ބުރާސްފަތި, 17 އޭޕްރިލް 2025

ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންނަށް އިތުރު ހަރަކާތްތައް ހިންގަންފަށައިފި

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރައިމަރީ ގްރޭޑްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ކޮންމެ އަހަރަކުވެސް ކިޔެވުމުގެ އިތުރުން އޮންނަ އިތުރު ހަރަކާތްތައް މި ހަފުތާގައި ހިންގަން ފަށައިފިއެވެ. ކޮވިޑަށްފަހު، މިފަދަ ހަރަކާތްތައްވަނީ ވަގުތީ ގޮތުން ހުއްޓާލައިފައެވެ. ނަމަވެސް ކްވިޑްގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނާތީ ކުރީ އަހަރުތަކެކޭ އެއްފަދައިން ދަރިވަރުންގެ އިތުރު ހަރަކާތްތައް މިވަނީ ފެށިފައެވެ.

ދަރިވަރުންގެ ކިޔެވުމުގެ އިތުރުން ކޮންމެ ދަރިވަރަކަށް ވެސް ސްކޫލުގައި ހިންގާ އެކިއެކި ހަރަކާތްތަކުގެ ތެރެއިން ކޮންމެވެސް އިތުރު ހަރަކާތެއްގައި ބައިވެރިވުމުގެ ފުރުޞަތު އޮވެއެވެ. އެފަދަ ހަރަކާތްތަކުގެ ތެރޭގައި ކަބުސްކައުޓް، ލިޓްލްމެއިޑް، ޤުރުއާން ކްލަބް، ބޭންޑު، ޗެސްކުލަބް، އަދި އެންވަރުމެންޓް ކުލަބް ތަކުގެ ހަރަކާތްތައް މިވަނީ ފެށިފައެވެ. ބައެއް ކުލަބުތަކުގައި އުޅޭ ދަރިވަރުންނަށް ވަނީ މައިދާނީ ދަތުރުތައް ރާވާ ހިންގާފައެވެ. އެ ދަރިވަރަކު އުޅޭ އިތުރު ހަރަކާތަކާއި ގުޅޭ ކުލަބަކުން އެ ކްލަބަކާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށްޓަކައި މިފަދަ މައިދާނީ ދަތުރުތައް ބާއްވައެވެ.

ހޯމަ ދުވަހު ވަނީ އެންވަރުމެންޓު ކުލަބްގެ ދަރިވަރުންނަށް ޚާއްޞަ ޕްރެޒެންޓޭޝަން ސެޝަންއެއް ބާއްވައިފައެވެ. މި ސެޝަން ކުރިއަށް ގެންދިޔައީ އެންވަރުމެންޓް މިނިސްޓްރީގެ ދެބޭފުޅަކު ސުކޫލަށް ގެންނަވައިގެންނެވެ. މި ޕްރެޒެންޓޭޝަން ސެޝަންގައި ދަރިވަރުންނަށް ތިމާވެއްޓާ ގުޅޭ އެތައް މައުލޫމާތެއްވަނީ ދެއްވާފައެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެބޭފުޅުން ތިމާވެށްޓާބެހޭ ޕްރެޒެންޓޭޝަންދެނީ.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

މިފަދަ ހަރަކާތްތައް ހިންގާ އިންތިޒާމުކުރުމުގައި ޓީޗަރުން ކުރައްވާ ބުރަމަސައްކަތް ފާހަގަކުރެވެއެވެ. ކިޔަވައި ދިނުމުގެ އިތުރުން އިތުރު ހަރަކާތް ތަކުގައި ޓީޗަރުންގެ ދައުރު ވަރަށް ބޮޑެވެ. ދަރިވަރުންނާއި އެކު ހޭދަކުރާ މިފަދަ ވަގުތުތަކަކީ ވެސް ޓީޗަރުންނަށް ވަރަށް މުހިންމު ވަގުތުތަކެވެ.

ދަރިވަރުންއުޅޭ ކްލަބް ހަރަކާތްތައް ކުރިއަށް ގެންދެވޭތީ އެ ދަރިވަރުން ތިބީ ނުހަނު އުފާވެފައެވެ. މިފަދަ ހަރަކާތްތައް ހުއްޓިފައި އޮންނަތާ ގާތްގަނޑަކަށް ދެ އަހަރުވާން ކައިރިވެފައިވަނިކޮށް އަލުން މިފަދަ ފުރުސަތެއްގައި ދަރިވަރުން ބައިވެރިވާން ތިބީ އިންތިހާއަށް ބޭނުންވެފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *