އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ގްރޭޑް 8 ގައި ކިޔަވާ ދަރިވަރުން މިއަދު ޓްރާންސް މޯލްޑިވިއަން އެއަރވޭޒް (ޓީއެމްއޭ) އަށް ކަމިޔާބު މައިދާނީ ދަތުރެއް ކޮށްފިއެވެ.
މި ދަތުރުގައި ދަރިވަރުން ވަނީ ޓީއެމްއޭގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް އޮޅުންފިލުވާފައެވެ. އެގޮތުން ޓީއެމްއޭގައި ހިނގަމުންދާ ކަސްޓަމާ ސާވިސް ޕްރޮސީޖާތަކާއި އޮޕަރޭޝަންތަކުގެ މައުލޫމާތު ޓީއެމްއޭއިން ދަރިވަރުންނަށް ދިނެވެ. އަދި ސީޕްލޭން ޖައްސާ ސަރަހައްދަށް ޒިޔާރަތްކުރުމުގެ އިތުރުން ޓީއެމްއޭގެ ތަފާތު އެކި ޑިޕާޓްމަންޓްތަކަށް ޒިޔާރަތްކޮށް ދަރިވަރުން ވަނީ މައުލޫމާތު ހޯދާފައެވެ.
ޓީއެމްއޭ އިން ވަނީ އެތަނުގެ ކޮލިޓީ ސްޓޭންޑަޑްތަކާއި ކަސްޓަމަރުންގެ ސުވާލުތަކާއި ޝަކުވާތަކާ މެދު އަމަލުކުރުމުގައި ގެންގުޅޭ އުސޫލުތަކާއި މިންގަނޑުތަކާ ބެހޭ ޕްރެޒެންޓޭޝަން ސެޝަނެއް ވެސް ދަރިވަރުންނަށް ކުރިއަށް ގެންގޮސްދީފައެވެ. މި ސެޝަންގައި ދަރިވަރުންގެ ސުވާލުތަކަށް ޖަވާބުދިނުމުގެ އިތުރުން، ދަރިވަރުންނަށް މައުލޫމާތު ދިނުމަށްފަހު، ޓީއެމްއޭގެ މުވައްޒަފުން ވަނީ ދަރިވަރުންނާ ވެސް ސުވާލުކޮށްފައެވެ.
އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޓްރެވަލް އެންޑް ޓުއަރިޒަމް ޓީޗަރު ސްބްރަމާނިއަމް ރަމަނަ (ސުއްބު ސަރ) ވިދާޅުވީ ރަނގަޅު ޖަވާބުދޭ ކުދިންނަށް އިނާމު ލިބޭ ގޮތަށް ގެންދިޔަ އެ ސުވާލާ ޖަވާބު ސެޝަނަށް ދަރިވަރުން ވަރަށް ބޮޑަށް ޝައުޤުވެރިވި ކަމަށާއި، ވަރަށް ގަޔާވެގެން އެ ހަރަކާތުގައި ދަރިވަރުން ބައިވެރިވި ކަމަށެވެ.
މިފަދަ ކާމިޔާބު މައިދާނީ ދަތުރެއް ކުރުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިކޮށްދެއްވި ކަމަށްޓަކައި ޓީއެމްއޭއަށް، އަދި މާލެއިން އެއަރޕޯޓަށް، އަދި އެއަރޕޯޓުން މާލެއަށް ހިލޭ ދަތުރެއް ހަމަޖައްސަވައިދެއްވި ކަމަށްޓަކައި އެމްޓީސީސީއަށް އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން ޝުކުރުއަދާކުރެއެވެ. އަދި މި މައިދާނީ ދަތުރު ކާމިޔާބު ދަތުރަކަށް ހެދުމަށްޓަކައި މަސައްކަތްކުރެއްވި ހުރިހާ ޓީޗަރުންނަށް ވެސް ސްކޫލުން ޝުކުރުއަދާކުރެއްވިއެވެ.