ކޮންމެ ކުއްޖަކީވެސް، މަތީ ތަޢުލީމަށް ވާސިލުވާ ކުއްޖެއްކަމުގައިވުމަށް ޕްރިންސިޕަލް އެދިވަޑައިގެންފި.

ކޮންމެ ކުއްޖަކީވެސް، މަތީ ތަޢުލީމަށް ވާސިލުވާ ކުއްޖެއްކަމުގައިވުމަށް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު އެދިވަޑައިގެންފިއެވެ. އަޙްމަދިއްޔާ މަތީ ސާނަވީ ދަރިވަރުންގެ ދަސްވެނިވުމުގެ ހަފްލާގައި ރޭ ވާހަކަފުޅު ދައްކަވަމުން ޕްރިންސިޕަލް ވިދާޅުވީ، ކޮންމެ ކުއްޖަކީ، އެކުއްޖަކު ޝައުޤުވެރިވާ ދާއިރާ އަކުން، ޑިގްރީއާ، މާސްޓާސް ޑިގްރީ ޙާޞިލުކޮށް، އަދި އެއަށްވުރެވެސް މަތީ ހަރުފަތަކަށް، ދާނެ ކުއްޖަކަށް ވުމަށް، ޕްރިންސިޕަލް ނަސޭހަތްތެރިވެ ވަޑައިގެންނަވާ ކަމުގައެވެ.

ޕްރިންސިޕަލް ވިދާޅުވީ، ކޮވިޑުގެ ޢާލަމީ ވަބާގެ ތެރޭގާ، ދަރިވަރުން ކިޔެވުމަށް، ބެހެއްޓި ޝައުޤާ، ދިން ސަމާލުކަމާ، އެ ދަތި ޙާލަތު މެނޭޖު ކުރުމުގައި، ދަރިވަރުންނާއި، ބެލެނިވެރިން ވެފައިވާ، މަތިވެރި ޤުރުބާނީގެ އަގު ވަޒަން ކުރެވޭކަމުގައެވެ. އެ ދަނޑިވަޅުގައި، އަޙުމަދިއްޔާ އިން، އެންމެބޮޑު ސަމާލުކަމެއް ދިނީ، ދަރިވަރުންގެ އޭ.ލެވަލް އިމްތިޙާނަކީ، ކުދިންނަށާ  ސްކޫލަށްވެސް، އެހާމެ މުހިންމު އިމްތިޙާނަކަށް ވީތީ، އިމްތިޙާނުން ރަނގަޅު ނަތީޖާއެއް ޙާސިލުކޮށްދޭންކަމާއި ކިޔަވައިދިނުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމުގައެވެ.

މަތީ ސާނަވީ ދަރިވަރުންގެ ދަސްވެނިވުމުގެ ހަފްލާގެ ތެރެއިން.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

" އެއީ ވަކި ޢަދަދަކަށް ނޫނީ ކުލާހެއްގެ ތެރޭގައި، ކުދިން ބޭތިއްބެން އޮތް ވަގުތެއް ވެސް ނޫން. ޢަމަލު ކުރަންޖެހުނު ގައިޑުލައިން ތަކާއެއްގޮތަށް، ކިޔަވައިދޭން، އިތުރު ވަގުތާ، ހިތްވަރު ލައިދޭން، އޭރު އޮތީ ޖެހިފަ. އެކަމަށްޓަކާ ސްކޫލްގެ މެނޭޖްމަންޓާ، މުދައްރިސުން އެ ކުރެއްވި ހިތްވަރަކީ، ޝުކުރު ވެރިކަމާއެކު، އަބަދުވެސް، އަޙުމަދިއްޔާއިން، ބަލައިގަންނަ، އަދި ފާހަގަކުރާ، ވަރަށް މަތިވެރި ޚިދުމަތެއް. އުންމީދު ކުރަނީ، ތިޔަ ކުދިންގެ ނަތީޖާވެސް، އެހާމެ އުފާވެރި ގޮތެއްގާ، ޙާސިލުވެގެން ދާނެ ކަމަށް." ޕްރިންސިޕަލް ވިދާޅުވިއެވެ.

ދަރިވަރުންނާއި މުޚާޠަބުކޮށް ޕްރިންސިޕަލް ވިދާޅުވީ، އަޙްމަދިއްޔާ އަކީ، ދަރިވަރުންގެ ވަރަށް ފޮނި ހަނދާންތަކަކާ ގުޅިފައިވާނެ ހިޔާވައްސެއް ކަމާއި މި ހުރިހާ ދުވަހު، ޙަޔާތުގެ މުހިންމު ސަފުޙާއެއް ކަމަށްވެފައި އޮތް، ސްކޫލާ ވަކިވާތީ، އެކަމުގެ ފަޅުކަންވެސް، ހިތަށް ވަންނާނެ ރެއެއް ކަމާއި، އެ ފަޅުކަން ޕްރިންސިޕަލާ، އަދި ދަރިވަރުންގެ ޓީޗަރުންގެ ހިތުގައިވެސް އެބަ އޮތް ކަމުގައެވެ.

މަތީ ސާނަވީ ދަރިވަރުންގެ ދަސްވެނިވުމުގެ ހަފްލާގެ ތެރެއިން.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

"މިރޭގެ އިޙުސާސް ތަކުގެ އަނެއް ބަޔަކީ،  މަދަރުސީ ތަޢުލީމުގެ މަތީ ހަރުފަތްތައް ކަމަށްވާ، ސާނަވީ އަދި މަތީ ސާނަވީ ހަރުފަތް، ކާމިޔާބު ކަމާއެކު ގިރާ ކުރެވުމުން ތިޔަ ކުދިންނަށް ކުރެވެމުންދާ އުފާވެރި އިޙުސާސް. އެހެން ކަމުން، މިއީ، ވަރަށް ޖަޒުބާތީ ވަގުތެއް. މިހާތަނުން، ކޮންމެ ކުއްޖެއްގެ މުސްތަޤުބަލުގެ އިރުގެ ދޯދިތަކުން، ތިޔަ ކުދިންނަށް އައު އަލިކަމެއްގެ އިޙުސާސް ވެސް ކުރެވޭނެ." ޕްރިންސިޕަލް ވިދާޅުވިއެވެ.

ޕްރިންސިޕަލް ވިދާޅުވީ، ކޮންމެ ކުއްޖަކީވެސް، މި ޤައުމުގައި، އެފަދަ ޝަރަފުވެރި މަޤާމެއްގައި، މާދަމާ ޚިދުމަތް ކުރާނޭ ކުއްޖަކަށް ވެސް ވާން އެދޭ ކަމުގައެވެ. އަދި، ހުރިހާ ދަރިވަރުން އަޚުލާޤީ ގޮތުންވެސް، މި ގައުމުން ފެންނަ، އެންމެ ނަމޫނާ ދަރިވަރުންގެ ގޮތުގާ، ފެންނަން ޕްރިންސިޕަލް ވަރަށްބޮޑަށް އެދިވަޑައިގެންނެވިއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *