ބުރާސްފަތި, 17 އޭޕްރިލް 2025

ކުށުގެ ތައުބާ

ކުރަމުން ދިޔައީ ބުނަން ނޭނގޭ ކަހަލަ އިހުސާސެކެވެ. އެތެރެހަށީގައި ހިނގަމުން ދިޔައީ ބުނަން ނޭނގޭ ކަހަލަ ތަދެކެވެ. ބަލާ ބެލުމަށް އަހަރެންގެ މޫނުމަތިން މީހުނަށް ފެންނާނީ ހިނިތުންވުމެވެ. އެއީ ހަމަ އެކަނި މީހުންނަށް ފެންނަ ފެނުމެވެ. ހަޔާތުގައި ހިނގާ ބައެއް ކަންކަމަކީ ބަލާބެލުމުން މީހުނަށް ފެންނާނެ ކަންކަމެއް ނޫނެވެ. އެގޮތުން އަހަރެންގެ ދިރިއުޅުމުގައި ވެސް އުސްގަނޑަކަށް ފަހު އަނޑިގަނޑެއް އަންނަމުން ދިޔައެވެ.

އޭރު އަހަރެންގެ އުމުރުން އެންމެ 16 އަހަރެވެ. ސުކޫލް ނިމުނު އަހަރެވެ. ނަތީޖާ އެހާ ރަނގަޅު ނުވުމުގެ ސަބަބުން ވަޒީފާއެއް ހޯދުމަށް ކުރި މަސައްކަތް ވީ ބޭކާރެވެ.

ހުންނަން ޖެހުނީ ގޭގައެވެ. މަންމަ އާއި ބައްޕަގެ ކަމަކީ ޒުވާބު ކުރުމެވެ. ގޭގައި ހުރެގެން އެ އަޑުތައް އަހަރެންނަށް އިވި އިވި އަހަރެން ހުރީ އެކަމަށް އާދަވެފައެވެ. އަބަދު ގޭގައި އޮންނަން ޖެހުމުން ބޯގޮވަމުން ދިޔައެވެ. އެހެން ކަމުން މަދު މަދުން ބޭރުތެރެއަށް ނިކުންނަން ފެށީމެވެ. ބޭރަށް ނިކުމެގެން އުޅުމުން އެކުވެރިން ކޮޅެއްވެސް ލިބުނެވެ. އޭރު އެއީ ކޮން ކަހަލަ ރައްޓެހިން ކަމެއް އަހަރެން ނަކަށް ނޭގުނެވެ.

ދުވަހަކީ އަހަރެން ވަރަށް ފޫހިވެފައި ގޭގެ ތިރީގައި ހުރި ސައިކަލެއްގެ މަތީގައި އިން ދުވަހެކެވެ. މި ލިބުނު ރައްޓެހިންގެ ތެރެއިން ނާއިފް (ނާޕު) އައިސް ދިއްކޮށްލީ ސިނގިރޭޓެކެވެ. ދުވަހަކުވެސް ބޮއިފައިނުވާ އެއްޗެއް ކަމުން ނުހިފަން ހުރީމެވެ. އޭނައަށް އެކަން އެނގުނު ކަހަލައެވެ.

"ރަނގަޅުވާނެ! އެއްފަހަރު ބޯލީމަ އާދަވެދާނެ!" ނާޕު އަހަރެންގެ ތުނބުގައި ސިނގިރެޓު ޖެއްސިއެވެ. ފުރަތަމަ ދަމާލުމުން ވެސް އަހަރެން ކޮށިއަރައިގެން ދިޔައެވެ. އަދި ބުމަރެއްހެން  ބޯއެނބުރެން ފެށިއެވެ. ނަމަވެސް އޭނާ ހުއްޓާނުލާ އަނެއްކާ ވެސް ޖަހާލުމުށް އެދުނެވެ.

އެއީ ފެށުމެވެ. އޭގެ ފަހުން މަދުމަދުން ސިނގިރެޓު ބޮމުން ގޮސް ދުވާލަކު ފޮއްޓެއް، ދެ ފޮށި  ހުސްވަމުން ދިޔައެވެ. އަހަރެންގެ މައިންބަފައިން އަހަރެން ކުރާ އެއްވެސް ކަމެއް ރޭކާނުލާ ކަހަލައެވެ. ވާނީ ވެސް އެހެން ނޫންހެއްޔެވެ. ދުވާލުދާ ހަތަރުދަމު ބައްޕަ އުޅެނީ ލާރި ހޯދަން މަސައްކަތުގައެވެ. މަންމަގެ ކަމަކީ ރައްޓެހިންނާ އެކު އެކި ތަންތަނަށް ކާން ދިއުމާއި ސިނަމާތަކަށް ފިލްމްބަލަން ދިއުމެވެ. ގޭގައި އެ ދެމީހުން އެއްތަންވެއްޖެ ނަމަ ދެ މީހުންގެ ކަމަކީ ޒުވާބުކޮށް އަރައިރުންވުމެވެ. އަހަރެންނަކަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އަހަރެންގެ ފޯނު ރިންގުވުމުން ބަލާލީމެވެ. ނޭނގޭ ނަންބަރެއްކަމުން އެވަގުތު ނަގާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް ހުއްޓާ ނުލާ ގުޅަމުން ދާތީ ނަގަން ޖެހުނެވެ. އިތުރު ސުވާލެއް ކުރާކަށް ނުޖެހުނެވެ. ގުޅީ ނާޕުއެވެ. ވަޒީފާ އެއް ބޭނުންނަމަ ހަމަ އެ ވަގުތު އޭނާ ބުނާ ތާކުން ބައްދަލުކުރަން އެދުނެވެ. ވަޒީފާއެއްގެ މުހިންމުކަމުން އަހަރެން ވަގުތުން އެއްބަސްވެ ބައްދަލު ކުރީމެވެ.

ނާޕު ދިއްކޮށްލީ ފިލްމު ހުސްކުރި ދަޅެކެވެ. އެތެރޭގައި ހުރީ ކުދި "ކިއްލި ޕެކެޓްތަކެކެވެ".

"100 އަށް އެއްޗެއް ވިއްކާލާ. މިއަދުން ފެށިގެން ވަޒީފާ މި ހަމަޖެހުނީ ބްރޯ. މުސާރައަކީ ދުވާލަކަށް 1000 ރުފިޔާ. އެއީ ފެށޭ މުސާރަ." ސީދާ އަހަރެންގެ މޫނަށް ބަލަންހުރެ ނާއްޕެ ބުނެލިއެވެ. އަހަރެން ވަގުތުން ވަގުތުން އެއްބަސްވީމެވެ. މަހަކު 30000 ރުފިޔާ އަކީ މަދު އަދަދެއް ނޫނެވެ.

އެދުވަހަށް ފަހު އަހަރެން އެ ވިއްކުމުގައި ދުވާލުދާ ހަތަރުދަމު އުޅުނީމެވެ. މުސާރައިގެ އިތުރުން ވެސް އަހަރެން ބުނި ވަރަކަށް ނާޕު ލާރި ދެމުން ދިޔައެވެ. ތަފާތު އެކި އުމުރުފުރާގެ އެކި މިޒާޖުގެ އެކި ޖިންސުގެ އެތައް ކަސްޓަމަރަކަށް އަހަރެން ޚިދުމަތްކުރަންޖެހެއެވެ. "ޕާޓޭ" އިންނާއި އެ ނޫން މީހުންނެވެ. އަހަރެން އެންމެ އަޖައިބުވީ ހީވެސްނުކުރާ ކަހަލަ ކިތަންމެ ބަޔަކު އަހަރެންގެ ޚިދުމަތް ހޯދަން އަންނަން ފެށުމުންނެވެ.

ވަޒީފާ ލިބުނުތާ ދެ މަހެއްހާ ދުވަސްވީއިރު "އަތު ހޭކެންޏާ ދަތު ހޭކޭނެއޭ" ބުނާ އުސޫލުން އަހަންނަށް އެ އެއްޗެހި ބޭނުންކުރަން ވެސް ފެށިއްޖެއެވެ.

(ނުނިމޭ)

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *