الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ﷲ މުޅި ދުނިޔޭގެ ކޮންމެ ބިމެއްވެސް އެއީ ޠާހިރު ތަންތަން ކަމުގައި މިއުންމަތަށް ލެއްވީ ވަރަށް ބޮޑު ލުއިފަސޭހަކަމެއް މިންވަރު ކޮށްދެއްވުމަށްޓަކައެވެ. ކޮންމެ މުސްލިމަކުވެސް ނަމާދު ވަގުތު ޖެހުމުން ދުނިޔޭގެ ކޮންމެ ބިމެއްގައިވެސް ނަމާދު ކުރަންވީއެވެ. ނަމަވެސް މަރުވާމީހުން ވަޅުލެވިފައިވާ ތަންތަނަކު ނޫނެވެ. އެތަންތަން އެއީ ހަމަ އެއްގޮތަކަށްވެސް ނަމާދުކުރުން ހުއްދަވާނެ ތަންތަނެއް ނޫނެވެ. ކަށުނަމާދު ފިޔަވައެވެ. ނަމަވެސް އެއީވެސް ވަކިޙާލަތެއްގައި އެކަންޏެވެ. އެޙާލަތު ވަނީ ރަސޫލާ صلى الله عليه وسلم ގެ ޢަމަލުފުޅުން ބަޔާން ކުރައްވާފައެވެ. އެއީ މިސްކިތް ސާފުކުރުމުގައި އުޅުއްވި އަންހެން ބޭކަނބަލެއް ރޭގަނޑުގެ ގަޑީގައި އަވަހާރަވެ އެކަމަނާއަށް ރޭގަނޑުގައި ކަށުނަމާދު ކުރެވި، އެކަމަނާ ވަޅުލެވުނީ އެނަބިއްޔާ އަށް އެކަން އެނގިވަޑައި ނުގަންނަވައެވެ. ވީމާ އެކަމަނާއަށް ރަސޫލާ صلى الله عليه وسلم އެކަމަނާ ވަޅުލެވިފައި ވަނިކޮށް މަޤްބަރާގެ ތެރޭގައި ކަށުނަމާދު ކުރެއްވިއެވެ. މިރިވާޔަތް ބުޚާރީ އާއި މުސްލިމް ރިވާކުރެއްވިއެވެ. މުސްލިމްގައިވާ ރިވާޔަތުގައި އައިސްފައިވެއެވެ: ((أنَّ امْرَأَةً سَوْدَاءَ كَانَتْ تَقُمُّ المَسْجِدَ، أَوْ شَابًّا، فَفَقَدَهَا رَسولُ اللهِ صَلَّى اللَّهُ عليه وَسَلَّمَ، فَسَأَلَ عَنْهَا، أَوْ عنْه، فَقالوا: مَاتَ، قالَ: أَفلا كُنْتُمْ آذَنْتُمُونِي قالَ: فَكَأنَّهُمْ صَغَّرُوا أَمْرَهَا، أَوْ أَمْرَهُ، فَقالَ: دُلُّونِي علَى قَبْرِهِ فَدَلُّوهُ، فَصَلَّى عَلَيْهَا، ثُمَّ قالَ: إنَّ هذِه القُبُورَ مَمْلُوءَةٌ ظُلْمَةً علَى أَهْلِهَا، وإنَّ اللَّهَ عَزَّ وَجَلَّ يُنَوِّرُهَا لهمْ بصَلَاتي عليهم)) މާނައީ: [މިސްކިތް ސާފުކުރުމުގައި އުޅުނު ކަޅު އަންހެނަކު ނުވަތަ ޒުވާނަކު އުޅުނެވެ. ރަސޫލާ އަށް އެކަމަނާ ގެއްލިގެން، އެކަމަނާއާ މެދު ނުވަތަ އެޒުވާނާއާ މެދު އެކަލޭގެފާނު ސުވާލު ކުރެއްވުމުން އެބައިމީހުން ބުންޏެވެ: އަވަހާރަވެއްޖެއެވެ. ދެން ޙަދީޘްކުރެއްވިއެވެ: ތިޔަބައިމީހުން ތިމަން ނަބިއްޔާއަށް ދަތިކަމެއް ޖައްސައިފިން ނޫން ހެއްޔެވެ؟ (މާނައީ ދެރަވާނެ ކަމެއް ކޮށްފީމު ނޫން ހެއްޔެވެ؟) ރާވީ ވިދާޅުވިއެވެ: ފަހެ އެބައިމީހުން އެކަމަނާގެ ކަންތައް ނުވަތަ އެޒުވާނާގެ ކަންތައް، ކުޑަކަމެއްގެ ގޮތުގައި ނެގިފަދައެވެ. ދެން ޙަދީޘް ކުރެއްވިއެވެ: ތިޔަބައިމީހުން ތިމަން ނަބިއްޔާ އެޤަބުރު ހުރިތަނަށް ގެންގޮސްދޭށެވެ. ދެން އެބައިމީހުން އެނަބިއްޔާ އެތަނަށް ގެންދެވިއެވެ. ދެން ނަބިއްޔާ އެކަމަނާއަށް ކަށުނަމާދު ކުރެއްވިއެވެ. އެއަށްފަހު ޙަދީޘްކުރެއްވިއެވެ: ހަމަކަށަވަރުން މިކަށްވަޅުތަކަކީ އެކަށްވަޅުގައިވާ އަހުލުވެރިންނަށް އަނދިރިކަމުން ފުރިގެންވާ ތަންތަނެވެ. އަދި ހަމަކަށަވަރުން އެބައިމީހުންނަށް ތިމަން ނަބިއްޔާ ކުރައްވާ (ކަށު) ނަމާދުން އެކަށްވަޅުތައް ﷲ عَزَّ وَجَلَّ އަލިކުރައްވާނެތެވެ.] މިޙަދީޘުން އެނގޭ ގޮތުގައި އެނަބިއްޔާ އެކަމަނާއަށް ކަށުނަމާދު ކުރައްވަން ވަޑައިގެންނެވީ އެކަމަނާގެ ޤަބުރުގެ ކައިރިއަށެވެ. އެއީ ޤަބުރުސްތާނުގެ ތެރެއެވެ. މިކަމުން ބައެއް ޢިލްމުވެރިން ކޮންމެ ޖަނާޒާއެއް ވިޔަސް ޤަބުރުސްތާނުގައި އެނަމާދެއް ކުރުން ހުއްދަވާނެ ކަމަށް ވިދާޅުވެއެވެ. އަދި އަނެއްބައި ބޭކަލުން އެކަން މަނާކުރައްވާ މިޙާދިޘާއަކީ ނަބިއްޔާއަށް ޚާއްޞަ ކަމެއްގެ ގޮތުގައި ނަންގަވައެވެ. ކޮންމެއަކަސް އެކަން ހުއްދަ ކަމުގައި ބުނެވުނަސް އެއީ މިފަދަ ޙާލަތެއް މެދުވެރިވުމުންނެވެ. އަދި އެހެން ނޫނަސް ހުއްދަ ކަމުގައިވިޔަސް އެކަށު ނަމާދު ކުރުން އެންމެ އައުލާވެގެންވަނީ ޤަބުރުސްތާނުން ބޭރުގައި މިސްކިތެއްގެ ފެންޑާގައެވެ. ނުވަތަ މިސްކިތެއްގެ އެތެރޭގައެވެ. (އެނަމާދު ކުރުމަށް ނޫންގޮތަކަށް މިސްކިތަށް އެއްވެސް ޤަބުރެއް ވައްދައިގެން ނުވާނެއެވެ.) ނުވަތަ ކޮންމެވެސް އެހެންތަނެއްގައެވެ. މިއީ މިކަމުގައިވެސް އެންމެ ރަނގަޅު ގޮތެވެ. ނަމަވެސް އަދިވެސް އެއްފަހަރު އެކަން ޤަބުރުސްތާނުގައި ރަސޫލާ صلى الله عليه وسلم ކުރެއްވިކަން އެނގިފައިވާތީ، ރަސޫލާ އެކަން އެގޮތަށް އެނަމާދު ކުރެއްވުމުގެ ސަބަބުތަކަށް ބަލާއިރު ފާހަގަކުރެވޭ އެއްސަބަބެއް ބަޔާންކޮށްލުން ރަނގަޅެވެ. ކުރިންވެސް ބުނެވުނު ފަދައިން ޤަބުރުސްތާނުގައި ނަމާދު ކުރުމާއި، ނަމާދު ކުރަންހަދާފައި ތަންތަން ކަމުގައިވާ މިސްކިތްތަކުގައި ޤަބުރު ވަޅުލުމާއި، ވަޅުލާފައިވާ ޤަބުރެއްގެ މަތީގައި ބިނާއެއް އެޅުމާއި، މިއެންމެހައި ކަމެއްވެސް މަނާކުރެއްވިގެންވަނީ އެއީ އެންމެ ޤަދީމީ ޒަމާނުއްސުރެ ފެށިގެންވެސް ޝިރުކުގެ ތެރެއަށް ވެއްޓިފައިވީ މީހުން، އަދި މިހާރުވެސް އޭގެ ތެރެއަށް ގެނބިފައިވާ މީހުން ޝިރުކުގެ ގޮތުގައި ކުރަމުންދާ އެންމެ މައިގަނޑު އެއްކަމަކީ އެމީހުން ކަނޑައަޅާ ޤަބުރުތަކެއް ތަޤްދީސްކޮށް، އެއަށް ކުރުނީސްކޮށް، ރުކޫޢުކޮށް، އެއަށް ސަޖިދަކޮށް، އެއަށް އަޅުކަން ކުރުމެވެ. ވީމާ ރަސޫލާ صلى الله عليه وسلم މިކުރެއްވި ޖަނާޒާ ނަމާދަށް ބަލާއިރު، ޖަނާޒާ ނަމާދުކުރާ ގޮތާއި މެދު ނަޒަރު ހިންގާލުން މުހިންމެވެ. އެނަމާދަކީ އެނަމާދުގައި އެއްވެސް ރުކޫޢު އެއް އަދި ސަޖިދައެއް އޮންނަ ނަމާދެއް ނޫނެވެ. އެކަން އޮންނަނަމަ، މުޝްރިކުންނާއި ކާފިރުންގެ މީހުންގެ ޢަމަލުތަކާއި އެއްގޮތް ޢަމަލެއް މުސްލިމުންގެ ކިބައިން ފެންނާނެއެވެ. ޤަބުރުސްތާނާއި ޝިރުކާއި ކުފުރުގެ އަހުލުވެރިން މާތްމީހުންގެ ޤަބުރުތަށް ތަޤްދީސްކުރުމުގެ ގޮތުން އެތަންތަނުގައި މިސްކިތް ބިނާކޮށް ނުވަތަ އެނޫންވެސް ބިނާތައް ހަދާ އެތަންތަނަށް މާތްކޮށް ހިތުމަކީ އަހަރެމެންގެ އުންމަތުގެ މީހުންނަށް ޙަރާމް ކުރައްވާފައިވާ ކަންކަމެވެ. މުސްލިމް ރިވާކުރެއްވި ޙަދީޘްގައި ވެއެވެ: ((ألَا وإنَّ مَن كان قَبلَكم كانوا يتَّخذونَ قُبورَ أنبيائِهم وصالِحيهم مساجدَ، ألَا فلا تتَّخذوا القبورَ مساجدَ، إنِّي أَنهاكُم عن ذلِك)) މާނައީ: [ފަހެ ދަންނާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީގެ (އުންމަތްތަކުގައިވި) މީހުން އެބައިމީހުންގެ ނަބީންނާއި ޞާލިޙުންގެ ޤަބުރުތައް އެއީ މިސްކިތްތަކެއްގެ (އަޅުކަން ކުރާ ތަންތަނުގެ ގޮތުގައި) ގޮތުގައި ހެދިއެވެ. ފަހެ ދަންނާށެވެ! ތިޔަބައިމީހުން ޤަބުރުތައް މިސްކިތްތަކުގެ ގޮތުގައި ނަހަދާ ހުށިކަމެވެ. ހަމަކަށަވަރުންވެސް ތިމަން ނަބިއްޔާ ތިޔަބައިމީހުންނަށް އެކަން މަނާކުރަމެވެ.] ޤަބުރުތައް މިސްކިތްތަކުގެ ގޮތުގައި ހެދުމުގެ މުރާދަކީ ޤަބުރެއް ނުވަތަ ޤަބުރުތަކެއް އޮންނަ ތަނެއްގައި ނަމާދުކުރުމުން ދުރުވެގަންނަ ވާހަކައެވެ. އެތަންތަނުގައި އަޅުކަން ނުކުރާށޭއެވެ. ރަސޫލާ صلى الله عليه وسلم އެކަން ނަހީކުރެއްވުމުން އެކަން ކުރުމަށް ނުވަތަ އެފަދަ ކަމެއްގެ ސިފަ އޮންނަ ކަމަކަށްވެސް، ނުވަތަ އެފަދަ ކަމެއް އޮޅިގެންވެސް ކުރެވިދާނެ ކަމުގެ ބިރު ހީވެ ތިމަތިމާމެން ނަމާދުކުރާ ތަންތަން މިފަދަ ތަނަކަށް އޮޅިގެންވެސް ވެދާނެ ކަމުގެ ބިރު ހިތުގައި ބާއްވައިގެން، ތިމާ އަޅުކަން ކުރާ ތަނަކީ ހަމަޔަޤީނުންވެސް ރަސޫލާ صلى الله عليه وسلم ނަހީކުރައްވާފައިވާ ތަނަކަށް ނުވާނޭ ކަމުގެ ޔަޤީންކަން ލިބިގަނެގެން ނޫންގޮތަކަށް ހަމަ ބިމުގެ ކޮންމެ ތަނެއްގައި ނަމާދު ނުކުރުން ހުއްޓެވެ. އެއީ އިސްވެދިޔަ އުންމަތްތަކުގައި ޔަހޫދީންނާއި ނަޞާރާއިން އުޅުނު ގޮތެވެ. އަދި މިއަދުވެސް އެމީހުންނާ އެނޫންވެސް މުޝްރިކުން އުޅޭ ގޮތެވެ. އެއީ ޝިރުކެވެ. ޔަހޫދީން މިސްކިތްތައް ނުވަތަ އެމީހުން އަޅުކަން ކުރާ ތަންތަން އެޅީ ނަބީންގެ ޤަބުރުތަކުގެ މަތީގައެވެ. ނަމަވެސް ނަޞާރާއިންގެ ފަހުން ރަސޫލާ އާ ހަމައަށް އެދެމެދުގައި އިތުރު ރަސޫލަކު ނުފޮނުއްވައެވެ. އެދެމެދުގައި މުޅިންވެސް އުޅުއްވީ މީސްތަކުންނަށް ނަޞޭޙަތްދީ އުޅުނު ދީންވެރި ޞާލިޙު އަޅުންނެވެ. ބުޚާރީއާއި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ: ((أَنَا أَوْلَى النَّاسِ بِعِيسَى، الْأَنْبِيَاءُ أَبْنَاءُ عَلَّاتٍ، وَلَيْسَ بَيْنِي وَبَيْنَ عِيسَى نَبِيٌّ)) މާނައީ: [ޢީސާގެފާނާއި އެންމެ ގާތްވުމުގައި އެންމެ އައުލާކަން ބޮޑުވެގެންވަނީ ތިމަން ނަބިއްޔާއެވެ. ނަބީންނަކީ އެއްއާއިލާއެއްގެ ބައެކެވެ. (މާނައީ އެއެންމެންނީ އެއް ޢަޤީދާއަކަށް ގޮވާލައްވާ ބައެކެވެ.) އަދި ތިމަން ނަބިއްޔާ އާއި ޢީސާ އާ ދެމެދުގައި އެއްވެސް ނަބިއްޔަކު ނުވެއެވެ.] އެހެންވުމުން ޙަދީޘްގައި އެބަޔާންވާ ޞާލިޙުމީހުންނަކީ އެއީ ނަޞާރާއިން އެބައެއްގެ ޤަބުރުތަކުގައި ބިނާހަދައިގެން އުޅުނު މީހުންނެވެ. އަދި މިއުންމަތުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ އުންމަތުގެ މިހާތަނަށް އައިއިރު ފެންނަނީ އެބައިމީހުންވެސް، އެޤަބުރު ތަކުގައިވާ ޞާލިޙު ބައެއް ކަމުގައި ދަޢުވާކުރާ ބަޔަކަށް މާތްކޮށް ހިތައި އެޤަބުރުތަކަށް ތަޤްދީސްކޮށް އަޅުކަން ކުރާ މަންޒަރެވެ. ފަހަރުގައި އެޤަބުރުގައިވާ މީހުންނަކީ ޞާލިޙު ބަޔަކަށް ވެދާނެވެސް މެއެވެ. ނުވަތަ އެމީހުން އެދަޢުވާކުރާ ޤަބުރުގައި އޮތީ ޞާލިޙު މީހެއް ނޫންކަމުގައިވެސް ވެދާނެއެވެ. ކޮންމެއަކަސް ކޮންމެ ފަދަ މީހެއް އެޤަބުރުގައި އޮތް ކަމުގައިވިޔަސް އެއިން ޤަބުރަކަށް އަޅުކަންކުރުން، ނުވަތަ އެއިން ތަނެއްގައި މިސްކިތެއް ބިނާކުރުން ނުވަތަ އެއިން ތަނެއް މާތްކުރުމުގެ ގޮތުން އެއްވެސް ކަމެއް ކުރުން އެއީ ރަސޫލާ صلى الله عليه وسلم ނަހީކުރައްވާފައިވާ ކަންކަމެވެ. އެތަންތަނަށް އޮތީ ޒިޔާރަތްކޮށް އަމިއްލަ މަރަށް ބިރުގަތުމެވެ. މަރުގެ މަތީން ހަނދާން ކުރުމެވެ. އާޚިރަތުގެ މަތިން ހަނދާން ކުރުމެވެ. މަރުވެފައިވާ މީހުންނަށް ހެޔޮރަޙްމަތާއި މަޣްފިރަތަށް އެދި ﷲ އަށް ހެޔޮދުޢާކުރުމެވެ. ނަމަވެސް އެއީ ނަމާދުކުރަން ހުންނަ ތަނެއް ނޫނެވެ. ގޭތެރޭގައިވެސް ގޭތެރޭގައި އުޅޭ މީސްތަކުން އެއްވެސް ނަމާދެއް ނުކޮށް އެގެއެއްގައި އުޅުމުން، ޤަބުރުސްތާނެއްގެ ސިފަ ޖެހެއެވެ. އެއީ އެތަނުގައި މީހަކު ވަޅުލާފައި އޮވެގެނެއް ނޫނެވެ. ނަމަވެސް އެތަނުގައި އެއްވެސް ނަމާދެއް ނުކުރާތީއެވެ. ނަމާދު ނުކުރާ ތަނެއް ރަސޫލާ ޙަދީޘްގައިވާގޮތުން އެއްގޮތް ވަނީ ޤަބުރުސްތާނަކާއެވެ. އިމާމް ބުޚާރީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((اجْعَلُوا في بُيُوتِكُمْ مِن صَلَاتِكُمْ ولَا تَتَّخِذُوهَا قُبُورًا)) މާނައީ: [ތިޔަބައިމީހުންގެ ގެތަކަކީ ތިޔަބައިމީހުން ނަމާދުކުރާ ތަންތަން ކަމުގައި ހަދާށެވެ. އަދި އެއީ ޤަބުރުސްތާނެއްގެ ގޮތުގައި ނަހަދާށެވެ.]
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.
(ނުނިމޭ)