ކުށުގެ ތައުބާ

ބުރާސްފަތި ދުވަހުގެ ބަޔާއި ގުޅޭ …..

 

ވަޒީފާ ލިބުނުތާ ދެ މަހެއްހާ ދުވަސްވީއިރު "އަތު ހޭކެންޏާ ދަތު ހޭކޭނެއޭ" ބުނާ އުސޫލުން އަހަންނަށް އެ އެއްޗެހި ބޭނުންކުރަން ވެސް ފެށިއްޖެއެވެ.

މި ވަދެވުނީ ކިހާ ނުބައި ކަމެއްގެ ތެރެއަށް ކަމެއް އޭރު އަހަރެންގެ ޅަ ސިކުނޑި ވިސްނައެއް ނުދިނެވެ. މި ގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އަހަރެންގެ ހަށިގަނޑު ހިކި އަނަރޫފަވަމުންދިޔައިރު ވެސް ކަމެއް އަހަރެންގެ މައިންބަފައިންނަށް ރޭކާނުލައެވެ. އެނގެން ބޭނުންވިހެނެއް ވެސް ހިއެއްނުވެއެވެ.

މަސްތުވާތަކެތި ވިއްކުމުގެ އިތުރުން "ކުދިކުދި ކޮންޓްރެކްޓް މަސައްކަތް" ނަގަން ފެށީމެވެ. އެ މަސައްކަތްތަކުގެ ބޮޑު ބަޔަކީ ސިޔާސީ މީހުން ހަވާލުކުރާ ކޮންޓްރެކްޓްތަކެވެ. ބައެއް މަސައްކަތްތަކަކީ ނާޕު މެދުވެރިކޮށް ލިބޭ ތަންކޮޅެއް ވަރުގަދަ މަސައްކަތްތަކެވެ. މިއަދު ވެސް މީ އެފަދަ މަސައްކަތެއް ލިބުނު ދުވަހެކެވެ. ކުރަންޖެހޭ މަސައްކަތް ބުރައެވެ. މީގެ ކުރިން ދުވަހަކު ދެކެފައިނުވާ އެ މީހާ މަރާލައިގެން އަހަންނަށް ބުނަން ކެރުނު އަދަދަކަށް ލާރި ލިބޭނޭ ކަމަށް ނާޕު ވަނީ ބުނެފައެވެ. އަހަރެން ވަގުތުން އެއްބަސްވީމެވެ. ނަމަވެސް ދުވަހަކު ކޮށްފައި ނުވާ ކަމަކަށް ވުމުން ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ.

އެއީ ކޮން ނަމެއް ކިޔާ މީހެއް ކަމާއި، އެ މީހާގެ ދުވަހީ ތާވަލު އާންމުކޮށް ރޭވިފައިވާ ގޮތް އަލިފުން ޔާއަށް ކިޔައިދިނެވެ. ކޮންޓްރެކްޓް ހަވާލުކުރީ އެ ދުވަހުގެ ހެނދުނުއެވެ. އަނެއް ދުވަހުގެ އިރުއެރުމުގެ ކުރިން މަސައްކަތް ނުނިންމައިފި ނަމަ ފުލް މުސާރައެއް ނުލިބެއެވެ.

ނާޕު ނުބުނަނީ ހަމައެކަނި އެ މީހާ މަރާލަންޖެހުނު ސަބަބެވެ. އެ ނޫން ހުރިހާ މަޢުލޫމާތެއްދިނެވެ. އެ ސަބަބު އޭރު އަހަންނަކަށް މާ މުހިންމެއް ވެސް ނުވިއެވެ. އަހަންނަށް މުހިންމުވީ ރުފިޔާއެވެ. ވަގުތުން ފިހާރަތަކަށް ދުއްވައިގެން ކަޅު ކުލައިގެ ޖެކެޓެއް ގަތީމެވެ. ކާކުކަން ނޭނގޭ ވަރަށް ތައްޔާރުވީމެވެ. އަހަންނަށް ކަޝްފުވެވުނީ މީސްތަކުންގެ ލޯމައްޗަށެވެ. ތަގުދީރު ރާއްވަވާފައި ވަނީ އެއަށްވުރެ މާ މޮޅަށެވެ. އޭރު ވެސް އަހަރެންގެ މޭ ނެގިނެގިފައި ޖެހެއެވެ. ނަމަވެސް އަހަރެންގެ ސިކުނޑި އަހަރެންނަށް ވިސްނައިދެމުން ދިޔައީ ރުފިޔާއަކީ ހުރިހާ ވެސް އެއްޗެއްކަމެވެ. ލޮލުގެ ކުރިމަތީގައި އުދުހެމުންދިޔައީ ފައިސާ އަޅައި ބަރާކޮށްފައިވާ ގޯނިތަކެވެ. އެއިން ކޮންމެ ގޯންޏެއްގައި ދެ ފިޔަވެއެވެ. އެ ފައިސާ ގޯނިތައް ދެން ބަދަލުވާތީ ފެނުނީ އެންމެ ޒަމާނީ ރޭސް ކާރުތަކަށާއި އަގު ބޮޑު ޔޮޓުތަކަށެވެ. ހޭލާ ހުއްޓައި ފެންނަމުން ދިޔަ އެ ހުވަފެންތަކަކީ އަވާމެންދުރެއްކަން ނުވިސްނުނީ ހަމަހޭގައި ނެތުމުންކަން އެނގުނު އިރު ވަގުތު ފާއިތުވެއްޖެއެވެ.

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. އަހަރެން ކޮނޑުގައި ދަބަސް އަޅުވައިގެން ހިނގަމުން ދިޔައީ ނާޕު ބުނި ކެފޭއާ ދިމާ އަށެވެ. ނާޕު ބުނީ ތެދެކެވެ. ގަޑިން 12 ޖެހިއިރު އެމީހާ އެ އިނީ އެ ކެފޭގައެވެ. އަހަރެން އޭނާގެ ހަރަކާތްތަކަށް ފާރަވެރިވެ އެ ކެފޭގެ "ގަރޑެން އޭރިއާ" ގައި ހުރި ގަސްތަކުގެ ފުރަގަހަށް ވަނީމެވެ. ރޭވިފައިވާ ގޮތަށް އެ މީހާއަށް އައި ކޯލާއެކު އޭނާ "ގަރޑެން އޭރިއާ" އަށް ވަނެވެ. އަހަރެން ހުށިޔާރުވެ އަހަރެންގެ "ޚަންޖަރު" ނަގައި އޭނާގެ ދުވަސްދުއްވައިލަން ތައްޔާރުވީމެވެ. އެހެން ނަމަވެސް އެ މީހާ މާ ހުށިޔާރެވެ. އަހަރެންގެ ހަމަލާއިން އޭނާ ރެކުނު ގޮތުން އަހަންނަށް ސިފަވީ ފިލްމެއްގެ މަންޒަރަކާއެވެ.

އެ މީހާގެ ޖީބުން އެ ނެގީ ފުލުހުންގެ މީހެއްކަން އަންގައިދޭ ކާޑެވެ. އަހަންނަށް ހުރެވުނު ތަން ވެސް ނޭނގުނެވެ. ފައިދަށުން ބިންގަނޑު ދެމި، މީހާ ފުން ވަޅުގަނޑަކަށް ވެއްޓެން ދިޔަ ކަމުގެ ބިރުވެރި އިހްސާސްކުރެވުނު އެ ވަގުތު ކޮޅު އަހަންނާ ދިމާއަށް ދިއްކުރި އަތުގައި ހިފުނެވެ. އެއީ ކުރިން ވެސް އެހީވި އަތެވެ. އަހަންނަށް ކާންދިން އަތެވެ. ދޮންކަޅު ވެސް އަންގާނުލައި އެ އަތުގައި ކިތަންމެ ފަހަރަކު އަހަރެން ދަތް އެޅި އަތެވެ. މިހުރިހާ ދުވަހު "އެހީވި މަދަދުގާރު" މި ފަހަރު އެ އަތް ދިއްކޮށްލީ އެހީވާކަށް ނޫނެވެ. އަހަރެން އޭނާއަށް ވީ ޚިޔާނާތުގެ ބަދަލުހިފާށެވެ.

ނާޕު އަހަންނާ ހަވާލުކުރި މަސައްކަތުން ލިބުނު ނަފާ ޚިޔާނާތްތެރިނުވެ ހަވާލުކުރެވުނު ނަމައޭ ހިތަށް އެރި ފަހަރެއް އެ ނޫނީ ނާދެއެވެ.

ވަގުތުން އަހަރެން ޕޮލިސް ޖިޕަށް އެރުވިއެވެ. ޖިޕަށް އަރައަރައި  ހުއްޓާ ދަރިފުޅާއޭ ކިޔައި މަންމަ ގޮވާލި އަޑު އިވުނެވެ. ވޭނާއި ކެކުޅުން އެކުލެވިފައިވާ އަޑަކުންނެވެ. އަހަންނަށް ހުރެވުނީ ގަބޫލުކުރަން ދަތިވެފައެވެ. މިއިން ދުވަހަކު ދަރިފުޅާއޭ ކިޔާ ގޮވި ނުލިތާނގައި އަހަރެން  ކޮބައިތޯ ވެސް ބަލައިނުލި މަންމަ މިއަދު އަހަންނަށް ދަރިފުޅާއޭ ކިޔާ ގޮވުމުންނެވެ.

ވަގުތުން ޖިޕު ދުއްވާލިއެވެ. މަންމައާ އެކު ބައްޕަ ވެސް ފެންކަޅިވެފައި މަންޒަރު ބަލަން ހުއްޓެވެ.  އެވަގުތު އަހަންނަށް ބާރަށް ރޮވުނެވެ. މި ކުރެވުނީ ކީއްކަން އަހަރެންގެ ޒަމީރު އަހަންނަށް ވިސްނައިދިނެވެ. މި ހުރިހާ ކަމަކީ ވެސް އަހަރެން ގޮޅިއަކަށް ފައްތަން ރާވާފައިވާ ރޭވުމުގެ ދަށުން ހިނގާ ކަންތައްތަކެވެ. ނާޕުގެ މޭސްތިރިކަމުގެ ދަށުން، އަހަރެން މަސްތުގެ ކަނޑަށް ޣަރަގުކުރުމަށް ފަހު އޭނާ ކުޅުނު "ޑްރާމާ" އެކެވެ. ނާޕުގެ މި ބަދަލު ހިފުމަކީ ހައްގު ބަދަލުހިފުމެކެވެ.

ގާޒީގެ ކުރިމަތިގައި އަހަރެން އެ މީހާ މަރާލަން އުޅުނު ކަމަށް އެއްބަސްވީމެވެ. އެ މަސައްކަތް އަހަންނާ ހަވާލުކުރީ ނާޕު ނަމަވެސް އެކަމަށް ދެއްކޭނެ އެއްވެސް ހެއްކެއް ނެތުމުން އަހަރެން ކޯޓުގައި އިޢުތިރާފުވީ އެއީ އެ މީހާ އަތުން ފޭރެން ވެގެން އަހަރެން އަމިއްލައަށް ހިންގި ޖަރީމާއެއް ކަމަށެވެ. ނާޕު ކަހަލަ "ބަރުވެރިންގެ" ޙިމާޔަތުގައި ހުންނަ މީހެއްގެ މައްސަލަ ބެލޭހާ "ގަޓުހުރި" ފަނޑިޔާރަކު މި ރާއްޖޭގައި ނެތްކަން އެނގޭތީއެވެ.

އަހަރެންގެ އިޢުތިރާފާ އެކު އުމުރު ދުވަހުގެ ޖަލުހުކުމެއް އައެވެ. މީޑިއާގެ ފަލަ ސުރުޚީތަކަށް އެ ޚަބަރު އަރަމުންދިޔައެވެ. މުޅި ދުނިޔެއަށް އަހަރެން ފަޟީހަތްވެ ނިމިއްޖެއެވެ. މަސްތުގެ ހާލަތުގައި ހުރެ ފުލުހަކު މަރާލަން އުޅުނު އަނިޔާވެރި މުޑުދާރު މީހެއްގެ ގޮތުގައެވެ.

ޖަލުގެ ތޭރިތަކުގެ ތެރޭގައި އަޑުން އަޑުނަގާ ރުއިން ނޫން ކަމެއް އަހަރެންނަކަށް ނުކުރެވެއެވެ. އަހަރެންގެ ސަބަބުން ހަޑިވެފައިވާ މަންމަ އާއި ބައްޕަގެ ނަން ކިލަނބުވެ ވެއްޔާމޮޑެވިއްޖެއެވެ. ޖަލަށް ހުކުމްކުރި ފަހުން މަންމައާއި ބައްޕަގެ އަޅާލުން ލިބެންފެށިއެވެ. ކޮންމެ މަހަކު އެއް ފަހަރު އަހަންނާ ބައްދަލުކުރަން އަންނަން ފެށިއެވެ. އެންމެ އުފާވީ އަހަންނަށް އަޅާލަން ޖެހުނުއިރު، އަހަންނާ މެދު އިހުމާލު ވެވުނީތީ މަންމައާއި ބައްޕަ މަޢާފަށް އެދުމުންނެވެ.

ޖަލުގައި ބަރާބަރު 5 އަހަރު ހޭދަކުރި ތަނާ އަހަރެން މިނިވަންވިއެވެ. އަހަރެންގެ އުޅުމަށް އައި ހެޔޮ ބަދަލާއި، ޖަލުގައި ހިންގި ތަފާތު ތަމްރީން ޕްރޮގްރާމްތައް ފުރިހަމަކޮށް ގައުމަށް ފައިދާހުރި ޚިދުމަތްތެރިއަކަށް ވެވިދާނެކަން ދައުލަތަށް ގަބޫލުކުރެވިގެންނެވެ.

އަހަންނަކީ މިހާރު ކުށަށް ތައުބާވެ ފަސްވަގުތު ނާޅައި ނަމާދުކުރާ މީހެކެވެ. މަންމައާއި ބައްޕަގެ އިތުރުން އަންހެނުންނާއި ތިން ދަރީން އަދި މުޅި މުޖުތަމަޢުގެ އިތުބާރާއި ލޯބި ހޯދާފައިވާ ޚިދުމަތްތެރިއެކެވެ. މަސްތުވާ ތަކެއްޗާ ދެކޮޅަށް ކުރި ބުރަ މަސައްކަތުގެ އަގުވަޒަންކޮށް ސަރުކާރުންދިން ހިތްވަރު ދިނުމުގެ އިނާމު ލިބިފައިވާ ޝަރަފުވެރިއެކެވެ.

ވިސްނަންވީ ކަމަކީ ތައުބާގެ ދޮރު އަބަދުވެސް ހުޅުވިފައި ހުންނާނެކަމެވެ. އެ ދޮރުން އެތެރެވުމަށް ފަހު ބޭރަށް އެންމެ ފިޔަވަޅެއް ވެސް ނޭޅުމަށެވެ. (ނިމުނީ)

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *