އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ސްޓޫޑެންޓް ކައުންސިލްގެ އެންމެ އިސް މަގާމް ތަކަށް ހޮވާ ދަރިވަރުންނަށް ތަޢާރަފް ވުމަށް ބާއްވާ އެންމެ ފަހު އެސެމްބްލީ މިއަދު ބާންވަން ހަމަޖެހިއްޖެއެވެ. މި އެސެމްބްލީ އޮންނާނީ މިއަދު މެންދުރުފަހު ގްރޭޑް 11 ގެ ދަރިވަރުންނަށެވެ.
އިއްޔެ ހަވީރު 4:30 ގައި ގްރޭޑް 12 ގެ ދަރިވަރުންނަށް ވަނީ އެސެމްބްލީ ބާއްވާފައެވެ. ސްކޫލްގެ މާލަމްގައި ބޭއްވި އެސެމްބްލީގައި ވޯޓްލުމުގެ ކަންތައް ކުރިއަށް ދާނެގޮތް އޮޅުން ފިލުވައިދެވުނެވެ. އަދި ހުރިހާ މަގާމަކަށްވެސް ކުރިމަތިލީ ދަރިވަރުން ތަޢާރަފް ކުރުންވެސް އޮތެވެ. ދަރިވަރުންގެ އެންމެ އިސް މަގާމް ކަމުގައިވާ ސްކޫލް ކެޕްޓަން ކަމަށް ކުރިމަތިލާފައިވާ 10 ދަރިވަރުންނަށް ވާހަކަ ދެއްކުމުގެ ފުރުޞަތު ދެވުނެވެ. އަދި އެ ދަރިވަރުން ތާއީދު ހޯދުމަށްޓަކައި ވަރަށް ފޯރީއާއި ޖޯޝާއެކު ވާހަކަދެއްކިއެވެ.
މަތީ ސާނަވީ ކެޕްޓަން ކަމަށް ކުރިމަތިލީ ދަރިވަރުންނަކީ، ގްރޭޑް 12އެޗްގެ ޢައިޝަތު ޔަޝްމީ މުޙައްމަދު، 12އީގެ މިލަން. ކޭ. މަނޯޖް، 12ކޭގެ މުޙައްމަދު ސާއީ މުބާރިކް، 12އެފްގެ މުޙައްމަދު ޖުމާން، 12ޖޭގެ ޢައިޝަތު ޒުހާ ޝާހު، 12އެފްގެ އާދަމް ސަހަފް ނަސީމް، 12އެލްގެ އަމީން އަޙްމަދުޝަރީފު، 12އޭގެ އާމިނަތު ޔުނާލް ޙުސައިން، 12ޖީގެ ފާއިން ފަރުހާދު އަދި 12ސީގެ ފާޠިމަތު ޝާހާ ޙުސައިނެވެ. ކެޕްޓަން ކަމަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ކެޕްޓަން ކަމަށް ހޮވޭނީ އެންމެގިނަ ޕޮއިންޓް ލިބޭ ދަރިވަރެވެ. ދެވަނައަށް އެންމެ ގިނަ ޕޮއިންޓް ލިބޭ ފިރިހެން ދަރިވަރާއި އަންހެން ދަރިވަރަށް ލިބޭނީ ސްކޫލްގެ ވައިސްކެޕްޓަން ކަމުގެ މަގާމެވެ.
ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތަކީ، ކިޔެވުމަށް 30 އިންސައްތަ، ސީނިއަރ މެނޭޖްމެންޓް(އެސް އެމް ޓީ)ގެ އިންޓަވިޔު އަށް 30 އިންސައްތަ، އަދި ދަރިވަރުންގެ ވޯޓަށް 40 އިންސައްތަ އެވެ.
ވޯޓްލުން މިއަދު މެންދުރުފަހު ކުރިއަށް ދާނެއެވެ.