އާރޓިކަލް 38 : ނަމާދުކުރުން މަނާ ތަންތަން ހުންނަކަން އެނގޭތަ؟ – (3)

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ގަބުރުސްތާނަކީ އަދި މީހުން ވަޅުލެވިފައިވާ ތަނަކީ، އެތަންތަނުގައި ނަމާދު ކޮށްގެން ނުވާނޭ ތަންތަން ކަމުގެ ވާހަކަ އިސްވެ ބަޔާންވެގެން ހިނގައްޖެއެވެ. އަދި އެފަދަ ތަންތަނަކީ ވަރަށްވެސް ބޮޑަށް މަނާކުރެވި، އެކަމުގެ ނުބައިކަން އިންތިހާއަށް ދޭހަވާފަދަ ގޮތަކަށް ރަސޫލާ صلى الله عليه وسلم ގެ ޢަމަލުފުޅު ހުރިކަން އެނގިގެންދަނީ، އެޙަދީޘްތަކާއި މެދު ފުންކޮށް ވިސްނާލުމުންނެވެ. ކޮންމެ މީހަކުވެސް ދައްކާންޖެހޭ އެންމެ މުހިންމު ވާހަކަތައް ހަނދާނަށް އެންމެބޮޑަށް އަންނާނީ މަރުމަތީގައެވެ. ތިމަންނާ މަރުވާން ގާތްވެއްޖެ ކަން ދެނެގަނެވޭ ހިނދު އެމީހަކު ދުނިޔޭގައި ތިބިމީހުންނަށް އެމީހަކު ދޭން ބޭނުންވާ އެންމެ މުހިންމު މެސެޖް ދޭނެއެވެ. އެންމެ މުހިންމު ވަޞިއްޔަތްތައް އެނާޒުކު ވަގުތުގައި ދައްކާ ވާހަކަތަކުގައި ހިމަނާނެއެވެ. އެވަގުތުގައި އެކަމެއް ކުރަން ބުނާނެ ކަންކަމަކީ ކުރުން އެންމެ މުހިންމު ކަންކަމެވެ. އެވަގުތުގައި އެމީހެއްގެ ބާރު ހިނގާ މީހަކަށް ނުކުރަން ބުނާނެ ކަންކަން ވެގެން ދާނީ އެއީ ކުރުން އެންމެ ނުބައި ކަންކަމަށެވެ. ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ އެންމެ ފަހު ހިނދުކޮޅުގައި، އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނަވަމުން، ކުރީން މިއުންމަތަށް މަނާކުރައްވާފައިވާ އެތައް ކަމެއް، ތަކުރާރު ކުރައްވާ އެކަމުގެ ޙަރާމްކަން ހަނދުމަ ކޮށްދެއްވިއެވެ. އެވަގުތުގައި ކުރިންވެސް ޙަރާމްކުރެއްވި ކަންކަން އުންމަތަށް ހަނދުމަކޮށްދެއްވީ މައިގަނޑު 2 ކަމެއް އެކަންކަމުގެ ތެރޭގައި ހިމެނޭތީއެވެ. އެއްކަމަކީ އެކަމުގެ ނުބައިކަމާއި ޙަރާމްކަން އިންތިހާއަށް ބޮޑުވުމެވެ. ޚާއްޞަކޮށް ޝިރުކަށް މަގުފަހިކޮށްދޭ ޒާތުގެ ކަންކަން އެއީ ޙަރާމް ކަންކަމުގެ ތެރެއިން، އެންމެ ނުރައްކާތެރި ކަންކަމެވެ. ސަބަބަކީ އެފަދަ ކަންކަން މުސްލިމަކު ކުރުމުން އެމީހަކު ދީނުން ބޭރުވެގެން ދާނެތީއެވެ. އަދި ދެވަނަ ކަމަކީ، އެމަނާކުރެވޭ ކަންކަމަކީ ރަސޫލާ صلى الله عليه وسلم އަވަހާރަވުމަށް ފަހުގައި މިއުންމަތުގެ މީހުން އެކަންކަމަށް އަރައިގަންނާނެ ކަންކަމުގައި، ވަޙީގެ ޒަރީޢާއިން އެކަލޭގެފާނަށް އެނގިވަޑައިގެންފައި ވުމެވެ. ވުމާއެކު އެނާޒުކު ވަގުތުގައިވެސް އެވާހަކަތައް ދެއްކެވުމުގެ އަހަންމިއްޔަތުކަން އިންތިހާއަށް ބޮޑުވެގެން ދަނީއެވެ. ނަބިއްޔާ صلى الله عليه وسلم ގެ ބަލިޙާލަތު ބޮޑުވެ އަވަހާރަވުމުގެ ވަގުތު ގާތްވެގެން ދިޔައިރު މަރުބަލީގެ އުނދަގޫތައް އެކަލޭގެފާނަށް ދިޔައީ ކުރިމަތިވަމުންނެވެ. ބުޚާރީ އަދި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. ޢާއިޝާ رضي الله عنها ވިދާޅުވިއެވެ: ((لَـمَّا نُزِلَ بِرَسُولِ اللهِ -صلى الله عليه وسلم-، طَفِقَ يَطْرَحُ خَمِيصَةً لَهُ عَلَى وَجْهِهِ، فَإِذَا اغْتَمَّ بِهَا كَشَفَهَا فَقَالَ -وَهُوَ كَذَلِكَ-: "لَعْنَةُ اللهُ عَلَى اليَهُودِ وَالنَّصَارَى، اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ" -يُحَذِّرُ مَا صَنَعُوا وَلَوْلَا ذَلِكَ أُبْرِزَ قَبْرُهُ، غَيْرَ أَنَّهُ خَشِيَ أَنْ يُتَّخَذَ مَسْجِدًا)) މާނައީ: [ﷲ ގެ ރަސޫލާ صلى الله عليه وسلم އަވަހާރަވުން ގާތްވުމުގެ ސަބަބުން އާލާސްކަންފުޅު ޖެހިވަޑައިގެންނެވި ހިނދު އެނަބިއްޔާގެ މޫނުފުޅުގެ މަތީގައި ފޮތިގަނޑެއް އެޅުއްވިއެވެ. އަދި ހާސްވެވަޑައިގެންނެވި ހިނދު އެފޮތިގަނޑު ނެންގެވިއެވެ. އެހިނދު އެކަލޭގެފާނު އެޙާލުގައި އޮންނަވައިގެން ޙަދީޘްކުރެއްވިއެވެ. "ޔަހޫދީންނާއި ނަޞާރާއިންނަށް ﷲ ގެ ލަޢުނަތް ހުއްޓެވެ. އެބައިމީހުންގެ ނަބީންގެ ޤަބުރުތައް އެބައިމީހުން މިސްކިތްތަކެއްގެ ގޮތުގައި ހެދިއެވެ." (ޞަޙާބީ ވިދާޅުވިއެވެ) އެބަސްފުޅުން، އެބައިމީހުން އެކުރިކަންކަމުގެ އިންޒާރު އެނަބިއްޔާ ދެއްވީއެވެ. އެހެން އެކަން ނުވާނެނަމަ (މާނައީ ނަބީންގެ ގަބުރުފުޅުތައް ނަމާދުކޮށް އަޅުކަންކުރާނެ ތަންތަން ކަމުގައި މީހުން ނަހަދާނެ ނަމަ) އެނަބިއްޔާގެ ގަބުރުފުޅު (އަވަހާރަވުމުން ވަޅުލުމަށްޓަކައި ގެއިން) ބޭރަށް ނެރެވުނީހެވެ. އެހެންނަމަވެސް އެނަބިއްޔާގެ ގަބުރުފުޅު މިސްކިތަކަށް ހަދާފާނެ ކަމަށް ބިރުފުޅުގަތީއެވެ.] އިބްނު ޙަޖަރު رحمه الله ވިދާޅުވިއެވެ: "(އެވިދާޅުވި ބަސްފުޅު އެވިދާޅުވީ) އެބަލީގައި އޮވެ މިދުނިޔެ ދޫކުރައްވަން އުޅުއްވާ ކަމަށް ހީފުޅުވުމުންނެވެ. ދެންފަހެ ކުރިން އިސްވެދިޔަ ތަނުގައި ކަންތައް ހިނގާދިޔަ ފަދައިން، އެނަބިއްޔާގެ ގަބުރުފުޅު (މީސްތަކުން) މަތިވެރި ކޮށްފާނެކަމަށް ބިރުފުޅުގަތީއެވެ. އެހެންވުމުން ޔަހޫދީންނާއި ނަޞާރާއިންނަށް ލަޢުނަތް އެދެއްވީ، އެބައިމީހުން އެކުރި ކަންތަކުގެ ނުބައިކަމަށް އިޝާރާތް ކުރެއްވުމަށެވެ." އަދި މިކަމުގެ އިންޒާރުގެ ވާހަކަ އެނަބިއްޔާ ޢާއިޝާ އަށް ދަންނަވާ އެހިސާބުން ނިންމަވާލެއްވީއެއް ނޫނެވެ. މިވާހަކަ ވަނީ އަޞްޙާބު ބޭކަލުންނަށް ގޮވާގެނެސްފައިވެސް އެކަން ވިދާޅުވެދެއްވާފައެވެ. އުސާމަތު ބުން ޒައިދް رضي الله عنه ވިދާޅުވިއެވެ: ނަބިއްޔާ صلى الله عليه وسلم އަވަހާރަފުޅުވީ އާލާސްކަންފުޅުގައި އޮވެ ވިދާޅުވިއެވެ: (("أَدْخِلُوا عَلَيَّ أَصْحَابِي" فَدَخَلُوا عَلَيْهِ وَهُوَ مُتَقَنِّعٌ بِبُرْدَةِ مَعَافِرِيٍّ فَقَالَ : "لَعَنَ اللَّهُ الْيَهُودَ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ ")) މާނައީ: [ތިމަންނަބިއްޔާގެ އަރިހަށް އަޞްޙާބު ބޭކަލުން ވައްދަވާށެވެ.] ދެން އެނަބިއްޔާގެ އަރިހަށް އެބޭކަލުން ވެންނެވިއެވެ. އެހިނދު އެނަބިއްޔާ އޮންނެވީ މަޢާފިރީ ފޮތިގަނޑެއް (އެނަންކިޔާ ރަށެއްގައި ތައްޔާރުކުރާ ހެދުމެއް) ގައިގައި އަޅުއްވައިގެންނެވެ. އެހިނދު އެނަބިއްޔާ ޙަދީޘްކުރެއްވިއެވެ: ޔަހޫދީންނަށް ﷲ ގެ ލަޢުނަތް ހުއްޓެވެ. އެބައިމީހުންގެ ނަބީންގެ ޤަބުރުތައް އެބައިމީހުން މިސްކިތްތަކެއްގެ ގޮތުގައި ހެދިއެވެ.] ވީމާ މިޢަމަލުގެ ނުބައިކަން ވަރަށްބޮޑަށް އަހަރެމެންގެ ލޮބުވެތި ނަބިއްޔާ އެވަނީ މިއުންނަތަށް ސާފުކޮށްދެއްވާފައެވެ. ޤިޔާމަތް ދުވަހަށް ދާއިރު މިއުންމަތުގެ މީހުން މިޢަމަލު ހިންގައިފައި ވާނަމަ އެމީހަކަށް އެއްވެސް ޙުއްޖަތެއް ނުވެއެވެ. ނަމަވެސް ޙުއްޖަތް ޤާއިމްވެގެން ދާނީ އެޢަމަލު ކުރިމީހަކާ ދެކޮޅަށެވެ. ނަބިއްޔާގެ މިބަސްފުޅުތައް އެފަދަމީހަކާއި ދެކޮޅަށް ހެއްކަކަށް ފުދެއެވެ. ނަމަވެސް މިއަދު ދުނިޔޭގައިވާ މުސްލިމް ޢަރަބިން ވިޔަސް ޢަރަބި ނޫން މުސްލިމުން ކަމުގައި ވިޔަސް އެތަކެއް މިލިޔަން މުސްލިމުންނެއް އެދަނީ މިނުބައި ޢަމަލު ހިންގަމުންނެވެ. އެބައިމީހުންގެ ކައިރީގައި ޒިނޭކުރުމާއި ވައްކަން ކުރުމާއި މީހުންމެރުމަކީ އިސްލާމްދީނުގައި އެކަންކަން މަނާކުރައްވާފައިވާ ނުބައިޢަމަލުތަކަށްވުމުން، އެއީ ޖަރީމާތަކަކަށް ވީއިރު އެކަންކަމަށްވުރެ ނުބައިވެގެންވީ މިބޮޑު ޖަރީމާ ނުބައިކަމަކަށްވެސް ނުވިއެވެ. އަދި ނުބައިކަމަކަށް ނުވީތަނުގައި މިކަން އެބައިމީހުން ކުރަމުން ދަނީ އަޅުކަމުގެ ގޮތުގައެވެ. ދީނީ ޝިޢާރުތަކުގެ ގޮތުގައެވެ. ﷲ އަށް ކުއްތަންވުމުގެ ނުބައި ދަޢުވާގައެވެ. މިއީ ނުހަނު ހިތާމަހުރި ކަންކަމެވެ!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

(ނުނިމޭ)

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *