ބުރާސްފަތި, 17 އޭޕްރިލް 2025

އެންމެ ހުނަރުވެރި ކުދިން މުދައްރިސުންނަށްވުމަށް އެޑިޔުކޭޝަން މިނިސްޓަރ އެދިވަޑައިގެންފި

އެންމެ ހުނަރުވެރި ކުދިން ޓީޗަރުންނަށްވުމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޢަލީ އެދިވަޑައިގެންފިއެވެ. 2019 ވަނަ އަހަރުގެ މަތީ ސާނަވީގެ ގަދަ ދިހައެއް އިއުލާން ކުރުމަށް ރޭ ބޭއްވި ޖަލްސާގައި އިނާމް ހާޞިލްކުރި ދަރިވަރުންނާ މުޚާޠަބުކޮށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އެދިވަޑައިގަތީ އެންމެ ހުނަރުވެރި ކުދީން މުދައްރިސުންނަށް ވުމަށެވެ

މިނިސްޓަރ ވިދާޅުވީ، ޤައުމުދެކެ ލޯބިވާ، ތަޢުލީމަށް ލޯބިކުރާ އެތައްބޭފުޅުންނެއް މިރޭ މިސްކޫލްގައި، މި ޖަލްސާގައި ތިބޭނެ ކަމަށާއި،   މިހުރިހާ ބޭފުޅުންގެ އެދުމަކަށްވާނީ، އަހަރަކަށް ވުރެ އަހަރެއް، ތަޢުލީމީ ގޮތުން ދިވެހިރާއްޖެ ކުރިއަށް ދިއުން ކަމަށާއި، މި މަޤްޞަދު ޙާޞިލްކުރުމަށް ކުރެވޭނޭ އެންމެ މުހިއްމުކަމަކީ، ހުނަރުވެރި މުދައްރިސުން ތަމްރީނުކުރުން ކަމަށެވެ.

ޑރ. ޢައިޝަތު ޢަލީ ވިދާޅުވީ، ބައެއް ގައުމުތަކުގައި، މިސާލަކަށް ފިންލެންޑް އާއި ސިންގަޕޫރު ފަދަ ގައުމުތަކުގައި، އެންމެ ހުނަރުވެރި ކުދީން ޚިޔާރު ކުރާ އެއް މަސައްކަތަކީ މުދައްރިސްކަން ކަމަށާއި ދަރިވަރުންގެ ފަރާތުން އެދޭ އެންމެ ބޮޑު އެދުމަކީ، އެންމެ ހުނަރުވެރި ކުދީން މުދައްރިސުންނަށް ވުން ކަމަށެވެ. އެގޮތުން އުނގަންނައިދިނުމުގެ މަސައްކަތަކީ، އޭގެ އަސަރު އެތައް ޖީލަކަށް ފެތުރިގެންދާ، ދުނިޔެއާއި އާޚިރަތުގައި ހެޔޮ ޖަޒާ ލިބޭ، އަބުރުވެރި މަސައްކަތެއް ކަމަށާއި، އެއީ ރަނގަޅު މުޖުތަމައެއް ބިނާކުރުމަށް ކުދީންނަށް ކޮށްދެވޭނޭ އެންމެ ބޮޑު އެއް ހިދުމަތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

2019ގެ މަތީ ސާނަވީ އިމްތިހާނުން އެންމެ މޮޅު ދަރިވަރުންނަށް އިނާމު ދިނުމަށް ތާޖުއްދީން ސުކޫލުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: މިހާރު

ތަމްރީނުން ނުކުންނަ މުދައްރިސުންގެ ފެންވަރު އެންމެ ބޮޑަށް ބިނާވާނީ ކޯހަށް ވަންނަ ދަރިވަރުންގެ ފެންވަރުގެ މައްޗަށް ކަމަށާއި މޮޅެތި މުދައްރިސުން ތައުލީމީ ނިޒާމަށް ވަނުމަކީ، މޮޅެތި ދަރިވަރުން މުސްތަގުބަލުގައި މަދަރުސާތަކުން ތަރުބިއްޔަތު ކުރެވޭނެ މުޖައްރިބު ގޮތް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވަނީ ރޭ ސަނަދުތަކާއި ވަނަތައް ލިބުނު ދަރިވަރުންގެ ކާމިޔާބުގެ ފަހަތުގައި، ވަރަށް ގިނަ ބަޔަކު ހަރަކާތްތެރި ވެފައިވާނެ ކަމަށާއި، އޭގެ ތެރޭގައި ސްކޫލުތަކުގެ މުދައްރިސުންނާއި ހިންގުންތެރީން ހިމެނޭކަން ފާހަގަކުރައްވައި، ދަރިވަރުންނަށް ހިތްވަރުދެއްވައި، ކަންކަން ފަހިކޮށްދެއްވި ބެލެނިވެރިންނަށް ތަހުނިޔާ އަދާކުރައްވައި ތައުރީފު ކުރައްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ ދަރިވަރުން މިހާހިސާބަށް ގެނައުމަށްޓަކައި ބެލެނިވެރިން އެތައް ރެއެއްގެ ނިދި ނަގާލާ، އެތައް މަސައްކަތްތަކެއްކޮށް އެތައް ޤުރުބާނީތަކެއް ވެފައިވާ ކަމަށެވެ.

މިނިސްޓަރުގެ ވާހަކައިގައި އިތުރަށް ވިދާޅުވީ، ދަރިވަރުންނަކީ ދިރިއުޅުމަށް ތައްޔާރުވެފައިވާ ކުދި ބަޔަކަށް ހަދަން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ދަރިން ދެކެ ވާ ލޯބިން ނުވަތަ ކިޔެވުމަށް ބުރޫއަރައިފާނެތީ އެކުދިން ލައްވައި އެއްވެސް މަސައްކަތެއް ނުކުރުވައި ބޭތިއްބުމަކީ ރަނގަޅުކަމެއް ނޫން ކަމަށާއި އުނގެނުނު ތަކެއްޗާއި މައްސަލަތައް ހައްލުކުރުމުގެ ހުނަރާއި ފުންކޮށް ވިސްނުމުގެ ހުނަރާއި ކަންކަމުގައި ގޮތް ނިންމުމުގެ ހުނަރު ފަދަ ހުނަރުތައް ކުދިންނަށް ދަސްކޮށްދޭން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *