އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ކިޔަވަމުން އަންނަ ޕްރީ ސްކޫލްގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ބޭއްވި ސައިންސް ޕްރޮޖެކްޓްގެ މަސައްކަތް މިއަދު ބާއްވައިފިއެވެ. މިއީ ޕްރީ ސްކޫލްދަރިވަރުން މިހާރު ކިޔަވަމުންގެންދާ ފިލާވަޅަކާއި ގުޅިގެން ކުރިއަށް ގެންދެވުނު ޕްރޮޖެކްޓު މަސައްކަތެކެވެ. މި ޕްރޮޖެކްޓްގެ މަސައްކަތަކީ އިންޓާރނަލް އޯގަންސްތަކުގެ މޮޑިއުލް ދަރިވަރުން ލައްވައި ހައްދައި އެ އޯގަންސްތަކުގެ ބޭނުންތައް ދަރިވަރުންނަށް އަންގައި ދިނުމެވެ.

ޕްރީ ސްކޫލްގެ ދަރިވަރުންގެ އިތުރުން މި ޕްރޮޖެކްޓްގައި އަމަލީގޮތުން ދެން ބައިވެރިވީ ޕްރައިމަރީބައިން ގްރޭޑް 6 ގެ ދަރިވަރުންނެވެ. ސްކޫލްގެ މާލަމުގައި މިއަދު ކުރިއަށް ދިޔަ މި ޕްރޮޖެކްޓްގެ މަސައްކަތުގައި ޕްރީ ސްކޫލްގެ ދަރިވަރުން ބައިވެރިވީ އިންޓާރނަލް އޯގަންސްގެ ތައްގަނޑު ޖަހާފައިވާ ޓީޝާޓެއް ލައިގެންނެވެ. މި ޕްރޮޖެކްޓްގައި ޕްރީ ސްކޫލްގެ ހުރިހާ ދަރިވަރުންނާއި އާންޓީ ވެސް ބައިވެރިވިއެވެ. މީގެ އިތުރުން ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް އަލްފާޟިލާ އައިޝަތު ޝީތާ ބައިވެރިވެވަޑައިގަތެވެ.
ދަރިވަރުންގެ މި ޕްރޮޖެކްޓް މަސައްކަތުގައި އިންސާނާގެ ހަށިގަނޑުގެ އެތެރޭގައިވާ އެކިއެކި އޯގަންސްތައް ވަކިވަކިން ތައްޔާރު ކޮށްފައިވެއެވެ. އަދި މި އެއްޗެހީގެ މޮޑިއުލް ތައްޔާރު ކޮށްފައިވަނީ ފޯމްބޯޑާއި ތަފާތުއެކި ބާވަތުގެ ތަކެތި ބޭނުން ކޮށްގެންނެވެ. މި ސައިންސް ޕްރޮޖެކްޓުން ދައްކުވައިދެނީ ދަރިވަރުންގެ ހުނަރާއި ފަންނުވެރިކަމެވެ.

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަކީ ދަރިވަރުން ބައިވެރިކޮށްގެން ނުވަތަ ޝާމިލްކޮށްގެން އުނގަންނައިދޭ ސްކޫލެކެވެ. މިފަދަ ކޮންމެ ހަރަކާތަކީ ދަރިވަރުންނާއި ގުޅި ލާމެހިފައިވާ ކަންކަމެވެ. މިފަދަ ޕްރޮޖެކްޓްތައް ތުއްތު ކުދިންނަށް ބޭއްވުމުން އެ ކުދިންގެ ސިކުނޑި ތަރައްގީވާލެއް އަވަހެވެ. އަދި ދަސްކުރުމުގެ ބާރުގަދަވެއެވެ.