މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ބަޔާއި ގުޅޭ …
އިންޓެންސިވް ކިޔުމުގެ ޙަރަކާތްތައް
އިންޓެންސިވް ރީޑިންގއަކީ ފުން މާނަ ދެނެގަތުމަށްޓަކައި ކިޔުމެވެ. ނުވަތަ އައު މަޢުލުމާތާއި އިލްމު ހޯދުމަށާއި ދޭހަކޮށް ދެނެގަތުމަށް ލިޔުމެއް ކިޔުމެވެ. ލިޔުމުން ދޭހަވި މާނަތައް ކިޔާމީހާއަށް ދޭހަވީ ކޮން މަޢުލޫމާތުތަކެއް ލިބިގެންކަން އޮޅުންފިލުވައިދޭން ހަވާލުކުރުމާއި، ލިޔުމުގައި މަޢުލޫމާތު އަތުރާފައިވާ ތަރުތީބާއި ލިޔުންތެރިޔާގެ މެސެޖަށް އަސަރުކުރާގޮތް އޮޅުންފިލުވައި ދިނުމަށް ހަވާލުކުރުމާއި، އެއް ޚިޔާލާއި އަނެއް ޚިޔާލާ ގުޅުވަން ލިޔުންތެރިޔާ ބޭނުންކޮށްފައިވާ ލަފްޒު ނުވަތަ އިބާރާތްތައް ދެނެގަންނަން ހަވާލުކުރުމުގެ އިތުރުން އާބަސްތައް ދަސްކުރުމާއި، އާ ޤަވާޢިދު ދަސްކުރަން ބާރު އެޅޭފަދަ ހަރަކާތައް އިންޓެންސިވް ރީޑިންގގައި ކުރިޔަށްގެންދެވިދާނެއެވެ.
މި ޙަރަކާތްތަކުގެ ފައިދާ ވެސް އެންމެ އެކަށޭނަ ގޮތުގައި ދަރިވަރަށް ލިއްބައިދިނުމަށްޓަކައި، މި ޙަރަކާތްތައް ކުރިއަށް ގެންދިޔައީ ދިވެހިރާއްޖޭގެ ޤައުމީ މަންޙަޖުގެ ކީ ސްޓޭޖް 3ގެ ދިވެހި މުޤައްރަރު އެކުލެވިގެންވާ މައިގަނޑު 3 ބައިކަމަށްވާ އަޑުއެހުމާއި ވާހަކަދެއްކުން، ކިއުމާއި ބެލުން އަދި ލިޔުންތެރިކަމާ ވެސް ގުޅުވައިގެންނެވެ. އަދިހަމައެހެންމެ، ރަނގަޅަށް ކިޔަން އެނގޭ މީހެއްގެ ކިބައިގައި ހުންނާނޭ ކަމަށް ބަހަވީ ޢިލްމުވެރިން ވިދާޅުވާ ޤާބިލިއްޔަތުތައް ކަމަށްވާ ޝައުގުވެރިކަމާއި، ފަރިތަކަމާއި، ދޭހަވުމާއި، ފޮނޮލޮޖިކަލް އެވެއަރނެސް އަދި ބަސްކޮށާރުގެ ޤާބިލްކަން ވެސް ލިއްބައިދެވޭނޭ ގޮތަށެވެ. އިންޓެންސިވް ކިޔުމުގެ ހުރިހާ ހަރަކާތެއްގައި ވެސް ބަސްކޮށާރު މުއްސަނދިކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއްދެވިފައިވާނެއެވެ. ސަބަބަކީ ދަރިވަރަކީ އުފަންވީއްސުރެ މާލޭގައި ދިރިއުޅޭ ކުއްޖަކަށްވުމުން އޭނާގެ ކިބައިގައި އިހުގެ ބަސްކޮށާރު އެންމެ ފުރިހަމައަށް އަށަގަނެފައިނުވާތީ، އިހުގެ އާދަކާދައާއި ބަސްކޮށާރު ދަސްކޮށްދިނުމަށެވެ.
އިންޓެންސިވް ކިޔުމުގެ ހަރަކާތް 1
މި ޙަރަކާތަކީ 'އިބުރާހިމް ހުސައިންމަނިކުގެ ކުރުވާހަކަތައް" މި ފޮތުގައިވާ 'ދަތުރުގެ ސަލާން" މި ވާހަކަ ކިޔުމަށްފަހު، ނަންބަރުތަކުގައި ދެވިފައިވާ މާނަތަކަށް ވިސްނައި، އެ މާނަތަކާ ގުޅޭނެހެން ދެވިފައިވާ ލަފުޒުތައް ބޭނުންކޮށްގެން ބުރަފަތި ލަފުޒު ފުރިހަމަކުރުމަށްދީފައިވާ މަސައްކަތެކެވެ. މި މަސައްކަތުގައި ޓެބުލެޓުގެ އެހީގައި ބަސްފޮތް ނުވަތަ ރަދީފު ބޭނުންކުރުމުގެ ހުއްދަދެވުނެވެ.
މި ހަރަކާތް ފެށުމުގެ ގޮތުން ކިޔުމުގެ ކުރީގެ ޙަރަކާތަކަށް ގެންދިޔައީ މި ވާހަކައިން ނަގާފައިވާ ބައެއް ލަފުޒުތަކުގެ މާނަ ދަރިވަރަށް އެނގޭތޯ ބެލުމަށް ކުރިޔަށް ގެންދިޔަ ޙަރަކާތެކެވެ. މިގޮތުން ދެވުނު 5 ލަފުޒުގެ ތެރެއިން ދަރިވަރަށް މާނަ އެނގުނީ 3 ލަފުޒުގެއެވެ. އެއަށްފަހު ކިޔުމުގެ އެތެރޭގެ ޙަރަކާތެއްގެ ގޮތުން އަޑުހަރުކޮށް ވާހަކަ ކިޔަމުންދިޔަ އިރު، މާނަ ނޭނގޭ ލަފުޒުތައް ފާހަގަކުރަން ދިނީމެވެ. މި ގޮތަށް ދިނުމުން ދަރިވަރު 7 ލަފުޒެއް ފާހަގަކޮށް އެ ލަފުޒުތަކުގެ މާނަ އޮޅުންފިލުވިއެވެ. މައިގަނޑު ހަރަކާތަކީ ލިޔުމުގެ ފަހުގެ ހަރަކާތެވެ. އެއީ ބުރަފަތި ލަފުޒު ފުރިހަމަކުރަން ދިން ހަރަކާތެވެ. ބުރަފަތި ލަފުޒުގެ ހުރިހާ ޖަވާބެއް ދަރިވަރު ވަނީ ރަނަގަޅަށް ފުރިހަމަކޮށްފައެވެ.
އިންޓެންސިވް ކިޔުމުގެ ހަރަކާތް 2
މި ހަރަކާތް ފެށުމުގެ ގޮތުން ކިޔުމުގެ ކުރީގެ ހަރަކާތެއްގެ ގޮތުން ދަރިވަރާއެކު ކުރިޔަށް ގެންދިޔައީ 7 މިނެޓުގެ ރޯލް ޕްލޭއެކެވެ. އެ ރޯލްޕްލޭގައި ބޭނުންކުރުމަށް އެ ދަރިވަރުގެ ބޮޑުބޭބެ ލައްވައި އިހުޒަމާނުގައި ދަތުރުކުރާއިރު ބޭނުންކުރާ ކަހަލަ ދޯންޏެއް ބްރިސިލް ބޯޑެއް ބޭނުންކޮށްގެން ހަދައި، ދޯނީގެ ބައިތަކުގެ ނަންތައް ލިޔެ، ސަމުގާއަކާއި، ކޯރިއަކާއި ލޮތާރިއެއްގެ އިތުރުން ބައެއް އެހެން ޕްރޮޕް ވެސް ބްރިސިލް ބޯޑުން އާދައިގެ ގޮތަކަށް ހެދީމެވެ. މި ކުޑަކުޑަ ރޯލް ޕްލޭގެ ތެރެއިން، އެ ރޯލް ޕްލޭއަށް ހެދި ތަކެތީގެ ނަންތައް އެ ދަރިވަރު ސިކުނޑީގައި ހަރުލެއްވިއެވެ. ކިޔުމުގެ ތެރެއިން ރޯލްޕްލޭގައި ބޭނުންކުރި ތަކެތީގެ ނަންތައް އައުމުން އެ ނަންތަކުގެ މާނަ އެހުމުން ހުރިހާ ސުވާލެއްގެ ޖަވާބު ރަނގަޅަށް ދިނެވެ. މި ދުވަހު ކިޔުއްވީ 'އިބުރާހިމް ހުސައިންމަނިކުގެ ކުރުވާހަކަތައް" މި ފޮތުގައިވާ 'އޮޅުނު ދަތުރު" މި ވާހަކައެވެ. ރޯލްޕްލޭ ވެސް ކުޅުނީ މި ވާހަކައާ ގުޅުވައިގެންނެވެ. ކިޔުމުގެ ފަހުގެ ހަރަކާތަކަށް ދިނީ ކުރިން ދަސްކުރި ލަފުޒުތަކުގެ އިތުރުން ބައެއް އެހެން ލަފުޒުތައް ދީ، މާނަ ގުޅުވާށެވެ. މި މަސައްކަތްކުރުމުގައި ބަސްފޮތް ނުވަތަ ރަދީފު ބޭނުންކުރުމުގެ ހުއްދައެއް ނުދެމެވެ. ސަބަބަކީ ރޯލްޕްލޭގައި ގިނަ މާނަ އެނގިފައިވާތީއެވެ. މި މަސައްކަތް ދަރިވަރު ވަނީ ވަރަށް ފުރިހަމައަށް ނިންމާފައެވެ.
އިންޓެންސިވް ކިޔުމުގެ ހަރަކާތް 3
މި ޙަރަކާތުގެ ކިޔުމުގެ ކުރީގެ ޙަރަކާތެއްގެ ގޮތުން ގެންދިޔައީ ލެޕްޓޮޕުން ގަސްގަހާގެއްސާއި، ދޫނީގެ ބާވަތްތަކާއި، ނަކަތްތަކުގެ މަޢުލޫމާތާއި، ގޮނޑުދޮށާ ގުޅޭ ސަރަހައްދުތައް ދައްކައި ޚިޔާލުފާޅުކުރުވުމެވެ. އެއަށްފަހު 'އިބުރާހިމް ހުސައިންމަނިކުގެ ކުރުވާހަކަތައް" މި ފޮތުގައިވާ 'ކުރަނގިމާރަނގަ" މި ވާހަކަ ކިޔަމުން މާނައޮޅުންއަރާ ލަފުޒުތަކުގައި ދަށުރޮނުގުދަމައިގެން އެ ލަފުޒުތައް ފާހަގަކުރަންދިނީމެވެ. އަދި ވާހަކަ 3 ބަޔަކަށް ބަހައި ކޮންމެ ބައެއް ކިޔައި ނިމުމުން ދަށުރޮނގުދަމައިގެން ދަރިވަރު ފާހަގަކޮށްފައިވާ ތަކެތީގެ ތަސްވީރު ލެޕްޓޮޕުން ދައްކަމުންދިޔައީއެވެ. މި މަސައްކަތަށް ފުދޭ ވަރަކަށް ގިނަ ވަގުތު ދިޔައެވެ. ސަބަބަކީ ދޫނީގެ ބާވަތްތަކާ ބެހޭ ގޮތުން އޮޅުންފިލުވުމަށް އެދަރިވަރުގެ ޝައުގުވެރިކަން ހުރިލެއް ބޮޑުކަމުންނެވެ. ލިޔުމުގެ ފަހުގެ ހަރަކާތަކަށް ގެންދިޔައީ ދެވިފައިވާ ލަފުޒުތައް ރަނގަޅަށް ކިޔައި، އެލަފުޒަކާ އެންމެ ގުޅޭ ކޮލަމުގައި ލިޔުއްވުމެވެ.
އިންޓެންސިވް ކިޔުމުގެ ހަރަކާތް 4
މި ހަރަކާތުގައި ކިޔުމުގެ ކުރީގެ ހަރަކާތަކަށް ގެންދިޔައީ ލިޔުމުގައި އަސަރު އުފައްދާނޭ ގޮތްތަކާއި ބެހޭ ގޮތުން ދަރިވަރަށް އެނގިފައިވަނީ ކޮން މައުލޫމާތުތަކެއްތޯ ބެލުމަށް ސުވާލުކުރުމެވެ. އެއަށްފަހު ކިޔުމުގެ އެތެރޭގެ ޙަރަކާތަކަށް ގެންދެވުނީ 'އިބުރާހިމް ހުސައިންމަނިކުގެ ކުރުވާހަކަތައް" މި ފޮތުގައިވާ "ފަސްބަދަލުވުން" މި ވާހަކަ ކިޔަމުންދާ ވަރަކަށް އެ ވާހަކައިގައިވާ ފަށުވި އިބާރާތްތައް ފާހަގަކޮށް ކިޔައިދިނުމަށެވެ. ކިޔުމުގެ ފަހުގެ ހަރަކާތަކަށް ގެންދިޔައީ ދެވިފައިވާ ފަށުވި ޖުމްލަތަކުގެ ތެރެއިން އެ މާނަ ނުވަތަ ހާލަތްތަކާ ގުޅޭ ފަށުވި ޖުމުލަ ހޯދުމަށްފަހު، މާނައިގެ ފަހަތުގައި ދެވިފައިވާ ގައުސުގައި ލިޔާށެވެ. މި މަސައްކަތުގައި ޓެބުލެޓުން ބަސްފޮތް ނުވަތަ ރަދީފު ބޭނުންކުރުމުގެ ހުއްދަ ދެވުނެވެ.
އިންޓެންސިވް ކިޔުމުގެ ހަރަކާތް 5
މި ޙަރަކާތަކީ ރީޑިންގ ޕްރޮގްރާމްގެ އެންމެ ފަހު ހަރަކާތްކަމުން މި ހަރަކާތުގައި ކިޔުމުގެ ކުރިން ދިނީ އިންޓެންސިވް ރީޑިންގގެ ހުރިހާ ހަރަކާތަކުން އެހައި ތަނަށް ދަސްވެފައިވާ މާނަތަކެއް ސިކުނޑީގައި ހަރުލާފައިވޭތޯ ބެލުމެވެ. އެގޮތުން އަނގަބަހުން ފަންސަވީސް ލަފުޒެއްގެ މާނަ އެހުމުން އޭގެ ތެރެއިން ތޭވީސް ލަފުޒުގެ މާނަ ރަނގަޅުކުރިއެވެ. މިއީ ކުރިން އެންގުމަކާއި ނުލައި ކުރެވުނު އިމްތިޙާނެކެވެ. 3 މިނެޓުގެ މި ހަރަކާތަށްފަހު 'އިބުރާހިމް ހުސައިންމަނިކުގެ ކުރުވާހަކަތައް" މި ފޮތުގައިވާ 'ހުސްވީމަތިވަރު" މި ވާހަކަ ދަރިވަރު ކިޔަމުންދިޔައިރު، ދެވިފައިވާ ބަސްތަކުގެ ވަޒަނަށް ފެތޭ ލަފުޒެއް ވާހަކައިން ހޯދައިގެން، ލަފުޒުގެ ފަހަތުގައިވާ ބުރެކެޓުގައި ލިޔުއްވީމެވެ. ވާހަކަ ކިޔައި ނިމުނު އިރު، ދަރިވަރުހުރީ މި މަސައްކަތް ވަރަށް ފުރިހަމައަށް ނިންމާފައެވެ. ރީޑިންގ ޕްރޮގްރާމްގެ ފަހު ދުވަސްކަމުން މި ދުވަހު ކިޔުމުގެ ފަހުގެ މަސައްކަތަކަށް ހަވާލުކުރީ ވާހަކައިގެ އެއް ޚިޔާލާއި އަނެއް ޚިޔާލާ ގުޅުވަން ލިޔުންތެރިޔާ ބޭނުންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް ދެނެގަނެ އެ ބައިތަކުގެ ސަބަބުން އިބާރާތް އެމުނިއެކުލެވިގެން ދިޔަ ގޮތް ހުށަހެޅުމަށެވެ. މި މަސައްކަތް ވެސް ދަރިވަރު ވަނީ ވަރަށް ރަނގަޅަށް ފުރިހަމަކޮށްފައެވެ.