައްކަތުގެ ބުރަވާހަކައާއި ހޭދަކުރާ ވަގުތު ގިނަ ވާހަކަ ދައްކާއަޑު އިވެއެވެ. އާއިލާއާއި އަނބި ފިރި ދަރީންނާއި މައިންބަފައިންނާއި ތިމާގެ މީހުންނަށް އަޅާނުލެވޭ ވާހަކަވެސް އިވޭމެއެވެ. އަދި ހަމައެހެންމެ ކުރާ މަސައްކަތާ ލިބޭ އެއްޗަކާ ނުބައްދަލު ވާހަކަވެސް އިވޭމެއެވެ. ބައެއްފަހަރު މިފަދަ އަޑުއަޑު އިވެމުން މިދަނީ މުދައްރިސުންގެ އަގު ވަޒަންކުރުމުގެ ނިޔަތް އޮވެގެންނެވެ. އަނެއްބައިފަހަރު އެނިޔަތް ނެތިއެވެ. ވީމާ މުދައްރިސުންގެ އަގު ވަޒަންކުރަން ވާހަކަދައްކާނަމަ އެވާހަކައެއް ދައްކާންވީ އެވާހަކަދައްކާ މީހެއްގެ ހެޔޮ ނިޔަތާއެކު މުދައްރިސުންނަށް ހެވާއި ލާބަޔަށް އެދިގެންނެވެ.
މުދައްރިސުންގެ އަގު ވަޒަންކުރުމަށް އެމީހުންނަށް ދެވޭ އުޖޫރަ ބޮޑުކުރުމަކީ ބައެއް މީހުންގެ ނަޒަރުގައި މުހިންމުކަމެއް ނޫނެވެ. ނަމަވެސް އަނެއްބަޔަކު ދެކެނީ އެހެނަކުންނޫނެވެ. އެފަދަ ފަރާތްތަކުން ޤަބޫލުކުރަނީ މަޤާމެއްގެ އަގު މަތިވެ އެ މަޤާމަކަށް މުޖުތަމަޢުން ޤަދަރުކޮށް ޢިއްޒަތް ދޭނީ އެ މަގާމެއްގެ މުސާރައާއި އިނާޔަތްތައް ގިނަވެގެންނެވެ. މި ފަލްސަފާއަކީ ދިވެހިރާއްޖޭގައި ރަސްމީ ތަޢުލީމު ފުޅާވެގެންއައި ދުވަސްވަރު، އާދެ ނަވާރަސަތޭކަ އަށްޑިހަ، ނުވަދިހައިގެ އަހަރުތަކުގެ ފަލްސަފާއެކެވެ. އަދު ބާވެފައިވާ ފަލްސަފާއެކެވެ. މި ބާ ފަލްސަފާގައި މުދައްރިސަކަށް ލިބޭ އިނާޔަތްތައް ކަތީބަކަށް ލިބޭ އިނާޔަތަށްވުރެ މާ ބޮޑެވެ. ނަމަވެސް 21 ވަނަ ޤަރުނުގެ އާ ފަލްސަފާގައި މުދައްރިސަކަށް ލިބޭ އިނާޔަތަށްވުރެ ކައުންސިލަރަކަށް ލިބޭ އިނާޔަތް މާ ބޮޑެވެ. އިނާޔަތް ބޮޑުވެ ކުޑަވުމަކީ ޤަދަރުކޮށް ޢިއްޒަތް ދިނުމުގައި މިނާ މިންގަނޑަކަށް ނުވާހިނދު މުދައްރިސުންނަށް ޢިއްޒަތާއި ޤަދަރުދީ އަގު ވަޒަންކުރުމަކީ އިއްޔެއާއި އަދުގެ ދަރިވަރުންނާއި މައިންބަފައިންގެ މައްޗަށް އޮތް ކަމެކެވެ. އެކަން ކުރާނީ އެފަރާތްތަކުންނެވެ. އެ ފަރާތްތަކުން އެކަން ކުރާ މިންވަރު ދެނެގަނެ އެކަމުގެ އަގު ވަޒަން ކުރާނީ މުދައްރިސުންނެވެ. އެއީ ކުރާ މަސައްކަތުގައި އިޚްލާޞްތެރިވެގެންނެވެ. ރަނގަޅަށް ކިޔަވައިދީގެންނެވެ. ހެޔޮގޮތުގައި ދަރީން ތަރުބިއްޔަތުކޮށްގެންނެވެ.