އަޙްމަދިއްޔާގައި ގައުމީ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފި

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި ރާއްޖޭގެ 79 ވަނަ ގައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. އަޙްމަދިއްޔާގެ ދިވެހި ޑިޕާޓްމަންޓުން އިންތިޒާމްކޮށްގެން އެ ސްކޫލްގެ މާލަމުގައި މިއަދު ހެނދުނު ވަކިވަކިން  ބޭއްވި ޚާއްޞަ ދެ އެސެމްބްލީއެއްގައި ގައުމީ ދުވަހާ ގުޅޭ ގޮތުން ވާހަކަދެއްކުމުގެ އިތުރުން ޅެމާއި، ބަންޖާއި ރައިވަރު އަދި ކުރު ތަމްސީލް ހުށަހަޅައިދީފައިވެއެވެ.

ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި އެސެމްބްލީގެ ތެރެއިން…. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ސާނަވީ ގްރޭޑްތަކަށް ބޭއްވި މި ޚާއްޞަ އެސެމްބްލީތަކުގައި އެ ގްރޭޑްތަކުގެ ދަރިވަރުންގެ ތެރެއިން ޅެން ހުށަހެޅީ ގްރޭޑް 7 ގެ ދަރިވަރުންނެވެ. ބަނދި ހުށަހެޅީ ގްރޭޑް 8 ގެ ދަރިވަރުންނެވެ. އަދި ރައިވަރު ހުށަހެޅީ ގްރޭޑް 9 ގެ ދަރިވަރުންނެވެ. ގްރޭޑް 10 ގެ ދަރިވަރުންގެ ބައިވެރިވުން ފެނިގެން ދިޔައީ ދުވަހާ ގުޅޭ ގޮތުން ވާހަކަދެއްކުމާއި ތަމްސީލް ހުށަހެޅުމުގެ ތެރެއިންނެވެ.

ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި އެސެމްބްލީގެ ތެރެއިން…. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ސްކޫލް ހޯލުގައި ޖާގަ ނެތުމުގެ ސަބަބުން ދެ ވަގުތެއްގައި ދެ އެސެމްބްލީ ބޭއްވިއިރު، ފުރަތަމަ އެސެމްބްލީ ބާއްވާފައި ވަނީ ހެނދުނު 7 އިން ފެށިގެންނެވެ. އެއީ ގްރޭޑް 7 އަދި 9 ގެ ދަރިވަރުންނަށެވެ. މި އެސެމްބްލީގެ ޝަރަފްވެރި މެހްމާނަކީ، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕްލް އަޙްމަދު ޝަފީޤެވެ.

ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި އެސެމްބްލީގެ ތެރެއިން…. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ދެ ވަނަ އެސެމްބްލީ ބޭއްވީ ހެނދުނު 10 އިން ފެށިގެންނެވެ. މި އެސެމްބްލީ އަކީ ގްރޭޑް 8 އަދި 10 ގެ ދަރިވަރުންނަށް ބޭއްވި އެސެމްބްލީއެކެވެ. މި އެސެމްބްލީގެ ޝަރަފްވެރި މެހްމާނަކީ، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި ދިވެހި ބަހުގެ އެކިއެކި ހުނަރު ދަސްކޮށްދޭ މުދައްރިސް އަދި ސްކޫލްގެ އަދަބީ މުދައްރިސް މުޙައްމަދު ސަލީމެވެ. މި އެސެމްބްލީ ތަކުން ދަރިވަރުންގެ ހިތުގައި ގައުމީ ކަންކަމަށް ހުންނަ ލޯތްބާއި، އެކި ދާއިރާތަކުން ދަރިވަރުންގެ ހުނަރު ވަރަށް ބޮޑަށް ފާހަގަވެގެންދިޔައެވެ.

ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި އެސެމްބްލީގެ ތެރެއިން…. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް މިއަދު ދަރިވަރުންނާއި މުދައްރިސުން ވެސް ހާޒިރުވީ ދިވެހި ސަގާފީ ހެދުމާއި ގައުމީ ހެދުން އަޅައިގެންނެވެ.

ރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލް ޢައްވަލު މަހުގެ 1 ވަނަ ދުވަހުއެވެ. އެއީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުން އައުޒަމް ސިރީ ސަވާދީއްތަ މަހާރަދުން (ބޮޑު ތަކުރުފާނު) ޕޯޗުގީޒުންގެ އަނިޔާވެރި ވެރިކަމުގެ ދަށުން ރާއްޖެ ސަލާމަތްކުރެއްވި ދުވަސް ކަމަށްވާ 1 ރަބީއުލް ޢައްވަލް 981 ވަނަ ދުވަހެވެ. މި ދުވަހަކީ ބޮޑުތަކުރުފާނު ދިވެހި ގައުމަށްޓަކައިވީ މަތިވެރި ގުރުބާނީގެ އަގުވަޒަންކޮށް އެ މަނިކުފާނުގެ ޒިކުރާ އައު ކުރުމަށް ފާހަގަކުރާ ދުވަހެކެވެ.

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރީ އަދި ޕްރައިމަރީ ސްކޫލް ބަޔާއި މަތީ ސާނަވީގެ ގްރޭޑްތަކުން ވެސް ވަނީ މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމަށް ތަފާތު އެކި ހަރަކާތްތައް ބާއްވާފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *