ކޮޕީ މުޙައްމަދު ރަޝީދު: އަޙްމަދިއްޔާގެ ޕްރިންސިޕަލް 16 އޮގަސްޓް 1982 - 22 ޑިސެމްބަރ 1986

އަޙްމަދިއްޔާގެ ކުރީގެ ޕްރިންސިޕަލް ކޮޕީ މުޙައްމަދު ރަޝީދު އަވަހާރަވެއްޖެ.

އަޙްމަދިއްޔާގެ ކުރީގެ ޕްރިންސިޕަލް ކޮޕީ މުޙައްމަދު ރަޝީދު ރޭ އަވަހާރަވެއްޖެއެވެ. އެމަނިކުފާނު އަވަހާރަވީ ސްޓްރޯކެއްޖެހި އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

ކޮޕީ މުޙައްމަދު ރަޝީދަކީ މަދްރަސަތުލް އަޙްމަދިއްޔާ (މިހާރު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް) ގެ 2 ވަނަ ޕްރިންސިޕަލްއެވެ. އެމަނިކުފާނުވަނީ 4 އަހަރާ 4 މަސްދުވަހު އަޙްމަދިއްޔާގެ ޕްރިންސިޕަލް ކަމުގެ މަގާމް އަދާކުރައްވާފައެވެ. އެއީ 16 އޮގަސްޓް 1982 އިން 22 ޑިސެމްބަރ 1986 އަށެވެ.

ކޮޕީ މުޙައްމަދު ރަޝީދު އަޙްމަދިއްޔާ ގެ ޕްރިންސިޕަލްގެ މަގާމާ ހަވާލުވެ ވަޑައިގަތީ އަޙްމަދިއްޔާގެ ވަރަށް ޅަފަތުގައެވެ. އަހްމަދިއްޔާ ހުޅުވިތާ ހައެއްކަ މަސްވީތަނާއެވެ. އެމަނިކުފާނުވަނީ އަޙްމަދިއްޔާގެ ކުރިއެރުމަށް ވަރަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ. މައްޗަންގޮޅީ އަވަށްކުރިއަރުވާ ކޮމެޓީއާއި ގުޅިގެން ސްކޫލް ހިންގެވުމުގައި ސްކޫލަށް ވަރަށް ގިނަ ތަރައްގީ ގެންނަވާފައެވެ. ކޮޕީ ރަޝީދަކީ، ދަރިވަރުންނާގުޅޭ މުވައްޒަފުންނާގުޅޭ އެކުގައި މަސައްކަތްކުރަން ވަރަށް ފަސޭހަ ބޭފުޅެއްކަމަށް އޭރު ސްކޫލްގައި މަސައްކަތް ކުރެއްވި ބޭފުޅުން ވިދާޅުވެއެވެ. ކޮޕީ މުޙައްމަދު ރަޝީދު އަވަހާރަވުމާގުޅިގެން އަންނަ އާދީއްތަ ދުވަހު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ގެ ދިދަ ބައިދަނޑިއަށް ތިރިކުރަން ވަނީ ނިންމާފައެވެ.

މުޙައްމަދު ރަޝީދަކީ، ދިވެހިބަހާއި އަދަބިއްޔާތަށް، ޚާއްޞަކޮށް ޅެންވެރިކަމުގެ ރޮނގުން ވަރަށްގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. ދިވެހި ޅެން ހެދުމުގެ ރޮނގުން 2005 ވަނަ އަހަރު މުޙައްމަދު ރަޝީދަށް ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. މުހައްމަދު ރަޝީދަށް ވަނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، މިދިޔަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ.

ތަމްސީލު ކުޅުއްވުމަކީވެސް، މުޙައްމަދު ރަޝީދުގެ ޚާއްޞަ ފަންނެކެވެ. މުޙައްމަދު ރަޝީދުގެ މަސްއޫލުވެރިކަމުގެ ދަށުގައި ތަމްސީލު ކުޅުމަށްޓަކައި "ސީ.ޑީ.އެސް."ގެ ނަމުގައި ޚާއްޞަ ސޮސައިޓީއެއް އުފެއްދެވިއެވެ. އަދި ގިނަ ތަމްސީލު ކުޅުއްވާ އެމަނިކުފާނުގެ ހުނަރުވަނީ ދައްކަވާލައްވާފައެވެ. އަދި ބައެއް ރަށްރަށުގެ ޖަމްޢިއްޔާތަކުގެ ޒުވާނުންނަށް ތަމްސީލުކުޅުމުގެ ހުނަރު ދަސްކޮށްދެއްވައި އެ ރަށްރަށަށް ވަޑައިގެން ރަށްރަށުގައި ތަމްސީލު ޝޯވތައްވެސްވަނީ ބާއްވާފައެވެ. ތަމްސީލު ކުޅުމުގެ ރޮނގުންވެސް 1984 ވަނަ އަހަރު މުޙައްމަދު ރަޝީދަށް ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

މުޙައްމަދު ރަޝީދަކީ، ތާނަ ޢަރަބި ލިޔުމުގެ ރޮނގުންވެސް ވަރަށް މަޝްހޫރު ބޭފުޅެކެވެ. ޚާއްޞަކޮށް، ބޮޑުއަކުރު ލިޔުއްވުމަކީ، މުޙައްމަދު ރަޝީދުގެ ޚާއްޞަ ފަންނެކެވެ. ދިވެހި ބޮޑު އަކުރު ލިޔަން ދަސްކޮށްދޭ ގިނަ ކޯސްތަކެއް ރަޝީދުވަނީ ހިންގަވައިދެއްވައިފައެވެ. ތާނަ ޢަރަބި ލިޔުމުގެ ރޮނގުން 1988 ވަނަ އަހަރު މުޙައްމަދު ރަޝީދަށް ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

އެމަނިކުފާނަކީ ކުޅަދާނަ ނޫސްވެރިއެކެވެ. ގިނަ ނޫސްތަކެއްގެ އެޑިޓަރުގެ މަގާމް އަދާ ކުރައްވާ ގިނަ ނޫސްތަކެއްގައި ތަފާތު ލިޔުންތަކެއްވަނީ ލިޔުއްވާފައެވެ.

ކޮޕީ ރަޝީދަކީ، ކުޑަކުދިންނަށް ޚާއްޞަ މަޖައްލާއެއްގެ ގޮތުގައި ނެރުއްވި "ހިޔާ" މަޖައްލާގެ މަސްއޫލުވެރިކަމާއި އެޑިޓަރުކަންވެސް ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ބޭފުޅެކެވެ

މުޙައްމަދު ރަޝީދު، ތަޢުލީމީ ދާއިރާއަށްވަނީ ވަރަށް ގިނަގުނަ ޚިދްމަތްތަކެއް ކޮށްދެއްވާފައެވެ. މަދްރަސަތުލް އަޙްމަދިއްޔާގެ ޕްރިންސިޕަލް ކަމުގެ އިތުރަށް ގަލޮޅު މަދަރުސާގެ ޕްރިންސިޕަލްކަންވެސް ވަނީ ކުރައްވައިފައެވެ. އަދި ކުރީގެ މަދްރަސަތުލް އަޙްރާރާއި، އެމް.އެލް. ސްކޫލާއި، މަދްރަސަތުއްޞަބާޙުގެ ނާޒިރުގެ ނައިބުކަމާއި، ނާޒިރުކަންވެސް ކުރައްވައިފައެވެ.

ކޮޕީ މުޙައްމަދު ރަޝީދު އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ ޢާއިލާއަށް އަޙްމަދިއްޔާގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދުގެ ފަރާތްޕުޅުން ތަޢުޒިޔާ ދަންނަވައެވެ. ޢާއިލާއަށް ކެތްތެރިކަން ދެއްވައި، މަރުޙޫމަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާ ކުރައްވައެވެ.

ކަށުނަމާދު ކުރުން އޮންނާނީ މިއަދު ހުކުރު ނަމާދަށްފަހު މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް (އިސްލާމީ މަރުކަޒު) ގައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *