އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޕްރީ ސްކޫލްދަރިވަރުން މިއަދުވަނީ މާލޭގައި ހުރި އާސާރީ މުހިންމު ތަންތަނަށް ޒިޔާރަތްކޮށްފައެވެ. މިއަދުގެ ހެނދުނުގެ ވަގުތެއްގައި މާލޭގައި ހުރި ވަރަށް މުހިންމު ތަންތަނާއި ބިނާތައްވަނީ ޕްރީސްކޫލްގެ ދަރިވަރުންނަށް ދައްކާލާފައެވެ.

މިއަދު ބޭއްވުނު މައިދާނީ ދަތުރަކީ ދަރިވަރުން މިހާރު ކިޔަވަމުންދާ ފިލާވަޅުތަކަކާއި ގުޅިގެން މާލޭގައި ހުރި އާސާރީތަންތަނާއި އެތަންތަނުގެ މުހިންމު މައުލޫމާތު ދަރިވަރުންނަށް އަންގައި ދިނުމަށް ބޭއްވުނު މައިދާނީ ދަތުރެކެވެ. މި މައިދާނީ ދަތުރުގައި ގިނަ ދަރިވަރުންތަކެއް ގޮވައިގެން ގޮސް މާލޭގައި ހުރި ހުކުރުމިސްކިތާއި، ދާރުލްއާސާރު ފަދަ އެތައް ތަނަކާއި ބެހޭގޮތުން މީގެ ކުރިން ދަރިވަރުންނަށް ނޭނގޭ އެތައް މައުލޫމާތެއް ވަނީ ދީފައެވެ. މީގެއިތުރުން މީގެ ކުރިން ދަރިވަރުން ދުވަހަކުވެސް ޒިޔާރަތް ނުކުރާ އެތައް ތަނަކަށްވަނީ ޒިޔާރަތްކޮށްފައެވެ. އަދި ރާއްޖޭގައި އެންމެ ގިނަދުވަސްވީ އެއް ޕާރކުކަމުގައިވާ ސަލްޓަންޕާކަށްވެސް ވަނީ މި މައިދާނީ ދަތުރުގައި ދަރިވަރުން ޒިޔާރަތްކޮށްފައެވެ.
މި މައިދާނީ ދަތުރުވެގެން ދިޔައީ ގިނަ ދަރިވަރުންތަކަކަށް ކުރެވުނު އާ ތަޖުރިބާ އަކަށެވެ. ހުރިހާ ދަރިވަރުންވެސް ތިބީ މިކަހަލަ ތަޖުރިބާއެއް ކުރަން ވަރަށް ބޮޑަށް ބޭނުންވެފައިކަން އެ ދަރިވަރުންގެ ހަރަކާތްތަކުންނާއި މޫނުމަތީން ހާމަވިއެވެ. އަދި މިކަހަލަ އެތައް ތަޖުރިބާއެއް ކުރަން ބޭނުންވާކަން ވެސް ބައެއް ދަރިވަރުންގެ ވާހަކަތަކުން ހާމަވިއެވެ. މި ކަހަލަ މައިދާނީ ދަތުރުތަކުން ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު ރަނގަޅުވެގެން ދެއެވެ. އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކީ އަބަދުވެސް ދަރިވަރުންގެ ކިޔެވުމާއި ގުޅިގެން ގެންދާ އެތައް ހަރަކާތްތަކެއް ބޭއްވުމުގައި އެއްވަނަ ސްކޫލޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. މި ވޭތުވެދިޔަ މަދު ދުވަސްތަކެއްގައި މި ސްކޫލުންވަނީ މިފަދަ އެތައް މައިދާނީ ދަތުރުތަކެއްރާވާ ހިންގާފައެވެ.