މުސްތަގުބަލަށް ގިނަ ހުވަފެންތަކެއް ދުށް އައިމިނަތު ރުމައިޒާ (ރުމޭ)ގެ ދިރިއުޅުން ބަނަކޮށްލި ވިލާގަނޑު އޭނާ ވަށާލީ ގުރޭޑް 10ގައި އުޅެނިކޮށްނެވެ. އެ ކަޅު ވިލާގަނޑުގެ ތޫފާނުގައި ޖެހި އޭނާއަށް މަރާ ހަނގުރާމަކުރަން ޖެހުނެވެ. ލިބުނު ހިތާމަވެރި ޚަބަރުތަކުން ދިރިއުޅުމާމެދު އުއްމީދު ކަނޑައިލާ ހިސާބަށް ވެސް ދިޔައެވެ. ގާތުގައި އުޅުނު ބައެއް ރައްޓެހިން ބީރައްޓެހިންނަށް ވެ ޑިޕްރެޝަންގެ ޝިކާރައަކަށް ވެސް އޭނާ ވީއެވެ.
ރުމޭގެ ލޯ ކުރިމަތީގައި އެތައް ބަޔަކު މަރުވިއެވެ. އެ މަންޒަރުތަކާއެކު ދިރި ހުންނާނެކަމުގެ އުއްމީދު ވެސް ގެއްލެން ފެށިއެވެ. އާއިލާއާއި އެކުވެރިންނާ ބައްދަލު ނުވެ ނިމިދާނެ ކަމަށް ހީކުރިއެވެ. އަނދިރިކަން އައިސް ރުމޭ ވަށައިލި ނަމަވެސް އޭނާ ހިތްވަރުގަދައެވެ. އާއިލާއާއި ގާތުގައި އެންމެ ދަތި ވަގުތު ވެސް ތިބި ރަހުމަތްތެރިންގެ އެހީތެރިކަމާއެކު ކެތްކުރިއެވެ. އެ ކެތްތެރިކަމުގެ ނަތީޖާ ވެސް ފޮންޏެވެ.
ބަލިވާން ފެށީ ގުރޭޑު 10ގައި!
ރުމޭ އެންމެ ފުރަތަމަ ބަލިވާން ފެށީ އޭނާ އަމީނިއްޔާގެ ގުރޭޑް 10ގައި އުޅެނިކޮށްނެވެ. އާދަޔާހިލާފަށް ބުރަކަށީގައި ރިއްސަން ފެށިއެވެ. ލޭ މަދުކަން ފާހަގަ ކުރެވި ދޮންފޫޑު ވެފައި ހުންނަން ފެށިއެވެ. އެ ހިސާބުން ރުމޭ ޑޮކްޓަރަށް ދެއްކިއެވެ. ޑޮކްޓަރު ވިދާޅުވީ އޭނާގެ ބުރަކަށީގެ މައިބަދަ އެއްފަރާތަކަށް ލެނބިފައި އިންނަ ކަމަށެވެ. އެއީ ހާސްވާން ޖެހޭ ވަރު ކަމަކަށް ނުވުމުން ރުމޭ ފިޒިއޮތެރަޕީ ހެދުމަށް ފަހު ނިންމާލީއެވެ.
އޭގެ ފަހުން އެއް ރެޔަކު ރުމޭ ނިދަން އޮއްވާ ވަރަށް ބޮޑަށް ބުރަކަށީގައި ރިއްސަން ފެށިއެވެ. ބުރަކަށީގައި ރިއްސާވަރުން ބޭސްކައިގެން ވެސް އޭނާއަށް ކެތްކުރެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން މެންދަމު ތިނެއް ޖަހާކަށްހާއިރު ވަގުތުން އައިޖީއެމްއެޗަށް ދިޔައެވެ. އެ ރޭ ވެސް ރުމޭ އާދަޔާހިލާފަށް ދޮންފޫޑުވެފައި ހުރުމުން ޑޮކްޓަރު އެއްސެވީ ރުމޭއަކީ ތެލެސީމިއާ ކުއްޖެއްތޯއެވެ. ތެލެސީމިއާ ކެރިއަރެއްތޯ ޔަގީން ކުރަން ޓެސްޓު ހަދަން ވެސް ޑޮކްޓަރު ވިދާޅުވިއެވެ. އެކަމަކު ރުމޭ އޭރު ފަރުވާ ކުޑަކޮށްލީއެވެ. މާ ބޮޑަށް އަޅައިނުލެވުނީއެވެ.

އޯލެވެލް ނިންމައިފައި ބަދަލުވީ ރަށަށް!
ކަންބޮޑުވާން ޖެހޭ ފަދަ ކަމެއް ނެތް ކަމަށް ޑޮކްޓަރުން އޮތީ ވިދާޅުވެފައެވެ. އެހެންކަމުން އޭނާ އޯލެވެލް ނިންމާލީ ވެސް ކުރިމަތިވާން އުޅޭ ތޫފާނުގެ ހިޔާލެއް ފިކުރެއް ވެސް ނެތިއެވެ. އޯލެވެލްގައި އޭނާގެ ނަތީޖާ ވެސް އެހާމެ ރަނގަޅެވެ. އޯލެވެލް ނިންމާލުމަށްފަހު އޭނާ ބަދަލުވީ އުފަން ރަށް މ. މުލަކަށެވެ. ރަށަށް ބަދަލުވި ނަމަވެސް ރުމޭގެ ހަށިގަނޑުން ފެންނަމުން ދިޔަ ބަލިކަމަށް ނިމުމެއް ނައެވެ. އޭނާ ހުންނަނީ ވަރަށް ބަލިކަށިކޮށްނެވެ.
"ފާހަގަވެފައި އޮތީ މީހާގެ މޫނުގެ ކުލަވަރު، އަތުގެ ކުލަވަރު، ގައިގެ ކުލަވަރު ތަފާތުވެފައި ހުންނަކަން. ރަށަށް ގޮސްފައި ވެސް އެކަން އޮތީ އެ ގޮތަށް،" ރުމޭ ކިޔައިދިނެވެ.
ރުމޭގެ ހަށިގަނޑުން ފެންނަމުން ދިޔަ އާދަޔާހިލާފު އެތައް ކަމެއް އޭނާގެ ބައްޕަ ކަންބޮޑުކުރުވިއެވެ. އެހެންކަމުން ރުމޭގެ މަންމަ ގާތުގައި ރުމޭ ގޮވައިގެން ޑޮކްޓަރަށް ދައްކާލައި ޓެސްޓު ކޮށްލުމަށް ދާން އެދުނެވެ. ބައްޕައަށް ރުމޭގެ ގައިގައި ލޭ މަދުކަން ފާހަގަ ކުރެވުނީއެވެ.
"ދެން އެހެންވެ ދިޔައީ. މާ ބޮޑުކަމެއް ވާތީއެއް ނޫން. އެކަމަކު އޭރު ވެސް ބޮލުގައި ރިއްސާފައި، ބުރަކަށީގައި ރިއްސާފައި ހުންނާތީ ދިވެހި ބޭސްކުރަމުން ދިޔައީ އެ ދުވަސްކޮޅު. ރާއްޖެ ބަލި ހުންނަކަމަށް ހިތަށް އަރާފަ،" އޭރުގެ ހަނދާންތައް ރުމޭ އާކުރިއެވެ.
ބައްޕަގެ އެދުމާއެކު ގޮސް ޑޮކްޓަރަށް ދެއްކިއެވެ. ބައްޕަގެ ހިސާބު ރަނގަޅެވެ. ރުމޭގެ ލޭ ހުރީ ވަރަށް ދަށްކޮށެވެ. ގާތްގަނޑަކަށް ހައެއް، ހަތެއް ހިސާބުގައެވެ. އެ ހިސާބުން ކޮންމެވެސް ވަރަކަށް ރުމޭ ކަންބޮޑުވިއެވެ. އަޑު އިވިފައިވާ ބައެެއް ވާހަކަތަކުން، މިހާވަރަށް ލޭ މަދުވީ ކީއްވެބާއޭ ހިތަށް އެރިއެވެ. ދެން ވާނީ ކިހިނެއް ބާއޭ ހިތަށް އެރިއެވެ. ވަގުތުން ފުރައިގެން އަތޮޅު ހޮސްޕިޓަލަށް ދިޔައެވެ. އަތޮޅު ހޮސްޕިޓަލުން ޓެސްޓުތައް ހެދުމަށްފަހު ދިނީ ތިން މަސްދުވަހުގެ ބޭހެވެ. ބޭސް ކެއުމަށްފަހު އެއްމަސް ކޮށްފައި ރުމޭ އަނެއްކާ ވެސް އަތޮޅު ހޮސްޕިޓަލަށް ދިޔައެވެ. ނަމަވެސް ބަދަލެއް ނާދެއެވެ. ކުރިއެރުމެއް ނުލިބެއެވެ. ރުމޭގެ ލޭ ހުރީ ހަމަ އެހާ ދަށްކޮށްނެވެ.
ވަގުތުން ފުރައިގެން މާލެއަށް!
ލޭ ރަނގަޅުނުވެ އެހާ ދަށްކޮށް ހުރުމުން ވެފައިހުރި ކަންބޮޑުވުން ވީ އިތުރެވެ. އެހެންކަމުން އަވަހަށް ފުރައިގެން މާލެއަށް ރުމޭ އައެވެ.
"މާލެ އައިސް ޑޮކްޓަރަށް ދައްކާފައި. ބޭނުންވީ ހަމަ ތެލެސީމިއާ ޓެސްޓު ހަދަން" ރުމޭ ކިޔައިދިނެވެ.
ތެލެސީމިއާ ޓެސްޓުގެ ނަތީޖާ ލިބެން އޮތް ދުވަހުގެ ހަވީރު ތެލެސީމިއާ ސެންޓަރުން ރުމޭއަށް ގުޅިއެވެ. ބުނީ "އާރޖެންޓް"ކޮށް ޑޮކްޓަރަށް ދައްކަން ދިއުމަށެވެ. ސެންޓަރަށް ގޮސް ރުމޭ ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ބުނީ ރުމޭގެ ލޭ ވަރަށް ދަށް ކަމަށެވެ. އޭނާގެ ލޭ ހުރީ ހަޔަކަށްވުރެ ވެސް ދަށުގައެވެ. ޑޮކްޓަރު އެންގީ ވަގުތުން ގޮސް އައިޖީއެމްއެޗްގައި އެޑްމިޓް ވުމަށެވެ. އެހެންކަމުން ރުމޭ ވަގުތުން ގޮސް އައިޖީއެމްއެޗްގައި އެޑްމިޓްވިއެވެ. އެ ފަހަރު ރުމޭގެ ގަޔަށް ލޭ ވެސް އެޅިއެވެ. އޭރު ވެސް ރުމޭގެ ހަށިގަނޑަށް މި އަންނަ ބަދަލުތަކަކީ ކީއްވެ އަންނަ ބަދަލުތަކެއް ކަމެއް ނޭނގެއެވެ. އެހެންކަމުން އެ ފަހަރު ޑޮކްޓަރުން ނިންމީ ރުމޭގެ ހުރިހާ ޓެސްޓުތަކެއް ހަދައި މި ވަނީ ކީއްތޯ ބަލާށެވެ.
"އޭރުގައި ހުރިހާ ޓެސްޓުތަކެއް ހަދާފަ ޑޮކްޓަރު ބުނީ ރަނގަޅޭ ހުރިހާ ކަމެއް ވެސް، ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނެތޭ،" ރުމޭ ކިޔައިދިނެވެ.
ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނެތުމުން ރުމޭ އަނެއްކާ ވެސް އެނބުރި ރަށަށް ދިޔައެވެ. ނަމަވެސް ލޭ މަދުވުމުން ވެރިވި ނުތަވަސްވެރިކަން ހިތުގައިވިއެވެ.

މިފަހަރު ރަށަށް ދިއުމުން ވެސް ރުމޭގެ ހަށިގަނޑަށް އަންނަމުންދިޔަ ބަދަލުތަކަށް ނިމުމެއް ނައެވެ. އޭނާ އަނެއްކާ ވެސް ބަލިވާން ފެށިއެވެ. ކާ ހިތެއް ނުވެއެވެ. ހޮޑު ލެވެނީއެވެ. ބަލިވާން ފެށުމުން ރުމޭ އަނެއްކާ ވެސް އެނބުރި އައީ މާލެއަށެވެ. އޭރު އޭނާ އުޅުނީ ކަކުލުގައި ރިއްސާތީއެވެ.
"ޑޮކްޓަރު ވިދާޅުވީ ކޮންމެވެސް ޖެލީކޮޅެއް ކަހަލަ އެއްޗެސް އެބައިނޭ ކަކޫ ކައިރީގައި،" ރުމޭ ކިޔައިދިނެވެ.
އެ ދުވަސްވަރު ރުމޭއަށް ކޮންމެ ރެޔަކު ވެސް 1:20ގައި ހޭލެވޭނެއެވެ. ދެން އެއަށްފަހު ނުއެއް ނިދެއެވެ. ދެ ކަކުލުގައި ރިއްސާވަރުންނެވެ. ނުނިދި އެއްފަރާތަށް ފުރޮޅިލަ ފުރޮޅިލާ އޭނާ އޮންނަނީއެވެ. ގާތުގައި ރުމޭގެ މަންމަ އޭނާގެ ގައިގައި ފިރުމާލަފިރުމާލާ އިނދެއެވެ. ރުމޭގެ ދެ ކަކުލާއި ދެ އުޅަނބޮށި ދުޅަވާން ފެށިއެވެ. ދުޅަވަމުން ދުޅަވަމުން ގޮސް ފާޑެއްގެ ދަނބު ކުލައަކަށް ވެސް ބަދަލުވީއެވެ.
ވާ ގޮތެއް ބަލަން އިންޑިއާއަށް!
އޭރު ވެސް ރުމޭއަކަށް އެކައްޗެއް ވެސް ނުކެވެއެވެ. ހޮޑުލެވުން އޮތީ އޭނާއަށް އޭރު އާއްމުކަމަކަށް ވެފައެވެ. މީހާގެ މޫނުމަތި ހުންނަނީ މުޅިން ހުދުވެފައެވެ. ދެ ކަކުލާއި ދެ އުޅަނބޮށި ހުންނަނީ ދުޅަވެފައެވެ. އެހާ ވޭން އަޅައެވެ. ރޭގަނޑުގެ ހަމަ ނިދި، ރުމޭއަށް އަދި އޭނާގެ މަންމައަށް ވެސް ނުލިބެއެވެ. އެހެންކަމުން މި ވަނީ ކީއްތޯ ބަލަން ރުމޭ އިންޑިއާއަށް ދާން ނިންމިއެވެ.
އިންޑިއާއަށް ގޮސް ރުމޭ އެންމެ ފުރަތަމަ ދިޔައީ ޓްރެވެންޑްރަމްގެ ހޮސްޕިޓަލަކަށެވެ. އެހެން ނަމަވެސް އެތަނުން ޓެސްޓުތައް ހެދޭ ގޮތެއް ނުވިއެވެ. އެހެންކަމުން ޓެސްޓުތައް ހަދަން ދިގު ދަތުރެއް ކޮށްފައި ދާން ޖެހުނީ ކޮޗިންއަށެވެ.
"އެ ވޭންގެ ތެރޭގައި އަޅުގަނޑުގެ ކަނާތްފަރާތުގައި އިނީ މަންމަ، ވާތްފަރާތުގައި ބައްޕަ އިނީ. ދެން ވޭންގައި ދަތުރުކޮށްފައި ދިޔައިރުގައި މަގުތައް އެހާ ރަނގަޅަކަށް ހެދިފައެއް ނޫން ހުންނަނީ،" ރުމޭ ކިޔައިދިނެވެ.
ދަތުރު ކުރަމުންދިޔައިރު ބައެއް ފަހަރަށް ވޭން މައްޗަށް އަރައިފައި ތިރިވެއެވެ. އެފަދަ ލޮޅުންތަކުގައި ބައެއް ފަހަރަށް ރުމޭގެ އުޅަނބޮށި އޭނާގެ މަންމަގެ ގައިގައި ޖެހެއެވެ. އެގޮތަށް ޖެހިލުމުން ވާ ތަދަށް ވެސް އޭނާއަށް ކެތްކުރަން ވީ އުނދަގޫ ކަމަކަށެވެ. ރުމޭގެ އަތުގެ ދެ އޮޅަނބޮށި ދުޅަވެފައި ހުންނާތީ، އޭނާ އޭރު ނިދަން ވެސް އޮންނަނީ އުއްޑުންނެވެ. އެހެން އޮންނައިރު ބައެއް ރޭރޭ ފުންނާބަށް ތަދުވެގެން ހޭލެވޭނެއެވެ. އެހެން ނަމަވެސް އޮންނަ ފަރާތް ނޫން އަނެއް ފަރާތަށް ހިރިލުމަކީ ވެސް އޭނާއަށް ވާވަރު ކަމަކަށް ނުވެއެވެ.
"މަންމަ އިންނާނެ ކައިރީގައި. ގޮވާލައިފައި ބުނެލަން ޖެހޭނީ މަންމާއޭ ފުންނާބަށް ތަދުވަނީ އޭ ފުރޮޅާލަދޭށޭ. ބުނީމަ މަންމަ ހަމަ މަޑުމަޑުން މަޑުމަޑުން އަނެއް ފަރާތަށް ފުރޮޅާލަދޭނެ،" ރުމޭ ކިޔައިދިނެވެ.
ރުމޭއަށް އޭރު ފާހާނާ ތަށިމަތީ އަމިއްލައަކަށް ނީށީންދެވެއެވެ. އިށީންދެއްޖިއްޔާ ތެދެއް ނުވެވެއެވެ. ބަތް މޮޑެދީފައި ތަށި އޭނާގެ ކުރިމަތީގައި ބެހެއްޓި ނަމަވެސް އޭނާއަށް ސަމުސަލުން އަމިއްލައަކަށް ނުކެވެއެވެ. އަމިއްލައަށް އެއްޗެހި ބަދަލެއް ނުކުރެވެއެވެ. ފުނަލެއް ނޭޅެއެވެ.
"އޭރު ގެންދިޔަ ބައެއް ހެދުން ކަފާލީ، އަނެއްބައި ހެދުންތައް ޒިބު ހަރުކުރަން ވެގެން ވަކިމީހަަށް އޭރު ހަވާލު ކުރީ. އެކަހަލަ ގޮތަކަށް އުޅެން ޖެހުނީ އެ ދުވަސްކޮޅު،" އޭރު އުޅުނު ދަތި ހާލަތު ރުމޭ ތަފްސީލް ކޮށްދިނެވެ.

ކެންސަރު ޖެހިފައިކަން އެނގުން، ހިތަށް އެރީ މިތާ އޮވެ މަރުވާނީއޭ!
ކޮޗިންގެ އަމްރިތާ ހޮސްޕިޓަލަށް ދިޔަ ފުރަތަމަ ދުވަހު ވެސް ރުމޭގެ ހިތް ނުތަނަވަސްވިއެވެ. ތަފާތު ޚިޔާލުތައް އޭނާގެ ވަށައިގެންވިއެވެ. ބޮޑުކަމެއް ވެއްޖެކަމުގެ ސިގްނަލް އޭނާއަށް ލިބެމުންދިޔައެވެ.
"އޮންކޮލޮޖީ ޑިޕާޓްމަންޓަށް ދިޔައިރު އެތަނުގެ ފާރުތަކުގައި ހުރި ކެންސަރާ ބެހޭގޮތުން ޖަހައިފައި ހުރި އެކި ޕޯސްޓަރުތައް. ދެން އެތަން ފެނިފައި އަޅުގަނޑު ހިތަށް އެރީ ޔަގީނޭ ކޮންމެވެސް ބޮޑުކަމެއް ވެއްޖެޔޭ. އަނެއްކާ ކެންސަރު ޖެހުނީ ބާވައޭ،" ރުމޭ ކިޔައިދިނެވެ.
ބޯންމެރޯ ޓެސްޓު ރުމޭ ހެދީ އެ ޝައްކުގެ މަތީގައި ހުރެއެވެ. އެ ޓެސްޓު ހެދުމަށްފަހު ނަތީޖާ ލިބުމުގެ ކުރިން އެއްދުވަހެއްގައި ރުމޭ ބާއްވައިފައި އޮންނަ އެނދު ކައިރި ތިބެ ޑޮކްޓަރުން ދެއްކި ވާހަކަތަކުން ރުމޭ އިތުރަށް ކަންބޮޑުވިއެވެ.
"އެ މީހުން އެކަކު އަނެކަކަށް މި ބުނަނީ، ޕޭޝަންޓަށް އެނގެން ޖެހޭނެއޭ ޕޭޝަންޓަށް ވާނުވާ. ދައްކާ ވާހަކަ ސާފު ނުވާތީ އަޅުގަނޑު ބުނީ ކިހިނެއްވީހޭ، ކޮބާހޭ މައްސަލައަކީ. ބުނީމަ އެ މީހުން ބުނީ ސެލްސްގައި އެބަހުއްޓޭ އެބްނޯމަލިޓީއެއް،" ރުމޭ ކިޔައިދިނެވެ.
ރުމޭއަށް ބޯންމެރޯގެ ނަތީޖާ ގެނެސް އެންމެ ފުރަތަމަ ދެއްކީ އޭނާގެ ތިއްތަބެއެވެ. އެ ރިޕޯޓް ފެނުމުން ވެސް ރުމޭއަކަށް އެ ވެގެން އުޅޭ ގޮތެއް ނޭނގުނެވެ. ލުކީމިއާއަކީ ކޮބާކަމެއް ނަގައެއް ނުގަނެވުނެވެ.
"އަޅުގަނޑު ބުނިން މީގައި މިއޮތީ ލުކީމިއާއޭ، އޭގެ މާނައަކީ ކޮބާހޭ. ބުނީމަ ތިއްތަބޭ އެއްވެސް އެއްޗެއް ނުއެއް ބުނޭ. ހުރީ ބަލަހައްޓަައިގެން. ދެން އަޅުގަނޑު ބުނީ އަޅުގަނޑަށް ކެންސަރު ޖެހުނީ ހެއްޔޭ،" އެންމެ ފުރަތަމަ ކެންސަރު ހުރިކަން އެނގުނު ގޮތް ރުމޭ ކިޔައިދިނެވެ.
ރުމޭގެ ތިއްތަބެ އޭނާގެ ސުވާލަށް ދިނީ ހިތި ޖަވާބެކެވެ. ރުމޭއަށް ޖެހިފައި ހުރީ ލޭގެ ކެންސަރެވެ.
ކެންސަރު ޖެހިފައި ހުރިކަން އެނގުނު ހިސާބުން ރުމޭ ދިރިއުޅުމާމެދު އުއްމީދު ކަނޑައިލިއެވެ. އޭނާގެ ދިރިއުޅުން ނިމުނީކަމަށް އޭނާ ނިންމިއެވެ. ދެން އޭނާއަށް ދިރިހުންނަން މާ ގިނަ ދުވަހެއް ނުލިބޭނެ ކަމަށް ގަބޫލު ކުރިއެވެ.
"ހިތަށް އެރީ ދެން ރާއްޖެއަކަށް ވެސް ނުދެވޭނެއޭ. ތިމާގެ އެއްވެސް މީހަކު ނުފެންނާނޭ. ދެން ހަމަ މިތާނގަ މަރުވެ ނިމިދާނީއޭ. މިހާރު ވެސް މިއޮތީ އޭ ބަލިވެފައި އޮތްވަރު. ދެން ނޭނގެޔޭ ވާނީ ކޮން ކަންކަމެއް ކަމެއް ވެސް. އެހެން ހިތަށް އެރީ،" ކެންސަރު ޖެހުންކަން އެނގުމުން ރުމޭއަށް ކުރެވުނު އިހްސާސްތައް އޭނާ ކިޔައިދިނީ އަސަރާއެކުއެވެ.
ކުރިމަތީގައި މަރަކަށްފަހު މަރެއް، ހިތްދަތި އިހްސާސެއް!
ރުމޭ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮތް ދުވަސްވަރު އޭނާއާއެކު އެތަނުގައި ދިވެހީން ވެސް އެޑްމިޓް ކޮށްފައި ތިއްބެވެ. އެތަނުގައި އުޅޭއިރު އެ އެންމެން ވެސް އުޅެނީ އެއް އާއިލާއެއް ފަދައިންނެވެ.
ރުމޭ ކިޔައިދިނީ އޭނާއާ އެއް ފްލޯއެއްގައި އުޅުނު ސޯލިހުބޭގެ ވާހަކައެވެ. އެ ވާހަކަ ރުމޭ ކިޔައިދިނީ ހުއްޓެމުންނެވެ. ވާހަކަ ދައްކަން ވަރަށް އުނދަގޫވެ ހުރެއެވެ.
ސޯލިހުބެ ރުމޭއަށް ވަރަށް ކެއާ ކުރެއެވެ. ވަރަށް ލޯބިވެއެވެ. ސޯލިހުބެއާއެކު އުޅުނީ އޭނާގެ އަންހެނުންނާއި ފަހަރިއެކެވެ. އެ މީހުން ވެސް ރުމޭދެކެ ވަރަށް ލޯބިވާނެއެވެ.

އަބަދުވެސް ސޯލިހުބެ ކީމޯ ނަގައިފައި ރަނގަޅުވާއިރު އަޅުގަނޑު ކީމޯ ނަގާނީ. އެންމެ ފަހު ކީމޯއާ ޖެހެންދެން ވެސް އަަބަދުވެސް ކީމޯގައި އަޅުގަނޑު ވަރަށް ބަލިވާނެ. އެކަމު ސޯލިހުބެ ވަރަށް ވަރުގަދަކޮށް ހުންނާނީ،" ރުމޭ ކިޔައިދިނެވެ.
އެހެން މީހުން ކީމޯ ނަގާއިރު ހޮޑުލައި ހެދި ނަމަވެސް ސޯލިހުބެއަށް އެކަހަލަ ކަމަކާ ކުރިމައްޗެއް ނުވެއެވެ. ކީމޯގެ ފަރުވާތައް ފުރިހަމަ ކުރަމުން ގޮސް އެންމެ ފަހު ކީމޯ ވެސް އޭނާ ފުރިހަމަކުރިއެވެ. އެހެން ނަަމަވެސް އެ ކީމޯއާއެކު ސޯލިހުބެ ވަރަށް ބޮޑަށް ބަލިވިއެވެ.
"ބަލިވެގެން ޓެސްޓުތަކާ އެއްޗެހި ހެދީމަ ޑޮކްޓަރު ވިދާޅުވީ ލަންގް ވަރަށް ބޮޑަށް އިންފެކްޓްވެފައޭ. އެރޭ އަދިވެސް ހަނދާން އެބަހުރި. ވަރަށް ގިނައިރުވަންދެން އެތާނގެ ސިޑިމަތީގައި އިނިން. ދެން ވާނެ ގޮތެއް ނޭނގިފައި. އަނެއްކާ ސޯލިހުބެ ވެސް ދަނީ ބާއޭ ހިތަށް އަރާފަ،" ރުމޭއަށް އެ ވާހަކަ ކިޔައިދެވުނީ ގިސްލަމުންނެވެ.
އެއަށްފަހު ދުވަހަކަށްވުރެ ދުވަހެއް ސޯލިހުބެ ބަލިކަށިވިއެވެ. ފުއްޕާމޭ ބަލިކަށިވަމުން، ބަލިކަށިވަމުން ގޮސް ސޯލިހުބެ ނިޔާވީއެވެ.
ސޯލިހުބޭގެ ވާހަކައަށް ފަހު ރުމޭ އެހެން ވާހަކައެއް ވެސް ކިޔައިދިނެވެ. އެއީ ރުމެއާއެކު ކީމޯ ނަގަމުންދިޔަ ދިވެހި ކުޑަކުއްޖެއްގެ ވާހަކައެވެ. އެ ކުއްޖާ ނިޔާވިކަމެއް ރުމޭއަކަށް ނޭނގެއެވެ. އެ ވާހަކަ ރުމޭގެ މަންމަމެން ސިއްރުކުރީ ރުމޭ ދެރަވެދާނެތީއެެވެ.
އިންޑިއާގެ ކުޑަކުއްޖަކު ވެސް ރުމޭއާ ވަރަށް ގާތްކޮށް އެތަނުގައި އުޅުނެވެ. އެއީ އޭރު ރުމޭގެ އުމުރުގެ ކުއްޖެކެވެ. ރުމޭ ބުނި ގޮތުގައި އެހައި ހިތްވަރުގަދަ ކުއްޖެއް އޭނާ ނުދެކެއެވެ.
"އޭނަ އަޅުގަނޑު ގާތުގައި ބުނި ތިމަންނަގެ އޮތީ 40 ޕަސެންޓޭ ރަނގަޅުވާނެ ކަމުގެ ޗާންސް. 60 ޕަސެންޓް ނޭނގެޔޭ ވާނެ ގޮތެއް. އެކަމަކު އޭނަ މާތްﷲގެ ކިބަފުޅަށް ދުޢާ ކުރާ ހާލު ގަބޫލުކޮށްގެން ހުރީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ރަނގަޅު ވާނެކަމަށް،" ރުމޭ ކިޔައިދިނެވެ.
ރުމޭ އޭނާގެ ކީމޯތައް ނިންމުމަށްފަހު އެއް ދުވަހެއްގައި އެ ކުއްޖާ ބާއްވައިފައި އޮތް ކޮޓަރިއަށް އޭނާއާ ބައްދަލުކޮށްލަން ދިޔައެވެ. ނަމަވެސް އެ ދުވަހަކީ ރުމޭއަށް އޭނާ ފެންނާނެ ފަހު ދުވަސް ކަމެއް ރުމޭއަކަށް ނޭނގެއެވެ.
ވަރަށް ގާތް އެކުވެރިއެއް އެއީ. އެ ދުވަހު އޭނަގެ ކޮޓަރި، އަޅުގަނޑު އެހިސާބަށް ދިޔައިރު ހުރީ ގުރުއާން ޖަހާފަ. އައިވީ ގުޅާފަ، ލޭވެސް ގުޅާފަ ހުރީ. އޮކްސިޖަން ނުހިފަހައްޓާތީ މާސްކު ވެސް އަޅާފަ. އިށީންދެލައިގެން އިނީ. މޫނުމަތީގައި އެއްވެސް ނުތަނަވަސްވެރިކަމެއް ނެތް. އޭނައަށް އެނގޭ އޭނަ މި ދަނީކަން އެކަމަކު، މާޝާﷲ ވަރަށް ހިތްވަރު ގަދަ
ލޯ ކުރިމަތީގައި މަރަކަށްފަހު މަރެއް ފެނުމުން ރުމޭގެ މާޔޫސްކަން ވީ އިތުރެވެ. އޭނާ ވެސް ސަލާމަތެއް ނުވާނެއޭ ހިތަށް އެރިއެވެ. އޭނާ ވެސް ކެންސަރު ބަލީގައި މަރުވާނީ އޭ ހީކުރިއެވެ.

ކީމޯ ނަގަން ފެށުމާއެކު ގިނަ ކަންކަމާ ކުރިމަތިވި!
ކެންސަރު ޖެހުންކަން އެނގުމާއެކު ރުމޭ ވަގުތުން ފަރުވާ ފެށިއެވެ. އޭނާ ކީމޯ ނަގަން ފެށީ 2008ވަނަ އަހަރުގެ މާރިޗު މަހުގެ 23ވަނަ ދުވަހުއެވެ. ހޮސްޕިޓަލުގައި ގާތްގަނޑަކަށް ހަ މަސް ދުވަހު ތިބެ ކީމޯގެ އަށް ސައިކަލް ފުރިހަމަ ކުރިއެވެ. އަދި އެއަށްފަހު 21 ދުވަހު ސިކުނޑިއަށް ރޭޑިއޭޝަން ފުރިހަމަ ކުރިއެވެ.
"ސިކުނޑީގައި ވެސް ކެންސަރު ސެލްސް ހުރެދާނެ ކަމަށް ބަލާފަ ރިސްކު ނުނަގަން ވެގެން ރޭޑިއޭޝަން ނެގީ" ރުމޭ ކިޔައިދިނެވެ.
އެންމެ ފުރަތަމަ ނެގި ކީމޯއާއެކު ވެސް ރުމޭ ވަރަށް ބޮޑަށް ބަލިވިއެވެ. އޭނާގެ އަނގަފާރުވިއެވެ. އަނެއްކާ ވެސް ލޭ މަދުވެ ގިނައިން ހޮޑުލެވެން ފެށުނެވެ.
ކޮންމެ ފަހަރަކު ވެސް ކީމޯ ނެގުމުގެ ކުރިން އަދި ފަހުން ވެސް ހޮޑުލެވެއެވެ. ދެވަނަ ކީމޯއަށްފަހު މައިބަދައަށް ޖެހި އިންޖެކްޝަނެއްގެ ސަބަބުން އުނަގަނޑާ ހަމައަށް އޮތް އިސްތަށިގަނޑު ފައިބާ ހުސްވިއެވެ.
" ކޮންމެ ދުވަހަކު ފެންވަރައިގެން ފުނާ އަޅާ ގަޑީގައި މަންމަ ފުނާ އަޅާ ދޭނީ. ދެން ފުނާ އަޅާ ގަޑީގައި ވަަރަށް ބައިވަރު އިސްތަށިތައް އެއްފަހަރާ ފައިބާނެ. ދެން އެގޮތަށް ދަމުންދަމުން ގޮސް ވަރަށް ބޮޑަށް އިސްތަށިތައް މަދުވީމަ ބޭލީ" ރުމޭ ކިޔައިދިނެވެ.
ރުމޭގެ ބޯ ބާލައިދިނީ އޭނާގެ ތިއްތަބެއެވެ. އެ ވަގުތު ކިތަންމެ ދެރަވި ނަމަވެސް އާއިލާ މީހުންގެ ކުރިމަތީގައި އޭނަ ކެތް ކުރިއެވެ. މަންމަމެން ކުރިމަތީގައި ރޯން އޭނާ ބޭނުން ނުވީއެވެ.
"ބޯ ބާލާފަ، ފާހާނާއަށް ވަދެ އަމިއްލަ ސިފަ ލޯގަނޑުން ފެނުނީމަ ވަރަށް ބޮޑަށް ރޮވުނު. ދެން އެކަމަކު ވެސް ހިތަށް އެރީ އިސްތަށިގަނޑެއް ނޫނޭ މުހިންމީ. ދުނިޔޭގައި ހުރުން މާ މުހިންމޭ އިސްތަށިގަނޑަށްވުރެ،" ރުމޭ އެ ވާހަކަ ކިޔައިދިނީ އަސަރާއެކުގައެވެ.

ކީމޯ ނަގަން ފެށިތާ ގާތްގަނޑަކަށް 15 ވަރަކަށް ދުވަސް ތެރޭ އޭނާއަށް ވަރަށް ގިނައިން ހޮޑުލެވުނެވެ. ނުއެއް ކެވެއެވެ. ބައެއް ފަހަރަށް ފެންފޮދެއް ނުބޮވިފައި ވެސް އޮންނަން ޖެހެއެވެ. ގައިގައި ވަރުޖައްސަން ޖެހެނީ އައިވީ ގުޅާށެވެ.
ކީމޯ ނެގި ދުވަސްވަރު ލޮލުގެ ފެނުމަށް ވެސް އަސަރު ކުރިއެވެ. ލޮލުގެ ފެނުން ފުސްވިއެވެ. އަދި ކޮންމެ ދެ ކީމޯއެއް ދޭތެރެއިން މައިބަދައަށް ޖަހާ އިންޖެކްޝަން ޖެހުމުން ވަރަށް ބޮޑަށް ބަލިވެއެވެ.
ކީމޯ ނަގަން ފެށިތާ މާ ދުވަހެއް ނުވެ ރިކަވާ ވާން ފެށި
ރުމޭގެ ފުރަތަމަ ކީމޯއަށްފަހު ވެސް ޑޮކްޓަރު ބޭނުންވީ ޕްރޮގްރެސް ބަލާލާށެވެ. އެހެންކަމުން ބޯންމެރޯ ޓެސްޓެއް ފުރަތަމަ ކީމޯއަށްފަހު ހެދިއެވެ. ޓެސްޓުގެ ނަތީޖާއިން ދެއްކި ގޮތުގައި ފުރަތަމަ ކީމޯއާއެކު ބަލި އެއްކޮށް ހުރީ ފިލައި ގޮސްފައެވެ. އެހެން ނަމަވެސް އެކަން ގަބޫލުކުރުން ޑޮކްޓަރުންގެ ޓީމަށް ވީ އުނދަގޫ ކަމަކަށެވެ. އެ ފަހަރު ޓެސްޓު ހެދީ އުނަގަނޑުން ތިރިން ޓެސްޓު ކޮށްގެންނެވެ. އެ ނަތީޖާ ގަބޫލު ނުކުރެވިގެން އަނެއްކާ މޭކަށިގަނޑުން މަތިން ބޯންމެރޯ ޓެސްޓެއް ހެދިއެވެ. ނަމަވެސް ނުކުތީ އެއް ނަތީޖާއެކެވެ. ރުމޭގެ ބަލި މުޅިން ވަނީ ފިލައިގެން ގޮސްފައެވެ.
"އެއީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުއްމީދެއް. ހަމަ ކުރިން ކޮޗިންއިން ވާހަކަ ދެއްކި ޑޮކްޓަރުވެސް ފާހަގަކުރިގޮތަށް ބްލަޑް ކެންސަރު އަކީ ފަސޭހައިން ރަނގަޅު ކުރެވޭ އެއްޗެއް ކަމާއި، މި ޖާނީ މިގޮތަށް ގޮސްފިނަމަ އިންޝާﷲ ބަލިން އެއްކޮށް ރިކަވާ ވާނެ ކަމުގެ އުއްމީދު އާލާވި،" ލުއި ހިނިތުންވުމަކާއެކު ރުމޭ އެވާހަކަ ކިޔައިދިނެވެ.
ކެންސަރުން ސަލާމަތްވިކަން އެނގުން، ބޮޑު އުފަލެއް!
އެންމެ ފުރަތަމަ ކީމޯއާއެކު ވެސް ރުމޭގެ ގައިން ކެންސަރު މުޅިން ފިލައިގެން ދިޔައެވެ. އޭނާ މުޅިން ރަނގަޅުވިއެވެ. އޭރު ބަލީގެ އެއްވެސް ނިޝާނެއް ވެސް ނެތެވެ. އެހެން ނަމަވެސް ކެންސަރަކީ އަލުން ވެސް ޖެހިދާނެ ބައްޔަކަށް ވާތީ އެންމެ ރަނގަޅު ގޮތަކީ ކީމޯއާއި ރޭޑިއޭޝަން ފުރިހަމަ ކުރުން ކަމުގައި ޑޮކްޓަރު ވިދާޅުވިއެވެ.
އެހެންކަމުން ހުރިހާ ކީމޯއެއް ރުމޭ ފުރިހަމަ ކުރިއެވެ. އެއަށްފަހު ރުމޭ ހެދީ ފުލް ބޮޑީ ޗެކްއަޕެކެވެ. އަދި ބޯން މެރޯ ޓެސްޓެއް ވެސް ހެދިއެވެ.
"އެ ދުވަހު ރިޒަލްޓް ލިބިގެން ބައްޕަ ގެނެސްދިނީ. ރިޒަލްޓް ފެނިފައި ވަރަށް އުފާވި. ބައްޕަ ގައިގައި ބައްދައިގަނެވުނު އުފަލުން. އެ ދުވަހު ދެން ހިތަށް އެރީ ދެން މަސައްކަތް ކުރާނަމޭ. މިކަން އަދި އަހަރެންގެ ތަގުދީރުގައި މާތްﷲ ލައްވައިފައި އޮތަސް ދެން ފަހަރަކުން ވެސް މި ހިތްވަރު ލައިގެން މަސައްކަތް ކުރާނަމޭ،" ކެންސަރު ބަލިން ފަސޭހަވުމުން ރުމޭއަށް ކުރެވުނު އުފާވެރި އިހްސާސް ހިއްސާކުރިއެވެ.
ބައެއް ރައްޓެހިންނަށް ރުމޭ "މަރުވި"!
އަހަރެއްހާ ދުވަހު ރާއްޖެއިން ބޭރުގައި ހޭދަކުރުމަށްފަހު ރުމޭ އެނބުރި މާލެއަށް އައީ 2009ވަނަ އަހަރުގެ ފެބްރުވަރީ މަހުއެވެ. އޭރު ވެސް އޭނާގެ ބައްޕަ ރުމޭ ގެންނަން ބޭނުމެއް ނުވިއެވެ. ރުމޭ ވެސް ހުރީ ދެ ޚިޔާލެއްގައެވެ. އޭރު ވެސް ރުމޭއަށް ވަރަށް ގަދައަށް ހޮޑުލެވޭތީއެވެ. އަބަދުވެސް ހުންނަނީ ގޭސްވެފައެވެ. ނުއެއް ކެވެއެވެ. ފަރުވާ ހޯދައިގެން، މުޅީން ފަސޭހަ ވެގެން މާލެއަށް އައިިއިރު ރުމޭގެ އެެއްވެސް ޕްލޭނެއް ނެތެވެ. އިތުރަށް ކިޔަވާކަށް ވެސް ގަސްތެއް ނުކުރެއެވެ. ރުމޭ ބޭނުންވީ ހަމަޖެހިލާށެވެ.
ކެންސަރުގައި ރުމޭ ފަތަން ޖެހުނު ކަނޑަށްވުރެ ޑިޕްރެޝަންގައި އޭނާ ގެނބެންފެށީ މާ އޮއެގަދަ ކަނޑެއްގައެވެ. ކެންސަރާއެކު ރުމޭއާމެދު މީހުން ދެކޭ ގޮތް ބަދަލުވިއެވެ.
ބައެއް މީހުންނާ އޮންނަ ގުޅުން ކެންސަރާއެކު ވަރުގަދަވި ނަމަވެސް ބައެއް ރައްޓެހިން ރުމޭ ދެކެ ބިރުގަތެވެ. އެ މީހުންނަށް ހީވެފައި އޮތީ މިއީ ގައިންގަޔަށް އަރާ ބައްޔެއް ކަމަށެވެ.
އޭނާއާއެކު ގުރޭޑް 10ގައި އުޅުނު ބައެއް އެކުވެރިން އޭނާއަށް ގުޅައި ހާލު ބެލިއެވެ. ވަރަށް ހިތްވަރު ދިނެވެ. އެހެން ނަމަވެސް ބައެއް ރައްޓެހިންނަށް ރުމޭ "މަރުވީ"އެވެ. އޭނާއަކީ ދުނިޔޭގައި ހުރިމީހެއް ކަން ވެސް ހަނދާން ނެތުނީއެވެ.
" ކެންސަރާއެކު މީހުން އަޅުގަނޑާއެކު ދެކޭ ގޮތް ބަދަލުވި. އަޅުގަނޑަކީ ބޭކާރު މީހެކޭ. އަޅުގަނޑަކީ އެއްވެސް ކަމެއް ވާނެ މީހެއް ނޫނޭ. އަޅުގަނޑުގެ ފަރާތުން މީހަކަށް ވާނެ ފައިދާއެއް ނޯންނާނެއޭ. ލިބޭނެ އަޅާލުމެއް އޯގާތެރިކަމެއް ނޯންނާނެއޭ،" އެއީ ކެންސަރާއެކު ބައެއް މީހުންގެ ފަރާތުން ރުމޭ ވަށާލަމުން ދިޔަ އަނދިރިކަމެވެ. ޑިޕްރެޝަން އުފަންވި ހިސާބެވެ. އެެހެންކަމުން މާލެ އައިސް ވެސް، އޭނާ އެންމެ ބިރުގަން އެއްކަމަކީ މީހުން އޭނާ ބަލައިނުގަނެފާނެތީއެވެ. އޭނާއަށް އެއްވެސް ކަމެއް ކުރެވޭނެ ކަމާމެދު އަމިއްލަ ނަފްސަށް ސުވާލު އުފެއްދިއެވެ.
އޭލެވެލްއަށް ސީއެޗްްއެސްއީއަށް، ދެން ޓީޗިންއަށް!
ޑިޕްރެޝަނާއެކު ވެސް މީހުންނާ ކުރިމަތިލާން ރުމޭ ނިންމިއެވެ. އެ އަޒުމުގައި ރުމޭ ހުއްޓާ އޭނާއަށް ސީއެޗްއެސްއީން ގުޅިއެވެ. އެއީ އޭނާއަށް އޭލެވެލްގެ ޖާގަ ލިބުނުކަން އެންގުމަށެވެ. ރުމޭ ސީއެޗްއެސްއީއަށް ކިޔަވަން ދިޔައީ އަބަދުވެސް މާސްކު އަޅައިގެންނެވެ. ބޭރަށް ދާ ކޮންމެ އިރަކު ވެސް އޭނާ މާސްކު އަޅައެެވެ. އޭރު ވެސް ރުމޭ ދިޔައީ ކީމޯ ތެރަޕީ ނަގަމުންނެވެ. އެއީ ދެ އަހަރުގެ މެއިންޓެނަންސް މެޑިކޭޝަންއެވެ.
ކީމޯތެރަޕީ ނެގަމުން ކިޔެވުން ރުމޭއަށް ވީ ވަރަށް ބޮޑު ޗެލެންޖަކަށެވެ. ނަމަވެސް އޭނާ ހިތްވަރު ކުރިއެވެ. އޭނާ ދެއްކީ ނަމޫނާއެކެވެ. ސީއެޗްއެސްއީއިން ރުމޭ ކިޔަވާ ނިންމާލީ ކާމިޔާބާއެކުގަައެވެ. އޭނާ ނޭޝަނަލް ޓޮޕްޓެންގެ ދެވަނަ މަގާމުގައި ހިމެނުނެވެ.
" ބޭސް ބޭނުން ކުރަން ޖެހޭނީ އެކި އިރު އެކި ގުޅަ، ބޭހާ އެއްކޮށް ބައެއް ދުވަސް ދުވަހު ސުކޫލަށް ދިއުމުގެ ކުރީގައި ވަރަށް ގަދައަށް ހޮޑުވެސް ލެވޭނެ. ސުކޫލުގައި އުޅެލާފަ އަންނައިރު ބައެއް ދުވަސްދުވަހު ނުހުންނާނެ އެހާ ވަރެއް. އެކަމަކު ހިތްވަރު ކޮށްފައި މަސައްކަތް ކުރީ، ކޮންމެވެސް އެއްޗެސް ލިބޭތޯ ބަލާނަމޭ،" ރުމޭ ބުންޏެވެ.
އޭލެވެލް ކާމިޔާބު ކަމާއެކު ނިންމުމަށްފަހު ރުމޭ ހުއްޓައެއް ނުލިއެވެ. އޭނާ ދާން ނިންމީ އޭނާގެ ކުޑައިރުގެ "ޑްރީމް ޖޮބް"އާ ދިމާއަށެވެ. އެންމެ ކުޑައިރުއްސުރެ ވެސް ޓީޗަރަކަށް ވުމަކީ އޭނާގެ އުއްމީދެވެ. ދެކެމުން އައި ހުވަފެނެވެ. ސެކަންޑަރީ ގުރޭޑްތަކުގައި އުޅުނު އިރު ބައެއް ޓީޗަރުންގެ އުކުޅުތައް ބަލާ ދަސްކުރިއެވެ.
" އަމިއްލައަށް ދަސްވެފައި ހުރި އެއްޗެއް އެހެން މީހަކަށް ކިޔައިދިނުމަކީ އަޅުގަނޑު އަބަދުވެސް ދެކެމުން އައި ހުވަފެނެއް. އެހެންވެ ގުރޭޑް އަށަކުން ފެށިގެން ވެސް، އަޅުގަނޑުގެ ފޭވަރިޓް ޓީޗަރ ޝަމްއޫނާ މިސްގެ އުކުޅުތަކާ އެއްޗެހި ބަލާ، ޑިސައިޑް ކޮށްގެން ހުރީ ވާނީ ކޮމާސް ޓީޗަރަކަށޭ" ރުމޭ ކިޔައިދިނެވެ.
ސީއެޗްއެސްއީ ނިންމުމަށްފަހު ސެކަންޑަރީ ޓީޗިން ހަދަން ރުމޭ ފެށިއެވެ. އޭނާ ހާއްސަވީ ބިޒްނަސް ސްޓަޑީޒް އަދި އިކޮނޮމިކްސް އަށެވެ.
ރުމޭ ދެކޭ ގޮތުގައި ކެންސަރުގައި އޭނާއަށް ތަޖުރިބާ ކުރަން ޖެހުނު ދަތި އުނދަގޫ ކަންކަމަކީ ޓީޗިންގެ ދާއިރާގައި އޭނާއަށް ވަރަށް ބޭނުން ހިފޭނެ ތަޖުރިބާތަކެކެވެ. އޭނާއަށް އޭނަގެ ދަރިވަރުންގެ އިހްސާސްތައް ދެނެގަނެވޭނެއެވެ. އޭނާގެ ވާހަކަތަކުން ދަރިވަރުންނަށް ހިތްވަރެއް ދެވޭނެކަމަށް ރުމޭ ގަބޫލު ކުރިއެވެ. ސެކަންޑަރީ ޓީޗިން ހަދަމުން ރުމޭ 2014ވަނަ އަހަރު ރިލީފް ޓީޗަރެއްގެ ވަޒީފާއަށް ދާން ފެށީ އަހްމަދިއްޔާ އިންޓަރނޭޝަނަލް ސުކޫލަށެވެ. އެއީ އޭނާ ކޯސް ނިންމި އަހަރެވެ. ކޯސް ނިންމުމަށްފަހު 2015ވަނަ އަހަރު އަހްމަދިއްޔާއާ އޭނާ ރަސްމީކޮށް ގުޅުނެވެ. މާ ގިނަ ދުވަސްތަކެއް ނުވެ އޭނާ ލީޑިން ޓީޗަރަކަށް ބަދަލުވެ ޒިންމާތައް ބޮޑުވިއެވެ.
ޓީޗިންއަކީ މެޖިކެއް ކަހަލަ އެއްޗެއް އަޅުގަނޑަށް. އެއީ މިސާލަކަށް އެ ދުވަހަކު ގޭތެރޭގައި ނުވަތަ އަމިއްލަ ދިރިއުޅުމުުގައި ވަރަށް ދެރަވާ ކަހަލަ ކަމެއް ދިމާވެދާނެ. އެކަމަކު ސުކޫލަށް އައިސްފައި ސުކޫލުގައި މިއުޅޭ މީހުންނާ ދިމާވެ އުޅެލީމަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ. އެއަށްފަހު ކްލާސް ތެރެއަށްވަދެ ކުދިންނާ ވާހަކަ ދައްކާހަދާލީމަ މީހާ އެއްކޮށް ކާމްވޭ. ވަރަށް ބޮޑު އުފަލެއް ލިބޭ
ޓީޗިންގެ ދާއިރާއިން ރުމޭ އެންމެ ދެކެން ބޭނުންވަނީ އޭނާގެ ވަރަށް ގިނަ ދަރިވަރުންތަކެއް ވަރަށް ކާމިޔާބު ދަރިވަރުންތަކެއްގެ ގޮތުގައި މުޖުތަމައުއަށް ޚިދުމަތް ކުރާތަން ފެނުމެވެ. ފަޚުރުވެރިކަމާއެކު އެއީ ރުމޭ ކިޔަވައިދިން ދަރިވަރެކޭ، ބުނެލަން އޭނާ ބޭނުންވެއެވެ.

ދަރިވަރުންނަށް މެސެޖެއް، ދުވަހަކު ވެސް އުއްމީދު ގެއްލުވައިނުލާތި!
ގިނަ ތަޖުރިބާތަކެއް އެންމެ ޒުވާން އުމުރުގައި ކުރިމަތިވި ރުމޭ، އޭނާގެ ވާހަކަތައް ދަރިވަރުންނަށް ކިޔައިދެއެވެ. އެ ވާހަކަތަކުން ދަރިވަރުން އިބުރަތެއް ހާސިލު ކުރުމަށެވެ.
ރުމޭ [މިސް]ގެ މެސެޖެއް ދަރިވަރުންނަށް އެބައޮތެވެ. ރުމޭ ބުނީ ދިރިއުޅުމުގައި ހީވެސް ނުކުރާފަދަ އެތައް ކަމަކާ ކުރިމަތިވާނެ ކަމަށެވެ. ނަމަވެސް ﷲތަޢާލާ އެމީހަކަށްޓަކައި ފަސްކުރައްވައިފައިވަނީ ކޮންކަމެއްކަން އެކަކަށް ވެސް ނޭނގޭނެކަމުގައި ރުމޭ ބުންޏެވެ.
" އެއްވެސް ކަމަކާ ގުޅިގެން ހޯޕް ގެއްލުވާނުލައި ކުރިއަށް ދާށޭ. ގަބޫލު ކުރާށޭ ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަށޭ. މިއަދު ވަރަށް ބޮޑަށް މަސައްކަތް ކުރިޔަސް ރަނގަޅު ނަތީޖާއެއް ނުލިބިދާނެ. އޭގެ މާނައެއް ނޫން ދެން ވެސް ވާނީ އެހެންނޭ. އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ގަދައަޅާ މަސައްކަތް ކުރަންވާނެ،" ރުމޭގެ މެސެޖުން ދަރިވަރުންނަށް ހިތްވަރެއް ލިބެން އޭނާ ބޭނުންވެއެވެ.
ކެންސަރު ބަލި ތަހައްމަލު ކުރާ މީހުންނަށް މެސެޖެއް
ކެންސަރު ބަލީގައި އެތައް ކަމެއް ތަހައްމަލު ކުރާ ގިނަ ބަޔަކު ރާއްޖޭގައި ވެސް އެބައުޅެއެވެ. އެފަދަ މީހުންނަށް ވެސް ރުމޭގެ މެސެޖެއް އެބައޮތެވެ.
" ބުނެލަން ބޭނުންވަނީ މަރާ ބައްޔާާ އެއީ ދެކަމެކޭ. މަރު ވެދާނެ ވަރަށް ރަނގަޅަށް ހުންނަ މީހާވެސް. ބައްޔެއް ނުވެ ހުންނަ މީހާ ވެސް. ވަރަށް ގިނަ ދުވަސްވަންދެން ބަލިއެނދުގައި އޮންނަ މީހާ މަރުނުވެ އޮވެދާނެ ކިތަންމެ ޒަމާނަކު ވެސް،" ރުމޭ ބުންޏެވެ.
ރުމޭ ބުނީ ކޮންމެ މީހެއްގެ ވެސް އަޖަލު ދެނެވޮޑިގެންވަނީ މާތްﷲ ކަމަށެވެ. އަދި ބައެއް ފަހަރަށް ޑޮކްޓަރުން ވެސް އުއްމީދު ކަނޑާލާނެ ކަމަށާއި އެހިސާބުން ވަރަށް ގިނަ މީހުން ދިިރިއުޅުމާމެދު އުއްމީދު ކަނޑާލާ ކަމަށް އޭނާ ބުންޏެވެ.
" އެކަމަކު ދުއާ ކުރުން މަތީގައި ދެމި ހުންނާށޭ. ދުއާއަކީ ކޮންމެ މީހެއްގެ ވެސް ލައިފް ބަދަލު ކޮށްލާނެ ބާރުގަދަ އެއްޗެއް. ގަބޫލު ކުރާށޭ ކޮންމެ ކަމެއް ވެސް ﷲގެ އިރާދަފުޅާއެކު ޕޮސިބަލްއޭ. އެ ގަބޫލުކުރުމާއެކު މަސައްކަތް ކުރާނަމަ ޔަގީނޭ ކާމިޔާބު ވާނޭ،" ރުމޭގެ މެސެޖު ވަނީ އިބުރަތުން ފުރިފައެވެެ.
ކެންސަރު ބަލީގައި ރުމޭގެ ހުރިހާ އުންމީދުތަކެއް ފުނޑުފުނޑުވިއެވެ. އޭނާ ދުށް ހުވަފެންތައް ބިލާހަށް ވިއެެވެ. ނަމަވެސް މަރާ ހަނގުރާމަކޮށް ރުމޭ ދެއްކީ ސާބިތުކަމެވެ. މިއަދު އޭނާއަކީ އޭނާގެ ދަރިވަރުންނަށް ނަމޫނާއެކެވެ.
އެޑިޓަރުގެ ނޯޓު: މި ލިޔުމަކީ މިއަހަރުގެ މުދައްރިސުންގެ ދުވަސް ކަމުގައިވާ 5 އޮކްޓޯބަރ 2021 ގައި ”ސަން އޮންލައިން” ގައި ޝާއިޢު ކޮށްފައިވާ ލިޔުމެކެވެ. ލިޔުއްވާފައިވަނީ، ޢާލިމް ޢަބްދުއްލަޠީފެވެ. ޢާލިމް އަކީ، އަޙްމަދިއްޔާއިން ތަޢުލީމް ޙާޞިލް ކޮށްފައިވާ ދަރިވަރެކެވެ.