الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ނަމާދަކީ ﷲ سبحانه وتعالى އަށް އަދާކުރަންޖެހޭ ގިނަގުނަ އަޅުކަންތަކުގެ ތެރެއިން އެންމެ މަތިވެރި އަދި އެންމެ ފުރަތަމަ އަޅުކަމެއްގެ ގޮތުގައި ޝަރުޢުކުރެވުނު އަޅުކަމެވެ. އެއަޅުކަމަކީ އެއަށް އިސްލާމްދީނުގައި ވަރަށް މަތިވެރި ޤަދަރެއް ދެއްވާފައިވާ ޢަމަލެކެވެ. އެޢަމަލަށް ދެއްވާފައިވާ މަތިވެރި ޤަދަރުގެ ސަބަބުން ނަޖިސް ހުންނަ ތަނެއްގައި ނަމާދު ކުރުން އިސްލާމްދީނުގައި ވަނީ ނަހީކުރައްވާފައެވެ. ނަޖިސް އެތަނެއްގައި ހުންނަ ކޮންމެ ތަނަކީ ނަމާދުގެ އަޅުކަން އަދާކުރުމަށް އެކަށީގެންވާ ތަނެއް ނޫނެވެ. އަދި ކިއެއްތަ، އެތަނުގައި ނަމާދުކުރުމަކީ ޙަރާމްވެގެންވާ ކަމެކެވެ. ނަމާދުކުރާ ތަނަކީ ނަޖިހުން ޠާހިރުވެގެންވާ ތަނަކަށް ވުމަކީ ނަމާދު ޞައްޙަވުމުގެ ޝަރުޠެކެވެ. އެގޮތުން ކުނިގޮނޑާއި ޖަނަވާރުތައް ކަތިލާ ތަނެއްގައި ނަމާދު ކުރުން ޞައްޙަވެގެން ނުވެއެވެ. އެއީ ލެއަކީ ކަނޑައެޅިގެން ނަޖިހަކަށްވެފައި ޖަނަވާރު ކަތިލާ ތަނުގައި ލޭ ހުންނާނެތީއެވެ. الأنعام ސޫރަތުގެ 145 ވަނަ އާޔަތުގައިވެއެވެ: ﴿قُلْ لَا أَجِدُ فِي مَا أُوحِيَ إِلَيَّ مُحَرَّمًا عَلَى طَاعِمٍ يَطْعَمُهُ إِلَّا أَنْ يَكُونَ مَيْتَةً أَوْ دَمًا مَسْفُوحًا أَوْ لَحْمَ خِنْزِيرٍ فَإِنَّهُ رِجْسٌ أَوْ فِسْقًا أُهِلَّ لِغَيْرِ اللَّهِ بِهِ﴾ މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ. ކާމީހަކަށް ކެއުން ޙަރާމް ކުރައްވާފައިވާ އެއްޗެއް، ތިމަންކަލޭގެފާނަށް އިއްވެވި ވަޙީގެ ތެރޭގައި ވާތީ ދެކެވަޑައެއް ނުގަންނަވަމެވެ. އެއެއްޗަކީ މަރުވެފައިވާ އެއްޗެއް ކަމުގައި، ނުވަތަ އޮހޮރޭ ލޭ ކަމުގައި، ނުވަތަ އޫރުމަސްކަމުގައި ވެއްޖެ އެއްޗެއް މެނުވީއެވެ. ހަމަކަށަވަރުން، އެއޫރު މަހަކީ، ހަޑިމުޑުދާރު އެއްޗެކެވެ. ނުވަތަ ﷲ ނޫން ފަރާތަކަށް ކަތިލާފައިވާ ފާސިޤު އެއްޗެއްކަމުގައި ވެއްޖެ އެއްޗެއް މެނުވީއެވެ.] ވީމާ އޮހޮރޭ ލޭ އެއީ އެންމެ ހަޑިމުޑުދާރު ނަޖިހުގެ ތެރޭގައި ހިމެނޭ އެއްޗަކަށް ވުމުން ލޭ އެޅޭ ތަނެއްގައި ނަމާދުކުރުން ޞައްޙަވެގެން ނުވެއެވެ. އަދި ކުނިގޮނޑަކީ އެއީ ސީދާ ނަޖިސް އަޅާ ތަނަކަށް ނުވިކަމުގައި ވީނަމަވެސް އެތަނުގައި ނަޖިސް ހުންނާނެ ކަމަށް ބުރަވެވޭތީވެ، އެތަނުގައި ނަމާދުކުރުން ޙަރާމްވެގެންވެއެވެ. އެގޮތަށް ބޮޑަށް ބުރަވެވެނީ އެތަނަށް އުކާލައި އެއްޗެއްގެ ޠާހިރު ކަމާއި ނަޖިސްކަމާއި މެދު އެއްވެސް އިންސާނަކު ފިކުރުކުރާ ކަމުގައި ނުވާތީއެވެ. މިދެތަނުގެ ވާހަކަ ޛިކުރު ކޮށްފައިވާ ސީދާ ޞައްޙަ ޙަދީޘެއް ނެތްކަމަކު ޢިލްމުވެރިން މިތަންތަނުގައި ނަމާދުކުރުން މަނާކަމުގެ ވާހަކަ ވަނީ ޛިކުރު ކުރައްވާފައެވެ. އަދި މިތަންތަނުގައި ނަމާދު ކުރުން މަނާވާ ސަބަބެއްގެ ގޮތުގައި އެތަންތަނުގައި ޖިންނި ޝައިޠާނުން އުޅުން ބަޔާން ކުރައްވާފައި ވެއެވެ. އެތަނެއްގައި ކުނިޖަމާވެފައިވާ ތަންތަނާއި ޖަނަވާރު ކަތިލާ ތަންތަނަކީ އެތަންތަނުގައި ޖިންނި ޝައިޠާނުން ގިނައިން އުޅޭނޭ ތަންތަނެވެ. އަދި އޭގެ އިތުރުން އެއީ ނަޖިސްތަކެތި ހުންނާނޭ ތަންތަނެވެ. ނަޖިސް ތަކެތި ހުންނަ ތަނެއްގައި ނަމާދު ކުރުން ޙަރާމްކަން އެނގޭ ގިނަ ދަލީލުތަކެއް ވެއެވެ. އޭގެ ތެރޭގައި أبو هريرة رضي الله عنه ގެ އަރިހުން އިމާމް ބުޚާރީ ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ: އަޢުރާބީއަކު ތެދުވެ މިސްކިތަށް ކުޑަކަމުދިޔައެވެ. ދެން މީސްތަކުން އޭނާ ހިފެހެއްޓިއެވެ. އެހިނދު އެބައިމީހުންނަށް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((دَعُوه وهَرِيقوا على بولِه سَجْلًا من ماءٍ، أو ذَنوبًا من ماءٍ)) މާނައީ: [އޭނާ ދޫކޮށްލާށެވެ. އަދި އޭނާ ކުޑަކަމުދިޔަ ތަނަށް ފެން ބާލިދީއެއް ނުވަތަ ފެން ޓައްޕެއް ފުރެންދެން އަޅާލާށެވެ.] އެތަނަކަށް ފެންއަޅާ ޠާހިރު ކުރަންޖެހެނީ އެތަނަކީ މީހުން ނަމާދުކުރާ ތަނަކަށްވުމުން، އެކުޑަކަމުދާ ތަކެތި ހުރުމުން އެނަމާދުތައް ޞައްޙަ ނުވާނެތީއެވެ. ވީމާ ކުޑަކަމުދާ ތަކެއްޗަކީ ނަޖިހެއްކަން މިޙަދީޘުން ދޭހަކޮށްދެއެވެ. އަދި ނަޖިސް ހުންނަ އެއްވެސް ތަނެއްގައި ނަމާދުކޮށްގެން ނުވާނެ ކަންވެސް ދޭހަވެއެވެ. އަބޫދާވޫދު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. أبُو سَعيدٍ الخُدريِّ رَضِيَ اللهُ عَنْه ވިދާޅުވިއެވެ: ((بَيْنَمَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّم يُصلِّي بِأَصْحَابِهِ إِذْ خَلَعَ نَعْلَيْهِ فَوَضَعَهُمَا عَن يَسَارِهِ، فَلَمَّا رَأَى ذَلِكَ القَوْمُ ألْقَوْا نِعالَهم، فَلَمَّا قَضَى رَسولُ اللهِ صلَّى اللهُ عليه وسلَّم صَلاتَه، قال: ما حمَلَكم عَلَى إِلْقَاءِ نِعَالِكُمْ؟ قَالُوا: رَأيناكَ أَلْقَيْتَ نَعْلَيْكَ فَأَلْقَيْنَا نِعَالَنا، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: إنَّ جِبريلَ صلَّى اللهُ عليه وسلَّم أتَانِي فَأَخْبَرَنِي أنَّ فِيهِمَا قَذرًا – أَوْ قَالَ: أذًى – وَقَالَ: إِذَا جَاءَ أحَدُكُم إِلَى الـمَسْجِدِ، فَلْيَنْظُرْ؛ فَإِنْ رَأَى فِي نَعْلَيْهِ قَذْرًا أَوْ أَذًى فَلْيَمْسَحْه، وَلْيُصَلِّ فِيهِمَا)) މާނައީ: [ﷲ ގެ ރަސޫލާ އެކަލޭގެފާނުގެ އަޞްޙާބުންނާއެކު ނަމާދު ކުރަން ހުންނަވާ، އެކަލޭގެފާނުގެ ދެފައިވާންކޮޅު ބޭލެއްވުމަށްފަހު ވާތްފަރާތުގައި އެފައިވާން ބެހެއްޓެވިއެވެ. ދެން އެމީސްތަކުންނަށް އެތަން ފެނުމުން އެބައިމީހުންގެ ފައިވާންތައްވެސް ބޭލިއެވެ. ދެން ﷲ ގެ ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ ނަމާދުން އަވަދިވެވަޑައިގެން ޙަދީޘްކުރެއްވިއެވެ: ތިޔަބައިމީހުންގެ ފައިވާންތައް ބޭލީ ކޮންކަމަކާ ހެއްޔެވެ؟ އެބައިމީހުން ދެންނެވިއެވެ: ތިޔަނަބިއްޔާގެ ފައިވާންޕުޅު ބޭލުއްވިތަން ތިމަންމެންނަށް ފެނުނެވެ. އެހެންވުމުން ތިމަންމެންގެ ފައިވާންތައްވެސް ބޭލީއެވެ. ދެން ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ހަމަކަށަވަރުން ޖިބްރީލު ޢަލައިހިއްސަލާމް ތިމަންކަލޭގެފާނުގެ އަރިހަށް ވަޑައިގެން އެދެފައިވާނުގައި ބޮޑުކަމުދާ އެއްޗެއް ނުވަތަ ނަޖިހެއްހުރި ކަމުގެ ޚަބަރު ދެއްވިއެވެ. ދެން ޙަދީޘްކުރެއްވިއެވެ: ތިޔަބައިމީހުންގެ ތެރެއިން މީހަކު މިސްކިތަށް އަންނަކަމުގައި ވާނަމަ ބަލާށެވެ. އޭނާގެ ފައިވާންޖޯޑުން ބޮޑުކަމުދާ އެއްޗެއް ނުވަތަ ނަޖިހެއް ހުރިނަމަ، ފަހެ އެފުހެލާހުށިކަމެވެ. އަދި އެދެފައިވާނުގައި ނަމާދުކުރާށެވެ.] ވީމާ ނަޖިހުގެ މަތީގައި ނަމާދު ކުރުން ޞައްޙަ ނުވާނެކަން މިޙަދީޘުންވެސް ދަލީލު ކޮށްދެއެވެ. އަދި އެނަޖިހެއް އެނަމާދުކުރާ ސީދާ މަޤާމް ފިޔަވާ ކައިރީގައި ޖެހިގެން ހުރިނަމަވެސް އެނަމާދު ޞައްޙަވާނެކަން ވެސް އެނގެއެވެ. އެހެނީ ރަސޫލާ صلى الله عليه وسلم ނަޖިސްހުރި ފައިވާން ބެހެއްޓެވީ އެކަލޭގެފާނުގެ ކައިރީގައެވެ. މިގޮތުން ބަލާއިރު މިއަދު ވަރަށް ގިނަބަޔަކު ހުކުރު ނަމާދުކުރަނީ މަގުމަތީގައެވެ. އަދި މިސްކިތް ފުރިގެން ފާޚާނާތަކުގެ ވަރަށް ކައިރީގައި ނަމާދުކުރަންޖެހޭ ޙާލަތު ހުރެއެވެ. މިފަދަ ތަންތަނުގައި ނަޖިސް ހުންނާނެ ކަމުގެ ބޮޑުލަފައެއް ކުރެވުނަސް، އަދި ނަޖިސްހުރިތަން ފެނުނު ކަމުގައިވިޔަސް، ސީދާ އެނަޖިހެއް ހުރިތަނުގައި ނަމާދު ނުކުރާނަމަ، އެތަނުގެ ނުހަނު ކައިރީގައި ނަމާދުކުރި ނަމަވެސް އެނަމާދު ޞައްޙަވާނެއެވެ. އަދި ނަޖިސް ނަމާދުކުރާ ތަނުގައި ހުރިނަމަ، އޭގެ މަތީގައި މުސައްލަ ފަދަ ހުރަހެއް އަޅައިފި ނަމަ އެނަމާދު ޞައްޙަވާނެއެވެ. ނަމަވެސް އެއީ އެނަޖިހެއްގެ ވަހުގެ އުނދަގޫ ނަމާދު ކުރާ މީހާއަށް ނުކުރާ ނަމައެވެ. މިފަދައިން އައްޝައިޚް އިބްނު ޢުޘައިމީން ފަތުވާ ދެއްވާފައި ވެއެވެ. ހަމައެފަދައިން މިސްކިތުގައި ނަމާދުގައި ހުއްޓާ ކުއްޖަކު ނުވަތަ ބަލިމީހަކު ހޮޑުލައިފި ނަމަ ނުވަތަ އެނޫންވެސް ނަޖިހެއް މިސްކިތައް އަޅައިފިނަމަ، އެއިން ނަޖިހެއް ތިމާ ނަމާދު ކުރާތަނުގެ މައްޗަށް ނޭޅޭހައި ހިނދަކު އެތަނުގައި ހުރެގެން ނަމާދު ކުރިއަށް ގެންދެވޭނެއެވެ. އެނަމާދު ބާޠިލެއް ނުވާނެއެވެ. އެއީ އޭނާ އެނަމާދު ކުރީ ނަޖިސްހުރި ތަނެއްގައި ކަމުގައި ނުވާތީއެވެ.
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.
(ނުނިމޭ)