އަޙްމަދިއްޔާފުޓްބޯޅަ ޓީމުގެ ޔޫސުފް ގައުމީ ކީޕަރަކަށް

މިއަދު ހަވީރު ސްރީ ލަންކާގައި ފަށާ މަހިންދުރަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕަށް އެކުލަވާލި ފައިނަލް ސްކޮޑުގައި އަޙްމަދިއްޔާ އިންޓަނޭޝަނަލްގެ ގްރޭޑް 12 ޖީގައި ތަޢުލީމް ޙާޞިލް ކުރަމުންދާ އަދި ސްކޫލްގެ ފުޓްބޯޅަ ޓީމްގައިވެސް މޮޅު ކުޅުމެއް ކުޅެފައިވާ  ޒުވާން ކީޕަރު ޔޫސުފް މީސަމް ހިމަނައިފި އެވެ.

ޔޫސުފަކީ އަޙްމަދިއްޔާގެ 14 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމް އިންޓަރސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު އެޓީމްގެ ކީޕަރެވެ. 16 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމާއި 18 އަހަރުންދަށުގެ ޓީމްގެވެސް ގޯލް ޔޫސުފް ބަލަހައްޓާފައި ވެއެވެ.

ސީނިއާ ގައުމީ ޓީމުގެ ޕްރެކްޓިހުގައި ބައިވެރިވަމުން އަންނަ 19 އަހަރުން ދަށުގެ ޓީމުގެ ކީޕަރު ޔޫސުފް ވަނީ ދާދި ފަހުން ގައުމީ ޓީމުން ކުޅުނު ދެ އެގްސިބިޝަން މެޗުގައި ކުޅެފަ އެވެ. އެއީ ހދ. ކުޅުދުއްފުށީ ޒިގްޒެގް ސްޓޭޑިއަމް ހުޅުވަން އެ ރަށު ޓީމަކާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު މެޗާއި މުހައްމަދު މޫސާ (އުއްޗު)ގެ ދައުވަތަކަށް ޅ. ކުރެއްދޫ ރިސޯޓްގައި އެ ތަނުގެ ޓީމާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ ދެ މެޗުގައި ވެސް ޔޫސުފް، 18، ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

އެހެން ނަމަވެސް ޔޫސުފް ބުނީ އެ މެޗުތަކާއެކު ލިބުނީ ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި، ރާއްޖޭގައި އުފެދުނު އެންމެ މޮޅެތި ކުޅުންތެރިން ހިމެނޭ ޓީމެއްގައި، އެކުޅުންތެރިންނާއެކު ގައުމު ތަމްސީލް ކުރަން ލިބުމަކީ އެކަމުން ލިބުނު އެންމެ ބޮޑު އުފާ ކަމަށެވެ.

"ވަރަށް އުފާވެރި އިހުސާސްތަކެއް ވަނީ. ކުޑައިރުއްސުރެއް ދެކެމުން ދިޔަ ހުވަފެނެއް މި ހަގީގަތަކަށް ވަމުން ދަނީ. މިއީ ފުޓުބޯޅަ ކެރިއަރުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ފުރުސަތު އަދި އެންމެ ބޮޑު މޯޓިވޭޝަން،" މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޔޫސުފް ބުންޏެވެ.

ޔޫސުފް ބުނީ އޭނާ ފުޓުބޯޅައިން ހޯދަމުން އަންނަ ކާމިޔާބީތަކުގައި އަބަދުވެސް އެންމެ ބޮޑު އެއްބާރުލުމެއް ދެމުން އަންނަނީ އޭނަގެ މައިންބަފައިންނާއި، ބޭބޭމެން އަދި ކޮއްކޮ ކަމަށެވެ. އަދި އޭނާގެ ގޯލްކީޕިންގްގެ ބިންގައި އަޅައިދީ، މި ދާއިރާއިން ޔޫސުފް ކުރިއަށް ދިއުމަށް މަގު ކޮށައިދިނީ އެމްއެސްއެމް އެކެޑަމީއިން ކަމަށް އޭނާ ބުންޏެވެ.

ޔޫސުފް ވަނީ އުމުރުފުރާ ގައުމީ ޓީމުތަކާ އެކު ސާފް ސަރަހައްދުގެ މުބާރާތްތަކުގައި ވާދަކޮށްފަ އެވެ. އަދި ޒުވާން ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ވެސް ސަރަހައްދުގެ މުބާރާތްތަކުގެ މެޗުތަކުގައި ކުޅެފައިވެ އެވެ.

"އަޙްމަދިއްޔާ 1982 " އަށް ޔޫސުފްގެ ބައްޕަ ޢަބްދުﷲ މުޙައްމަދު ވިދާޅުވީ، މިއީ ޔޫސުފްގެ ކެރިއަރުގެ ފެށުންކަމާއި އުއްމީދަކީ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ގައުމީ ޓީމްގެ ފުލް 11 ގައި ހިމެނި ގައުމަށް ރަނގަޅު ނަތީޖާއެއް ލިބޭތޯ ބެލުން ކަމުގައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *