އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ލީޑިން ޓީޗަރު އަހްމަދު އަރީފް "ސަން"އަށް އިންޓަވިއު ދެނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

އަރީފް ސަރ: ގިނަ ކުދިންތަކެއްގެ ފޭވަރިޓް، އަހްމަދިއްޔާ ދޫކޮށް އެނބުރި ރަށަށް!

އެއްވެސް ކަމަކީ ދާއިމަށް ދެމިގެން ދާނެ ކަމެއް ނޫންކަން ޔަގީނެވެ. ކިތަންމެ ހިތް ނޭދުނަސް އެކަމަކާ ނުވަތަ އެތަނަކާ އަލްވަދާއު ކިޔަން ޖެހޭނެއެވެ. އެއީ ދުނިޔޭގެ ގާނޫނެވެ. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކަން ހިނގާ މަގެވެ. އެގޮތުން، އަހުމަދު އަރީފަށްވެސް އޭނާގެ ދެވަނަ އާއިލާއާ ދުރަށްދާ ވަގުތު ޖެހުނީއެވެ. ހިތަށް ކިތަންމެ ތަދުވި ނަމަވެސް އޭނާގެ ހަޔާތުގައި ނިންމާނެ އެންމެ އުނދަގޫ އެއް ނިންމުން ނިންމަން ޖެހުނީއެވެ.

ފ.ނިލަންދޫއަށް އުފަން އަހްމަދު އަރީފް (އަރީފް ސަރ) އަކީ މިވަގުތު އަހްމަދިއްޔާގައި ހުރި އެންމެ ގަދަރުވެރި އެއް މުދައްރިސޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. އޭނާއަކީ އެކިއެކި ގޮތް ގޮތުން ރާއްޖޭގެ ތައުލީމީ ފެންވަރު އާ އުސްމިންތަކަކަށް ގެންދިއުމަށްޓަކައި އަތުކުރި އޮޅާލައިގެން ހުރި މަދަދުގާރެކެވެ. ދިވެހީންގެ ދިވެހިވަންތަކަން ދިރުވާނޭ ޖީލުތަކެއް ބިނާކުރުމުގާ އެންމެ އިސް ދައުރެއް އަދާކުރާ އާރުކާޓީއެއް ވެސްމެއެވެ.

އަރީފް ސަރ އަކީ މިއަދު ގިނަ ދަރިވަރުންތަކެއްގެ "ފޭވަރިޓް"އެވެ. ގިނަ ބެލެނިވެރިންތަކެއް ކުރަހަމުންދާ އުންމީދުގެ ކުރެހުންތަކަށް ކުލަ ގެންނަމުންދާ މޮޅު ފަންނުވެރިއެކެވެ. ގިނަ މުދައްރިސުންތަކަކަށް ހުރި ލާމަސީލު ނަމޫނާއެކެވެ. ތަނުގެ ބޮޑުންގެ އިހުތިރާމް ލިބި އެންމެންގެ ލޯބިވެސް ހޯދައިފައިވާ ފަރާތެކެވެ.

ކުޑައިރުއްސުރެ ޓީޗަރަކަށް ވުމުގެ ހުވަފެން ދުށް އަރީފް ސަރގެ ހުވަފެންތަކުގެ ހަގީގީ ބިންގާ އެޅުނީ ފުރާވަރުގައެވެ. އެކުގައި އުޅުނު ރައްޓެހިންނަށް އުންގަންނައިދީގެންނެވެ. ބައްޕަ ވަޑާމުގެ މަސައްކަތައް ބޭނުންކުރަމުން އައި ފޮމިކާ ބޯޑުގައި ލިޔެގެން ދަސްކޮށްދީގެންނެވެ.

އަރީފް ސަރގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ ފުރަތަމަ މަރުހަލާ ކަޑައްތު ކުރެވުނީއެވެ. ދެން އޮތީ އެޅުނު ބިންގާ އެހުރި ގޮތަށް ނުބަހައްޓާ ވަރުގަދަ ގެއެއް އެޅުމުގެ ބުރަ ބޮޑު މަސައްކަތެވެ.

އެ ގެ ބިނާ ކުރަން ބޭނުންވީ އުފަން ރަށުގައެވެ. އަމިއްލަ ވަޒަނުގައެވެ. އެހެންކަމުން، މަތީ ސާނަވީ ނިންމާލުމަށްފަހު އެންމެ ފުރަތަމަ ވެސް ބޭނުންވީ ވީ އެންމެ އަވަހަކަށް ވަޒީފާއެއް އަދާކުރާށެވެ. އެގޮތުން، 2010 ވަނަ އަހަރު މޯލްޑިވްސް ކޮލެޖު އޮފް ހަޔާ އެޑިއުކޭޝަންގައި އުޅެމުން ގައުމީ ޔުނިވާސިޓީއަށް ބަދަލުވިއެެވެ. އަދި އެތަނުން ހިންގި ޑިޕްލޮމާ އޮފް ޓީޗިން އިން ދިވެހި ކޯސް ފުރިހަމަ ކުރިއެވެ.

އެއް އަހަރު ދުވަހުގެ އެ ކޯސް ނިންމާލީ ކާމިޔާބު ކަމާއެކުގައެވެ. ކިޔަވަމުން ދިޔަ ބެޗުގެ ފަހުރުވެރި އެއްވަނަ ހޯދައިގެންނެވެ.

ރަށަށް ބަދަލުވީ ރަށުގައި ހުރެގެން އޭނާގެ އުންމީދީ ގޭގެ ތަނބުތައް ރޭނުމުގެ މަސައްކަތް ފަށާށެވެ. އެއީ 2010ވަނަ އަހަރުގެ ތެރޭގައެވެ. މިކަމުގެ އެންމެ ފުރަތަމަ ހަރުފަތް ގިރާ ކުރެވުނީ ފާފު އަތޮޅު ތައުލީމީ މަރުކަޒުގެ އޮޅިންނެވެ. ސާނަވީ ގުރޭޑުތަކުގެ ކުދިން އެސްއެސްސީ އިމްތިހާނަށް ތާޒާ ކުރުމުގެ މަސްއޫލިއްޔާތާ ހަވާލުވެގެންނެވެ. ހަމަ އެހެންމެ، މަތީ ސާނަވީ ގްރޭޑުތަކުގެ ދަރުވަރުން އެޗްއެސްސީ އިމްތިހާނަށް ތަމްރީނު ކުރުމުގެ ޒިންމާވެސް ކޮނޑުގައި އަޅައިގެންނެވެ.

ނަމަވެސް އަހަރެއްހާ ދުވަހު ދިވެހި ބަސް އުންގަނައިދެއްވުމުގައި އުޅުއްވުމަށްފަހު އަނެއްކާވެސް މާލެ ބަދަލުވާން މަޖުބޫރުވިއެވެ. ބައްޕަގެ އެދުމަކަށް ދެކޮޅު ހެދުމުގެ ހިތްވަރު ނެތަތީ ނޫނެކޭ ބުނަން ނުކެރުނީއެވެ. ބައްޕަ ބުނި ފަދައިން އަދި ކިޔަވައި އުމުރު ފަހަނަ އަޅާ ނުދާކަން އޭނާއަށްވެސް ގަބޫލު ކުރެވުނީއެވެ. ކިޔެވުމަކީ ލިބޭ އެންމެ ސެޓްފިކެޓަކުން ނިންމާލެވޭނެ ކަމެއް ނޫންކަން އަރީފް ސަރ އަށް ވެސް ވިސްނުނީއެވެ. އެގޮތުން، އިތުރަށް ކިޔެވުމުގެ މަގުސަދުގައި އަލުން މާލެއަށް ހިޖުރަ ކުރީއެވެ.

މާލެއަށް ހަމަ ބަދަލުވުމާ އެކުހެން އަހްމަދިއްޔާ ސްކޫލުން ލިބުނު ފުރުސަތު ވެގެން ދިޔައީ އުންމީދީ ގޭގެ ބިންގާ އަނެއްކާވެސް މާލޭގެ ފަަސްގަނޑަށް ބަދަލު ކޮށްލަން ޖެހުނު ކަމަކަށެވެ. އަހުމަދިއްޔާގައި މަަސައްކަތް ކުރަމުން ދިޔަ އެހެން މުދައްރިސުން ވެގެން ދިޔައީ އެ ގޭގެ ބިންގާ އަލުން މަރާމާތު ކޮށްދެއްވަން ތިއްބެވި އެހީތެރިންނަށެވެ.

ތަނުގެ ވެރިން ވެގެން ދިޔައީ އެގޭގެ ތަނބުތައް ހިފަހައްޓަން ތިއްބެވި ވަރުގަދަ ފަހުލަވާނުންނަށެެވެ. އަހުމަދިއްޔާ ސްކޫލުގެ އެ ހިތް ފަސޭހަ މާހައުލަކީ އަރީފް ސަރ ގެ ހިތް އެތަނަކަށް ލަންބުވާލި ހިޔާވައްސެވެ.

"ދެހާސް ތޭރަ ވަނަ އަހަރުގެ ޖަނަވަރީ ސާދަ އެއީ އަހްމަދިއްޔާ އަށް ފުރަތަމަ އައި ދުވަސް" ފަހުރުވެރި ކަމާއިއެކު އަރީފް ސަރ މިކަން ފާހަގަ ކުރިއެވެ. ސީދާ ތާރިހާއި އެކު މައުލޫމާތު ދިނުމުން ދޭހަވީ ތަނަށް ޖެހިފައިވާ ލޯތްބާއި ގަދަރެވެ. ކުރާ މަސައްކަތަށް އޮތް ކުލުނެވެ.

ކިޔަވައިދޭ ގަޑީގެ އިތުރުން ކުދިން ސުކޫލަށް އައިސް އެކުދިންގެ އުޅުން ހުންނަ ގޮތް ގާތުން ބެލެހެއްޓުން އެއީ އަމިއްލަ ޒިންމާއެއް ކަމުގައި އަރީފް ސަރ ދެކެއެވެ. އަދި އިތުރު ހަރަކާތްތަކުގައި އެހީތެރިވެވޭނެ އެންމެ ހަނި މަގެއް އޮތް ނަމަވެސް އެ މަގަކުން ހިނގުމަކީ ސަރގެ އުފަލެއް ކަމުގައި އަބަދުވެސް އައީ ދެކެމުންނެވެ.

އެގޮތުން ރަށު ސުކޫލުގައި ހޭދަކުރެވުނު ސާދަ މަސް ދުވަހުގެ ތެރޭގައި އެ ސްކޫލަށްވެސް އެދެވޭ ގިނަގުނަ ބަދަލުތަކެއް ގެނެވުނު ކަމަށް އަރީފް ސަރ ބުންޏެވެ. އަހުމަދިއްޔާއަށް ބަދަލުވުމަށްފަހު ވެސް އެފަދަ ކަންކަމަށް އިސްކަން ދެވުން ވެގެން ދިޔައީ ޖެހިގެން އައި އަހަރު އެ ސުކޫލުގެ އެސިސްޓެންޓް ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހި ވެގެން ދިޔަ ކަމަކަށެވެ. އެހާ ހިސާބުން ބިނާ ކުރަމުން ދިޔަ އުންމީދީ ގޭގެ ތަނބުތައް އިތުރަށް ވަރުގަދަ ކުރެވި އަހުމަދިއްޔާގެ މެނޭޖްމެންޓާ ގުޅެވުނެވެ.

ރަސްމީކޮށް ލީޑިން ޓީޗަރެއްގެ ގޮތުގައި މަސައްކަތުގެ މައިދާނަށް ނުކުމެވުމަކީ ކޮންމެ މުދައްރިސަކަށް ވެސް ލިބޭނެ ކުރި އެރުމެއްކަން ޔަގީނެވެ. އެ ލިބޭ ފަހުރާއެކު ސްކޫލުގެ ދޮރުން ވަދެވުމަކީ ފަހަރުގައި ވެސް ކިޔަވައިދިނުމުގެ މަސްއޫލިއްޔަތަށް ކުޑަވެސް ހީނަރުކަމެއް އަންނާނެ ކަމެއް ކަމުގައި އަރީފް ސަރ ނުދެކެއެވެ.

ލީޑިން ޓީޗަރެއްގެ ޓައީއާ އެކު ރަސްމީކޮށް އަހުމަދިއްޔާގެ ދޮރޯށިން ވަދުވުނީ 2015 ވަނަ އަހަރުގެ ދިރާސީ އާ އަހަރާ އެކުގައެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ދެމި ހުރީ އެ މަގާމުގައި އެންމެ ފުރަތަމަ ދުވަހުވެސް ނުކުތް ހިތްވަރާއި އަޒުމުގައެވެ.

އަރީފް ސަރގެ އުންމީދީ ގޭގެ ބިންގާ އެޅި ތަނބުތައް ވެސް ވަރުގަދައަށް އެޅިއްޖެއެވެ. ދެން އޮތީ ގެ ރާނާ އާރާސްތު ކުރުމުގެ މަސައްކަތެވެ. އަރީފް ސަރ މި މަސައްކަތް ކުރީ ވަރަށް ވެސް ވިސްނުންތެރި ކަމާ އެކުގައެވެ.

ނަމަވެސް މިކަން ކުރުމުގާ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭނެކަން ވެސް ކަށަވަރެވެ. އެގޮތުން އަރީފް ސަރ މި ދާއިރާއަށް ހިދުމަތް ކުރެއްވުމުގައި ދިމާވި އެންމެ ބޮޑު ގޮން ޖެހުމަކީ ކޮބައިތޯ އެހުމުން ލިބުނު ޖަވާބު ވަރަށްވެސް ތަފާތެވެ.

"ވަަރަށް ތަފާތު ވިސްނުމާ ތަފާތު ހިޔާލާތުގެ ކުދިންނާ އެކީގަ އުޅެން މިޖެހެނީ. އަދި އެއަށްވުރެ މާ ތަފާތު ހިޔާލާތާ ވިސްނުން ހުންނަ ޕޭރެންޓުން ގޮވައިން އުޅެން މި ޖެހެނީ. އެއީ އަޅުގަނޑުމެންނަށް ދިމާވާ އަސްލު އެންމެ ބޮޑު ގޮންޖެހުމަކީ،"

ކުއްޖާގެ ގައިގައި ވަކި ކަހަލަ ހުނަރުތަކެއް އަށަގަންނުވަން މަސައްކަތް ކުރާއިރު ބެލެނިވެރިންގެ ފަރާތުން އެކަށީގެންވާ އެހީތެރިކަން ނުލިބޭ ކަމަށްވެސް އަރީފް ސަރ ފާހަގަ ކުރިއެވެ. މިފަދަ ކަންކަމުގައި ބެލެނިވެރިންގެ ފަރާތުން އެދެވޭ އެއްބާރުލުން ނުލިބުމަކީ ކުއްޖާ ކިޔެވުމުގެ އިމުން ސޮއްސާލައިގެން ގޮސްދާނެ ކަމެއް ކަމުގައިވެސް އަރީފް ސަރ ބުންޏެވެ.

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ހެޑް ލީޑިން ޓީޗަރު އަހްމަދު އަރީފް — ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

"ބައެއް ފަހަރު ކިޔެވުމުން ތަން ކޮޅެއް ދުރަށް ޖެހިލާފަ ތިބޭ ކުދިން އަނބުރާ ކިޔެވުމަށް ގެންނަން ވެސް ދިމާވާ ދަތި ކަމެއް އެއީ އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ދިމަ ދިމާލުން އެހީތެރިކަން ނުލިބުން. ބައެއް ފަހަރު އެވެދާނެ މިނިސްޓްރީ އޮފް އެޑިއުކޭޝަން ކަމުގައިވެސް. ބައެއް ފަހަރު ސްކޫލުގެ އިސްވެރިން ކަމުގައިވެސް ވެދާނެ، ބައެއް ފަހަރު އެއީ ބެލެނިވެރިން ކަމުގައިވެސް ވޭ،"

މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކަކީ ގޭގެ ވަށާ ފާރު ކަމުގައި ބަލައިގެން އަރީފް ސަރ އަދިވެސް ހުރީ މި މަސައްކަތުގައި ސާބިތުވެއެވެ. ކިތަންމެ ބޮޑެތި ދަތިތަކާ ކުރިމަތި ލާން ޖެހުން ނަމަވެސް އެކަމުން އަރައިގަނެ އެކަންކަމާ ކުރިމަތި ލާން ތައްޔާރަށެވެ.

އަރީފް ސަރގެ އުންމީދީ ގެ އެއްކޮށް އަދި ބިނާ ނުވިކަމުގައި ވީ ނަމަވެސް މިހާތަނަށް ކުރެވުނު ދިގު ދަތުރުގައި ވެސް އެންމެ އުފާވި ދުވަހެއް އަންނާނެއްކަން ޔަގީނެވެ. އެގޮތުން، އަރީފް ސަރއާ އެ ސުވާލު ކުރިމަތި ކުރުމުން ލިބުނު ޖަވާބަކީ އުފާވާ ވަކި ދުވަހެއް ނެތް ކަމެވެ.

" ސަރގެ ފަރާތުން ލިބޭ ނަސޭހަތްތައް ބަލައިގަނެ ސަރ ގެ އިރުޝާދުތައް ފޮލޯ ކޮށްގެން އުޅުމަށް ބަދަލެއް އައި ކުއްޖަކު މުޖުތަމައުން ފެންނަ ކޮންމެ ފަހަރަކު ވަރަށް އުފާވޭ. އަހްލާގަށް ރަނގަޅު ބަދަލެއް އައިސް އޭނާއަކީ މުޖުތަމައު ބަލައިގަންނަ ކުއްޖެއްގެ ގޮތުގަ، 'އެހިސާބަށް ދެވިފަ އެހެރީ އަރީފް ސަރގެ ވެސް އެހީތެރިކަމާ އެކުގައޭ،' އެހެން އޭނާގެ ބެލެނިވެރިޔާ ނޫނި އެކުއްޖަކު އަމިއްލައަށް އެހެން ބުނީމަ ނޫނީ ވިއްޔާ އަރީފް ސަރ އަމިއްލައަށް އެކަން އިހްސާސް ކުރެވުނީމަ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބޭ،"

ދުވަހަކުވެސް ހީނުކުރާ ފަދަ ގިނަ ކުރިއެރުންތަކެއް އަހުމަދިއްޔާ ސުކޫލް އަރީފްސަރއަށް ވަނީ ލިބިފައެވެ. އެގޮތުން، ސީނިއަރ ލީޑިން ޓީޗަރެއްގެ މަގާމަކީ ލިބޭނެ ކަމަށް އެއްވެސް އިރެއްގައި އޭނާ އުންމީދު ކުރި މަގާމެއް ނޫނެވެ. ނަމަވެސް ދެ އަހަރެއްހާ ދުވަހުގެ ބުރަ އަދި ފުރިހަމަ މަސައްކަތުން އެކަން ވެސް ހާސިލް ކުރެވުނެވެ.

އަދި މިއަދު އެ ހުރި މަގާމު، ހެނދުނު ދަން ފަޅީގެ ހެޑް ލީޑިން ޓިޗަރުގެ ޝަރަފް ލިބުމަކީވެސް މިހާތަނަށް އަދި އަރީފް ސަރ އުންމީދު ކޮށްފައިވާ ކަމެއް ނޫނެވެ. އަރީފް ސަރއަށް ތައުލީމީ ދާއިރާގައި އެންމެ ހަނދާނުން ފުހެލަން އުނދަގޫ ދުވަސްތަކަކީ މި ކުރިއެރުންތައް ލިބުނު ދުވަސްތަޢް ކަމުގައި ވަނީ ވެފައެވެ. ބިނާ ކުރަމުން އަންނަ އުންމީދީ ގެ އިތުރު އުސް މިނަކަށް ނެގުނީ ވެސް މި ކުރިއެރުންތަކުގެ ސަބަބުން ކަން ޔަގީނެވެ.

ދާއިރާއާ ކިތަންމެ ދުރަށް ދިޔަ ނަމަވެސް ލީޑިން ޓިޗަރެއްގެ ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ކުރި އަހަރު ބައެއް ބެލެނިވެރިންގެ ފަރާތުން ލިބުނު ނުރުހުންތެރިކަން ހަނދާނުން ފުހެލަން ދަތި ކަމަށް އަރީފް ސަރ ބުންޏެވެ.

"އަޅުގަނޑަށް ހިނގާފަ އެކަނި ގެއަށް ދާން އުނދަގޫ ހިސާބަށް ބައެއް ފަހަރު ކަންކަން ދޭ. އެއީވެސް ހަނދާނުން ފުހެލަން ދަތި އުނދަގޫ ދުވަސްކޮޅެއް،"

އަރީފް ސަރގެ އުމުރުން އެންމެ 24 އަހަރުގައި ކުލާހަކަށް ކިޔަވައިދޭން ވަންއިރު އެތާ ތިބީ 22 އަހަރުގެ ޖާނުން ވަރުގަދަ ޒުވާނުންނެވެ. އެންމެ ފުރަމަ ޖެހިލުންވި ނަމަވެސް ޓީޗަރެއްގެ ޓައީ އަޅައިގެން އެ ކުދިންނަށް ކިޔަވައިދޭން ކުރަން ޖެހުނު މަސައްކަތަކީވެސް މި ދާއިރާގަ ފާހަގަ ކޮށްލެވޭނެ ދުވަސްތަކެއް ކަމުގައި އަރީފް ސަރ ފާހަގަ ކުރިއެވެ.

ދާއިރާގެ ގޮތުން އަރީފް ސަރ އަކީ ބެލެނިވެރިންގެ ރުންކުރު ބަސްތައް ހިތުގައި ބަހައްޓާ ފަރާތެއް ނޫނެވެ.

"ގަބޫލެއް ނުކުރަން ޕޮރޮފެޝަނަލް ކޮށް މަސައްކަތް ކުރާއިރު އެފަދަ އެއްޗިހި ބޮލުގަ ބަހައްޓައިން ކުރިއަށް ދެވިދާނެ ކަމަށް. އެހެންވީމަ އެކަހަލަ އެއްޗިހި ނެތް ހަނދާނުގައެއް،"

އަރީފް ސަރ ތައުލީމީ ދާއިރާ ނޫން އެހެން ދާއިރާއަކުން ވެސް ފެނިދާނެކަމަށް އޭނާ ބުންޏެވެ. ނަމަވެސް ތައުލީމީ ދާއިރާއާ ދުވަހަކުވެސް އަރީފް ސަރ ދުރަކަށް ނުދާނެއެވެ. އެހެން ދާއިރަކުން ފެނިދާނެކަމަށް ބުނީ އަބަދުވެސް މީޑިއާގެ ދާއިރާއަށް ޝައުގުވެރިކަން ހުންނާތީއެވެ. ހަތަރު އަހަރު ދިއެފްއެމް ރޭޑިއޯގައި ވެސް މަސައްކަތް ކޮށްފައިވާ އަރީފް ސަރ އަދިވެސް އެ ދާއިރާއަށް ޝައުގުވެރިކަން ހުރެއެވެ.

އަރީފް ސަރގެ އުންމީދީ ގެ ބިނާ ކުރުމުގައި އޭނާ ހުރީ އެއްވެސް ވަރަކަށް ހިތްވަރު ދޫކޮށްލާ ގޮތަކަށް ނޫނެވެ. އެހެންކަމުން ދުވަހަކުވެސް 'ގިވަޕް ނުކުރާނެ' ކަމުގެ ޔަގީންކަން އަރީފް ސަރގެ އަމިއްލަ ނަފްސަށް އޮވެއެވެ.

"މިއަދާ ހަމައަށް ވެސް ކުރިމަތި ލާން ޖެހުނު ކޮންމެ ކަމެއްގައި ވަރަށް ސާބިތު ކަމާ އެކީ މި ހުންނަނީ. އެހެންވީމަ، އަޅުގަނޑު ނުކުރާނެ ކަމެއް އެއީ،"

ކިޔަވައިދިނުމުގެ ތެރޭގައި އަރީފް ސަރ އެންމެ ހިތްހަމަ ޖެހެނީ ކުދިން އަރީފް ސަރ ބަލަިއގަތުމުންނެވެ. އެ އިހުސާސަކީ އަރީފް ސަރގެ ކޮންމެ ދުވަހެއްގެވެސް ހިތްހަމަ ޖެހުމެއެވެ

އަރީފް ސަރ މިއަދު އެ ހިޔާވައްސެއް ދެކެ އެންމެ ލޯބިވާ ހިޔާވަހިކަމުގައި އަހުމަދިއްޔާ ސްކޫލު ވީ ހިނދު އެތަނާ ވަކިވާ ދުވަސް ގާތް ވެއްޖެއެެވެ. މަންމަ އާއި ބައްޕަ ކައިރިއަށް އެނބުރި ދާން ކުރެވުނު މަސައްކަތް ކާމިޔާބު ވީ ކަމުގެ އުފާފާޅުކުރަން އަރީފް ސަރ ނުހަނު ބޭނުމެވެ.

ނަމަވެސް މިއަދާ ހަމައަށް ދެގޮތެއް ނުވެ އަރީފް ސަރގެ އުންމީދީ ގެ އާރާސްތު ކުރަމުން ދިޔަ އަހުމަދިއްޔާގެ އާއިލާއާ ވަކިވާން ޖެހެމުން ލިބިފައިވަނީ ފުން ހިތާމައެކެވެ. އެހެނަސް، ދުނިޔޭގެ ކަން ހިންގާ މަގުން މިއަދު އަރީފް ސަރގެ ދެވަނަ އާއިލާއާ އެކު ހޭދަކުރާ ފަހު ދުވަސްތައް ގުނަން ވަނީ މަޖުބޫރު ވެފައެވެ.

 

އެޑިޓަރުގެ ނޯޓު: މި ލިޔުމަކީ މިއަހަރުގެ މުދައްރިސުންގެ ދުވަސް ކަމުގައިވާ 5 އޮކްޓޯބަރ 2021 ގައި ”ސަން އޮންލައިން” ގައި ޝާއިޢު ކޮށްފައިވާ ލިޔުމެކެވެ.  ލިޔުއްވާފައިވަނީ، އާމިނަތު ބަލްސަމް އެވެ.

 

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *