ރީޑިންގ ޕްރޮގްރާމްގެ ރިވެލި: ހިންގި ހަރަކާތްތަކާއި ނަތީޖާ

މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ބަޔާއި ގުޅޭ …..

 

މިއީ ރީޑިންގ ޕްރޮގްރާމްގެ ދެ ވަނަ ދުވަހު ހިންގި ޙަރަކާތެވެ. މި ޙަރަކާތުގެ ކިޔުމުގެ ކުރީގެ ޙަރަކާތެއްގެ ގޮތުން ކުރިޔަށް ގެންދިޔައީ ވާހަކައެއްގެ އޮނިގަނޑުގައި ހިމެނޭ ބައިތަކާ ބެހޭ ގޮތުން ދަރިވަރާއި މަޝްވަރާކުރުމެވެ. އެގޮތުން ފެށުމާއި، މައްސަލައާއި، މައްސަލަ އުފެދުނު ހިސާބާއި، ރައިޒިންގ އެކްޝަނާއި، ކުންނާއި ފޯލިންގ އެކްޝަނާއި ބެހޭ ގޮތުން އެނގޭ މިންވަރު އޮޅުންފިލުވައި، އިތުރަށް މަޢުލޫމާތުދިނީއެވެ. އެއަށްފަހު  ކިޔުމުގެ އެތެރޭގެ ހަރަކާތެއްގެ ގޮތުން "އިބުރާހިމް ހުސައިންމަނިކުގެ ކުރުވާހަކަތައް" މި ފޮތުގައިވާ "ތަރުޖަމާނު" މި ވާހަކަ  ކިޔުއްވުމަށްފަހު، ކުރިން މަޝްވަރާކުރި ބައިތައް ފާހަގަކުރަން ހަވާލުކުރީމެވެ. މި ދަރިވަރު ވަނީ ހުރިހާ ބައިތައް ވަކިވަކިން ކިޔައިދީ، މި މަސައްކަތް ވަރަށް ފުރިހަމައަށް ނިންމާފައެވެ.

ކިޔުމުގެ ފަހުގެ ހަރަކާތެއްގެ ގޮތުން ދަރިވަރާއި ޙަވާލުކުރެވުނީ ވާހަކައިގެ ނިމުން ގެނެސްފައިވާ ގޮތާމެދު ޚިޔާލުފާޅުކުރުމަށެވެ. ވާހަކައިގެ ނިމުން ގެނެސްފައިވާ ގޮތާއި ބެހޭ ގޮތުން ވެސް ދަރިވަރު ވަނީ ފުރިހަމަ ޚިޔާލުތަކެއް ހުށަހަޅާފައެވެ.

އެކްސްޓެންސިވް ކިޔުމުގެ ހަރަކާތް 3

މި ޙަރަކާތް ކުރިއަށް ގެންދިޔުމުގެ ކުރިން، ކިޔުމުގެ ކުރީގެ ޙަރަކާތެއްގެ ގޮތުން ކުރީ ޒަމާނުގައި ޙައްޖަށް ދިއުމަށް ކުރަންޖެހޭ ދަތުރުގެ އުނދަގޫ ކަމާއި ތަކުލީފުތަކާއި ބެހޭ މަޢުލޫމާތު ދަރިވަރަށް ދިނީމެވެ. އެ މަޢުލޫމާތުތަކުގެ ތެރެއިން ބައެއް މަޢުލޫމާތުތައް އޭނާއަށް ވަރަށް އައު އަދި ޝައުގުވެރިކުރުވަނިވި މަޢުލޫމާތަށްވިއެވެ. އެއަށްފަހު، ކިޔުމުގެ ތެރޭގެ ޙަރަކާތަކަށް، "އިބުރާހިމް ހުސައިންމަނިކުގެ ކުރުވާހަކަތައް" މި ފޮތުގައިވާ "ހައްޖުދަތުރު"، މި ވާހަކަ ދަރިވަރުލައްވައި، ކިޔުއްވަމުން ކުރިން ދިން މަޢުލޫމާތާއި ވާހަކައިން ލިބެމުންދިޔަ މަޢުލޫމާތު ގުޅުވައިގެން ވާހަކަދައްކުވަން ޖެއްސީމެވެ. ވާހަކަ ކިޔައި ނިމުމުން ކިޔުމުގެ ފަހުގެ ޙަރަކާތެއްގެ ގޮތުން ވާހަކައިގެ ޚުލާޞާއެއް ލިޔެ، ހުށަހަޅައިދޭން ހަވާލުކުރީމެވެ. މި މަސައްކަތް ކުރި އިރު، މައިގަނޑު ދެ ނުކުތާއެއް ފިޔަވައި އެހެން ހުރިހާ ނުކުތާއެއް ޚުލާޞާގައި ހިމަނާފައިވާކަން ފާހަގަކުރެވުނެވެ.

އެކްސްޓެންސިވް ކިޔުމުގެހަރަކާތް 4

މި ހަރަކާތް ފެށުމުގެ ގޮތުން ކިޔުމުގެ ކުރީގެ ހަރަކާތަކަށް ދަރިވަރާއި ހަވާލުކުރީ އެ ދަރިވަރު މީގެ ކުރިން ކިޔައިފައިނުވާ 2 ވާހަކައެއްގެ ނަން ދިނުމަށްފަހު، އެ ވާހަކަތަކުގައި ކަންވާނޭ ކަމަށް ލަފާކުރާ ގޮތަކާއި ބެހޭ ގޮތުން ޚިޔާލުފާޅުކުރުމަށެވެ. މި ހަރަކާތަކީ ހޮނިހިރު ދުވަހު ބޭއްވި ޙަރަކާތެއް ކަމުން، ދަރިވަރުގެ ގޭގައި ހަފުތާ ބަންދު ހޭދަކޮށްލަން ގޮސް އުޅުނު، އޭނާގެ ދެބެއިންގެ ދެ ދަރި ފިރިހެން ކުއްޖަކު ވެސް އެ ދުވަހުގެ ހަރަކާތުގައި ބައިވެރި ކުރުވީމެވެ. އެއީ ވެސް ހަމަ އެ އުމުރުފުރާގެ ކުއްޖެކެވެ. އެހެންނަމަވެސް ކަންކަން ނަގައިގަތުމާއި ދެލިގަނޑަށް ވެސް ތަންކޮޅެއް ކޮށި ކުއްޖެކެވެ. މި ދުވަހު، ލިބުނު ފުރުޞަތުގެ ބޭނުން ހިފައި ލިޔުމުގެ ތެރޭގެ ހަރަކާތަކަށް ގެންދިޔައީ ބަޑީ ރީޑިންގއެއް ގޮތަށް ފަހަރަކު ދަރިވަރަކު ވާހަކައިން ބައެއް ކިޔައި، އެއް ދަރިވަރު ކިޔައިދިން ބަޔާ ބެހޭ ގޮތުން އަނެއް ދަރިވަރާ ސުވާލުކޮށްގެން، ދަރިވަރުންނަށް ފަހުމުވެފައިވާ މިންވަރު ދެނެގަތުމެވެ. މި 2 ކުދިންނަށް ވެސް ވާހަކައިގައި ކަންވީ ގޮތް ރަނގަޅަށް އޮޅުންފިލައިފައިވާ ކަމަށް ފާހަގަކުރެވުނެވެ. މި ހަރަކާތުގައި ކިޔަން ޖެއްސީ  'އިބުރާހިމް ހުސައިންމަނިކުގެ ކުރުވާހަކަތައް" މި ފޮތުގައިވާ 'ފުރަންވުމުން" މި ވާހަކައެވެ، އެއަށް ފަހު، ކިޔުމުގެ ފަހުގެ ހަރަކާތެއްގެ ގޮތުން، ވާހަކައިގެ ނަމަކީ އެންމެ އެކަށީގެންވާ ނަމެއްތޯ ކަނޑައަޅައި ޚިޔާލުފާޅުކުރަން ދެ ކުދިންނާ ސުވާލުކުރީމެވެ. މި ސުވާލަށް ދަރިވަރުން މަޖާކުރަމުން ޖަވާބުދިންކަން ފާހަގަކުރެވުނެވެ. ދެ ކުދިން ވެސް ފިލާވަޅާ ވަރަށް ގަޔާވެގެން ކިޔަވާ ހިތުން ތިބިކަން ފާހަގަކުރެވުނެވެ.

އެކްސްޓެންސިވް ކިޔުމުގެ ހަރަކާތް 5

މިއީ އެކްސްޓެންސިވް ކިޔުމުގެ ހަރަކާތުގެ އެންމެ ފަހުގެ ޙަރަކާތް ބޭއްވި ދުވަހެވެ. "އިބުރާހިމް ހުސައިންމަނިކުގެ ކުރުވާހަކަތައް" މި ފޮތުގައިވާ "ފަތިސްނަމާދު" މި ވާހަކަ  ކިޔުއްވުމުގެ ކުރިން، ކިޔުމުގެ ކުރީގެ ޙަރަކާތެއްގެ ގޮތުން މީހެއްގެ ކިބައިގައި އަށަގަނެފައިހުރެދާނެ، ރަނގަޅު އަދި ނުރަނގަޅު ސިފަތަކަކީ ކޮބައިކަމާ މެދު ޚިޔާލުފާޅުކުރުމަށް ދަރިވަރަށް ފުރުޞަތު ދެވުނެވެ. މި މަސައްކަތް ވަރަށް ފުރިހަމައަށް އެ ދަރިވަރު ހުށަހަޅައިދިން ވެސްމެއެވެ. އިންސާނެއްގެ ކިބައިގައި ޚާއްޞަކޮށް ދިވެއްސެއްގެ ކިބައިގައި ހުންނަ ވަރަށް ގިނަ ރަނގަޅު އަދި ނުރަނގަޅު، އުނި ވަރަށް ގިނަ ސިފަތައް ދަރިވަރު ކިޔައިދިނެވެ.  އެއަށްފަހު، އަޑުހަރުކޮށް ވާހަކަ ކިޔުއްވަމުންދިޔަ އިރު، ކިޔުމުގެ ތެރޭގެ މަސައްކަތެއްގެ ގޮތުން ދޮހޮއްތުގެ ސިފަތަކާ ގުޅޭ ގޮތުން އޭނާގެ ބަސްމަގު ހުންނާނޭ ކަމަށް ލަފާކުރާ ގޮތަށް، އެ ރާގުގައި ވާހަކަ ހުށަހަޅަން ހަވާލުކުރީމެވެ. މި ކަންވީ އެ ދަރިވަރަށް ތަންކޮޅެއް އުނދަގޫ މަސައްކަތަކަށެވެ. އެހެންނަމަވެސް ދޫ ނުދީ ރާގުގައި ކިޔޭތޯ މަސައްކަތްކުރިއެވެ. އެއަށްފަހު، ކިޔުމުގެ ފަހުގެ ހަރަކާތެއްގެ ގޮތުން ވާހަކައިގެ މައިގަނޑު ޝަޚުޞިއްޔަތު ކަމުގައިވާ ދޮހުއްތުގެ ސިފަތައް ހުށަހަޅައިދޭން ހަވާލުކުރީމެވެ. ކިޔުމުގެ ތެރޭގެ ހަރަކާތް ކުރަކިކޮށް ދިޔަ ނަމަވެސް، ކިޔުމަށްފަހު މި ހަވާލުކުރި މަސައްކަތަކީ  ވެސް އެ ދަރިވަރުގެ ތޫނުފިލިކަން ފާހަގަވެގެންދިޔަ މަސައްކަތެކެވެ.

ހިންގި ހަރަކާތްތަކުގެ ސުވާލުތައް ތިރީގައި މިވަނީއެވެ.

އެކްސްޓެންސިވް ކިޔުމުގެ ހަރަކާތް 2

"އިބުރާހިމް ހުސައިންމަނިކުގެ ކުރުވާހަކަތައް" މި ފޮތުގައިވާ "ތަރުޖަމާނު" މި ވާހަކަ  ކިޔުމަށްފަހު، ވާހަކައިގެ ނިމުން ގެނެސްފައިވާ ގޮތާމެދު ތިޔަ ދަރިވަރު ޚިޔާލުފާޅުކުރާށެވެ.

 

އެކްސްޓެންސިވް ކިޔުމުގެ ހަރަކާތް 3

"އިބުރާހިމް ހުސައިންމަނިކުގެ ކުރުވާހަކަތައް" މި ފޮތުގައިވާ "ހައްޖުދަތުރު" މި ވާހަކަ  ކިޔުމަށްފަހު، ވާހަކައިގެ ޚުލާސާއެއް ހުށަހަޅައިދޭށެވެ.

 

އެކްސްޓެންސިވް ކިޔުމުގެހަރަކާތް 4

"އިބުރާހިމް ހުސައިންމަނިކުގެ ކުރުވާހަކަތައް" މި ފޮތުގައިވާ "ފުރަންވުމުން" މި ވާހަކަ  ކިޔުމަށްފަހު، ވާހަކައިގެ ނަމަކީ އެންމެ އެކަށީގެންވާ ނަމެއްތޯ ކަނޑައަޅައި ޚިޔާލުފާޅުކުރާށެވެ.

 

އެކްސްޓެންސިވް ކިޔުމުގެ ހަރަކާތް 5

"އިބުރާހިމް ހުސައިންމަނިކުގެ ކުރުވާހަކަތައް" މި ފޮތުގައިވާ "ފަތިސްނަމާދު" މި ވާހަކަ ކިޔުމަށްފަހު، ވާހަކައިގެ މައިގަނޑު ޝަޚުޞިއްޔަތު ކަމުގައިވާ ދޮހުއްތުގެ ސިފަތައް ހުށަހަޅައިދޭށެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *