އާރޓިކަލް 39 : ނަމާދުކުރުން މަނާ ތަންތަން ހުންނަކަން އެނގޭތަ؟ – (4)

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ނަމާދު އެތަނެއްގައި އަދާކުރުން މަނާކުރެވިފައިވާ ތަންތަނުގެ ތެރޭގައި ފާޚާނާކުރާ ތަން ހިމެނެއެވެ. މިތަނުގައި ނަމާދު މަނާކަމުގައި ރަސޫލާ صلى الله عليه وسلم ވަނީ ބަޔާންކުރައްވާފައވެ. އެގޮތުން އަބޫދާވޫދު އަދި ތިރްމިޛީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((الأَرْضُ كُلُّهَا مَسْجِدٌ إِلاَّ الْمَقْبَرَة وَالْحَمَّام)) މާނައީ: [މުޅި ބިމަކީ އެއީ މިސްކިތެކެވެ. ގަބުރުސްތާނާއި ފާޚާނާ ފިޔަވައެވެ.] މުޅި ބިމަކީ މިސްކިތެކޭ ބުނެވޭ ބަހުގެ މުރާދަކީ، ބިމުގެ ކޮންމެ ތަނެއްގައިވެސް ނަމާދު ކުރެވޭނޭ ވާހަކައެވެ. އެއީ ކުރީގެ އުންމަތްތަކާއި މިއުންމަތާއި ތަފާތުވީ ކަމެއްގެ ގޮތުގައި ނުވަތަ ކުރީގެ އުންމަތްތަކަށް ނުލިބޭ، ރަސޫލާ صلى الله عليه وسلم އަށް ޚާއްޞަކޮށް ލިބިވަޑައިގެންނެވި ތަފާތު ރަނގަޅު ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ސަބަބަކީ ކުރީގެ އުންމަތްތަކުގެ މީހުން އަޅުކަންތައް އަދާކުރަން ހަމައެކަނި ދާންޖެހެނީ އެކަމަށް ޚާއްޞަކޮށް ހަދާފައި ހުންނަ ތަނަކަށް އެކަންޏެވެ. އެމަޢުބަދުތައް ނޫން ތަނެއްގައި އެމީހުންގެ އަޅުކަން ޞައްޙަ ނުވެއެވެ. އަދި އަޅުކަން ކުރުމުގެ ހުއްދައެއްވެސް ނޯވެއެވެ. ނަމަވެސް މިއުންމަތަށް އަޅުކަން ކުރާ ތަނަށް ގޮސް ކުރުމަށް ފަރުޟު ކުރެވުނު އަޅުކަން ކަމުގައިވާ ނަމާދު، އެއީ އެމީހަކު ކޮންމެ ތަނެއްގައި ހުރިނަމަވެސް، ނަމާދު ވަގުތު ޖެހުމުން އެނަމާދު އެތަނެއްގައި ހުރެ އަދާކުރެވޭނެއެވެ. އެތަނަކީ ކައިރީގައި މިސްކިތެއް ނެތް ސަރަޙައްދެއް ކަމުގައި ވީނަމަވެސް، މުސްލިމުން އެކަމަކާ ކަންބޮޑުވާކަށް ނުޖެހެއެވެ. އެއަށްވުރެ އެކަންވަނީ ލުއިފަސޭހަ ކޮށްދެއްވާފައެވެ. އެހާލަތުގައި އެތަނެއްގައި ހުރެ އެނަމާދު އަދާކުރުމުން ފުދިގެން ދެއެވެ. އެހެންނަމަވެސް ބިމުގެ ބައެއް ތަންތަނަކީ އެތަންތަނުގައި މިފަދަ އަޅުކަމެއް ކުރުން އެއްގޮތަކަށްވެސް އެކަށީގެންވާ ތަންތަނެއް ނޫނެވެ. އެއީ އެބިން އޭގެ ޒާތުގައި ނުޠާހިރުވެ، ނަމާދުކުރުން މަނާވެފައިވާ ތަންތަނެއް ނޫނެވެ. ނަމަވެސް އެތަނެއްގައި ކުރެވޭ ނުޠާހިރު ކަމެއް، ނުވަތަ އެތަނެއްގައި ނަޖިސް ހުރުމުގެ ސަބަބުން ނުވަތަ އެތަނެއްގައި ހިނގާކަމެއްގެ ސަބަބުން ނުވަތަ އެތަނުގެ މާޙައުލު ބިނާވެފައިވާ ގޮތެއްގެ ސަބަބުން އެތަނެއްގައި ނަމާދުކުރުން މަނާވެގެންދަނީއެވެ. އެފަދަ އެއްތަނަކީ ފާޚާނާއެވެ. ނަމަވެސް ޖުމްހޫރު ޢިލްމުވެރިން އޭގެ ތެރޭގައި ޝާފިޢީ މަޛްހަބުވެސް ހިމެނޭގޮތަށް، ފާޚާނާގައި ނަމާދުކުރުން ޙަރާމް ދަރަޖައަށް ނުގެންދަވައެވެ. ވިދާޅުވަނީ އެއީ މަކްރޫހަކަމެއް ކަމަށެވެ. ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިއެއް ކަމުގައިވާ އަލްއިމާމް އައްނަވަވީ ވިދާޅުވިއެވެ: "މިމައްސަލައިގައި ބުނެވޭ ރަނގަޅު ގޮތަކީ، މިކަން ނަހީކުރެވުނީ އެއީ ޝައިޠާނުންގެ ހާއްޔަކަށްވާތީއެވެ. ވީމާ ޙަރާމްކަން ލާޒިމްވެގެން ނުވާގޮތުގައި މިކަމަކީ މަކްރޫހަވެގެންވާ ކަމެކެވެ. ނަމާދު އެތަނުގައި ޞައްޙަވެގެންވެއެވެ." ނަމަވެސް މިކަމަކީ ނަބިއްޔާ صلى الله عليه وسلم ޞަރީޙަ ބަހުން ވިދާޅުވެ އެކަމެއް ނަހީކުރައްވާފައިވާ ކަމަކަށް ވުމުން މިމައްސަލައިގައި ރަނގަޅު ގޮތް ކަމުގައި ވެގެން ދާނީ، ޙަދީޘްގެ ބޭރުފުށުގެ މާނައަށް ރުޖޫޢަވެ، އެޙަދީޘްތަކުގައި ބަޔާންވެފައިވާ ފަދައިން އެޢަމަލުން އެއްކޮށް ދުރުހެލުވުމެވެ. ނަމަވެސް މަޖްބޫރީ ޙާލަތެއް މެދުވެރިވެގެން އެތަނުގައި ނަމާދުކުރަން ޖެހިއްޖެ ނަމަ އެނަމާދު ޞައްޙަވާނެއެވެ.  މަޖްބޫރީ ޙާލަތެކޭ މިބުނެވެނީ މިސާލަކަށް ޣައިރު މުސްލިމް އާއިލާގެ، ޒުވާނަކު އިސްލާމްވެ އެއިސްލާމްކަން ފާޅުކޮށްފައިވުމުން، ޢާއިލާގެ ތެރެއިން އެދީން ދޫކޮށްލުމަށް މަޖްބޫރުކޮށް ފިއްތުންތައް ކުރިމަތިވެފައިވާ މީހާއެވެ. އޭނާއަށް ޢާއިލާގެ މީހުންނަށް އެނގުމެއް ނުވާގޮތުގައި މާތް ﷲ އަށް އަޅުކަން އަދާކުރެވެން އޮތީ ހަމައެކަނި ފާޚާނާގެ ތެރޭގައި ކަމުގައި ވާނަމަ، އެފަދައިންވެސް އޭނާ ނަމާދުގެ އަޅުކަން ގަޑިންގަޑިއަށް އަދާކުރަންޖެހޭނެއެވެ. ދަންނަބޭކަލުން މިމައްސަލައިގައި ފަތުވާ ދެއްވާފައިވަނީ މިފަދައިންނެވެ. އެއީ ނަމާދެއް އެޅުމުގެ ނުބައިކަމުން ދުރުހެލިވުމަށެވެ. ނަމާދަކީ ވަގުތުން ވަގުތަށް، އެވަގުތެއް ފާއިތު ނުވަނީސް އަދާކުރަންޖެހޭ އަޅުކަމަކަށްވުމުން ކޮންމެފަދަ ޙާލަތެއްގައިވެސް އެއަދާކުރެވުނު ގޮތަކަށް އެނަމާދު އަދާކުރަންޖެހެއެވެ. ވީމާ ފާޚާނާގައި ނަމާދުކުރުމުގެ މައްސަލައަކީ އެންމެ ކުޑަމިނުން، ހުރިހާ ޢިލްމުވެރިންގެ އިއްތިފާޤުން މަކްރޫހަވެގެންވާ ކަމެކެވެ. ފާޚާނާއަކީ އެތަނެއްގައި މާތް ﷲ އަށް ޛިކުރު ކުރުން މަނާތަނެއް ކަމުގައި ވާއިރު، ނަމާދު އެތަނުގައި ނުކުރުން މާއައުލާކަން ބޮޑުވެގެންވެއެވެ. އަދި ފާޚާނާއަކީ އެތަނެއްގައި މީހަކު ޠާހިރުކަން މަތީގައި ހުރެވޭނޭ ތަނެއްވެސް ނޫނެވެ. އަލްމުހާޖިރު ބުން ޤުންފުޛްގެ އަރިހުން އަބޫދާވޫދު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((أَنَهُ أَتَى النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَهُوَ يَبُولُ فَسَلَّمَ عَلَيْهِ فَلَمْ يَرُدَّ عَلَيْهِ حَتَّى تَوَضَّأَ ثُمَّ اعْتَذَرَ إِلَيْهِ فَقَالَ " إِنِّي كَرِهْتُ أَنْ أَذْكُرَ اللهَ إِلَّا عَلَى طُهْرٍ أَوْ قَالَ عَلَى طَهَارَةٍ)) މާނައީ: އެޞަޙާބީ ނަބިއްޔާ ކުޑަކަމުދާން ހުންނަވަނިކޮށް އެތަނަށް ނަބިއްޔާގެ އަރިހަށް ވަޑައިގެން އެނަބިއްޔާއަށް ސަލާމް ގޮވާލެއްވިއެވެ. ނަމަވެސް އެނަބިއްޔާ ސަލާމްގެ ރައްދު ނުދެއްވައެވެ. ވުޟޫކޮށް އަވަދިވެވަޑައިގަންނަވަންދެން އެގޮތުގައި ހުންނެވިއެވެ. އަދި އެއަށްފަހު ޢުޛުރު ބަޔާންކުރައްވާ ޙަދީޘްކުރެއްވިއެވެ: [ހަމަކަށަވަރުން ޠުހުރެއްގެ މަތީގައި ނުވަތަ ސާފުޠާހިރުވެގެން ހުންނަވައިގެން މެނުވީ ﷲ އަށް ޛިކުރު ކުރުމަށް ތިމަންނަބިއްޔާ ނުރުއްސަވަމައެވެ.] މިޙަދީޘުން ވިސްނެނީ ރަސޫލާ صلى الله عليه وسلم އެފަދައިން ޛިކުރު ނުކުރެއްވީ ޠަހާރަތުގެ މަތީގައި ނުހުންނެވީމައެވެ. ވީމާ މިއީވެސް އެތަނުގައި މިކަން މަނާވި ޢިއްލަތެއް ކަމުގައިވެދާނެއެވެ. އަދި ބައެއް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި އެތަނުގައި ﷲ އަށް ޛިކުރު ކުރުމާއި ނަމާދު ކުރުން ޙަރާމްވީ އެއީ ނަޖިސްއެތަނެއްގައި ހިމެނޭ ތަނެއް ކަމުގައި ވާތީއެވެ. އަދި އަނެއްބައި ޢިލްމުވެރިން އެކަން އެގޮތަށް ދެކެވަޑައިގަންނަވަނީ އެއީ ޖިންނީންގެ ހާއްޔެއް ކަމުގައި ވާތީއެވެ. ބުޚާރީ އަދި މުސްލިމް އަނަސް ބުން މާލިކްގެ އަރިހުން ރިވާކުރެއްވިއެވެ: كَانَ النَّبِيُّ صلى الله عليه وسلم إِذَا دَخَلَ الخلَاءَ قَالَ: ((اللَّهُمَّ إِنِّي أَعُوذُ بِكَ مِن الخبُثِ وَالخبَائِثِ)) މާނައީ: ނަބިއްޔާ صلى الله عليه وسلم ފާޚާނާ ކުރައްވަން ވަންނަވާހިނދު "އޭ ހައްދަވާބޮޑުކުރައްވާ އިލާހެވެ. ހަމަކަށަވަރުން ފިރިހެން ޖިންނީންނާއި އަންހެން ޖިންނީންގެ ނުބައިކަމުން އިބައިލާހުގެ ޙަޟްރަތުން ރައްކާތެރިކަމަށް މިއަޅާ އެދެމެވެ." އަދި އަލްއިމާމް އައްތިރްމިޛީ އަނަސް ބުން މާލިކްގެ ފަރާތުން ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((كَانَ رَسُولُ اللهِ -صَلَّى اللهُ عَلَيْهِ وَسَلَّمَ- إِذَا دَخَلَ الخَلَاءَ وَضَعَ خَاتَمَهُ)) މާނައީ: [ﷲ ގެ ރަސޫލާ صلى الله عليه وسلم ފާޚާނާ ކުރައްވަން ވަންނަވާހިނދު އެނަބިއްޔާގެ އަނގޮޓިކޮޅު ބާއްވަވާފައި ވަންނަވައެވެ.] ވީމާ އެތަނުގައި ނަމާދު ކުރުމުން އެއްކިބާވެ ދުރުހެލިވުން މާއައުލާކަން ބޮޑުވެގެންވެއެވެ. އަދި މިއީ އެތަނެއްގައި ނަމާދުކުރުން މަނާވުމާމެދު އަދި އެތަނެއްގައި ނަމާދުކުރުމުން ދުރުހެލިވުމާމެދު ވާހަކަ ދެއްކެމަށް ބޭނުންޖެހޭ ވަރަށްވުރެ މުސްލިމުންގެ މެދުގައި މާސާފު މައްސަލައެކެވެ. މުސްލިމުންނަށް އެއީ ނަމާދުކުރުމާއި ޛިކުރު ކުރުން މަނާތަނެއް ކަމުގައި ފަސޭހަކަމާއެކު ޤަބޫލުކުރެވިފައިވާ ކަމެކެވެ. އިބްނު ތައިމިޔާ مجموع الفتاوى(25/240) ގައި ވިދާޅުވެފައިވާ ފަދައިންނެވެ: "ޤަޟާޙާޖާ ކުރާ ތަންތަނުގައި ނަމާދުކުރުން މަނާކަމުގައި ސާފު ނައްޞެއް އައިސްފައި ނުވެއެވެ. ސަބަބަކީ އެކަމަކީ އެއީ އެކަމަށް ދަލީލެއްވެސް ބޭނުން ނުވާހައި، މުސްލިމުންގެ މެދުގައި އެއަށްވުރެ މާ ފާޅުކަންބޮޑު ސާފު މައްސަލައެކެވެ."

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

(ނުނިމޭ)

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *