މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ބަޔާއި ގުޅޭ …..
ދަރިވަރުގެ ޕްރޮފައިލް
މި ރީޑިންގ ޕްރޮގްރާމް ހިންގީ އުމުރުން 14 އަހަރުގެ ފިރިހެން ދަރިވަރަކަށެވެ. އެ ދަރިވަރަކީ މާލޭގެ ސަރުކާރު މަދަރުސާއެއްގައި ތަޢުލީމް ޙާޞިލްކުރަމުންދާ، ތޫނުފިލި ދަރިވަރެކެވެ. އެ އާއިލާގެ އެންމެ ދޮށީ ދަރިއެވެ. އުމުރުން 14 އަހަރުގެ ގިނަ ކުދިން ގްރޭޑް 8 ގައި ތަޢްލީމް ޙާޞިލްކުރި ނަމަވެސް މި ދަރިވަރަކީ އުމުރު ހަގުކޮށް މަދަރުސާއަށް ވަނުމުގެ ފުރުޞަތު ލިބިފައިވާ ދަރިވަރުންގެ ތެރެއިން ދަރިވަރެކެވެ. އެހެންކަމުން މި ޕްރޮގްރާމް ހިންގިއިރު އޭނާ ކިޔަވަމުންދިޔައީ ގްރޭޑް 9 ގައެވެ. އުމުރު ހަގު ނަމަވެސް އޭނާ އަކީ މުޅި ގްރޭޑުން ވެސް ކިޔެވުމާއި، އިސްނެގުމާއި އިތުރު ޙަރަކާތްތަކުން ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ދަރިވަރެވެ. ޚާއްޞަ ގޮތެއްގައި ބަހާއި އަދަބިއްޔާތަށް މި ދަރިވަރު ހުންނަ ޝައުޤުވެރިކަން ވަކިން ބޮޑެވެ. އެހެންކަމުން މި ދަރިވަރަށް ރީޑިންގ ޕްރޮގްރާމް ހިންގަން ވަރަށް ފަސޭހަ ވެސް ވިއެވެ. މި ރީޑިންގ ޕްރޮގްރާމް ހިންގުމުގެ ކުރިން ވެސް އިންޓެންސިވް ރީޑިންގއާއި އެކްސްޓެންސިވް ރީޑިންގއާއި ބެހޭ މަޢުލޫމާތު މި ދަރިވަރަށް ކޮންމެވެސް ވަރަކަށް ލިބިފައިވުމަކީ ވެސް ކުރުމުއްދަތެއްގެ ތެރޭގައި މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލަން މަގުފަހިވި ކަމެކެވެ.
ރީޑިންގ ޕްރޮގްރާމްގެ ޙަރަކާތްތައް ކުރިއަށް ގެންދިޔަ ގޮތް
މި ބައިގައި ބަލައިލައިފައިވާނީ އެކްސްޓެންސިވްކޮށް އަދި އިންޓެންސިވްކޮށް ކިޔުން ކުރިޔަށް ގެންދިޔަގޮތުގެ މައްޗަށެވެ. އެގޮތުން ދަރިވަރާ ހަވާލުކުރި ހަރަކާތްތައް މި ބައިގައި އޮޅުންފިލުވައިދެވިފައި ވާނެއެވެ. މި ރީޑިންގ ޕްރޮގްރާމްގައި އެކްޓެންސިވް ރީޑިން ކުރިޔަށް ގެންދިއުމަށް 5 ވާހަކަ އަދި އިންޓެންސިވް ރީޑިން ކުރިޔަށް ގެންދިއުމަށް 5 ވާހަކައެއް ދަރިވަރު ލައްވާ ކިޔުއްވައި، އެ ވާހަކަތަކުން އިންޓެންސިވް ރީޑިންގެ 5 ޙަރަކާތާއި އެކްސްޓެންސިވް ރީޑިންގގެ 5 ޙަރަކާތް ކުރިއަށް ގެންދިޔައީމެވެ. ތިރީގައި މި ހިމަނާލަނީ އެގޮތުން ކުރިޔަށް ގެންދެވުނު ހަރަކާތްތަކުގެ ތަފްޞީލީ މަޢުލޫމާތެވެ.
އެކުސްޓެންސިވް ކިޔުމުގެ ހަރަކާތްތައް
އެކްސްޓެންސިވް ރީޑިންގއަކީ މުނިފޫހިފިލުވުމުގެ ގޮތުން ކިޔުމެވެ. އެގޮތުން ތިމާގެ ނަފުސުގެ ހިތްހަމަޖެހުމަށްޓަކައި ވާހަކަ ފަދަ ލިޔުންތައް ކިޔުމަކީ އެކްސްޓެންސިވް ރީޑިންއެވެ. އެކްޓެންސިވް ރީޑިންގެ ހަރަކާތްތަކުގެ ގޮތުން ލިޔުން ކިޔުމަށް ފަހު ޚުލާސާއެއް ލިޔުމަށް ހަވާލުކުރުމާއި، ދެ ކުދިންނަށް ދެ ފޮތް ކިޔުމަށް ހަވާލުކުރުމަށްފަހު ދެ ފޮތުގެ ކޮންމެވެސް އެއް ބާބެއް ކިޔުމުން އެ ބާބުގައި ކަންވީގޮތް އެއް ކުއްޖަކު އަނެއް ކުއްޖަކަށް ކިޔަދީ ފޮތް ބަދަލުކޮށްގެން ކިޔަން ހަވާލުކުރުމާއި، ވާހަކައެއް ނަމަ ކޮންމެވެސް އެއް ޝަޚްޞިއްޔަތެއްގެ ޙަޔާތުން އެއް ދުވަސް ލިޔުއްވުން ފަދަ، ފުން މާނައަށް ނުގޮސް ކުރެވޭ ކަހަލަ ފަސޭހަ މަސައްކަތްތަކެއް ދެވިދާނެއެވެ.
ތިރީގައި މި ހިމަނާލަނީ ދެންނެވިފައިވާ ޙަރަކާތްތަކަށް ރިޢާޔަތްކޮށް އެކްސްޓެންސިވް ޙަރަކާތްތަކެއްގެ ގޮތުގައި ދަރިވަރަށް ދެވިފައިވާ ހަރަކާތްތަކެވެ. މި ހަރަކާތްތަކުގެ ފައިދާ އެންމެ އެކަށޭނަ ގޮތުގައި ދަރިވަރަށް ލިއްބައިދިނުމަށްޓަކައި، މި ޙަރަކާތްތައް ކުރިއަށް ގެންދިޔައީ ދިވެހިރާއްޖޭގެ ޤައުމީ މަންޙަޖުގެ ކީ ސްޓޭޖް 3ގެ ދިވެހި މުޤައްރަރު އެ ބައިތަކެއްގެ މައްޗަށް އެކުލެވިގެންވާ މައިގަނޑު 3 ބައިކަމަށްވާ އަޑުއެހުމާއި ވާހަކަދެއްކުން، ކިއުމާއި ބެލުން އަދި ލިޔުންތެރިކަމާ ވެސް ގުޅުވައިގެންނެވެ. އަދިހަމައެހެންމެ، ރަނގަޅަށް ކިޔަން އެނގޭ މީހެއްގެ ކިބައިގައި ހުންނާނޭ ކަމަށް ބަހަވީ ޢިލްމުވެރިން ވިދާޅުވާ ޤާބިލިއްޔަތުތައް ކަމަށްވާ ޝައުގުވެރިކަމާއި، ފަރިތަކަމާއި، ދޭހަވުމާއި، ފޮނޮލޮޖިކަލް އެވެއަރނެސް އަދި ބަސްކޮށާރުގެ ޤާބިލްކަން ވެސް ލިއްބައިދެވޭނޭ ގޮތަށެވެ.
އެކްސްޓެންސިވް ރީޑިންގެ ހަރަކާތް 1
މިއީ 2 ހަފުތާގެ މުއްދަތަށް ކުރިޔަށްގެންދިޔަ ރީޑިންގ ޕްރޮގްރާމްގެ ފުރަތަމަ ޙަރަކާތެވެ. މި ހަރަކާތް ފެށުމުގެ ގޮތުން އެކި މީހުންގެ ވިސްނުން ހުންނާނޭ ގޮތް ދެނެގަންނާނޭ ގޮތާއި ބެހޭ ގޮތުން ކުއްޖާއަށް އެނގެނީ ކިހާވަރަކަށްތޯ ސުވާލުކޮށް އެނގޭ މިންވަރު ވަޒަންކުރެވުނެވެ. އެއަށްފަހު ދަރިވަރުގެ އަނގަބަހުން ދިން ޖަވާބުތަކުގެ ތެރެއިން އިޞްލާޙްކޮށްލަން ޖެހޭ ކަންކަން ބުނެދެވުނެވެ. މި ދެންނެވި ހަރަކާތަކީ ކިޔުމުގެ ކުރީގެ ޙަރަކާތެއްގެ ގޮތަށް ކުރިޔަށް ގެންދިޔަ ކުޑަކުޑަ ޙަރަކާތެކެވެ. އެއަށްފަހު 'އިބުރާހިމް ހުސައިންމަނިކުގެ ކުރުވާހަކަތައް" މި ފޮތުގައިވާ 'ތޮއްޑޫދަތުރު"، މި ވާހަކަ ދަރިވަރުލައްވައި އަޑުހަރުކޮށް ކިޔުއްވީމެވެ. މި ގޮތަށް އަޑުހަރުކޮށް ކިޔަމުންދިޔަ އިރު، އެ ދަރިވަރު ފަރިތަކަމާއެކު އަޑުއަހާހިތްވާ ފަދަ ގޮތަކަށް ކިޔަމުންދިޔަ ނަމަވެސް ޙާލަތާއި ގުޅޭ ގޮތުން އައި ބައެއް ދެމުންތަކަށާއި ސްޓްރެސް ކުރަންވީ ލަފުޒުތަކަށް ސްޓްރެސްކޮށްފައި ނުވާކަން ފާހަގަކޮށް، އެ ތަންތަން ތަކުރާރުކޮށް ކިޔުއްވައި އިޞްލާޙްކުރުވީމެވެ. އަދި އެންމެ ފުރިހަމަ ނޫނަސް އަޅުގަނޑު ހިތްހަމަޖެހޭ ވަރަށް އެ ކަންތައް އިޞްލާޙްކުރި ވެސްމެއެވެ. މިއީ ކިޔުމުގެ ތެރޭގެ ޙަރަކާތަކަށް ގެންދިޔަ ޙަރަކާތެވެ. ކިޔުމުގެ ފަހުގެ ޙަރަކާތަކަށް ގެންދިޔައީ އެ ވާހަކައިގައި އުޅޭ ޒިޔާންއާއި، ޒިޔާންގެ ބައްޕައާއި ދެ މީހުންގެ ތެރެއިން ރަނގަޅު ވިސްނުމެއް ގެންގުޅެނީ ޒިޔާންތޯ ނުވަތަ އޭނާގެ ބައްޕަތޯ ކަނޑައަޅައި ޚިޔާލުފާޅުކުރުމަށް ގެންދިޔަ ޙަރަކާތެކެވެ. މި ޙަރަކާތަކީ ވެސް އަނގަބަހުން ކުރިޔަށް ގެންދާ ގޮތަށް ރާވައިގެން ދިން ޙަރަކާތެކެވެ. މި ބައިގެ ރަނގަޅު ޖަވާބުގެ ތެރެއިން ނުވަދިހަ އިންސައްތަ ޖަވާބު މި ދަރިވަރު ވަނީ ކިޔައިދީފައެވެ. މި ޙަރަކާތުގެ ސުވާލު ތިރީގައި މިވަނީއެވެ.
ސުވާލު: އެކްސްޓެންސިވް ކިޔުމުގެ ހަރަކާތް 1ގެ ސުވާލު
'އިބުރާހިމް ހުސައިންމަނިކުގެ ކުރުވާހަކަތައް" މި ފޮތުގައިވާ 'ތޮއްޑުދަތުރު" މި ވާހަކަ ކިޔުމަށްފަހު، ރަނގަޅު ވިސްނުމެއް ގެންގުޅެނީ ޒިޔާންތޯ ނުވަތަ އޭނާގެ ބައްޕަތޯ ކަނޑައަޅައި ޚިޔާލުފާޅުކުރާށެވެ.