ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ރޭ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރީ އަދި ޕްރައިމަރީ ޓީޗަރުންނަށް ޚާއްޞަކޮށްގެން ޑިނަރނައިޓެއް ބާއްވައިފިއެވެ. މި ޑިނަރ ނައިޓުގައި ތަފާތު އައިޓަމްތައް ހުށަހެޅުން އޮތެވެ. ރޭ ވަރަށް ކުލަގަދަކޮށް ބޭއްވުނު މި ހަފުލާގައި ޕްރީ އަދި ޕްރައިމަރީ ސްކޫލްގެ ޓީޗަރުންގެ މެދުގައި ޑްރާމާ ކުޅުމާއި، ނާސަރީ ރައިމްސް ހުށަހެޅުމާއި، މަދަހަކިޔުން އޮތެވެ. މީގެއިތުރުން ކުއްލި މައުޟޫއަށް ވާހަކަދެއްކުން ވެސް އޮތެވެ. އަދި ނެށުމުގެ ހަރަކާތްތައް ވެސް ކުރިއަށް ދިއައެވެ. މިއައިޓަމްތަކުގެ ފަޑިޔާރުންގެ ގޮތުގައި ބައިވެރިވީ ފިލްމީ ދާއިރާގެ ފުންނާބު އުސް ދެ ބޭފުޅުންކަމުގައިވާ ޝީލާ ނަޖީބުއާއި މުހައްމަދު މަނިކުއެވެ.
ފަޑިޔާރުން އާޝޯޚުކޮށްލާ ފަދަ އައިޓަމްތައް ޓީޗަރުންގެ ފަރާތުން ފެނިގެން ދިޔައެވެ. މި ޑިނަރ ނައިޓުގައި ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް މުހައްމަދު ރަޝީދާއި ސީނިއަރ އެސިސްޓެންޓް ދެ ޕްރިންސިޕަލް ކަމުގައިވާ ޢަލީ އާސިމާއި ޢައިޝަތު ސީތާވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިއީ ވަރަށް ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދެވުނު ހަފުލާއެކެވެ. މި ހަފުލާގައި ޓީޗަރުންނާއި މުޚާތަބުކޮށް ޕްރިންސިޕަލް ވާހަކަފުޅު ދެއްކެވިއެވެ. ޕްރިންސިޕަލްގެ ވާހަކަ ފުޅުގައި އަހުމަދިއްޔާގެ ޓީޗަރުންގެ އެއްބައިވަންތަކަމާއި ހަރުދަނާގުޅުން ފާހަގަ ކުރެއްވިއެވެ. އަދި އަޙްމަދިއްޔާ އަޙްމަދިއްޔާއެއްގެ ގޮތުގައި ދެމި މިއޮންނަނީ ޓީޗަރުން ކުރައްވާ ބުރަ މަސައްކަތުންކަން ފާހަގަކޮށް ކޮންމެ ދުވަހަކީ ވެސް ޓީޗަރުންގެ ދުވަސް ކަމުގައި ވިދާޅުވިއެވެ.

ރޭގެ މި ޙަފުލާ ނިމުމުން އެކިއެކި އައިޓަމްތަކުން ފަޑިޔާރުންގެ ނަތީޖާ އިއުލާނުކޮށް ވަނަވަނައަށް ދިޔަ ފަރާތްތަކަށް ތަށި ހަވާލުކުރުން އޮތެވެ. ހުރިހާ އައިޓަމަކުން ވެސް ޕްރައިމަރީ ޓީޗަރުން ދިޔައީ އެއްވަނައަށެވެ. ރޭގެ މިހަފުލާ ނިމުމުން އެއްޓީޗަރަކު އަނެއްޓީޗަރަކަށް ހަދިޔާދިނުން އޮތެވެ.