އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރީ ސްކޫލް ޓީޗަރ ފާތުމަތު އާދަމް (ފާތޭ އާންޓީ) އޭރުގެ މަދްރަސަތުލް އަޙްމަދިއްޔާއާއި 1986 ގައި ރަސްމީކޮށް ގުޅުނު ފަހުން މިއަހަރަށް ބަރާބަރު 35 އަހަރުވީއެވެ. ފޫހިކަމެއް ވަރުބަލި ކަމެއް ނެތި އަޙްމަދިއްޔާއަށް އިޚްލާޞްތެރިކަމާ އެކު ޚިދުމަތްކުރުމުގައި ދެމިހުރި، މި ޚިދުމަތްތެރިޔާ އަކީ މި ސްކޫލްގައި މި ވަގުތު މަސައްކަތްކުރަމުންދާ ހުރިހާ މުވައްޒަފުންގެ ތެރެއިން ޚިދުމަތުގައި އެންމެ ގިނަ ދުވަސްވީ މުވައްޒަފެވެ.
ރަސްމީކޮށް އަޙްމަދިއްޔާއާ ގުޅުމުގެ މާ ކުރިން 1984 ވަނަ އަހަރު ފާތޭ އާންޓީ ވަނީ އަޙްމަދިއްޔާގެ ޓިއުޝަން ކްލާހުގައި ވެސް ކިޔަވައިދެއްވާފައެވެ. އެހެން ނަމަވެސް އޭރު ކިޔަވައިދެއްވީ ޕްރައިމަރީ ގްރޭޑްތަކަށެވެ.

ކޮންމެ މީހަކީ ވެސް ދިރިއުޅުމާ މެދު ނުހަނު ފޮނި އުންމީދުތަކެއް ކުރާނޭ މީހެކެވެ. ނުހަނު ފޮނި ހުވަފެންތަކެއް ދެކި، އެ ހުވަފެންތަކުގައި ކުލަ ޖެއްސުމަށް މަސައްކަތްކުރާނޭ މީހެކެވެ. އެއީ އިންސާނީ ފިޠުރަތެވެ. އެ ފިޠުރަތު އޭނާ ލަވަމުން ގެންދާ މިސްރާބަކީ އެއީއެވެ. ފާތޭ އާންޓީގެ މިސްރާބު ވެސް މިދެންނެވި މަގަކުން ކަސިޔާރެއް ނުވެއެވެ. މަތީ ތަޢުލީމަށް އޭރު ރާއްޖޭގައި މާ ބޮޑު ފުރުޞަތުތަކެއް ނެތުމުން ރާއްޖެއިން ބޭރުން ތަޢުލީމް ޙާޞިލްކުރެއްވުމަށް އޭނާ ޢަޒުމް ކަނޑައެޅުއްވިއެވެ. އެގޮތުން އަޙްމަދިއްޔާގެ ޓިއުޝަން ކްލާހުގައި މަސައްކަތްކުރެއްވުމަށް ފަހު ފާތޭ އާންޓީ ވަނީ އެ ހުވަފެނުގައި ކުލަޖެއްސެވުމަށް ލަންކާއިން މަތީ ތަޢުލީމް ޙާޞިލްކުރައްވާފައެވެ.
ފާތޭ އާންޓީ ވަނީ އޭނާ އޭރު ވެސް މިހާރު ވެސް އެންމެ ބޮޑު ޝައުގުވެރިކަމެއް ދެއްވާ ދާއިރާ ކަމަށްވާ އާރލީ ޗައިލްޑްހޫޑް އިން ލަންކާގައި އެއް އަހަރު ދުވަހުގެ ޑިޕްލޮމާއެއް ޙާޞިލްކުރައްވާފައެވެ. އޭރު އެއީ މަދު މީހަކަށް މެނުވީ ޙާޞިލްނުކުރެވޭހާ ފަޚުރުވެރި ޝަރަފެކެވެ. އެ އަށްފަހު އޭނާ ވަނީ 1986 ވަނަ އަހަރު ރަސްމީކޮށް ޕްރީސްކޫލް ޓީޗަރެއްގެ ގޮތުގައި އަޙްމަދިއްޔާއާ އާ ގުޅިފައެވެ. އެއަށް ފަހު މެދުނުކެނޑި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާ އެކު އޭނާ ގެންދަވަނީ އަޙްމަދިއްޔާއަށް ޚިދުމަތްކުރައްވަމުންނެވެ.

"އަޅުގަނޑު ކޯސް ހަދަން ދިއުމުގެ ކުރިން މިތާ (އޭރުގެ މަދްރަސަތުލް އަޙްމަދިއްޔާގެ) ޓިއުޝަން ކްލާހުގަ އުޅުނީ. އަޅުގަނޑު ހަމަ ވަރަށް ކުޑައިރު، އެއީ 1982. އޭރު ޖެހޭ ހަމަ ހުރިހާ މާއްދާއެއް ވެސް ކިޔަވައިދެން. އިނގިރޭސި، ހިސާބު ދިވެހި، އިސްލާމް، މި މާއްދާތައް މައިގަނޑު ގޮތެއްގަ އޮންނަނީ". ފާތޭ އާންޓީ ވިދާޅުވިއެވެ.
ފާތޭ އާންޓީ ފާހަގަކުރެވެނީ ކަމަށް ކަމޭހިތާ ފަރުވާތެރި ޓީޗަރެއްގެ ގޮތުގައެވެ. އަޙްމަދިއްޔާ ދެކެ ލޯބިވާ އިޚްލާޞްތެރި ޓީޗަރެއްގެ ގޮތުގައެވެ. ދިގު 35 އަހަރުގެ ތަޖުރިބާއާ އެކު އޭނާ ވިދާޅުވާ ގޮތުން، އެއީ ކިތަންމެ ކުޑަކުދިން ކަމަށް ވިޔަސް އެ ކްލާސްތައް ބެލެހެއްޓުމުގައި އެއްވެސް އުނދަގުލެއް ކުރިމައްޗެއް ނުވެއެވެ. ކިލާހުގައި ދިމާވާ ހުރިހާ މައްސަލައަކަށް ބޭނުންވާ "މުޖައްރިބު ފަރުވާ" އޭނާ ވަނީ ތަޖުރިބާއިން ހޯއްދަވާފައެވެ.
"ތެދުތެދަށް ބުނަންޏާ ކޯސް ހެދުމުގެ ކުރިން އުނދަގޫވި ކިޔަވައިދޭން. އޭރު ވާގޮތަކީ ކިޔަވަން އަންނަ ގިނަ ކުދިން އަޅުގަނޑުމެން ޓީޗަރުންނަށް ވުރެ މާ ބޮޑުވެފަ، އެ ކުދިންނަށް ނޭނގޭތީ މާ ބޮޑު ސަމާލުކަމެއް ވެސް ނުދެވޭ ކިޔެވުމަކަށް. ދެން އަޅުގަނޑުގެ ވެސް ތަޖުރިބާ މަދުވުމާ، ތަމްރީނެއް އޭރު ހެދިފައި ނެތުމުން ކުޑަކޮށް އުނދަގޫވި އެ ކްލާސްތައް މެނޭޖްކުރަން. އެހެންނަމަވެސް ލަންކާއިން ކިޔެވިއިރު، ކިޔަވައިދިނުމާ ގުޅުން ހުރި ހުރިހާ ކަމެއް ހެން ދަސްވެ، އޭގެ ފަހުން ވަރަށް ފަސޭހަވި، ކްލާސް ކޮންޓްރޯލްކުރުމާ ހުރިހާ ކަމެއް ވެސް". ފާތޭ އާންޓީ ވިދާޅުވިއެވެ.

ފާތޭ އާންޓީއާ ބެހޭ ގޮތުން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރީ ސްކޫލް ބައިގެ ހެޑް ލީޑިންގ ޓީޗަރ މަރިޔަމް އަޒްލާ ވިދާޅުވީ މިހެންނެވެ. "ފާތޭ އާންޓީ އަކީ ކުދިން ދެކެ ވަރަށް ލޯބިވާ ކުދިން ވެސް އެހާ ލޯބިވާ، ވަރަށް މަޖާ، އެންމެނާ ވެސް ގުޅޭ ވަރަށް އެކުވެރި ޓީޗަރެއް". އަޒޫ އާންޓީ އިތުރަށް ވިދާޅުވީ ޕްރީ ސްކޫލް އަންހެން ކުދިންގެ ސްޓަރ ހަރަކާތް ވިލަރެސްކޮށް ހިންގުމުގައި ވެސް ފާތޭ އާންޓީގެ ދައުރު ވަރަށް ބޮޑު ކަމަށާއި، އެއީ ހަވާލުކުރެވޭ މަސައްކަތް ވަގުތުން ވަގުތަށް ނިންމާ ވަރަށް ފަރުވާތެރި، ކަމަށް ކަމޭ ހިތާ، ހީވާގި، މުރާލި ޓީޗަރެއް ކަމަށެވެ.
މެދުނުކެނޑި 24 އަހަރު ވަންދެން މި ސްކޫލަށް ޚިދުމަތްކުރައްވައި އަދި މިހާރުވެސް ޚިދުމަތުގައި ހުންނެވި، ޕްރީ ސްކޫލްގެ ސްޓަރ ހަރަކާތް ހިންގަވާ އިސް ޓީޗަރު އާމިނަތު އަފީފާ (އަފީ އާންޓީ) ވެސް ވިދާޅުވީ ފާތޭ އާންޓީ އަކީ ވަރަށް ހަރަކާތްތެރި، އެންމެނާ ވެސް ގުޅޭ ތަޖުރިބާކާރު މޮޅު ޓީޗަރެއް ކަމަށާއި، ކިޔަވައިދިނުމާއި ކްލާސް މެނޭޖްމަންޓުގެ އިތުރުން ސްޓަރ ހަރަކާތަށް ވެސް ފާތޭ އާންޓީގެ ތަޖުރިބާގެ އަލީގައި ވަރަށް ފައިދާކުރާ ކަމަށެވެ. "ފާތޭ އާންޓީގެ ތަޖުރިބާއިން ވަރަށް ގިނަ ކަންކަން އަޅުގަނޑުމެންނަށް ދަސްވޭ. ވަރަށް އެހީތެރި އާންޓީއެއް އެއީ. ވަރަށް ގުޅިގެން އުޅޭނީ ވެސް. އަބަދުވެސް ހިނިތުންވެފަ ހުންނަ، ވަރަށް އުފާވެރި މީހެއްގެ ގޮތުގަ ފާތީ އާންޓީ ފާހަގަކުރެވެނީ". އަފީ އާންޓީ ވިދާޅުވިއެވެ.
އަޙްމަދިއްޔާ ސްކޫލްގައި ކިޔަވައިދެއްވުމުގައި ހޭދަކުރެއްވި ދިގު 35 އަހަރުގެ މުއްދަތުގައި ދިމާވި އެންމެ ހިންގުންތެރި ޕްރިންސިޕަލުންނަކީ "ދެ މުޙައްމަދު ރަޝީދު" ކަމަށް ފާތުން އާންޓީ ވިދާޅުވިއެވެ. އެއީ މިހާރުގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދާއި ދާދި ފަހުން މި ދުނިޔެ ދޫކުރެއްވި މަރްޙޫމް ކޮޕީ މުޙައްމަދު ރަޝީދެވެ.

" ކޮޕީ މުޙައްމަދު ރަޝީދުގެ ދުވަސްތައް މަތިން ވަރަށް ހަނދާންވޭ. އެއީ މައްޗަންގޮޅީ އަވަށު އޮފީހާ ގުޅިގެން މި ސްކޫލް ކޮޅަށް ނަގަން ވަރަށް މަސައްކަތްކުރެއްވި ހަރުދަނާ ހިންގުންތެރި ވެރިއެއް. މިހާރުގެ ޕްރިންސިޕަލްއާ ކޮޕީ މުޙައްމަދު ރަޝީދުވަރުގެ ހިންގުންތެރި، ޙިކުމަތްތެރި ވެރިންނެއް އަޅުގަނޑު ނުދެކެން އަޙްމަދިއްޔާގަ މި ހޭދަކުރި 35 އަހަރު ތެރޭގަ ވެސް. ކޮޕީ މުޙައްމަދު ރަޝީދެކޭ އެއްގޮތަށް މިހާރުގެ ޕްރިންސިޕަލް އަކީ ވެސް ވަރަށް ބޮޑަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގެ އަގުވަޒަންކުރައްވާ ބޭފުޅެއް". ފާތޭ އާންޓީ ވިދާޅުވިއެވެ.
ކުރީގެ ހަނދާންތައް އާ ކުރައްވަމުން ފާތޭ އާންޓީ ވިދާޅުވީ އޭރު އަޙްމަދިއްޔާގެ ހިންގުން ހަވާލުވެފައި އޮންނަނީ މައްޗަންގޮޅީ އަވަށު އޮފީހަށް ކަމުން އަވަށާއި ސްކޫލާ ވަރަށް ގުޅުން ބޮޑު ކަމަށެވެ. އަވަށު އޮފީސް ވެސް އެ ދުވަސްވަރު ހުންނަނީ އަޙްމަދިއްޔާގައި ކަމަށް ވުމުން އަވަށު ވެރިންނަށް އަޙްމަދިއްޔާގެ ޓީޗަރުންގެ ވަނަވަރު ވަކިވަކިން އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީން ވެސް އޭރު ވަރަށް ގިނައިން ސްކޫލްގެ ކަންތައް ހިނގާ ނުހިނގާ ގޮތް ބައްލަވަން ބޭފުޅުން ފޮނުއްވާތީ ޓީޗަރުން ކަންކަން ރަނގަޅަށް ގެންދިއުމަށް ފަރުވާބަހައްޓަވާ މިންވަރު ވަރަށް ބޮޑު ކަމަށް ފާތޭ އާންޓީ ވިދާޅުވިއެވެ. މީގެ އިތުރުން އޭރުގެ އެހެން ހަނދާނެއް ވެސް އޭނާ އާ ކުރެއްވިއެވެ.
"ވަރަށް ހަނދާންވޭ އޭރު ވަރަށް ލަވަޔާ މިއުޒިކް އޮންނާނެ. ޕިއާނޯ އެއް ވެސް ހުންނާނެ އެޑިއުކޭޝަނުން ދީފަ އޮންނަ. މިއުޒިކް ޓީޗަރެއް ވެސް ހުންނަހެން ހީވަނީ. އަޅުގަނޑު ވެސް އޭރު ހަމަ އާދައިގެ އެއްޗިހި ޕިއާނޯގަ ކުޅެލަން".
ފާތޭ އާންޓީ ވަނީ އޭނާ ފަދަ ޚިދުމަތުގައި ދުވަސްވީ ބޭފުޅުންގެ އަގުވަޒަން ކުރައްވާތީ ސްކޫލަށާއި ޚާއްޞަކޮށް ޕްރިންސިޕަލް މުޙައްމަދު ރަޝީދާއި، ޕްރައިމަރީ އަދި ޕްރީ ސްކޫލް ބައި ބަލަހައްޓަވާ، ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް ޢާއިޝަތު ޝީތާއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރެއްވިއެވެ. ފާތޭ އާންޓީގެ އުއްމީދަކީ ވީހާ ވެސް ގިނަ ދުވަހު ދަރިވަރުންނަށް ޚިދުމަތްކުރުމުގައި ދެމިހުރުމެވެ.
އަޅުގަނޑުމެންގެ އުއްމީދަކީ އަދި އަބަދުގެ ވެސް ދުޢާ އަކީ މާތްﷲ ފާތޭ އާންޓީއަށް ފަހި މުސްތަޤްބަލެއް މިންވަރުކުރައްވައި ދުޅަހެޔޮ ޞިއްޙަތެއްގައި، އުފާ ފާގަތިކަމުގައި ލެހެއްޓެވުމެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ކީކޭ ދެން ބުނާނީ؟ މަށަކަށް ނޭނގެ ތި ބޭފުޅާއެއް. އެހެން ވީމަ އެއްޗެކޭ ނުބުނިއްޔާ ރަނގަޅުވާނީ