ދިވެހިންނަކީ ކޮންމެ ކަމެއްގައި ވެސް ފޯރިގަދަ ބައެކެވެ. ފޯރި ނެގުމުގައި ކުޑައެއް ބޮޑެއް ނޯވެއެވެ. ޚާއްޞަކޮށް ޤައުމީ ކަންކަމުގައެވެ. ދާދި މިދާކަށް ދުވަހު އެންމެ ގަދަ ފޯރިއެއް ނެގީ ސާފު ޗެންޕިއަންޝިޕްގައި ރާއްޖެއާ އިންޑިއާ ބައްދަލު ކުރި މެޗުގައެވެ. މިއީ ވަރަށް ފަހުގެ ކަމެކެވެ. ނަމަވެސް ދައްކަން މިއުޅޭ ވާހަކައަކީ މީގެ ތަންކޮޅެއް ކުރީގެ ވާހަކައެކެވެ. ނައިޓްމާރކެޓް ނުވަތަ މަގުމަތީ ބާޒާރުގެ ފޯރީގެ ވާހަކައެވެ. ދިވެހިން އާންމުކޮށް ކިޔާ އުޅޭ ބަހުންނަމަ، އުނގުޅޭ ބާޒާރެވެ.
ކިޔުންތެރިން ހަނދާންހުންނާނެ ފަދައިން އާނިކާ ނުވަތަ ސްޕީޑް ދައްތަގެ ހަޔާތުގެ ދުވަސްތަކަށް އިތުރު ބޮޅެއް އަމުނާލާނަމެވެ. ދުވަސްވަރަކީ މާލޭގައި މަގުމަތީ ބާޒާރު ބާއްވައިގެން ކުރިއަށްދިޔަ ދުވަސްވަރެވެ. އާނިކާގެ ފިރިމީހާވެސް ލިބުނު ޗުއްޓީގައި މާލޭގައި ހުރި ދުވަސްވަރެކެވެ. އެންމެންވެސް އެންމެ ފޯރީގައި ދައްކާ އުޅެނީ މަގުމަތީ ބާޒާރުގެ ވާހަކައެވެ. އެކިއެކި މޭޒުތަކުގައި ހުރި ތަކެތީގެ އަގުހެޔޮ ވާހަކައެވެ. މި ވާހަކަތައް ސްޕީޑު ދައްތަގެ ކަންފަތާއި ހަމައަށް ފޯރައިފިއެވެ. ސްޕީޑްދައްތައަށް މިފަހަރުގެ މަގުމަތީ ބާޒާރު ހުޅުވާފައި މިވާ ދުވަސްވަރަކީ ރަނުގެ ފުރުސަތެއް ކަހަލަ ދުވަސްވަރަކަށްވިއެވެ. އެއް ދޮނުގައި ދެބުޅި ޖަހާލުން ފަދަކަމަކަށެވެ. ފިރިމީހާގެ ޗުއްޓީ އާއި ސްކޫލުތަކުގެ ޗުއްޓީ ވެސް މިދިމާވީ އެކުއެކީގައެވެ. އެހެންކަމުން ސްޕީޑުދައްތަ ގަސްދުކުރީ ފިރިމީހާ ގޮވައިގެން މަގުމަތީ ބާޒާރަށް ދިއުމަށެވެ.
ސްޕީޑްދައްތަ މަގުމަތީ ބާޒާރަށް ދިއުމަށްޓަކައި ކުރިއާލައި ދާނެރެއެއް ހަމަޖައްސައި ފިރިމީހާ ގާތުގައި ބުނެފިއެވެ. ސްޕީޑްދައްތަގެ ފިރިމީހާއަކީ ސްޕީޑްދައްތަ ބުނި ކޮންމެކަމެއް ކުރަން ތައްޔާރަށް ހުންނަ އެހާ ވެސް އަނބިމީހާއަށް ހެޔޮ ފިރިއެކެވެ. ސްޕީޑްދައްތައާއި ޚިލާފަށް މަޑުމައިތިރި މިޒާޖެއްގެ ވެރިއެކެވެ. ސްޕީޑް ދައްތައަށްޓަކައި ކޮންމެ ޤުރުބާނީއެއް ވެސް ވެދާނެއެވެ. ސްޕީޑްދައްތަ ބުނި ފަދައިން ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭ މަގުމަތީ ބާޒާރާށް ދާންތައްޔާރު ވެއްޖެއެވެ. އެރޭގެ އިޝާ ނަމާދުން ފައިބައިގެން ދެވެރިން މަގުމަތީ ބާޒާރަށް ހިނގައްޖެއެވެ. އެކިއެކި މޭޒުކައިރިއަށް ހުއްޓި އެހެންމީހުން ވެސް ހަދާހެން އެއްޗެހީގެ އަގު އަހަމުން ފަހަރަކު މޭޒެއްގެ ކައިރިއަށް ހުއްޓެއެވެ. މިގޮތަށް މޭޒުތައް ކައިރިއަށް ދާއިރު ދެ މީހުން ވެސް މި ދަނީ އަތުގައި ހިފަހައްޓައިގެންނެވެ. މީހުން ގިނަކަމުން ހިނގަން އުނދަގޫވުމާއި ދެމީހުން ގެއްލިދާނެތީ ކުރީބައިގައި ދެމަފިރިން ވެސް މިތިބެނީ އަތުގުޅުވައިގެންނެވެ.
މިހެން ހިނގަމުން ހިނގަމުން ގޮސް ވަރަށް މީހުން ބައިބޯ މޭޒެއްގެ ކައިރިއަށް ގޮސް ހުއްޓިއްޖެއެވެ. މިވާގޮތެއް ބެލުމުގެ ނިޔަތުގައެވެ. އެހާ ގިނަ މީހުން އެއް މޭޒެއްގެ ދޮށަށް އެއްވާނީ ގައިމު ރަނގަޅު އެއްޗެއް ވިއްކާ މޭޒަކަށްވީމަ ކަމަށް ސްޕީޑްދައްތަ އޭނާގެ ފިރިމީހާ ގާތު ބުންޏެވެ. މޭޒުކައިރިއަށް ގޮސް ޚަބަރު ބަލާލިއިރު މިވާގޮތަކީ އެ މޭޒު ދޮށުގައި މިތިބީ ދިވެހިން ކިޔާގޮތުން ނަމަ ހުސް ބަންގާޅީންނެވެ. އެމީހުން މި މޭޒުން މިގަންނަނީ ހުސް ބޮޑީސްޕްރޭއާއި ޝަވަރޖެލްއެވެ. ސްޕީޑްދައްތައަށް މާ ކަމުދާ މޭޒަކަށް ނުވުމުން ފިރިމީހާގެ އަތުގައި ހިފައިގެން އެހެން ދެތިން މޭޒެއްގެ ދޮށަށް ހުއްޓި ފަހަރަކު އެއްޗެއް ނަގައި ފިރި މީހާއަށް ދައްކައި ހަދައެވެ. ނަމަވެސް އެއްފަހަރު ވެސް ފިރިމީހާ ފަރާތުން ޖަވާބެއް ނުލިބެއެވެ. މިގޮތަށް ގޮސް ފަހަރަކު މޭޒެއް ކައިރިއަށް ދަމުން ދަމުން ގޮސް ބަދިގެއަށް ބޭނުންވާ އެއްޗެހި ވިއްކާ މޭޒެއްގެ ކައިރިއަށް ހުއްޓި ރޮށި އަޅާކަހަލަ ތަށްޓެއް ނަގާފައި ފިރިމީހާއަށް ދައްކާލުމަށްޓަކައި ފިރިމީހާގެ މޫނަށް ބަލާލިއެވެ. އަސްތާ! ކަމަކުދާކަށް ނެތް މިއޮއްހާއިރު މި ހިނގުނީ ކުރިން މަޑުކޮށްލި މޭޒުކައިރިން ބަންގާޅިއެއްގެ އަތުގައި ހިފައިގެންނެވެ. އަދި މި މީހާ ވެސް އަތުން ދޫކޮށް ނުލާ ހުރިހާ މޭޒެއްގެ ކައިރިއަށް ދިޔައެވެ. އެވަގުތު ސްޕީޑު ދައްތަގަތީ އަމަށަކު ލަދެއްނޫނެވެ. ފިރިމީހާ ކޮބައިތޯ ބަލާލުމަށްޓަކައި އެއްލި ކަޅިއަކުން ފެނުނީ ޖެހިގެން ހުރި މޭޒުކައިރީ ހެވިފައި ހުއްޓައެވެ. އެރޭގެ މަގުމަތީ ބާޒާރު ފެށުމާއި ނިމުން ވަރަށް ވެސް ތަފާތެވެ.