އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސްޓޫޓެންޓް ކައުންސިލްގެ އެންމެ އިސް މަގާމްތަކަށް ގިނަ ޢަދަދެއްގެ ދަރިވަރުންވަނީ ކުރިމަތިލާފައެވެ.
މިއަހަރުގެ އިންތިޚާބުގައި ސްކޫލްގެ އެންމެ އިސް 14 މަޤާމްތަކަށް ގްރޭޑް 10ގެ 30 ދަރިވަރުން ކުރިމަތިލާފައި ވެއެވެ. ސްޓޫޑެންޓް ކައުންސިލަށް ކުރިމަތިލުމަށް ހުޅުވާލެވުނު އެންމެ އިސް މަގާމް ތަކަކީ، ސްކޫލްކެޕްޓަން، ކަމާއި ގޭމްސް ކެޕްޓަނާއި ދިވެހި އަދަބީ ޖަމްޢިއްޔާ ހިޔާގެ ރައީސް ކަމާއި، އިނގިރޭސި ޖަމްޢިއްޔާ އޭލާގެ ރައީސް ކަމާއި، ހަތަރު ހައުސް ކަމުގައިވާ ޗާންދަނީ ހައުސް، ހުވަނދުމާ ހައުސް، ޖަނަވަރީ ހައުސް، އަދި ކާމިނީ ހައުސްގެ ކެޕްޓަން ކަމެވެ. އަދި ޤުރުއާން ކުލަބާއި، ހިޔުމަން ރައިޓްސް ކްލަބާއި، މީޑިއާ ކުލަބާއި އެންވާރުމެންޓް ކުލަބާއި ބިޒިނަސް ކުލަބާއި ސައިންސް ކުލަބްގެ ރައީސް ކަމުގެ މަގާމް ހިމެނެއެވެ.
މީގެ އިތުރަށް ގްރޭޑް އިންޗާޖުންގެ ގޮތުގައި ހުރިހާ މަގާމަކަށްވެސް ކުރިމަތިލުމުގެ ފުރުޞަތު 9 ގެ ދަރިވަރުންނަށް ހުޅުވާލުމުން 16 ދަރިވަރަކުވަނީ ކުރިމަތިލާފައެވެ.
ކުރީ އަހަރުތަކުގައި ސްކޫލް ކެޕްޓަން ފިޔަވައި އެހެން މަގާމް ތަކަށް ކުރިމަތިލުމަށް ސްކޫލްގެ ސާނަވީ އާއި މަތީ ސާނަވީގެ ކުލާސްތަކަށް އެކީގައި ފުރުޞަތު ހުޅުވާލި ނަމަވެސް މިފަހަރު އެ މަގާމްތަކަށް ކުރިމަތި ލުމަށް ފުރުޞަތުދޭ ގޮތަށް ހަމަޖެހިފައިވަނީ، ވަކިވަކިންނެވެ. ސާނަވީ ކުލާސްތަކުގެ ދަރިވަރުންނެކޭ އެއްގޮތަށް މަތީ ސާނަވީ ދަރިވަރުންނަށްވެސް ހުރިހާ މަގާމް ތަކަށް ދަރިވަރުން އިންތިޚާބު ކުރެވޭނެއެވެ. މަތީ ސާނަވީ ކުލާސްތަކުގެ އިންތިޚާބުބޭއްވޭނީ ތަންކޮޅެއްފަހުންނެވެ.
ކައުންސިލްގެ މަގާމްތަކަށް މަގާމްތަކަށް ކުރިމަތިލީ ދަރިވަރުންނަށް ކެންޑިޑޭޓް ނަންބަރު ގުރުއަތުން މިއަދުވަނީ ލިބިފައެވެ. އަދި ކެންޕޭން ކުރުމަށް މާދަމާއިން ފެށިގެން 3 ދުވަހުގެ ފުރުޞަތު ލިބޭނެއެވެ.