އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު "ސަން"އަށް އިންޓަވިއު ދެއްވަނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

އަހުމަދިއްޔާގެ ޚިދުމަތުގައި 34 އަހަރު: ގެނެސްދެއްވީ އިންގިލާބީ ބަދަލުތަކެއް!

އަޙްމަދިއްޔާ ސްކޫލުގައި ހޭދަކުރެއްވި 34 އަހަރު ދުވަހުގެ ތެރޭގައި ގިނަ ޚިދުމަތްތަކެއް އެ ސުކޫލަށް ކޮށްދެއްވައިފިއެވެ. އިންގިލާބީ ބަދަލުތަކެއް އަހުމަދިއްޔާއަށް ގެނެސްދެއްވައިފިއެވެ.

"މަދަރުސްތުލް އަޙްމަދިއްޔާ"ގެ ގޮތުގައި އޮތް އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލަކަށް ބަދަލު ކުރެއްވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާ އެކަން ކާމިޔާބު ވެސް ކުރައްވައިފިއެވެ. މިހާރު އެއީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލެވެ.

ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ނަތީޖާ ރަނގަޅު ސުކޫލުތަކުގެ ލިސްޓުގެ އެންމެ އުހުގައި އަހުމަދިއްޔާގެ ނަން ފަވާލުމުގެ އެއް މޭސްތިރިއަކީ އެއީއެވެ.

އެންމެ ފުރަތަމަ އަޙްމަދިއްޔާއާ ގުޅިވަޑައިގެންނެވީ ވަގުތީ ޓީޗަރެއްގެ ގޮތުގައެވެ. އެއީ އިނގިރޭސި މާއްދާ ކިޔަވައިދެއްވުމަށެވެ.

އެއީ އަޙްމަދިއްޔާގެ ހުރިހާ ދަރިވަރުންގެ ވެސް ލޯބި ހޯއްދަވައިފައިވާ މުހައްމަދު ރަޝީދެވެ. މިއަދު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސުކޫލްގެ ޕްރިންސިޕަލެވެ.

 

ތައުލީމީ ދާއިރާއަށް ފުރަތަމަ ޓިއުޝަން ކްލާސްތަކުން!

ރަޝީދުގެ އާއިލާއަކީ އެހާ ތަނަވަސް އާއިލާއެއް ނޫނެވެ. އެހެންކަމުން ކިޔަވައި ނިންމަވާލެއްވުމަށްފަހު އޭނާ ބޭނުންފުޅުވީ ސިފައިންގެއަށް ވެންނެވުމަށެވެ. އޭނާގެ ބައްޕާފުޅަކީ ވެސް ސިފައިންގޭގައި މަސައްކަތް ކުރެއްވި ބޭކަލެކެވެ.

އެހެން ނަމަވެސް ކަން ދިމާވި ގޮތުން ސިފައިންގެއަށް ވަނުން ލަސްވަމުން ދާތީ އެ ޚިޔާލު ރަޝީދު ދޫކޮށްލެއްވިއެވެ. އަދި އަވަހަށް ވަޒީފާއެއް ހޯއްދެވުމުގެ މަސައްކަތް ފެށްޓެވިއެވެ.

އެ ދުވަސްވަރު އާއިލާގެ ހާލަތު ހުރި ގޮތުން މަތީ ތައުލީމު ހާސިލު ކުރުމުގެ މާ ބޮޑު ފުރުސަތެއް ވެސް ރަޝީދަށް ލިބިވަޑައިނުގެންނެވިއެވެ.

ވަޒީފާއެއް ހޯއްދަވަން އެންމެ ފުރަތަމަ މަސައްކަތް ކުރައްވަން ފެށްޓެވީ "ކިނާރާ ޓިއުޝަން ކުލާހު"ގައެވެ. އާންމު ބަހުރުވައިން ނަމަ "މަޖީދުގޭ"ގައެވެ.

"މަޖީދުގޭގައި އުޅެމުން އަޅުގަނޑަށް ފުރުސަތެއް ލިބުނީ، އޭރު މާލޭގަ ހާއްސަ ކުލާސްތައް ހިންގާނެ، އެއީ ސަނަދު ނަގާ ކްލާސްތައް. ސަނަދު ނަގާ މާލޭގެ އެންމެ މަޝްހޫރު އެއް ކުލާހަކީ ވުޑުވިލާން. އެއީ އެގެއަށް ކިޔާ ނަން. އެހެން ނަމަވެސް އެތަނުގެ އަސްލު ނަމަކީ ޕްރޮގްރެސިވް ކްލާސް. އެތަނުން ވެސް އަޅުގަނޑަށް ފުރުސަތު ލިބުނު،" ތައުލީމީ ދާއިރާއަށް ވަދެވުނު ގޮތް ރަޝީދު "ސަން"އާ ހިއްސާކުރެއްވިއެވެ.

މަޖީދުގެއާއި ހާއްސަ ކްލާސްތަކުގައި ކިޔަވައިދެއްވަން އުޅުއްވުމުގެ ތެރޭގައި އަޙްމަދިއްޔާގައި ވަގުތީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ރަޝީދަށް ލިބިވަޑައިގަތެވެ. އޭނާ އެންމެ ފުރަތަމަ އަޙްމަދިއްޔާއާ ގުޅިވަޑައިގަތީ 1987 ވަނަ އަހަރުއެވެ. އޭނާ ކިޔަވައިދެއްވަން ފުރަތަމަ ފެއްޓެވީ އިނގިރޭސިއެވެ.

އަޙްމަދިއްޔާގައި މަސައްކަތް ކުރެއްވި ދުވަސްވަރު ސަރުކާރުގެ އެހެން ވަޒީފާއެއް ވެސް ރަޝީދަށް ލިބިވަޑައިގަތެވެ. އެއީ "ނުރަސްމީ ތައުލީމު ދޭ މަރުކަޒު"ގެ އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ ޓްރެއިނީއެއްގެ މަގާމެވެ.

"ނުރަސްމީ ތައުލީމީ މަރުކަޒުގައި އުޅުނު ދުވަސްވަރު އަޅުގަނޑަށް ފުރުސަތު ލިބުނު އަޅުގަނޑު ބަލަހައްޓަމުން ދިޔަ މަސައްކަތާ ގުޅޭ ގޮތުން އިތުރު ތައުލީމު ހާސިލު ކުރަން. އެއީ ލޯންގް ޓާމް ކޯސްތަކެއް ނޫން، ޝޯޓް ޓާމް ވޯކްޝޮޕްތަކެއްގައި އަޅުގަނޑު ބައިވެރިވިން. އެގޮތުން އިންޑޮނޭޝިއާ، ތައިލެންޑް ކަހަލަ ތަންތަނުން ހައެއްކަ މަސްދުވަހުގެ ޓްރެއިނިން ޕްރޮގްރާމްތަކެއް ހެދިން،" ތައުލީމީ ދާއިރާގައި ފުރަތަމަ މަސައްކަތް ކުރައްވަން ފަށްޓަވާ ލިބިވަޑައިގެންނެވި ތަޖުރިބާ ރަޝީދު ހިއްސާ ކުރެއްވިއެވެ.

އަޙްމަދިއްޔާއާ ގުޅިވަޑައިގެން ދުވަހުން ފަށައިގެން ވެސް ސުކޫލަށް ވަރަށް ބޮޑު ލޯތްބެެއް ރަޝީދުގެ ހިތުގައި އާލާވިއެވެ. އެހެންކަމުން ސުކޫލުގެ ހުރިހާ މަސައްކަތްތަކެއްގައިހެން އޭނާ ޝާމިލުވެވަޑައިގެން އުޅުއްވައެވެ.

އެ ދުވަސްވަރު ރަޝީދު މަސައްކަތް ކުރެއްވީ އޭނާގެ މުސްތަގުބަލު އަހުމަދިއްޔާގައި ބިނާ ކުރެއްވެވޭތޯއެވެ. އެހެން ކަމަކަށް ވުރެ ބޮޑަށް ވިސްނުންފުޅު ބެހެއްޓެވީ އަހުމަދިއްޔާގެ ތަރައްގީއަށެވެ. ސުކޫލުގެ ކުރިއެރުމަށެވެ.

އަޙްމަދިއްޔާގައި ރަޝީދު އެންމެ ގިނަ ދުވަހު ކިޔަވައިދެއްވީ އިނގިރޭސިއާއި ސޯޝަލް ސްޓަޑީޒްއެވެ. އަދި ކުރެހުމަކީ އަބަދުވެސް ރަޝީދު ކުރައްވާ ހިތްވާ ކަމަކަށް ވާތީ، ދަށް ގުރޭޑްތަކުގެ ދަރިވަރުންނަށް ކުރެހުން ވެސް ކިޔަވައިދެއްވިއެވެ.

ފުލުފުލުގައި ގިނަ ކުރިއެރުންތަކެއް!

ކިޔަވައިދެއްވުމުގައި މާ ގިނަ ދުވަސްތަކެއް ރަޝީދު ހޭދައެއް ނުކުރައްވައެވެ. ރަޝީދުގެ މަސައްކަތްތައް އަހުމަދިއްޔާގެ ވެރިންނަށް ކަމު ގޮސް، އޭނާ ސުކޫލު ހިންގުމުގެ ދާއިރާއަށް ބަދަލު ކުރެއްވިއެވެ. އޭގެ ފަހުން އޭނާ ބޮޑަށް މަސައްކަތް ކުރެއްވީ ސުކޫލު ހިންގުމުގެ މަސައްކަތުގައެވެ.

"އެންމެ ފުރަތަމަ ޓީޗަރަކަށް ހުއްޓާ ބަދަލު ކުރެއްވީ ސުޕަވައިޒަރަކަށް. ސުޕަވައިޒަރަކަށް ކުޑަ ދުވަސްކޮޅަކު މަސައްކަތްކޮށްފައި ސީނިއާ ސުޕަވައިޒަރަކަށް. އެއީ 1990ގެ އަހަރުތަކުގެ ތެރޭގައި. ދެން އަޅުގަނޑު ބަދަލުވީ އެސިސްޓެންޓް ޕްރިންސިޕަލަކަށް،" އަހުމަދިއްޔާގައި އޭނާ ހޭދަކުރެއްވި ފުރަތަމަ ދުވަސްކޮޅުގެ ހަނދާން ރަޝީދު އާ ކުރެއްވެވިއެވެ.

އެސިސްޓެންޓް ޕްރިންސިޕަލެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ރަޝީދު އަޙްމަދިއްޔާގައި މަސައްކަތް ކުރެއްވެވިއެވެ.

ރަޝީދު އެންމެ ފުރަތަމަ، އަޙްމަދިއްޔާއާ ގުޅިވަޑައިގެންއިރު ސުކޫލުގެ ޕްރިންސިޕަލަކަށް ހުންނެވީ އަޙްމަދިއްޔާގެ ފުރަތަމަ ޕްރިންސިޕަލް އަބްދުއްރަޝީދު އަލީއެވެ. ނަމަވެސް ރަޝީދު ސުކޫލާ ގުޅިވަޑައިގެންތާ އަހަރެއްހާ ދުވަހުގެ ތެރޭގައި އަބްދުއްރަޝީދު އިސްތިއުފާ ދެއްވިއެވެ.

އޭގެ ފަހުން، ރަޝީދު ސުކޫލުގެ ހިންގުމުގައި މަސައްކަތް ކުރެއްވި ދުވަސްވަރު ސުކޫލުގެ ޕްރިންސިޕަލަކަށް ހުންނެވީ އަބްދުއްސަމީއު ހަސަންއެވެ. އެންމެ ގިނަ ދުވަހު ރަޝީދަށް މަސައްކަތް ކުރެއްވެވުނީ އަބްދުއްސަމީއުގެ އަރިހުގައެވެ.

"އަޅުގަނޑުގެ މަގާމުތައް ބަދަލުވަމުން މިއައީ އަބްދުއްސަމީއުގެ ޕްރިންސިޕަލްކަމުގެ ދައުރުގައި. އަބްދުއްސަމީއު އަޅުގަނޑުގެ މަސައްކަތްތައް ވަރަށް ބޮޑަށް ފާހަގަ ކުރައްވާ ތައުރީފް ކުރައްވާ، އަޅުގަނޑަށް ކުރިއަށްދާނެ މަގު ވަރަށް ބޮޑަށް ހުޅުއްވައިދެއްވި،" ރަޝީދު ވިދާޅުވިއެވެ.

އެސިސްޓެންޓް ޕްރިންސިޕަލެއްގެ ގޮތުގައި ރަޝީދު ހަތަރުވަރަކަށް އަހަރު ހުންނެވިއެވެ. އޭގެ ފަހުން ދެން ހުންނެވީ ސީނިއާރ އެސިސްޓެންޓު ޕްރިންސިޕަލެއްގެ މަގާމުގައެވެ.

އޭގެ ފަހުން 2000ވަނަ އަހަރު ރަޝީދު އަހުމަދިއްޔާގެ ޑެޕިއުޓީ ޕްރިންސިޕަލެއްގެ މަގާމަށް ބަދަލު ކުރެވުނެވެ. އޭނާ ޑެޕިއުޓީ ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތް ކުރައްވަނިކޮށް ސުކޫލުގެ މެނޭޖްމަންޓަށް ކުޑަވަރެއްގެ ބަދަލެއް އައެވެ.

އަބްދުއްސަމީއު 2000ވަނަ އަހަރުގެ މެދަކާ ހިސާބުން އިސްތިއުފާ ދެއްވުމާ ގުޅިގެން ސުކޫލާ ހަވާލުވެ ވަޑައިގެންނެވީ އަހްމަދު ސައީދު[ގަހާ ސައީދު]. ގަހާ ސައީދުގެ އަރިހުގައި ވެސް އަޅުގަނޑު ޑެޕިއުޓީ ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތް ކުރަމުން ގޮސް ގަހާ ސައީދު ވެސް އަމިއްލަ ބޭނުމަކަށް އިސްތިއުފާ ދެއްވީމަ އޭރު ސުކޫލުގެ ޕްރިންސިޕަލެއް ނެތް. އެހެން ނަމަވެސް އޭރު ސުކޫލުގެ ހިންގުން ހަވާލު ކުރައްވާފަ އޮތީ ސުކޫލުގެ އެހެން ޑެޕިއުޓީ ޕްރިންސިޕަލަކާ

އޭރު ސުކޫލު ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ޕްރިންސިޕަލް ވެސް މާ ގިނަ ދުވަސްތަކެއް ނުވެ އިސްތިއުފާ ދެއްވީއެވެ.

އޭގެ ފަހުން މައްޗަންގޮޅި އަވަށް ކުރިއަރުވާ ކޮމިޓީން 2007ވަނަ އަހަރު ސުކޫލް ހިންގުމުގެ ހުރިހާ މަސްއޫލިއްޔަތެއް ރަޝީދާ ހަވާލު ކުރެއްވެވިއެވެ. ހުރިހާ މަސްއޫލިއްޔަތަކާ ހަވާލުވެވަޑައިގެންނެވުމަށްފަހު ދޮޅު އަހަރެއްހާ ދުވަހު އެކްޓިން ޕްރިންސިޕަލެއްގެ ގޮތުގައި ހުންނެވިއެވެ.

އެއަށްފަހު ސުކޫލުގެ ޕްރިންސިޕަލްކަމުގެ މަގާމާ ރަސްމީކޮށް ރަޝީދު ހަވާލުވެވަޑައިގަތީ 2009ވަނަ އަހަރުގައެވެ. އޭގެ ފަހުން މިއަދާ ޖެހެންދެން ވެސް އޭނާއަކީ އަޙްމަދިއްޔާގެ ޕްރިންސިޕަލެވެ. އެހެންކަމުން މިހާރު އަޙްމަދިއްޔާގެ ހިންގުމާ ރަޝީދު ހަވާލުވެ ހުންނެވިތާ 14 އަހަރުވީއެވެ.

މައްޗަންގޮޅިއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެވުން، ބޮޑު އުފަލެއް!

ރަޝީދު ވިދާޅުވީ އޭނާ އަޙްމަދިއްޔާއާ ގުޅިވަޑައިގެންއިރު އަޙްމަދިއްޔާއަކީ ވަރަށް ކުޑަ ސުކޫލެއް ކަމަށެވެ.

އޭރު މާލޭގެ ކޮންމެ އަވަށެއްގައި އަވަށު މަދަރުސާއެއް ހުރެއެވެ. ހަތަރު އަވަށުގެ މަދަރުސާ ވެސް ފެށިގެން އައީ ވަރަށް ފޯރީގައެވެ. ތައުލީމީ ގޮތުން ވެސް އޮތީ އަވަށު ވާދަވެރިކަމެއް ފެށިފައެވެ.

ރަޝީދަށް ތައުލީމީ ދާއިރާގައި ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އޭނާގެ ޕްރިންސިޕަލްކަމުގެ ދަށުގައި އަޙްމަދިއްޔާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެވުމެވެ.

"މާލޭގެ ހަތަރު އަވަށުގައި ހުރި އަވަށު މަދަރުސާތައް ގާތްގަނޑަކަށް އުވިގެން ދިޔައީ. އެއީ މާފަންނުގައި ވެސް މިހާރު އޮންނަނީ ޕްރީސުކޫލެއް، ގަލޮޅުގައި ވެސް ޕްރީސުކޫލެއް. ހެންވޭރު ނުވަތަ އަމީރުއަހްމަދު ވެސް ޕްރީސުކޫލެއް. އެހެން ނަމަވެސް އަޙްމަދިއްޔާ މިއަދު މިއޮތީ ރާއްޖޭގެ އެންމެ ދުވަސްވީ ސުކޫލްތަކާ އެއްހަމައަކަށް ގެނެވިފައި،" ރާއްޖޭގެ އެންމެ ދުވަސްވީ ސުކޫލްތަކަށްވުރެ ރަނގަޅު ނަތީޖާތަކެއް އަހުމަދިއްޔާއިން ހޯދުމަކީ ރަޝީދަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

އަޙްމަދިއްޔާ، އިންޓަނޭޝަނަލް ސުކޫލަކަށް ބަދަލުވީ ވެސް ރަޝީދުގެ ޕްރިންސިޕަލް ކަމުގެ ދައުރުގައެވެ. 2015ވަނަ އަހަރު އެކަން ހާސިލުވުމަކީ ވެސް އޭނާއަށް ލިބޭ އުފަލެކެވެ. އަދި މިއަދު ރާއްޖޭގެ އެންމެ ކުދިން ގިނަ އެއް ސުކޫލަށް އަޙްމަދިއްޔާ ވުމަކީ ވެސް އޭނާއަށް ލިބޭ ހިތްހަމަޖެހުމެކެވެ.

ރަޝީދު ވިދާޅުވީ އަޙްމަދިއްޔާ މިއަދު މިއޮތީ ކޮންމެ ދިމާލަކަށް ދޫކޮށްލިޔަސް އަމިއްލައަށް ކުރިއަށްދާނެ ގޮތްތަކެއް ރޭވިފައި ކަމަށެވެ.

އަޙްމަދިއްޔާއަކީ ރާއްޖޭގެ އެންމެ ނަތީޖާ ރަނގަޅު އެއް ސުކޫލެވެ. މާލޭގެ އެންމެ ކުދިން ގިނަ އެއް ސުކޫލެވެ. މިހާރު ވެސް އަޙްމަދިއްޔާގައި 3000އެއްހާ ކުދިން އެބަ ކިޔަވައެވެ.

ޕްރީސުކޫލް ފަށައިގެން ގޮސް ގްރޭޑް 12އާ ހަމައަށް ވެސް އަޙްމަދިއްޔާގައި ތައުލީމް ހާސިލު ކުރެވެއެވެ. އަހުމަދިއްޔާއަކީ ޓީޗަރުންގެ އާބާދީއަށް ބެލި ނަމަވެސް މިހާރު އެންމެ ޓީޗަރުން ގިނަ ސުކޫލެވެ.

"މި ހުރިހާ ކަންތައްތަކެއް މިތަނުގެ އެތެރޭގައި އަޅުގަނޑުގެ މޭސްތިރިކަމުގެ ދަށުގައި ކޮށްދެވުނީތީ، މައްޗަންގޮޅިއަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެވުނީތީ. އަޅުގަނޑު ތައުލީމީ ދާއިރާގައި 34 އަހަރު މެދު ނުކެނޑި އެއް ސުކޫލަކަށް ހިދުމަތް ކޮށްދެވުނީތީ ވަރަށް އުފާވޭ. އެއީ އަޅުގަނޑުގެ ހަޔާތުގައި އަޅުގަނޑަށް ލިބުނު އެންމެ ބޮޑު އުފާ،" ރަޝީދު ވިދާޅުވިއެވެ

ހިތްދަތި ދުވަސްތަކާ ވެސް ކުރިމަތިލާން ޖެހުނު!

އަޙްމަދިއްޔާގައި ރަޝީދު ހޭދަކުރެއްވި ދިގު ތާރީހުގައި ހިތާމަވެރި ބައެއް ކަންކަމާ ވެސް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ. ދަތިތަކާ ކުރިމަތިވެލެއްވިއެވެ.

އެގޮތުން 2000ވަނަ އަހަރުގެ ތެރޭގައި ސުކޫލުގެ މެނޭޖްމަންޓަށް އައި ބަދަލުތަކާ ގުޅިގެން ރަޝީދަށް އޭނާގެ މަސައްކަތްތަކުން ކޮންމެވެސް ވަރަކަށް އެކަހެރިވެވަޑައިގެން ހުންނަވަން ޖެހުނެވެ.

"އަހުމަދިއްޔާގެ ބައެއް ކަންކަމާ ތަންކޮޅެއް ދުރަށް ޖެހިލައިފައި ހުންނަން ޖެހުނު. އެހެން ނަމަވެސް ﷲ އިރާދަ ކުރެއްވިއްޔާ މިއަދު އެ ހުރަސްތައް ގިރާކޮށް އަޙްމަދިއްޔާގެ ޕްރިންސިޕަލް ކަމުގައި މިހުރީ. އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެ،" ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ އޭނާ މިހާރު އަޙްމަދިއްޔާގެ ޕްރިންސިޕަލްކަމުގެ މަގާމުގައި ހުންނަވަނީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ. ތައުލީމީ ވަޒީރުކަމަށް ވަޑައިގަންނަވާ ހުރިހާ ވަޒީރުން ވެސް ރަޝީދުގެ މަސައްކަތްތައް ވަރަށް ބޮޑަށް ބަލައިގަންނަވައެވެ.

މިއަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ ލިބުމުން ވެސް އެޑިއުކޭޝަން މިނިސްޓަރު ޑރ.އާއިޝަތު އަލީ، ރަޝީދަށް ފޯނުން ގުޅުއްވާ މަރުހަބާ ދެންނެވިއެވެ. އެފަދަ ކަންކަމުން ރަޝީދަށް ވަރަށް ބޮޑު ހިތްވަރެއް ލިބެއެވެ.

ޖާގައިގެ ގޮތުން ދަތި ސުކޫލެއް، ބޮޑު ގޮންޖެހުމެއް

މާލޭގެ ގިނަ ސުކޫލުތަކަކީ ޖާގައިގެ ގޮތުން ތަނަވަސް ސުކޫލުތަކެކެވެ. ސަރުކާރުގެ ދުވަސްވީ ސުކޫލުތަކުގައި ބޮޑު ޖާގައެއް އޮވެއެވެ. އެހެން ނަމަވެސް އަޙްމަދިއްޔާގެ ހާލަތު ވަރަށް ބޮޑަށް ވެސް ތަފާތެވެ.

ޖާގައިގެ ގޮތުން ކިތަންމެ ދަތި ސުކޫލެއް ނަމަވެސް އަޙްމަދިއްޔާއަކީ އާބާދީގެ ގޮތުން ބޮޑު ސުކޫލެކެވެ. އެންމެ ތުއްތު އުމުރުގެ ކުދިން [ބޭބީ ނާސަރީ]އިން ފަށައިގެން ގުރޭޑް 12އާ ހަމައަށް އެ ސުކޫލުގައި ކިޔަވައިދެއެވެ.

އަޙްމަދިއްޔާއަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަމެވެ. ރަޝީދު ވިދާޅުވީ ސުކޫލަށް އަމިއްލައަށް މިކަން ހައްލު ނުކުރެވޭނެ ކަމަށެވެ. މިކަން ހައްލުވާނީ އަމިއްލަ ފަރާތަކުން ނުވަތަ ސަރުކާރުން އެހީތެރިކަމެއް ފޯރުކޮށްދެވުމުން ކަމުގައި އޭނާ ވިދާޅުވިއެވެ.

"ތުއްތު ކުދިންނަށް ކިޔަވައިދިނުން ބިނާވެފައި މި އޮންނަނީ، ކުޅުމުގެ ތެރެއިން އުނގަންނައިދިނުމަށް. އެހެން މިކަން އޮތް އިރުގައި މި ސުކޫލުގައި ނެތް ކުދިން ސުކޫލް ތެރެއަށް ނެރެ ކުޅެލާ، މި މާހައުލުގައި ދަސްކޮށްދެވޭނެ ޖާގައެއް،" ރަޝީދު ވިދާޅުވިއެވެ.

އެ ގޮންޖެހުމާ ގުޅިގެން އަޙްމަދިއްޔާއަށް އިތުރު ޖާގައެއް ހަމަޖެހޭތޯ ސަރުކާރުގެ އިދާރާތަކަށް މިހާރު ވެސް ވަނީ ދަންނަވާފައެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް އެބަ މަސައްކަތް ކުރަން އަހުމަދިއްޔާއަށް ޖާގައެއް ހަމަޖެހޭތޯ. އަޅުގަނޑު އުއްމީދު ކުރަނީ ކައިރި މުސްތަގުބަލެއްގައި އަޙްމަދިއްޔާއަށް ވެސް މި ފުރުސަތު ލިބިގެންދާނެ ކަމަށް،" ރަޝީދު ވިދާޅުވިއެވެ.

އަޙްދިއްޔާއަކީ އަބަދުވެސް ދެމިއޮންނަ ސުކޫލަކަށް ވުން، ބޮޑު އުއްމީދެއް!

އަޙްމަދިއްޔާ ދޫކުރައްވައި ރަޝީދު ވަޑައިގެންނެވުމުން އަޙްމަދިއްޔާ ހުއްޓުމަކަށް ދާން އޭނާ އެދިއެއް ނުލައްވައެވެ. އޭނާގެ އެންމެ ބޮޑު އުއްމީދަކީ އޭނާ ނެތް ނަމަވެސް، އަޙްމަދިއްޔާ އަބަދުވެސް ދެމިއޮތުމެވެ.

ރަޝީދު ވިދާޅުވީ އަޙްމަދިއްޔާއަކީ އެ ސުކޫލުގެ ބާނީ އަލްމަރުހޫމް ޑީ.އަހްމަދު ދީދީ ވަރަށް ބުރަ މަސައްކަތުން ބިނާ ކުރެއްވުމަށްފަހު މައްޗަންގޮޅީގެ ރައްޔިތުންނަށް ދެއްވި ހަދިޔާއެއް ކަމަށެވެ. އަދި "އަޙްމަދިއްޔާ"ގެ ނަން މި ސުކޫލަށް ދެވުނީ ވެސް އެމަނިކުފާނު ވެލެއްވި ގުރުބާނީއާ ގުޅިގެން ކަމަށް ރަޝީދު ފާހަގަ ކުރެއްވިއެވެ.

"އެހެންވީމަ އަޅުގަނޑު އަޙްމަދިއްޔާގެ ނަން ދެމެހެއްޓުމަށް ޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ހުންނާނީ ޕްލޭންކޮށްފައި،" ރަޝީދު ވިދާޅުވިއެވެ.

އެ ޕްލޭންގެ ދަށުން މިހާރު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި އަޙްމަދިއްޔާ ކެރިއާ ޓްރެއިނިން އިންސްޓިޓިއުޓް ވަނީ ރަޖިސްޓްރީ ކޮށްފައެވެ. ކޮވިޑާ ގުޅިގެން އެ އިންސްޓިޓިއުޓްގެ މަސައްކަތް އަދި ނުފެށި އޮތް ނަމަވެސް ވަރަށް އަވަހަށް އެތަނުގެ މަސައްކަތް ފެށޭނެއެވެ.

"މި ބަލަނީ އަޙްމަދިއްޔާއަށް ކޮންމެ ގޮތެއް ވިޔަސް އަހުމަދިއްޔާގެ މި ބްރޭންޑް ތައުލީމީ ހިޔާވައްސެއްގެ ގޮތުގައި މިތަނުގެ ތެރޭގައި ކުރިއަށް ގެންދަން. މި ތަނުގައި ހަމަ ސެޓްފިކެޓް ކޯސްތަކާ ޑިގްރީ ކޯސްތައް ވެސް ކިޔަވައިދީގެން އަހުމަދިއްޔާ މި ނަމުގައި ފެންނަން ހުންނާނެ ގޮތެއް ވޭތޯ ބެލުން،" ރަޝީދު ވިދާޅުވިއެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު — ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ރަޝީދުގެ މި މަސައްކަތްތަކުގެ ދަށުން އަޙްމަދިއްޔާގެ ދުވަހު ނޫހެއް ވެސް އަހުމަދިއްޔާ1982ގެ ނަމުގައި ވަނީ ފަށްޓަވައިފައެވެ. އަދި އަޙްމަދިއްޔާގެ ޓްރެއިނިން އިންސްޓިޓިއުޓަކީ ދުރު ރާސްތާ ޕްލޭނެއްގެ ދަށުން އެޅި ބިންގަލެކެވެ. އެތަން މުސްތަގުބަލުގައި ކޮލެޖަކަށް ނުވަތަ ޔުނިވާސިޓީއަކަށް ބަދަލުވުމަކީ ރަޝީދުގެ އުއްމީދެކެވެ.

ތައުލީމީ ދާއިރާގެ މަސައްކަތްތަކުގައި ރަޝީދަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވި ބޭފުޅުންނަކީ އަޙްމަދިއްޔާގެ ކުރީގެ ޕްރިންސިޕަލުންނެވެ. އެ ބޭފުޅުންގެ އަރިހުން ގިނަ ކަންތައްތަކެއް ދަސްވި ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"އަބްދުއްސަމީއު އަޅުގަނޑު މި ދާއިރާގައި ކުރިއަށް ދިއުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވި. އަބްދުއްސަމީއުގެ ފަރާތުން އަޅުގަނޑަށް ވަރަށް ގިނަ ކަންތައްތަކެއް ދަސްވި. ސުކޫލުގެ ގިނަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވި،" ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ އަޙްމަދިއްޔާގެ ހުރިހާ ޕްރިންސިޕަލުން ވެސް އޭނާގެ ކާމިޔާބީގައި ޝާމިލުވާ ކަމަށެވެ. އެހެންކަމުން ރަޝީދު ވަނީ އެ ހުރިހާ ބޭފުޅުންނަށް ވެސް ހާއްސަ ޝުކުރެއް ރައްދު ކުރައްވައިފައެވެ.

އަޙްމަދިއްޔާގެ ޕްރިންސިޕަލެއްގެ ގޮތުގައި 14 އަހަރު މަސައްކަތް ކުރައްވާފައިވާ ރަޝީދަށް 2017 ވަނަ އަހަރު ސްކޫލު ހިންގުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ވެސް ވަނީ ލިބިފައެވެ.

އުމުރުން މިހާރު 39 އަހަރު ފުރިފައިވާ އަޙްމަދިއްޔާއާ ރަޝީދު ގުޅިވަޑައިގެންނެވީ އެ ސުކޫލު ފިރުކެންފެށި ދައުރުގައެވެ. ސުކޫލުގެ އުމުރުން އެންމެ 4 އަހަރުގައެވެ.

އެ ދުވަސްވަރު ސުކޫލާ ގުޅިވަޑައިގެން 34 އަހަރު ދުވަސްވަންދެން އަޙްމަދިއްޔާއަށް ރަޝީދު ގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފިއެވެ. މިއަދު އަޙްމަދިއްޔާއަކީ ބޮޑު ސުކޫލެކެވެ. މަޝްހޫރު ބްރޭންޑެކެވެ. އަޙްމަދިއްޔާގެ ސްޕީޑް ހުރީ ހަ ވަނަ ގިޔަރުގައި މެކުހަށް ޖަހައިފައެވެ. ގައިމު ވެސް ރަޝީދަކީ މި ކާމިޔާބީގެ ހިއްސާދާރެއްކަން ޔަގީނެވެ.

 

އެޑިޓަރުގެ ނޯޓު: މި ލިޔުމަކީ މިއަހަރުގެ މުދައްރިސުންގެ ދުވަސް ކަމުގައިވާ 5 އޮކްޓޯބަރ 2021 ގައި "ސަން އޮންލައިން" ގައި ޝާއިޢު ކޮށްފައިވާ ލިޔުމެކެވެ.  ލިޔުއްވާފައިވަނީ، ޢާލިމް ޢަބްދުއްލަޠީފެވެ. ޢާލިމް އަކީ، އަޙްމަދިއްޔާއިން ތަޢުލީމް ޙާޞިލް ކޮށްފައިވާ ދަރިވަރެކެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *