ބުރާސްފަތި, 17 އޭޕްރިލް 2025

ޤައުމު ދެކެ ލޯބިވާކަން ދައްކާނީ ކިހިނަކުން؟

އެކަކު އަނެކަކުދެކެ ލޯބިވަނީ އެކަކު އަނެކަކަށް ކޮށްދޭ ކަންތައްތަކެއްގެ ސަބަބުންނެވެ. ނޫންނަމަ އެކަކަށް އަނެކަކު  ރީތިވީމައެވެ. ރަނގަޅުވީމައެވެ. ރަނގަޅު ސިފަތަކެއް ހުރީމައެވެ. އަޚްލާޤު ރަނގަޅުވީމައެވެ. މީސްމީހުންނާ ވާހަދައްކާލެއް ރީތިވީމައެވެ. ކިޔަވާލެއް ރީތިވީމައެވެ. ކިޔެވުމުން ހޯދާ ނަތީޖާ މަތިވީމައެވެ. ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތާ މިންވަރު މަތިވީމައެވެ. ހަމަ މި ބީދައިން ޤައުމުދެކެ އެޤައުމެއްގެ ރައްޔިތުން ލޯބިވާނީ ވެސް އެ ޤައުމެއްގައި ހުންނަ ސިފަތަކެއްގެ ސަބަބުންނެވެ. މި ސިފަތަކަށް ބަލާއިރު ދިވެހި ޤައުމު ދިވެހީންނަށް ކޮށްދޭ ވަރަށް ގިނަ ކަންތައްތައް އެބަހުއްޓެވެ. އަދި ދިވެހި ޤައުމު އެހައި ހިތްގައިމެވެ. މާހައުލު ސާފުވެފައި ދިރިއުޅެން ވަރަށް ރަނގަޅެވެ. ރައްޔިތުންގެ އުޅުމާއި އަޚްލާގު ރަނގަޅެވެ. ރީތިކޮށް ވާހަކަދެއްކުމަށް އަމިއްލަ ބަހެއް އެބައޮތެވެ. ލިޔެކިޔުމަށް އަމިއްލަ އަކުރެއް އެބަ އޮތެވެ. އުނގެނުމާއި އުނގަންނައިދިނުމުގައި ހޯދާ ކާމިޔާބީ މައްޗެވެ. ކުށްކުރާ ނިސްބަތް މަދެވެ. މާތްވެގެންވާ އިސްލާމްދީނުގައި ދެމިތިބި ރައްޔިތެއް މިޤައުމުގައި ދިރިއުޅެއެވެ. ވީމާ ދިވެހި ޤައުމު ދެކެ ލޯބިވާން ކޮންމެ ދިވެހި ރައްޔިތަކަށް ލާޒިމު ވޭ މެއެވެ. އެހެންކަމުން ކޮންމެ ދިވެއްސަކު ވެސް ދިވެހި ޤައުމުދެކެ ލޯބިވާކަން ދައްކާން ޖެހެއެވެ.

ދިވެހި ޤައުމު ދެކެ ލޯބިވާކަން ދައްކާނީ ޤައުމު ތިމާއަށް ކޮށްދޭ ކަންތައްތަކާ އެއް ބީދައަކުން ތިމާ ޤައުމަށް ކަންތައްތަކެއް ކޮށްދީގެންނެވެ. ޤައުމު ކޮށްދޭ ކަންތައްތަކުގެ ތެރެއިން އެއްކަމަކީ ޤައުމުގެ ރައްޔިތުންނަށް ފުރިހަމަ ޞިއްޙަތެއްގައި ދިރިއުޅުމަށް މަގުފަހިކޮށްދިނުމަށް ނޭވާލާނޭ ސާފު ވައި ހޯދައިދިނުމެވެ. މިކަން ޤައުމު ކޮށްދޭ ހިނދު ތިމާ ޤައުމުދެކެ ލޯބިވާކަން ދެއްކުމަށް މިފަދަ ވަޞީލަތްތައް ވީހާވެސް ހެޔޮގޮތުގައި ބޭނުންކުރާކަން ދެއްކުމަކީ ތިމާ ޤައުމުދެކެ ލޯބިވާކަން ދެއްކުމަށް ކުރެވޭނޭ ކަމެކެވެ. ވައި ނުސާފުވެދާނޭ އެއްވެސް ކަމެއް ނުކުރުމެވެ. މަޅިލައި ނުސާފު ދުމުން ޤައުމުގެ ޖައްވު ހަޑި މުޑުދާރު ނުކުރުމެވެ. ދުންފަތު ދުމުން ޤައުމުގެ ވެށި ސަލާމަތް ކުރުމެވެ. ވިހަ ގޭހާއި ޖައްވު ނުސާފުވާނޭ އެއްވެސް ކަމެއް ނުކުރުމެވެ. ވީމާ ޤައުމު ދެކެ ލޯބިވާކަން ދައްކާނީ ތިމާއާއި ޤައުމުގެ އެންމެން ނޭވާލާ ވައި ސާފުކަން މަތީ ދެމެހެއްޓުމަށް ކުރާ މަސައްކަތުންނެވެ. މިފަދަ މަސައްކަތް ކުރާ މީހުންނަށް ޤައުމީ ދުވަހު ޤައުމީ އިނާމުދީގެންނެވެ.

ދިވެހި ޤައުމު ދެކެ ތިމާ ލޯބިވާކަން ދައްކާނީ ޤައުމު ތިމާއަށް ދީފައިވާ ސާފު ތާހިރު ރަށްތަކާއި މޫދުތަކާއި މަގުތަކާއި ފަޅުފަޅާއި ގޮނޑުދޮށްތަކާއި އަތިރިމަތިތަކާއި ތިމާއާއި އެހެނިހެން މަޚުލޫޤުން ދިރިއުޅޭ ގޯތި ގެދޮރު ސާފުތާހިރުކޮށް ބާއްވައިގެންނެވެ. މިތަންތަން ސާފު ތާހިރުކޮށް ބޭއްވުމަށް ކުރާ ކޮންމެ މަސައްކަތަކީ ޤައުމުދެކެ ލޯބިވާކަން ދެއްކުމަށް ކުރާ މަސައްކަތެކެވެ. މި މަސައްކަތުގައި ކުރަން ޖެހޭ ކަމަކީ ވެށި ހަޑިމުޑުދާރު ކުރާ ތަކެތި ދެނެގަނެ އެތަކެތި ރަނގަޅު އިންތިޒާމަކުން އިންތިޒާމު ކުރުމެވެ. މި އިންތިޒާމުގައި އެންމެ އިސްދައުރެއް އޮތީ ފަރުދުންނަށެވެ. ވެށްޓަށް ގެއްލުން ދޭ ނުވަތަ ގެއްލުން ލިބިދާނޭ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ގެންގުޅެ ރައްކާތެރި ގޮތުގައި ނައްތާލައިގެންނެވެ. މި ދެންނެވީ ތިމާ އުފައްދާ ކުނިބުނީގެ ވާހަކައެވެ. ކުނި މެނޭޖުކުރުމުގައި ގެންގުޅޭ ރަނގަޅު ގޮތްތަކާއި ރަނގަޅު އާދަކާދަތައް އެހެން މީހުންނަށް ދައްކައިގެން ޤައުމުދެކެ ލޯބިވާކަން ދެއްކޭނެއެވެ. މިހެން ޤައުމުދެކެ ލޯބިވާކަން ދައްކާ ރަށް ތަކުގެ ތެރެއިން ދެ ރަށެއްގެ މިސާލު ހުށަހަޅައި އެރަށްރަށުގެ މީހުން ޤައުދެކެ ލޯބިވާކަން ދައްކާ ކަން ފާހަގަކުރަމެވެ. އޭގެތެރެއިން އެއްރަށަކީ އދ.އަތޮޅު ދަނގެއްޗެވެ. 2000 ވަނަ އަހަރާއި 2003 ވަނަ އަހަރު ދަނގެއްޗަށް ވަރަށް ގިނަ ފަހަރު ދެވުނެވެ. އޭރުވެސް ދަނގެތީ މީހުން ޤައުމުދެކެ ލޯބިވާކަން ދެއްކުމަށް ކުނި މެނޭޖު ކުރެއެވެ. އެއީ އެކި ބާވަތުގެ ކުނި ވަކިވަކިކޮށްގެން ކޮންމެ ބާވަތެއް ވަކިވަކީ ނައްތާލައިގެންނެވެ. ހަމަ މިބީދައިން ބ.އަތޮޅު ގޮއިދޫ މީހުންނަކީ ވެސް ވަރަށް ފުރިހަމައަށް ކުނި މެނޭޖުކޮށްގެން ޤައުމުދެކެ ލޯބިވާކަން ދައްކާ ބައެކެވެ. މި ފުރުސަތުގައި މިކަމުގައި އެންމެ ބޮޑަށް ޤައުމުދެކެ ލޯބި ނުވާކަން ދައްކައިދެނީ މާލޭސިޓީގައި ދިރިއުޅޭ ރައްޔިތުންނެވެ. އެއީ އެއްކޮތަޅަކަށް ހުރިހައި ބާވަތެއްގެ ކުނިއަޅައި އެއްތާކަށް ހުރިހައި ބާވަތެއްގެ ކުނި އުކައިގެންނެވެ. ވީމާ ހުރިހައި އެންމެންވެސް ޤައުމުދެކެ ލޯބިވާކަން ދެއްކުމަށް ރަނގަޅަށް ކުނި މެނޭޖުކުރަންވީއެވެ.

ޤައުމުދެކެ ލޯބިވާކަން ދެއްކުމަށް ކުރެވޭނޭ ބައިވަރު ކަންތައްތައް ހުންނާނޭކަން މިހާރު ޤަބޫލުކުރެވިދާނޭ ކަމުގައި ދެކެމެވެ. އެހެންކަމުން ޤައުމުދެކެ ލޯބިވާކަން ދެއްކުމަށް ކުރެވިދާނޭ ބައެއް ކަންތައްތަކުގެ ސުރުޚީގެ އިޝާރާތެއް ދެމުން މި ލިޔުން ނިންމާލާނަމެވެ. ޤައުމުގެ އެކަކު އަނެކަކު ދެކެ ލޯބިވާކަން ދެއްކުމެވެ. އެކަކު އަނެކަކަށް އެހީތެރިވެދިނުމެވެ. ހެޔޮކަންތައް ކުރުމުގައި ވާގިވެރި ވުމެވެ. ރަނގަޅު ކަންތައްތައް ކުރުމަށް އެކަކު އަނެކަކަށް ނަސޭހަތްތެރި ވުމެވެ. އިސްލާމްދީނުގައި ތިމާ ކުރުމަށް އަންގަވާފައިވާ ކަންތައްތައް ކުރުމެވެ. ވީމާ ތިމާ ރަނގަޅަށް ކުރާ ކޮންމެ ކަމަކުން ދައްކައިދެނީ ތިމާ ޤައުމުދެކެ ވާ ލޯތްބެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *