ބުރާސްފަތި, 17 އޭޕްރިލް 2025

އާރޓިކަލް 36 : ނަމާދުކުރުން މަނާ ތަންތަން ހުންނަކަން އެނގޭތަ؟ – (1)

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ސުންނަތް ނަމާދު ކުރުން މަނާވާ ވަގުތުތަކެއްގެ މައުޟޫޢަށްފަހު، ފަރުޟު ނަމާދެއް ވިޔަސް ނުވަތަ ސުންނަތް ނަމާދެއް ވިޔަސް، އެއްވެސް ވައްތަރެއްގެ ނަމާދެއް ކުރުން މަނާވެފައިވާ ތަންތަން ދީނުގައި ކަނޑައަޅުއްވާފައި ކަމާމެދު އަލިއަޅުވާލުން މުނާސިބު ކަމުގައި ދެކެމެވެ. ރަސޫލާ صلى الله عليه وسلم ގެ ޝަރީޢަތް ކުރިން އިސްވެދިޔަ ޝަރީޢަތްތަކާއި ތަފާތުވާ ސަބަބުތަކެއްވެއެވެ. އޭގެ ތެރެއިން އެއްކަމަކީ މުސްލިމުންނަށް ބިމުގައިވާ ކޮންމެ ތަނެއްގައިވެސް ނަމާދު ކުރެވުމެވެ. ބުޚާރީ އާއި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((أُعْطِيتُ خَمْسًا لَمْ يُعْطَهُنَّ أحَدٌ قَبْلِي: نُصِرْتُ بالرُّعْبِ مَسِيرَةَ شَهْرٍ، وجُعِلَتْ لي الأرْضُ مَسْجِدًا وطَهُورًا، فأيُّما رَجُلٍ مِن أُمَّتي أدْرَكَتْهُ الصَّلَاةُ فَلْيُصَلِّ، وأُحِلَّتْ لي المَغَانِمُ ولَمْ تَحِلَّ لأحَدٍ قَبْلِي، وأُعْطِيتُ الشَّفَاعَةَ، وكانَ النبيُّ يُبْعَثُ إلى قَوْمِهِ خَاصَّةً وبُعِثْتُ إلى النَّاسِ عَامَّةً)) މާނައީ: [ތިމަންނަބިއްޔާގެ ކުރިން އެކަކަށްވެސް ނުދެއްވޭ ފަސްކަމެއް ތިމަން ނަބިއްޔާއަށް ދެއްވުނެވެ: މަސްދުވަހުގެ ރާސްތާއިންވެސް (ޢަދުއްވުންގެ ހިތްތަކަށް) ބިރުވެރިކަން ވަދެ ނަޞްރު ދެވުނެވެ. އަދި ބިމަކީ މިސްކިތެއް ކަމުގައި އަދި ޠާހިރުތަނެއް ކަމުގައި ލެއްވުނެވެ. ވީމާ ތިމަންނަބިއްޔާގެ އުންމަތުގެ ތެރެއިން އެއްވެސް މީހަކާ ނަމާދުގެ ވަގުތު ޖެހިއްޖެނަމަ ފަހެ އޭނާ ނަމާދު ކުރާހުށިކަމެވެ. އަދި ތިމަން ނަބިއްޔާއަށް ޣަނީމާ ޙަލާލުކުރެވުނެވެ. އެތަކެތި ތިމަންނަބިއްޔާގެ ކުރިން އެކަކަށްވެސް ޙަލާލެއް ނުކުރައްވައެވެ. އަދި ތިމަންނަބިއްޔާއަށް ޝަފާޢަތް ދެއްވިއެވެ. އަދި ނަބިއްޔުން ފޮނުވުނު ކަމުގައި ވަނީ ޚާއްޞަކޮށް އެބޭކަލެއްގެ ގައުމުގެ މީހުންގެ ގާތަށެވެ. ނަމަވެސް ތިމަން ނަބިއްޔާ ފޮނުއްވުނީ ޢާންމުކޮށް އެންމެހައި މީސްތަކުންގެ ގާތަށެވެ.] އަބޫދާވޫދު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((الأرضُ كلُّها مسجدٌ إلا المَقبرَةَ والحمامَ)) މާނައީ: [މުޅި ބިމަކީ މިސްކިތެވެ. ގަބުރުސްތާނާއި ފާޚާނާ ފިޔަވައެވެ.] މިޙަދީޘުން ދޭހަވަނީ ބިމުގެ ކޮންމެ ތަނެއްގައިވެސް ނަމާދު ކުރުން ހުއްދަކަމުގައެވެ. އަދި ގަބުރުސްތާނުގައާއި ފާޚާނާގައި ނަމާދު ކުރުން ހުއްދަ ނުވާނެކަމުގައެވެ. ވީމާ މިފަދައިން މުޅި ބިން ނަމާދުކުރެވޭނޭ ތަނެއް ކަމުގައި ޙަދީޘް ތަކުގައި ވާއިރު، އެއިން އިސްތިސްނާ ކުރެވޭ ތަންތަން ހުންނަކަން މިފަހު ޙަދީޘުން އެނގިގެންދެއެވެ. އަދި މިޙަދީޘްގައި އެވަނީ 2 ތަނެއްގެ ވާހަކަ ބަޔާންކުރައްވާފައެވެ. ނަމަވެސް އޭގެ އިތުރުންވެސް އިތުރު ތަންތަން އެހެނިހެން ޙަދީޘްތަކުގައި ވަނީ އިސްތިސްނާ ކުރެވިފައެވެ. އެތަންތަން ބަޔާންކޮށް އޭގެ ތަފްޞީލަށް ދިއުމަކީ އަހަރެމެންގެ މިމައުޟޫޢުގެ މައިގަނޑު މަޤްޞަދެވެ.

ނަމާދު އެތަނެއްގައި ކުރުން މަނާކުރެވިގެންވާ އެއްތަނަކީ ގަބުރުސްތާނާއި، އެއާ އެއްފަދަ ތަންތަން ކަމުގައި ބެލެވޭ ތަންތަނެވެ. ގަބުރުސްތާނަކީ މަރުވާ މީހުން ވަޅުލުމަށް ޚާއްޞަކުރެވިފައިވާ ސަރަހައްދެވެ. އޭގެ ތެރެއަށް މީހުން ވަޅުލުމަށް ޚާއްޞަ ކުރެވިފައިވާ ތަނެއް ކަމުގައި ނުވިޔަސް މީހަކު ނުވަތަ މީހުންތަކެއް ވަޅުލެވިފައިވާ ތަނެއްވެސް ހިމެނޭނެއެވެ. އެއީ މިސްކިތެއްގެ ބޭރުގައިވިޔަސް ނުވަތަ މިސްކިތެއްގެ ތެރޭގައި ކަމުގައިވިޔަސް އޭގެ ތެރެއަށް ވަންނާނެއެވެ. ސަބަބަކީ ގަބުރުސްތާނުގައި ނަމާދު ކުރުން މަނާވީ އެއީ އެތަން ހަމައެކަނި ގަބުރުސްތާނަކަށް ވެގެންނެއް ނޫނެވެ. ނަމަވެސް އެތަނުގައި ވަޅުލާފައިވާ މީހަކު ނުވަތަ މީހުންތަކެއް ވާތީއެވެ. އެއީ އަބަދުވެސް، ކުރީގެ އުންމަތްތަކުގައިވެސް އަދި މިހާރުވެސް ޝިރުކު ކުރާ މީހުން އެފަރާތަކަށް އަޅުވެތިވެ ނުވަތަ އަޅުކަމުގެ ކަންކަން އެފަރާތަކަށް އަދާކުރާ އެކައްޗަކީ މަރުވެފައިވާ މީހެއް ނުވަތަ މީހުން ކަމުގައިވުމެވެ. ވީމާ މިސިފައިގައި އެތަނުގައި ނަމާދުގެ އަޅުކަން ކުރުން މަނާވެގެން ދިޔައީ އެއީ ޤަބުރުގައިވާ ފަރާތަށް އަޅުކަން އަދާކުރާތީވެ، ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން އަދާކުރުން އެއީ ޝިރުކު ކަމުގައި ވާތީއެވެ. ނުވަތަ އެކަމަކީ އެއީ ޝިރުކަށް މަގުފަހި ކުރުވާ ފަދަ ކަމަކަށް ވާތީއެވެ. ވީމާ މިކަމުގައި ތަފާތު ޙާލަތްތަކެއް އާދެއެވެ. އެއްބަޔަކު ސީދާ ގަބުރަށް އަޅުކަން ކުރުމަށް އެގަބުރަށް ސަޖިދަ ޖެހުމާއި އެފަރާތުން ކަންކަމުގައި މަދަދަށް އެދި ހަދައެވެ. އަދި ދެވަނަ ގޮތަކީ ﷲ އަށް އަޅުކަން ކުރުމުގައި ގިބުލަ ކަމުގައި ގަބުރު ހެދުމެވެ. އެކަން ކުރުމުގައިވެސް ސަޖިދަ ޖަހަނީ ގަބުރަށެވެ. މިދެޙާލަތުގައި ވެސް އެފަދަ މީހާ އެއީ މުސްލިމެއްގެ ގޮތުގައި ހުރެ އެކަން ކުރާނަމަ، އެމީހަކު ދީނުން ބޭރުވެ މުރުތައްދު ވާނެއެވެ. ތިންވަނަ ޙާލަތަކީ އެގަބުރާ ދިމާއަށް ނުވަތަ ގަބުރުގެ ކައިރީގައި ނުވަތަ އެގަބުރަށް ވިސްނައިގެން އެގަބުރުހުރި ހިސާބުގަނޑެއްގައި، އޭނާ ނަމާދުފަދަ އަޅުކަމެއް އަދާ ކުރާއިރު ޙަޤީޤަތުގައި ﷲ އަށް އަޅުކަން އަދާކުރުމުގެ ނިޔަތް އޮތުމެވެ. ނަމަވެސް އެމީހަކު ގަބޫލުކުރަނީ އެތަނަކީ އެއީ ﷲ ގެ ޙަޟްރަތުގައި އަޅުކަން ޤަބޫލުވެވުމަށް އެންމެހެޔޮކަން ބޮޑު، ނުވަތަ ހެޔޮކަމެއްވާ ތަނެއް ކަމުގައެވެ. އެފަދަ ޙާލަތުގައި އެމީހަކު ސީދާ ބޮޑު ޝިރުކުގެ ތެރެއަށް ވެއްޓިފައި ނެތް ކަމުގައިވީ ނަމަވެސް، އެމީހަކު އެކުރަނީ ބޮޑުޝިރުކަށް މަގުފަހިވާ ފަދަ ޢަމަލެކެވެ. ވީމާ އެމީހަކު އެއީ މުސްލިމެއް ކަމުގައި ވާޙާލަތުގައި އޭނާ އިސްލާމްދީނުން ބޭރު ނުވިޔަސް، އެކުރަނީ އެންމެބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ. ހަތަރުވަނަ ގޮތަކީ ސާފުކޮށް އޮތް ބިމެއްގައި މީހަކު ވަޅުލުމަށްފަހު، އެގަބުރުގެ މަތީގައި ބިނާއެއް ހަދާ، އެބިނާއަކީ މިސްކިތަކަށް ހެދުމެވެ. ނުވަތަ ބިނާކޮށްފައިވާ މިސްކިތެއްގެ ތެރެއަށް ކަށުނަމާދު ކުރުމުގެ ނިޔަތެއް ނުވަތަ އެކަން އަދާކުރުން ނޫންގޮތަކަށް، ގަބުރެއް ވައްދާ އެތަނުގައި ގަބުރު ބޭއްވުމެވެ. މިޢަމަލު ހިންގާ މީހުން މިސްކިތުގައި ދާއިމަށް އެގަބުރު ބާއްވާ އެއަށް އަޅުކަން ކުރުމުގައި އެއްބަޔަކު ހޭދަ ކުރާއިރު، އަނެއްބަޔަކު އެތަނަކީ ﷲ އަށް އަޅުކަން ކުރުމަށް އެންމެ ހެޔޮ، ނުވަތަ ގަބުރެއް ނެތް މިސްކިތަކަށް ވުރެ ހެޔޮކަމެއް ވާ ތަނެއްގައި ކަމުގައި ދެކިގެން އެމިސްކިތުގެ އެތެރޭގައި އަޅުކަން އަދާކުރެއެވެ. ފަހުން މިބަޔާންކުރި ޙާލަތްތަކުގައި އެވާ މިސްކިތުގައި ކޮންމެ ނިޔަތެއްގައި ނަމަވެސް، ދީނުން ބޭރުވާ ގޮތުގައި ނުވަތަ ދީނުން ބޭރުނުވާނެ ގޮތުގައި ވިޔަސް ނަމާދު ފަދަ އަޅުކަންތައް ކުރުން އެއީ ސީދާ ރަސޫލާ صلى الله عليه وسلم ނަހީކުރައްވާފައިވާ ކަމެކެވެ. ބުޚާރީ އާއި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ: ((لَعَنَ اللَّهُ اليَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ)) މާނައީ: [ޔަހޫދީންނާއި ނަޞާރާއިންނަށް ﷲ ލަޢުނަތް ލެއްވިއެވެ. އެއީ އެބައިމީހުން އެބައިމީހުންގެ ނަބީންގެ ގަބުރުތައް މިސްކިތްތަކަކަށް ހެދީމައެވެ.] ވީމާ މިޙަދީޘްއާ މެދު ފުންވިސްނުމަކުން ވިސްނާލައިފިނަމަ އެނގިގެން ދަނީ އެތަނުގައި ކުރާ އަޅުކަން ކުރަނީ ކިހިނެއްތޯ އަލިއަޅުވާލުމެއް ނެތި، ގަބުރުގައި މިސްކިތް ބިނާކުރުން އެއީ މަނާކަމެއް ކަމުގައި ސީދާ އަންގަވާފައިވުމެވެ. ވީމާ ގަބުރުސްތާނެއްގައި މިސްކިތް ބިނާކުރުން ނުވަތަ މިސްކިތެއްގެ ތެރެއަށް ކަށުނަމާދު ފަދަ ޝަރުޢުކުރައްވާފައި އަޅުކަމެއް ކުރުމަށް ނޫންގޮތަކަށް، ޚާއްޞަކޮށް މިސްކިތް އެކަމުން މާތް ކުރުމަށްޓަކައި ގަބުރެއް ވެއްދުންވެސް ކަނޑައެޅިގެން އެއީ އިސްލާމްދީނުގައި މަނާކުރެވިގެންވާ ކަމެއް ކަމެވެ.

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

(ނުނިމޭ)

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *