الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ނަމާދު ފަދަ ދީނީގޮތުން ނުހަނު މަތިވެރި އަޅުކަމެއް މުޅި ބިމުގެ ކޮންމެ ތަނެއްގައިވެސް ކުރެވޭފަދަ ޚާއްޞިއްޔަތެއް މާތް ﷲ ގެ ރަޙްމަތުން މިއުންމަތަށް ވަނީ ދެއްވާފައެވެ. އެހެންނަމަވެސް ހަމަ މިމަތިވެރި އަޅުކަމުގެ މާތްކަމާއި ޤަދަރަށްޓަކައި ބިމުގައިވާ ޚާއްޞަ ވަކިތަންތަން ވަނީ މަނާވެސް ކުރައްވާފައެވެ. އޭގެ ތެރެއިން އެއްތަނަކީ ޖަމަލު ގެންގުޅޭ ތަނެވެ. އެހެންގޮތަކަށް ބުނާނަމަ ޖަމަލު ކޮށްޓެވެ. ނުވަތަ ޖަމަލުގެ ހިޔާވަހިކަމަށްޓަކައި އެސޮރުމެން ވަދެ ޖަމާވާތަނެވެ. އަދި އެތަކެތި ފެންބޮއި ނިމިގެން ޖަމާވާ ތަންތަންވެސް އޭގެތެރޭގައި ހިމެނެއެވެ. މިފަދަ ތަންތަނުގައި ނަމާދު ކުރުން ރަސޫލާ صلى الله عليه وسلم ވަނީ ނަހީ ކުރައްވާފައެވެ. އަބޫދާވޫދު ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((لاَ تُصَلُّوا فِي مَبَارِكِ الإِبِلِ فَإِنَّهَا مِنَ الشَّيَاطِين)) މާނައީ: [ތިޔަބައިމީހުން ޖަމަލުގެ ކޮށީގައި ނަމާދު ނުކުރާށެވެ. އެހެނީ އެތަންތަނަކީ ޝައިޠާނުންގެ ތަންތަނެވެ.] ނަމަވެސް ޖަމަލު ނޫން އެހެން ނަޢަމްސޫފީގެ ތަންތަނުގައި ހުއްދަކުރެއްވިއެވެ. އެތަންތަން ހުއްދަ ކުރެއްވިއިރުގައި ޖަމަލު އުޅޭ ތަންތަން ތަފާތުކުރައްވާ އެތަންތަން ޚާއްޞަކޮށް ނަހީކުރައްވާނީ ކޮންމެވެސް ތަފާތު ބޮޑު ހިކްމަތެއް އެކަމުގެ ފަހަތުގައި ވާތީކަން ކަށަވަރެވެ. އިމާމް އަޙްމަދު ރިވާކުރެއްވި ޙަދީޘެއްގައި، ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((صَلُّوا فِي مَرَابِضِ الْغَنَمِ ، وَلَا تُصَلُّوا فِي مَبَارِكِ الإِبِلِ)) މާނައީ: [ތިޔަބައިމީހުން ބަކަރި ކޮށިތަކުގައި ނަމާދުކުރާށެވެ. އަދި ތިޔަބައިމީހުން ޖަމަލު ކޮށިތަކުގައި ނަމާދު ނުކުރާށެވެ.] މިތަނުގައި ބަކަރިކޮށީގައި ނަމާދު ކުރާށޭ އެއޮތް ބަސްފުޅުގެ މުރާދަކީ އެތަންތަނުގައި ހަމަތިބެފައި ގޮސް ނަމާދުކުރުމަށް އައިސްފައިވާ އަމުރެއް ނޫނެވެ. ނަމަވެސް އެއީ އެތަނުގައި ނަމާދުކުރަން ބޭނުންވެފައިވާ މީހުންނަށް ދެއްވާފައިވާ އިރުޝާދެކެވެ. ނުވަތަ އެކަމުގެ ހުއްދަކަން ބަޔާންކުރައްވާފައިވާ ބަސްފުޅެކެވެ. އިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ: ((عَن جَابِر بْنِ سَمُرَةَ أَنَّ رَجُلاً سَأَلَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ : أَنُصَلِّي فِي مَرَابِضِ الغَنَمِ ؟ قَالَ : نَعَمْ . قَالَ : أَنُصَلِّي فِي مَبَارِكِ الإِبِلِ ؟ قَالَ : لَا)) މާނައީ: [ޖާބިރު ބުން ސަމުރާ رضي الله عنه ރިވާކުރެއްވިއެވެ. މީހަކު ރަސޫލާ صلى الله عليه وسلم އާ ސުވާލުކުރެއްވިއެވެ: ބަކަރިކޮށިތަކުގައި އަހަރެމެން ނަމާދު ކުރަމުހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ: އާއެކެވެ. އޭނާ ސުވާލުކުރިއެވެ: އަހަރެމެން ޖަމަލު ކޮށިތަކުގައި ނަމާދު ކުރަމުހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ: ނޫނެކެވެ.] މިފަދައިން މިކަން ނަހީކުރެވިފައިވަނީ ބައެއް ޢިލްމުވެރިންގެ ނަޒަރުގައި އެއީ ނަޖިހަކަށްވާތީއެވެ. ނަމަވެސް މިއަށް ރައްދު ދެވެނީ ބަކަރި އަކީ ކެއުން ޙަލާލު ޖަނަވާރަކަށް ވެފައި އޭގެ ކޮށީގައި ނަމާދުކުރުން ޙަލާލުވަނީ ކީއްވެގެން ހެއްޔެވެ؟ ބަކަރީގެ ކުޑަކަމުދާ ތަކެއްޗާއި ބޮޑުކަމުދާ ތަކެތި ނަޖިހަކަށް ނުވާފަދައިން، ޖަމަލުގެ ކުޑަކަމުދާ ތަކެތި އަދި ބޮޑުކަމުދާ ތަކެތި ނަޖިސްވެގެންނުވެއެވެ. އަދި އެއީ އެތަނުގައި ނަމާދުކުރުން މަނާކުރެވުނު ސަބަބެއް ނޫނެވެ. ނަމަވެސް އަހަރެމެން އެއެއްޗެއްގެ މަސްކެއުން ޙަލާލު ކޮންމެ އެއްޗަކީ އެއްޗެއްގެ ކިރާއި ކުޑަކަމުދާ ތަކެއްޗާއި އަދި ބޮޑުކަމުދާ ތަކެތި ނަޖިހަކަށް ނުވާނެ ތަކެއްޗެވެ. އެއީ އެހެން މައުޟޫއެކެވެ. މިތަނުގައި އެވާހަކަ މިވަގުތަށް ބޭއްވުމަށްފަހު އަހަރެމެންގެ އަޞްލު މައުޟޫޢަށް ވަދެލާނަމެވެ. މިނަހީކުރެއްވުމުގެ ޢިއްލަތްތަކުގެ ތެރޭގައި ޢިލްމުވެރިން ވަނީ ތަފާތު އެތަކެއް ވާހަކަތަކެއް ދައްކަވާފައެވެ. އޭގެއިތުރުން ބައެއް ބޭކަލުން ވިދާޅުވެފައިވެއެވެ. އެއީ ޖަމަލަކީ ވަރަށް ވަރުގަދައަށް ފިލަން ދުއްވައިގަންނަ އެއްޗަކަށް ވާތީއެވެ. އެހެންވުމުގެ ސަބަބުން ނަމާދަށް ހުންނަމީހާގެ ހިތް އެދިމާއަށް ގޮސް އޭނާގެ ނަމާދުގެ ޚުޟޫޢަތް ގެއްލުވާލާތީއެވެ. ވީމާ އެއީ ނަމާދުން އެހެންދިމާއަކަށް މީހާ މަޝްޣޫލުވެގެން ނުދިއުމަށްޓަކައެވެ. ނުވަތަ އޭގެ ތެޅިފޮޅުމުގެ ސަބަބުން އޭނާއަށް އަނިޔާއެއް ވެދާނެ ކަމަށްޓަކައެވެ. ނަމަވެސް މިކަން ބަލައިގަންނަން އުނދަގޫވަނީ ބަކަރިއަކީވެސް އޭގެ ޙަރަކާތްތަކުން ނަމާދަށް ހުންނަމީހެއްގެ ޚުޝޫޢަތްތެރިކަން ގެއްލުވާލާ އެއްޗަކަށް ވުމެވެ. އަދި އަނެއްބައި ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި އެއީ ޝައިޠާނުންގެ ފަރާތުން އުފައްދަވާފައިވާ އެއްޗަކަށް ޖަމަލު ވުމެވެ. އެވާހަކަ އިސްވެދިޔަ ޙަދީޘެއްގައި ބަޔާންވެގެން ހިނގައްޖެއެވެ. އެހެނީ އެހައްދަވާފައިވަނީ ޝައިޠާނުންގެ ކިބައިންނެވެ. އެހެންވުމުން ޝައިޠާނުން އެއާއެކުގައި ވުން އެއީ އެންމެ ގާތް ގޮތެވެ. އަދި ޖަމަލު ދިރިއުޅޭ ތަނަކީ އެޖަމަލުތަކާއި އެކުގައި ޝައިޠާނުން އުޅޭ ތަނަކަށް ވެގެންދެއެވެ. މިޙިކްމަތް ޙަދީޘްގައި ބަޔާންވެފައިވާ ގޮތާއި އެއްގޮތް ޙިކްމަތަކަށް ވެއެވެ. އަދި އޭގެ އިތުރުން އެކަމުގެ ޙިކްމަތުގެ ގޮތުގައި އޭގެ މަސް ހޫނު އެއްޗަކަށްވުން ވެސް ބުނެވެއެވެ. އަދި އެގޮތް އިބްނު ތައިމިޔާ އިޚްތިޔާރު ކުރެއްވިއެވެ. މިއީވެސް އޭގެ ޙިކްމަތަކަށްވުން އެކަށީގެންވެއެވެ. މިހުރިހައި ކަމެއްގެ އިތުރުން އެކަމަކީ އަޅުކަމެއްގެ ގޮތުގައި އެތަންތަނުގައި ނަމާދު ނުކުރުން ވެއެވެ. އެއީ އެކަމާއި އަދި އެހެނިހެން ކޮންމެ ކަމެއްގެވެސް އެންމެ ބޮޑު ޙިކްމަތެވެ. މާތްﷲ އަށާއި އެކަލާނގެ ރަސޫލާއަށް ވެފައިވާ އީމާންކަމެވެ. އޭގެ ދަށުން ރަސޫލާ އެކަމެއް އެންގެވީތީ އެކަމަކަށް ތަބާވުމެވެ. އެއީ މާތް ﷲ ގެ އަމުރުފުޅެއް ކަމުގައި ބަލައިގަނެ، އެކަލާނގެއަށް ތަބާވެ އެކަލާނގެއަށް އަޅުވެތިވުމެވެ.
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.
(ނުނިމޭ)